ފުރަތަމަ ޝާއިޢުކުރުން: 1917
ދިވެހި ތަރުޖަމާ: 2022
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)
ކޮންމެ އިންޤިލާބެއްގެ އަސާސީ ސުވާލަކީ ދައުލަތީ ބާރުގެ ސުވާލެވެ. މި ސުވާލު ވުސްނިގެން ނޫނީ، އިންޤިލާބުގައި ވިސްނުންތެރި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެއެވެ. އިންގިލާބަށް އިރުޝާދު ދިނުމުގެ ވާހަކަވެސް ނުދެއްކެވޭނެއެވެ.
އަހަރުމެންގެ އިންޤިލާބުގެ ބޮޑަށް ފާހަގަކޮށްލެވޭ ސިފައަކީ އެއިން ދެފަރާތް ބާރެއް ގެނެސްފައި ވާކަމެވެ. މި ހަޤީޤަތުގައި އެންމެ ފުރަތަމައަށް، އެންމެ ކުރިންވެސް ހިފަން ޖެހޭނެއެވެ: އެކަން ވިސްނިގެން ނޫނީ، އަހަރުމެން ކުރިއަކަށް ނުދެވޭނެއެވެ. އަހަރުމެންނަށް ކުރީގެ "ފޯމިއުލާ"ތަކަށް އުނިއިތުރުކޮށް އިޞްލާޙު ގެންނަވަން އިނގެން ޖެހެއެވެ. މިސާލަކަށް، ބޮލްޝެވިޒަމުގެ ފޯމިއުލާތަކެވެ. މުޅިއަކު އޭގެ ޞައްޙަކަން ފެނިފައިވާ ނަމަވެސް، އޭގެ މާއްދީ ތަންފީޛުވުން ތަފާތު ގޮތަކަށް ހިނގިއެވެ. ދެފަރާތް ބާރަކާ މެދު އެއްވެސް މީހަކަށް ކުރިން ނުވިސްނުނެވެ. އަދި އެކަން ހީވެސްނުކުރެވުނެވެ.
މި ދެފަރާތް ބާރަކީ ކޮން ކަމެއް ހެއްޔެވެ؟ ބުރްޖުވާޒީންގެ ސަރުކާރު ކަމަށްވާ، ވަގުތީ ސަރުކާރުގެ އެކީގައި ޖެހިޖެހިގެން އެހެން ސަރުކާރެއް އުފެދިފައި ވެއެވެ. މިހާތަނަށް އެ ސަރުކާރު އުފެދެމުން އަންނަ އިރު ވަރުދެރައެވެ. ނަމަވެސް އެއީ އަޞްލުވެސް ވުޖޫދުގައިވާ ބޮޑުވަމުން އަންނަ ސަރުކާރެކެވެ - މަސައްކަތްތެރިންނާ ސިފައިންގެ މަންދޫބުންގެ ޝޫރާތަކެވެ.
މި އަނެއް ސަރުކާރުގެ ފަންތީގެ އެކުލެވުމަކީ ކޮބައިތޯއެވެ؟ އޭތީގައި އެކުލެވިގެންވަނީ ޕުރޮލެޓާރީންނާއެކު ފައްލާޙީން (ސިފައިންގެ ހެދުމުގައެވެ). މި ސަރުކާރުގެ ސިޔާސީ ޒާތަކީ ކޮބައިތޯއެވެ؟ އެއީ އިންޤިލާބީ ޑިކްޓަޓޫރީކަމެކެވެ. އެއީ، ސީދާ އިންޤިލާބީ އަތުލައިގަތުމެކަށް ބިނާވެފައިވާ ބާރެކެވެ. އެއީ ތިރިން އަރާ މީސްމީހުންގެ އިސްނެގުމުގެ މަތިންނެވެ. އަދި މަރުކަޒީ ދައުލަތީ ބާރަކުން ކަނޑައަޅާ ޤާނޫނަކުން ނޫނެވެ. އެއީ ވިލާތާ އެމެރިކާގެ ކުރިއަރާފައިވާ ޤައުމުތަކުގައި އަދިވެސް ހިނގަމުންދާފަދަ އާދައިގެ މަޖްލީސީ ބުރްޖުވާޒީ-ޑިމޮކުރެޓިކު ޖުމްޙޫރިއްޔާތަކުން އާންމުކޮށް ފެންނަ ބާރާ މުޅިން ތަފާތު ބާރެކެވެ. މި ކަންތައް އޮތް ގޮތަށް ގިނަ ފަހަރު ނުބަލާފަ، ގިނަ ފަހަރު އެއަށް އެކަށީގެންވާ ވިސްނުމެއް ނުދިނަސް، ނަމަވެސް އެއީ މި މައްސަލައިގެ އަސާސީ ބައެވެ. މި ބާރަކީ 1871 ވަނަ އަހަރުގެ ޕެރިސް ކޮމިއުންގެ ބާރާ އެއްފަދަ ބާވަތުގެ ބާރެކެވެ. މި ބާވަތުގެ އަސާސީ ސިފަތަކަކީ:
1. އެ ބާރުގެ މަޞްދަރަކީ، ކުރިން މަޖްލީހުން މަޝްވަރާކޮށް ފާސްކުރި ޤާނޫނަކަށް ވުމުގެ ބަދަލުގައި، ތިރިން އަރާ މީސްމީހުންގެ ސީދާ އިސްނެގުން ކަމުގައިވުމެވެ. އެއީ އެމީހުންގެ ސަރަހައްދުތަކުގައި ހިންގާ - ޒަމާނީ ގޮތަކަށް ބުނާނަމަ ސީދާ "އަތުލައިގަތުމެކެވެ".
2. މީސްމީހުންނާ ވަރިވެފަ މީސްމީހުން ދެކޮޅަށް ހެދިފައިވާ އިދާރާތަކެއް ކަމަށްވާ ފުލުހުންނާ ސިފައިންގެ ބަދަލުގައި، އޭގެ ޖާގައަށް ސީދާ މުޅި މީސްމީހުންގެ ހަތިޔާރުލައިގަތުމެއް ގެނެއުމެވެ؛ އެފަދަ ބާރެއްގެ ދަށުގައިވާ ދައުލަތެއްގެ ތަރުތީބު ދަމަހައްޓާނީ ހަތިޔާރުއެޅި މަސައްކަތްތެރިންނާ ފައްލާޙީން އަމިއްލެއަށެވެ. އެއީ ހަތިޔާރުއެޅި މީސްމީހުން އަމިއްލެއަށެވެ.
3. އެފަދަ ގޮތަކަށް، މައްޞޫލީކަން ނުވަތަ ބިއުރުކްރެސީގެ ބަދަލުގައި އޭގެ ޖާގައަށް ގެންނާނީ، ސީދާ މީސްމީހުންގެ ވެރިކަމެވެ. ނުވަތަ މަދުމިނުން އެކަން ޚާއްޞަ އިރުޝާދެއްގެ ދަށަށް ގެންނަވާނީއެވެ؛ އެފަރާތްތައް އިންތިޚާބުން ހޮވިފައިވާ މައްޞޫލީންނަށް ބަދަލުވުމާއެކު؛ މީސްމީހުން އެންމަ ފަހަރަކު އެކަމަށް އެދޭނަމަ އެމީހުން ފޭބުމަށް ލާޒިމުވާނެއެވެ؛ އާދައިގެ އެޖެންޓުންގެ މަޤާމަށް އެމީހުން ތިރިކުރެއެވެ؛ ކުރިން މަތީ ބުރްޖުވާޒީ މިންގަނޑަކުން އުޖޫރައިގެ އިމްތިޔާޒު ލިބިފައިވާ "ވާޒީފާތައް" ގެންގުޅޭ ބައެއް ކަމުގައި ވި ނަމަވެސް، ފަހުން އެމީހުން ވާނީ ޚާއްޞަ "ޚިދުމަތުގެ އަތެއް"ގެ މަސައްކަތްތެރިންނަށެވެ. އޭރުން ޤާބިލު މަސައްކަތްތެރިއެއްގެ އާދައިގެ މުސާރައަށް ވުރެ އެމީހުންގެ އުޖޫރައިގެ މިންވަރު މަތިނުވާނެއެވެ.
