އިޝްތިރާކިއްޔަތާއި ދީން

Социализм и религия - Socialism and Religion

ވްލަޑިމިރް ލެނިން

Владимир Ленин - Vladimir Lenin

ފުރަތަމަ ޝާއިޢުކުރުން: 1905
ދިވެހި ތަރުޖަމާ: 2023
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)

********************

މިޒަމާނުގެ މުޖުތަމަޢު އެއްކޮށް ބިނާވެފައިވަނީ އާބާދީގެ މަދު ބަޔަކުން އާބާދީގެ ބޮޑު އަޣުލަބިއްޔަތު އިސްތިޣުލާލުކުރުމުގެ މައްޗަށެވެ. އެއީ ބިންވަރިންނާ ރައުސުލްމާލީންގެ ފަންތިއެވެ. އެއީ އަޅުވެތި މުޖުތަމަޢެކެވެ. ސަބަބަކީ، ރައުސުލްމާލީންނަށް މަސައްކަތްކުރުމުގައި މުޅި އުމުރުދުވަސް ހޭދަކުރާ "މިނިވަން" މަސައްކަތްތެރިންނަށް ދިރިހުރުމަށް ބޭނުންވާ ވަސީލަތްތަކުގެ "ހައްޤުލިބިފައި" ވަނީ ހަމައެކަނި ފައިދާ އުފައްދާ އަޅުން ދެމެހެއްޓުމަށް ބޭނުންވާ ވަރަށް ކަމަށްވާތީއެވެ. އެއީ ރައުސުލްމާލީ އަޅުވެތިކަން ރައްކާކޮށް ދެމެހެއްޓުމަށްވެ.

މަސައްކަތްތެރިންގެ އިޤްތިޞާދީ މަޒްލޫމަކަމުން ކޮންމެހެން ހުރިހާ ބާވަތެއްގެ ސިޔާސީ ޒާލިމީކަމަކާ އިޖްތިމާޢީ ނިކަމެތިކަން ގެނެއެވެ. އެއީ މީސްމީހުންގެ ރޫޙާނީ ދިރިއުޅުމާ އަޚްލާޤީ ދިރިއުޅުމުގެ ރޫޖެހުމާ އަނދިރިވުމެކެވެ. މަސައްކަތްތެރިން އެމީހުންގެ އިޤްތިޞާދީ އިސްތިޤްލާލަށް ހަނގުރާމަ ކުރުމަށްޓަކައި ކޮންމެވެސް ބޮޑު ދަރަޖައިގެ ނުވަތި ކުޑަ ދަރަޖައެއްގެ ސިޔާސީ މިނިވަންކަމެއް ލިބިދާނެއެވެ. ނަމަވެސް އެކަހަލެ އެއްވެސް ވަރެއްގެ މިނިވަންކަމަކުން، ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، ޒާލިމުކުން ސަލާމަތްވުމަކީ، ރައުސުލްމާލުގެ ބާރު ވައްޓާލުމުން ނޫނީ ކުރެވިދާނެ ކަމެއް ނޫނެވެ. ދީނަކީ، ކޮންމެ ހިސާބެއްގައިވެސް، އެހެން މީހުންނަށްޓަކައި ކުރާ ދާއިމީ މަސައްކަތުން ދަތިކަމާއި އެކަހެރިކަމުން މާބޮޑަށް ބުރަވެފައިވާ މީސްމީހުންގެ ޖަމާޙިރަށް އިތުރަށް ބުރަކުރާ ރޫޙާނީ އަޅުވެތިކަމުގެ އެއް ބާވަތެކެވެ. ޤުދުރަތާ ދެކޮޅަށް ކުރާ ނިޟާލުގައި ވަލު މީހާގެ ނާޤާބިލުކަމުން ކަލާނގެތަކާއި، ޝައިޠާނުންނާއި، މުޢުޖިޒާތްތައް ފަދަ ކަންކަމަށް އީމާންވުން އުފެދޭ ފަދައިން، އިސްތިޣުލާލުކުރާ ފަރާތްތަކާ ދެކޮޅަށް ކުރާ ނިޟާލުގައި އިސްތިޣުލާލުވާ ފަންތިތަކުގެ ނާޤާބިލުކަމުން މަރުވުމަށްފަހު ރަނގަޅު ދިރިއުޅުމެއް ލިބޭނެ ކަމަށް ޤަބޫލުކުރާ ޤަބޫލުކުރުން ކޮންމެހެން އުފެދެއެވެ. މުޅި އުމުރަށް ބުރަކޮށް މަސައްކަތްކޮށް ފަޤީރުކަމުގައި އުޅޭ މީހުންނަށް ދީނުން ދަސްކޮށްދެނީ މި ދުނިޔޭގައި ތިއްބަވައިގެން ކިޔަމަންތެރިވެ ކެތްތެރިވެ، ސުވަރުގެއިން ޘަވާބެއްގެ އުންމީދުގައި ހިތްހަމަޖެހިގެން ތިބުމަށެވެ. ނަމަވެސް އެހެން މީހުންގެ ބުރަ މަސައްކަތުން ދިރިއުޅޭ މީހުންނަށް ދުނިޔޭގައި ތިބެގެން ޞަދަޤާތް ކުރުމަށް ދީނުން ދަސްކޮށްދީފައި، މިގޮތުން އެމީހުން އިސްތިޣުލާލީންގެ ގޮތުގައި އުޅޭ އުޅުން ތަބްރީރު ކުރުމަށް ވަރަށް ދަށުދަރަޖައިގެ ގޮތެއް ދިނުމާއެކު، މިގޮތަށް ސުވަރުގޭގެ އަރާމަށް މަގުފަހިކުރާ ޓިކެޓުތައް އެމީހުންނަށް މެދުމިނުގެ އަގެއްގައި ވިއްކައެވެ. ދީނަކީ މީސްމީހުންނަށް އޯޕިއަމްއެވެ. ދީނަކީ، ރައުސުލްމާލުގެ އަޅުން އެމީހުންގެ އިންސާނީ ސިފަ ކަމަށްވާ، އިންސާނަކަށް މަދުމިނުން ހަމަޖެހޭފަދަ ދިރިއުޅުމަކަށް އެދޭ އެދުން ޣަރަޤުކުރާ އެއް ބާވަތެއްގެ ރޫޙާނީ ބަނގުރަލެކެވެ.