މިކަމަކީ، އަދި ސީދާ މިކަމަކީ، ޕެރިސް ކޮމިއުން ޚާއްޞަ ބާވަތެއްގެ ދައުލަތަކަށް ވުމުގެ ޖަޥްހަރު އެކުލެވޭ ކަމެވެ. މި ޖަޥްހަރު ހަނދާން ނެތިގޮސް ނުވަތަ ފާޙިޝް ކުރެވިފައިވަނީ ޕްލެޚާނޮވް (މާކްސިޒަމަށް ޚިޔާނާތްތެރިވާ ނަސްލީތަފާތުކުރާ ބައެއް) ތަކާއި، ކާއުޓްސްކީ ("މެދުމިނުގެ" ނަސްލީތަފާތުކުރުމާ މާކްސިޒަމްގެ ދެމެދު ހޫރެމުންދާ ބައެއް) ތަކާއި، މައިގަނޑު ގޮތަކަށް މިހާރު ވެރިކަމަށް އަރާ ހުރިހާ "އިޖްތިމާޢީ-ޑިމޮކްރެޓުން"ނާ "އިޝްތިރާކީ-އިންޤިލާބީން"ނެވެ.
ހުސް ޢިބާރާތްތަކާއ، ފިލުންތަކާއި، ޚިޔާނާތްތަކުގެ ޒަރިއްޔާއިން އެމީހުން މިކަމުން ސަލާމަތްވުމަށް އުޅެއެވެ؛ އެމީހުންގެ ދެމެދުގަ އެއްހާސް ފަހަރު އިންޤިލާބަށް ތަހުނިޔާ ކިޔައެވެ. ނަމަވެސް މަސައްކަތްތެރިންނާ ސިފައިންގެ މަންދޫބުންގެ ޝޫރާތަކަކީ ކޮން ކަމެއްތޯ މެދު ވިސްނާލަން އެމީހުން ނޫޅެއެވެ. މި ޝޫރާތައް އޮތް ކިތަންމެ ވަރަކަށް ވުޖޫދުގައި ވިއަސް، އޭތި ބާރު ކިތަންމެ ވަރަކަށް އޮތަސް، އަހަރުމެން ރޫސީވިލާތުގައި ލިބިފައިވަނީ ޕެރިސް ކޮމިއުންގެ ބާވަތުގެ ދައުލަތެއް ކަމުގެ ސާފު ހަޤީޤަތް ބަލައިގަންނަން އެމީހުން ޖެހިލުންވެއެވެ.
އަހަރެން "ކިތަންމެ ވަރަކަށް" މި ލަފްޒަށް ބާރުއަޅަނީ، އެއީ އުފަންވަމުންދާ ބާރަކަށް ވާތީއެވެ. ބުރްޖުވާޒީ ވަގުތީ ސަރުކާރާ ސީދާ އެއްބަސްވުމުންނާއި، ވިދިވިދިގެން ދިން އަޞްލު ލުއިތަކަކުން، އަމިއްލެއަށް ހާވާލުވެއްޖެއެވެ. އަދި އޭތީގެ އަމިއްލަ މަޤާމުތައް ބުރްޖުވާޒީންނަށް ހަވާލުކުރަނީއެވެ.
ކީއްވެ؟ އެއީ ޗްޚިއިޑްޒެ އާއި، ތްސެރެޓޭލި އާއި، ސްޓެކްލޮވް ފަދަ މީހުން "އޮޅިގެން" ކަންތައް ކުރާތީ ހެއްޔެވެ؟ ތާކުން ތާކު ނުޖެހެއެވެ. އެހެން ހީވާނީ ހަމައެކަނި ފިލިސްތީއަކަށެވެ - މާކްސީއަކަށެށް ނޫނެވެ. ސަބަބަކީ ފަންތީގެ-ހޭވެރިކަން ނުފުދޭ ވަރެއްގަ ވުމާއި، ޕުރޮލެޓާރީންނާ ފައްލާޙީންގެ އިންތިޒާމުވުމުގެ މިންވަރު ނުފުދުމެވެ. އަހަރެން ނަންދީފައިވާ ޒަޢީމުންގެ "އޮޅުން" އޮންނަނީ އެމީހުންގެ ކުދި ބުރްޖުވާޒީ މައުޤިފް ގައެވެ. މަސައްކަތްތެރިންގެ ޚިޔާލުތައް ސާފުކުރުމުގެ ބަދަލުގައި، އެމީހުން އެކަން ނުސާފުކުރާ ކަމުގައެވެ؛ ކުދި ބުރްޖުވާޒީ ހުވަފެންތައް ދުއްވާލުމުގެ ބަދަލުގައި އެކަންތައް އަށަގަންނާތީއެވެ. މީސްމީހުން ބުރްޖުވާޒީ ނުފޫޒުން މިނިވަންކުރުމުގެ ބަދަލުގައި، އެމީހުން އެ ނުފޫޒު ވަރުގަދަކުރަނީއެވެ.
އަހަރުމެންގެ އެކުވެރިންވެސް، މި ސުވާލު "ފަސޭހަ" ގޮތަކަށް ބަޔާންކުރާއިރު ގިނައިން ކުށްކުރާ ސަބަބު، އެކަމުން ސާފުވާން ޖެހޭނެއެވެ: ވަގުތީ ސަރުކާރު ހަމަމިހާރު ވައްޓާލަން ޖެހޭ ހެއްޔެވެ؟
އަހަރެންގެ ޖަވާބަކީ:
1. އޭތި ވައްޓާލަން ޖެހެއެވެ. އެއީ މީސްމީހުންގެ ސަރުކާރަކަށް ވުމުގެ ބަދަލުގައި އޮލިޣާޗީވެފައިވާ ބުރްޖުވާޒީ ސަރުކާރަކަށް ވުމުންނެވެ. އަދި އޭތިން ޞުލްޙަ، ނުވަތަ ޕާން، ނުވަތަ ފުރިހަމަ މިނިވަންކަން ނުދެއްވޭނެތީއެވެ؛
2. ސީދާ މިވަގުތު އޭތި ވައްޓާ ނުލެވޭނެއެވެ. އެއީ ސީދާ އަދި ނުސީދާ ގޮތަށް އޭތި ބާރުގައި ދަމަހައްޓަނީ، މަސައްކަތްތެރިންގެ މަންދޫބުންގެ ޝޫރާއާއެކު ކުރި ރަސްމީ އަޞްލު އެއްބަސްވުމަކުން ކަމަށް ވާތީއެވެ. އަދި އެއީ މައިގަނޑު ގޮތެއްގައި އޭގެ އިސް ޝޫރާ ކަމަށްވާ ޕެޓްރޮގްރާޑް ޝޫރާއާ އެކުގައެވެ؛
3. މައިގަނޑު ގޮތެއްގައި، އާދައިގެ ގޮތަށް އޭތި "ވައްޓާ" ނުލެވޭނެއެވެ. އޭތި ބިނާވެ އޮންނަނީ ދެވަނަ ސަރުކާރު ކަމަށްވާ - މަސައްކަތްތެރިންގެ މަންދޫބުންގެ ޝޫރާއިން އެއަށް ދޭ "ތާޢީދު"ގެ މަތީގައި ކަމަށް ވުމުންނެވެ. އަދި އެސަރުކާރަކީ މަސައްކަތްތެރިންނާ ފައްލާޙީންގެ އަޣުލަބިއްޔަތުގެ ޚިޔާލުތަކާ އިޚްތިޔާރު ސިފަވުމުގެ ފުރުސަތު އޮންނަ ހަމައެކަނި އިންޤިލާބީ ސަރުކާރެވެ. އިންސާނިއްޔަތު އަދި ތަރައްޤީ ނުވުމުން، މަސައްކަތްތެރިންނާއި، ޒިރާޢީ ޢާމިލުންނާއި، ފައްލާޙީންނާއި، ސިފައިންގެ މަންދޫބުންގެ ޝޫރާތަކަށްވުރެ ރަނގަޅު މަތީ ފެންވަރުގެ ސަރުކާރެއް އަދި އަހަރުމެންނަށް ނޭންގެއެވެ.