ނަމަވެސް އޭނާގެ އަމިއްލަ އަޅުވެތިކަމަށް ހޭވެރިވެފަ، އޭނާގެ އަމިއްލަ އިސްތިޤްލާލް ހޯދުމަށް ނިޟާލުކުރަން އަރައިގަނެފައިވާ އަޅު، ހަމަ އެވަގުތުން ދެބައިކުޅަ އެއްބައި މިނިވަންވެފައި ވެއެވެ. ފުޅާ-މިނުގެ ކާރުޙާނާ ސިނާޢަތުން ތަރުބިއްޔަތުކޮށް، ސިޓީ ދިރިއުޅުމުން ވިސްނުން އަލިވެފައިވާ ޒަމާނީ ފަންތިއަށް-ހޭވެރި މަސައްކަތްތެރިޔާ، އޭނާގެ ދީނީ ވަހުމުތައް އެއްފަރާތްކޮށްލާފަ، ފާދިރީންނާ ބުރްޖުވާޒީ މަޛްޙަބީންނަށް ޖަންނަތުގެ ޚިޔާލު ދޫކޮށްލައެވެ. އަދި އޭނާ މި ދުނިޔޭގައި ރަނގަޅު ދިރިއުޅުމެއް ޙާސިލްކުރަން އުޅެއެވެ. މިދުވަހުގެ ޕުރޮލެޓާރީން ތާޢީދުކުރަނީ، ދީނީ ވަހުމުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގަ އެއިން ސައިންސުގެ ބޭނުން ހިފާ އިޝްތިރާކިއްޔަތަށެވެ. އަދި މިއިން ދުނިޔޭގައި ރަނގަޅު ދިރިއުޅުމެއް ޙާސިލްކުރުމަށް ހަނގުރާމަކުރަން މަސައްކަތްތެރިން އެއްބައިކޮށްގެން، މަރުވުމުގެ ފަހުން އަލުން ދިރޭނެކަމުގެ ޤަބޫލުކުރުމުން މަސައްކަތްތެރިން މިނިވަންކުރެއެވެ.

ދީނަކީ ވަކި ފަރުދީ ކަމައްގެ ގޮތުގައި ކަނޑައަޅާ އިޢުލާނުކުރަން ޖެހެއެވެ. މި ބަސްތަކުން އިޝްތިރާކީން އާންމުކޮށް އެމީހުން ދީނާމެދު ދެކޭގޮތް ފާޅުކުރެއެވެ. ނަމަވެސް އެއްވެސް އޮޅުންބޮޅުމެއް ނުވާގޮތަށް މި ބަސްތަކުގެ މާނަ ރަނގަޅަށް ބަޔާނަކުރަން ޖެހެއެވެ. ސަރުކާރަށް ބަލާއިރު ދީނަކީ ވަކި ފަރުދީ ކަމެއްގެ ގޮތުގައި ދެމެހެއްޓުމަށް އަހަރުމެން ގޮވާލަމެވެ. އެކަމަކު އެއެވެސް ގޮތަކަށް އަހަރުމެންގެ ޕާޓީއަށް ބަލާއިރު ދީނަކީ ވަކި ފަރުދީ ކަމެއްގެ ގޮތުގައި އަހަރުމެންނަށް ނުދެކެވޭނެއެވެ. ކޮންމެ މީހަކަށްވެސް އޭނާ ބޭނުންވާ ދީނެއް ޤަބޫލުކުރުމުގެ، ނުވަތަ އެއްވެސް ދީނެއް ޤަބޫލު ނުކުރުމުގެ (އެއީ ކޮންމެ އިޝްތިރާކީއެއް ޤަވާއިދެއްހެން ވާ ފަދައިން މުލްޙިދަކަށް ވުމުގެ) މިނިވަންކަން ލިބެން ޖެހޭނެއެވެ. ދީނީ ޤަބޫލުކުރުންތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ތަފާތުކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރަސްމީ ލިޔުންތަކުން ރައްޔިތެއް ތަބާވާ ދީނުގެ ނަންވެސް އެއްވެސް ޝައްކެއް ނެތި ފޮހެލަން ޖެހެއެވެ. ޤާއިމްކޮށްފައިވާ ފައްޅިއަށް އެއްވެސް މާލީ އެހީތެރިކަމެއް ދީގެން ނުވާނެއެވެ. އަދި ދީނީ ނުވަތަ ފާދިރީ ޖަމިއްޔާތަކަށް ސަރުކުން ފައިސާ ދީގެން ނުވާނެއެވެ. އެ ޖަމިއްޔާތައް، ސަރުކާރުން ވަކިވެފައިވާ އެއްވިސްނުމުގެ ރައްޔިތުންގެ މުޅިން މިނިވަން ޖަމިއްޔާތަކަށް ވާންޖެހެއެވެ. ދައުލަތަށް އިޤްޠާޢީ އަޅުވެތިކަމުގައި ފައްޅި އުޅުނު އުޅުމާއި، ޤާއިމްކޮށްފައިވާ ފައްޅިއަށް އިޤްޠާޢީ އަޅުވެތިކަމުގައި ރޫސީ ރައްޔިތުން އުޅުނު އުޅުމުގެ ބިކަ ދެރަ މާޒީ ނިމުމަކަށް ގެނެވޭނީ ހަމައެކަނި މިހުރިހާ އެދުމެއް އެއްކޮށް ފުރިހަމަވުމުންނެވެ. އެއީ (މިހާރުވެސް އަހަރުމެންގެ ޤާނޫނުތަކުގައި އޮންނަ) މެޑިވަލް ޤާނޫނުތައް އޮވެ ތަންފީޛުކޮށް، އިންސާނުން އީމާންވުމުން ނުވަތަ ނުވުމުން ފުރައްސާރަކޮށް، އިންސާނުންގެ ޒަމީރަށް އަރައިގަނެ، ޤާއިމްކޮށްފައިވާ ފައްޅިން ދޭ ރިޝްވަތުން ސަރުކާރުގެ އަރާމު ވަޒީފާތަކާ މުސާރަ އިތުރުކުރުމުގެ މާޒީއެކެވެ. ޒަމާނީ ދައުލަތުންނާއި ޒަމާނީ ފައްޅިން އިޝްތިރާކީ ޕުރޮލެޓާރީން އެދޭ ކަމަކީ ދައުލަތާއި ފައްޅި މުޅިން ވަކިކުރުމެވެ.