ބާރަކަށް ވުމަށްޓަކައި، ފަންތިއަށް-ހޭވެރި މަސައްކަތްތެރިން، އެމީހުންގެ ކޮޅަށް އަޣުލަބިއްޔަތު ގެންނަން ޖެހެއެވެ. މީސްމީހުންނާ ދެކޮޅަށް އަނިޔާވެރި ނުވާ ހިނދުގައި ވެރިކަމަށް އޮތް އެހެން މަގެއް ނެތެވެ. އަހަރުމެންނަކީ ބްލެންކީއިންނެއް ނޫނެވެ. މަދު ބައެއްގެ އަތަށް ބާރު ހިފުމަކީ އަހަރުމެން ތާޢީދުކުރާ ކަމެއް ނޫނެވެ. އަހަރުމެންނަކީ މާކްސީންނެވެ. އަހަރުމެން ތާޢީދުކުރަނީ ޕުރޮލެޓާރީ ފަންތީގެ ނިޟާލަށެވެ. އެއީ ކުދި ބުރްޖުވާޒީ މަސްތުވުމާއ، ނަސްލީތަފާތުކުރާ-ދިފާޢީކަމާއި، ލަފްޒު-އުކުމާއި، ބުރްޖުވާޒީންނަށް ބަރޯސާވުމުގެ އިދިކޮޅަށެވެ.
އަހަރުމެން ޕުރޮލެޓާރީ ޝުޔޫޢީ ޕާޓީއެއް އުފައްދަން ހިނގާށެވެ؛ މިހާރުވެސް ބޮލްޝެވިކުންގެ އެންމެ ރަނގަޅު އަހުލުވެރިން އޭގެ މާއްދާތައް އުފައްދާފައި ވެއެވެ؛ އަހަރުމެންގެ ޞަފުތައް ޕުރޮލެޓާރީ ފަންތީގެ މަސައްކަތައް ޖަމަޢަކުރަން ހިނގާށެވެ؛ އަދި އިތުރުވެ ގިނަވަމުން އަންނަ އަދަދެއްގެ ޕުރޮލެޓާރިންނާއި، އެންމެ ފަޤީރު ފައްލާޙީންގެ ތެރެއިން މީހުން އަހަރުމެންގެ ކޮޅަށް އަންނާނެއެވެ. އަޞްލު ތަޖުރިބާތަކުން ދުވަހުން ދުވަހަށް، "އިޖްތިމާޢީ-ޑިމޮކުރެޓުން"ނާއި، ޗްޚިއިޑްޒެ ތަކާއި، ތްސެރެޓޭލި ތަކާއި، ސްޓެކްލޮވް ތަކުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ ހުވަފެންތައް ފުނޑުފުނޑުކޮށްލާނެތީއެވެ. އަދި "އިޝްތިރާކީ-އިންޤިލާބީން"ނާއި، އެއަށްވުރެ ސާފު ފެނެއްގެ ކުދި ބުރްޖުވާޒީންނަށްވެސް އޮތް ގޮތަކީ އަދި މިހެނެވެ.
ބުރްޖުވާޒީން ހުރެ ތާޢީދުކުރަނީ ބުރްޖުވާޒީންގެ ވަކިނުވާ ބާރަށެވެ.
ފަންތިއަށް-ހޭވެރި މަސައްކަތްތެރިން ހުރެ ތާޢީދުކުރަނީ، މަސައްކަތްތެރިންނާއި، ޒިރާޢީ ޢާމިލުންނާއި، ފައްލާޙީންނާއި، ސިފައިންގެ މަންދޫބުންގެ ޝޫރާތަކުގެ ވަކިނުވާ ބާރަށެވެ - މުޣާމިރީ އަމަލުތަކުން ފުރުސަތުދޭ ވަކިނުވާ ބާރަކަށެށް ނޫނެވެ. އޭގެ ބަދަލުގައި އެއީ ޕުރޮލެޓާރީ ވިސްނުމަށް ސާފުކަން ގެނެސް، ބުރްޖުވާޒީންގެ ނުފޫޒުން އެމީހުން މިނިވަން ކުރުމުންނެވެ.
ކުދި ބުރްޖުވާޒީން - "އިޖްތިމާޢީ-ޑިމޮކުރެޓުން"ނާއި، "އިޝްތިރާކީ-އިންޤިލާބީން"ނާއެކު އެހެނިހެން ފަރާތްތައް - އެއްކޮޅުން އަނެއްކޮޅަށް ހޫރެމުންދެއެވެ. އަދި އެގޮތަށް، މި ސާފުކުރުމާ މިނިވަންކުރުމަށް ހީނަރުކުރެއެވެ.
މިއީ އަހަރުމެން ހަވާލުވާ ކަންތައް ކަނޑައަޅާ ބާރުތަކުގެ ހަޤީޤީ، ފަންތީގެ ތަރުތީބުވުމެވެ.