ސިޔާސީ މިނިވަންކަމުގެ ލާޒިމު ބައެއްގެ ގޮތުގައި މި އެދުން ތަންފީޛުކުރުމަކީ ރޫސީ އިންޤިލާބު ކުރަންޖެހޭ ކަމެކެވެ. މިގޮތުން، ރޫސީ އިންޤިލާބު އޮތީ ވަރަށް އެދެވޭ ހިސާބެއްގައެވެ. އެއީ، ފުލުހުންގެ އަތުގައިވާ އިޤްޠާޢީ ވެރިކަމުގެ ޚުދުމުޚުތާރުކަމުގެ ސަބަބުން، ފާދިރީންގެ މެދުގައިވެސް ނުރުހުމާއި، މުޒާހަރާތަކާއި، ރުޅިގަދަވުން ކުރިއަށް ގެނެސްދީފައި ވާތީއެވެ. ރޫސީ އޮރްތޮޑޮކްސް ފާދިރީން، ކުރިން ނިކަމެތިކަމާ ޖާހިލުކަމުގައި އުޅުނަސް، ރޫސީވިލާތުގައި އޮތް ޤަދީމީ މެޑިވަސް ތަރުތީބުގެ ވެއްޓުމުގެ ގުގުރުމުން އެމީހުންވެސް ހޭލެއްވުނެވެ. އެމީހުންވެސް މިނިވަންކަމަށް ގޮވާލުމުގައި ބައިވެރިވެ، ބިއުރުކްރެޓިކް އަމަލުތަކާ ހަރުކަށިކަމާ ދެކޮޅަށް، އަދި "އިލާޙުގެ އަޅުންނަށް" ލާޒިމުކޮށްފައިވާ ފުލުހުންނަށް ޖާސޫސުކުރުމުގެ މަސައްކަތާ ދެކޮޅަށް މުޒާހަރާ ކުރަމުންދެއެވެ. އަހަރުމެން، އިޝްތިރާކީން މި ޙަރަކާތަށް އަހަރުމެންގެ ތާއީދު ދޭންޖެހޭނެއެވެ. އަދި ފާދިރީންގެ ތެރެއިން ތެދުވެރި އިޚްލާޞްތެރި މީހުންގެ އެދުންތައް އޭގެ ނިމުމަށް ގެންގޮސް، އެމީހުން މިނިވަންކަމާ ބެހޭގޮތުން ބުނާ ބަސްތަކުގައި ހިފަހައްޓުވައި، ދީނާއި ފުލުހުންގެ ދެމެދުގައިވާ ހުރިހާ ގުޅުމެއް އެއްކޮށް ކަނޑާލަން ގޮވާލަން ޖެހެއެވެ. ތިބާއަކީ އިޚްލާޞްތެރި މީހެއް ނަމަ، މި ޙާލަތުގައި ތިބާ ތާޢީދުކުރަން ޖެހޭނީ ފައްޅިއާއި ދައުލަތާއި، އަދި މަދަރުސާތަކާއި ފައްޅި މުޅިން ވަކިކުރުމަށެވެ. އަދި ތާޢީދުކުރަން ޖެހޭނީ، ދީނަކީ އެއްކޮށް މުޅިން ވަކި ފަރުދީ ކަމެއް ގޮތުގައި އިޢުލާން ކުރުމަށެވެ. އެހެން ނޫނީ މިނިވަންކަމަށް ތަކުތާރުކޮށް މިކުރާ އެދުންތައް، ތިބާ ޤަބޫލު ނުކުރެއެވެ. މި ޙާލަތުގައި ތިބާ އަދިވެސް އިންކުއިޒިޝަންގެ ސަޤާފަތްތަކުން ޤައިދީވެފައިވާކަން ފާހަގަކުރެވެއެވެ. މި ޙާލަތުގައި ތިބާ އަދިވެސް ތިބާގެ ހިތްގައިމު ސަރުކާރު ވަޒީފާތަކާއި، ސަރުކާރުން ލިބޭ އާމްދަނީތަކުގައި ހިފަހައްޓާފައިވާކަން ފާހަގަކުރެވެއެވެ. އަދި އެ ޙާލަތުގައި ތިމާގެ ހަތިޔާރުގެ ރޫޙާނީ ބާރާ މެދު ޤަބޫލު ނުކޮށް، ދައުލަތުން ރިޝްވަތު ނަގަމުން ގެންދެއެވެ. އެ ޙާލަތުގައި، މުޅި ރޫސީވިލާތުގެ ފަންތިއަށް-ހޭވެރި މަސައްކަތްތެރިން ތިބާގެ މައްޗަށް ރަހުމުކުޑަ ހަނގުރާމައެއް އިޢުލާން ކުރަމެވެ.

އިޝްތިރާކީ ޕުރޮލެޓާރީންގެ ޕާޓީއަށް ބަލާއިރު، ދީނަކީ ވަކި ފަރުދީ ކަމެއް ނޫނެވެ. އަހަރުމެންގެ ޕާޓީއަކީ މަސައްކަތު ފަންތީގެ އިސްތިޤްލާލަށް ކުރީސަފުގައި ހަނގުރާމަކުރާ ފަންތިއަށް-ހޭވެރި މީހުންގެ ޖަމިއްޔާއެކެވެ. ދީނީ އީމާންކަމުގެ ސިފައިން ފެންނަ ފަންތިއަށް-ހޭވެރި ނުވުމާއި، ޖާހިލުކަމާ އޮޅުން ފަދަ ކަންކަމަށް އެފަދަ ޖަމިއްޔާއަކުން ދޫނުދެވޭނެއެވެ. ސީދާ އިޑިއޮލަޖީގެ ހަތިޔާރު ކަމަށްވާ އަހަރުމެންގެ ނޫހުންނާ އަނގަބަހުން ދީނީ ވަހުމުތަކާ ހަނގުރާމަ ކުރުމަށް ފުރުސަތު ދިނުމަށްޓަކައި، ފައްޅި އެއްކޮށް އުވާލުމަށް އަހަރުމެން ގޮވާލަމެވެ. އެފަދައިން އަހަރުމެންގެ ޖަމިއްޔާ ކަމަށްވާ ރޫސީ އިޖްތިމާޢީ-ޑިމޮކްރެޓިކު ޢުއްމާލީ ޕާޓީ ސީދާ ތައްޔާރުވެފައި ވަނީ މަސައްކަތްތެރިންނަށް ދީނީ ގޮތުން ކުރާ ހުރިހާ އޮޅުވާލުމަކާ ދެކޮޅަށް ނިޟާލުކުރުމަށެވެ. އަދި އަހަރުމެންނަށް އިޑިއޮލަޖީގެ ނިޟާލަކީ ވަކި ފަރުދީ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މުޅި ޕާޓީގެ، މުޅި ޕުރޮލެޓާރީންގެ ކަމެކެވެ.

އެއީ އެހެން ކަމަށްވާނަމަ، އަހަރުމެންގެ ޕްރޮގްރާމްގައި އަޅުގަނޑުމެންނަކީ މުލްޙިދުން ކަމަށް އިޢުލާން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ނަޞާރާއިންނާއި، އިލާހެއް ވާކަން ޤަބޫލުކުރާ އެހެން ފަރާތްތައް އަހަރުމެންގެ ޕާޓީއަށް ވަނުން މަނާ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟

މި ސުވާލުގެ ޖަވާބުން، ބުރްޖުވާޒީ ޑިމޮކްރެޓުންނާ އިޖްތިމާޢީ-ޑިމޮކްރެޓުން ދީނުގެ ސުވާލު ހުށަހަޅާ ގޮތުގެ ވަރަށް މުހިންމު ތަފާތުކަމެއް ދޭހަކޮށްދިނުމަށް އެހީވާނެއެވެ.

އަހަރުމެންގެ ޕުރޮގުރާމު ބިނާވެފައިވަނީ މުޅިން ސައިންސުވެރި، ހަމަމިއާއެކު މާއްދީ ދުނިޔަވީ-ނަޒަރަށެވެ. މިހެންކަމުން، އަހަރުމެންގެ ޕުރޮގުރާމެއްގެ ބަޔާނުގައި ކޮންމެހެން ހިމެނިފައިވާ އެއް ކަމަކީ ދީނީ ވަހުމުގެ އަޞްލު ތާރީޚީ އަދި އިޤްތިޞާދީ ބިންގާތަކުގެ ބަޔާނެއް ހިމެނެއެވެ. ކޮންމެހެން އަހަރުމެންގެ ޕުރޮޕަގަންޑާގައި އިލްޙާދުގެ ޕުރޮޕަގަންޑާ ހިމެނެއެވެ؛ ޚުދުމުޚުތާރު އިޤްޠާޢީ ސަރުކާރު ކުރިން ހަރުކަށިކޮށް މަނާކުރި، ބޭނުންވާ ސައިންސުވެރި އަދަބިއްޔާތު ޝާއިއުކުރުން އަހަރުމެންގެ ޕާޓީ މަސައްކަތުގެ އެއް ދާއިރާގެ ގޮތުގައި ހަދަން ވާނެއެވެ. ލަފާކުރެވޭ ގޮތުގައި އެއްފަހަރު އެންގެލްސް ޖަރުމަނު އިޝްތިރާކީންނަށް ދިން ނަސޭހަތަށް އަހަރުމެން މިހާރު އަމަލުކުރަން ޖެހިދާނެއެވެ: އެއީ އަށާރަވަނަ ޤަރުނުގެ ފަރަންސޭސް ތަންވީރީންނާއި މުލްޙިދުންގެ އަދަބިއްޔާތު ތަރުޖަމާކޮށް ފުޅާ މިންވަރަކަށް ބެހުމެވެ.

ނަމަވެސް އެއްވެސް ޙާލަތެއްގައި ދީނީ ސުވާލާ މެދު، މުޖަރަދް، މިޘާލީ، ގޮތަކަށް މުއާމަލާތް ކުރުމުގެ އޮޅުމަށް އަހަރުމެން ވެއްޓިދީގެން ނުވާނެއެވެ. އެއީ ބުރްޖުވާޒީންގެ ތެރެއިން ރެޑިކަލު-ޑިމޮކްރެޓުން އެކިފަހަރުމަތިން ކުރާގޮތަށް، އެކަމަކީ ފަންތީގެ ނިޟާލާ ނުގުޅޭ "މުފައްކިރު" ސުވާލެއްގެ ގޮތުގައި ބެލުމެވެ. މަސައްކަތްތެރިންގެ ޖަމާޢަތްތަކައް މެދުނުކެނޑި އިސްތިޣުލާލުކޮށް އަނިޔާރުމުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެއްގައި، ދީނީ ވަހުމުތައް ހަމައެކަނި ޕުރޮޕަގަންޑާގެ ޒަރިއްޔާއިން ފިލުވައިލެވޭނެކަން ވިސްނުމަކީ މޮޔަ ކަމެކެވެ. އިންސާނާގެ މައްޗަށް ވެރިވެގަންނަ ދީނުގެ ވާގަނޑަކީ މުޖުތަމަޢުގެ އިޤްތިޞާދީ ވާގަނޑުގެ އެއް ސިފައެއްކަން، އަދި އޭގެ އުފެއްދުމެއްކަން ހަނދާން ނެތުމަކީ ބުރްޖުވާޒީ ހަނި ވިސްނުމެކެވެ. ޕުރޮލެޓާރީން ރައުސުލްމާލުގެ އަނދިރި ބާރުތަކުގެ ދެކޮޅަށް ކުރާ ނިޟާލުން ހިތްއަލިނުވާ ހިނދަކު، އެއްވެސް އަދަދެއްގެ ކަރުދާހަކުން ނުވަތަ ތަޤްރީރުތަކަކުން އެމީހުންގެ ހިތްއަލިނުވާނެއެވެ. އިސްތިޣުލާލުވެފައިވާ ފަންތިތައް ދުނިޔޭގައި ސުވަރުގެއެއް އުފައްދަން ހިންގާ ހަޤީޤީ އިންޤިލާބީ ނިޟާލުގެ ތަރެއިން އެއްބައިވަންތަކަން އޮތުމަކީ، ޖަންނަތުގައި ސުވަރުގެއެއް ވާކަމާމެދު ޕުރޮލެޓާރީންގެ ރަޢުޔުގެ އެއްބައިވަންތަކަން އޮތުމަށް ވުރެ އަހަރުމެންނަށް މާ މުހިންމު ކަމެކެވެ.

އަހަރުމެންގެ ޕުރޮގުރާމުގައި އަހަރުމެންގެ އިލްޙާދީކަން ނުހިމަނާ، ނުހިމަނަންވާ ސަބަބަކީ އެޔެވެ؛ އިހުގެ ފިކުރުތަކުގެ މަތީގައި ދެމިހުންނަ ބައެއް ޕުރޮލެޓާރީން އަހަރުމެންގެ ޕާޓީއާއި އެއްބައިވުމުން މަނާ ނުކޮށް، މަނާ ނުކުރަންވާ ސަބަބަކީ އެޔެވެ. އަހަރުމެން އަބަދުވެސް ސައިންސްވެރި ދުނިޔަވީ-ނަޒަރަށް ތާޢީދު ކުރާނަމެވެ. އަދި އެކިއެކި "ނަޞާރާއިންގެ" އޮޅުންބޮޅުންތަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހެއެވެ. ނަމަވެސް ދީނީ ސުވާލު ނިސްބަތް ނުވާ ތަނެކަށް އޭތި ވައްދަން ޖެހޭނެ ކަމަކީ އޭގެ މާނައެއް ނޫނެވެ. ހަމަމިއާއެކު، ތިންވަނަ ދަރަޖައިގެ ރަޢުޔުތަކާ ބޯދާ ޚިޔާލުތަކުގެ ނަމުގައި، ވަރަށް އިންޤިލާބީ އިޤްތިޞާދީ ސިޔާސީ ނިޟާލުގެ ބާރުތަށް ވަކިކޮށްދިނުމުގެ ފުރުސަތު ދިނުމަކީވެސް އޭގެ މާނައެއް ނޫނެވެ. އެފަދަ ކަންކަން ވަރަށް ހަލުވިކޮށް އިޤްތިޞާދީ ކުރިއެރުމުގެ މަގުން ކުނިތަކެއް ފަދައިން ފިލުވައިލާފަ، ހުރިހާ ސިޔާސީ މުހިއްމުކަމެއް ގެއްލެނީއެވެ.

ހުރިހާ ހިސާބެއްގައި، ރަޖްޢީ ބުރްޖުވާޒީން ދީނީ ހަމަނުޖެހުމަށް ހިތްވަރުދިނުމުގައި އުޅުނެވެ. އަދި މިހާރު ރޫސީވިލާތުގައި އެކަން ކުރަން ފަށަނީއެވެ - އެގޮތުން މުހިންމު އަސާސީ ސިޔާސީ އިޖްތިމާޢީ މައްސަލަތަކުގެ ކިބައިން މީސްތަކުންގެ ސަމާލުކަން ދުރުކުރުމެވެ. މިހާރު މުޅި-ރޫސީ ޕުރޮލެޓާރީން އިންޤިލާބީ ނިޟާލުގައި އެއްބައިވެގެން އަމަލީ ގޮތުން އެކަންތައް ހައްލުކުރަމުން ދަނީއެވެ. މިދުވަސްކޮޅުގައި މައިގަނޑު ގޮތަކަށް ކަޅު-ސަތޭކަ ޖަމާޢަތް ހިންގާ ޤަތުލުއާންމުތަކުން ފެންނަ، ޕުރޮލެޓާރީންގެ ބާރުތައް ވަކިކުރުމުގެ ރަޖްޢީ ސިޔާސަތުގެ ތަފާތު އެހެނިހެން ގޮތްތައް މާދަމާ ފެނިދާނެއެވެ. ކޮންމެއަކަސް، މަޑުމައިތިރިކޮށް، މެދުނުކެނޑި، ކެތްތެރިކަމާއެކު ޕުރޮލެޓާރީ އެއްބައިވަންތަކަމާ ސައިންސްވެރި ދުނިޔަވީ-ނަޒަރަށް ތާޢީދު ކުރަމުން، އަހަރުމެން އެކަމަށް ދެކޮޅުހަދާނެއެވެ - މިއީ އިންސާނީ ތަފާތުތަކުގެ ވާހަކައިގެ ފާޅުވުންތަކާ މުޅިން ބީރައްޓެހި އުގަންނަވައިދިނުމެކެވެ.

އިންޤިލާބީ ޕުރޮލެޓާރީންނަށް، ދައުލަތަށް ބަލާއިރު، ދީނަކީ ހަޤީޤީ ގޮތުން ވަކި އަމިއްލަ ކަމަކަށް ހެއްދެވުމުގައި ކާމިޔާބު ވާނެއެވެ. އަދި މެޑިވަލް ޒަމާނުގެ ފަނާވުމުން ޠާޙިރު ކުރައްވާފައިވާ މި ސިޔާސީ ނިޒާމުގައި، އިޤްތިޞާދީ އަޅުވެތިކަން އުވާލުމަށް ފުޅާކޮށް ފާޅުކޮށް ޕުރޮލެޓާރީން ނިޟާލެއް ހިންގާނެއެވެ. އެކަމަކީ އިންސާނިއްޔަތުގެ ދީނީ އޮޅުވާލުމުގެ އަސްލު މަސްދަރެވެ.

********************

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް