މާކްސިޒަމުގެ ތިން މަޞްދަރުތަކާ ތިން އެކުލެވޭ ބައިތައް

Три источника и три составных части марксизма - The Three Sources and Three Component Parts of Marxism

ވްލަޑިމިރް ލެނިން

Владимир Ленин - Vladimir Lenin

ފުރަތަމަ ޝާއިޢުކުރުން: 1913
ދިވެހި ތަރުޖަމާ: 2022
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)

********************

ކުރިއަރާފައިވާ ދުނިޔޭގެ ހުރިހާ ހިސާބެއްގައި، މާކްސިޒަމަކީ "ގެއްލުންހުރި ބިދުވައެއް"ގެ ބާވަތެއް ކަމަށް ބަލައިގަންނަ ހުރިހާ (ރަސްމީ އަދި ލިބަރަލް) ބުރްޖުވާޒީ ސައިންސުތަކުގެ އެންމެ ފުން ނަފްރަތާ ދެކޮޅުވުން މާކްސްގެ ކިޔަވައިދިނުންތަކުން އުފެދެއެވެ. އަދި އެ މިޒާޖު ފިޔަވާ އެހެން ކަމަކަށް އުންމީދެއް ނެތެވެ. ސަބަބަކީ، ފަންތީގެ ނިޟާލަށް ބިނާވެފައިވާ މުޖުތަމަޢެއްގައި އެއްވެސް "ތަފާތުނުކުރާ" އިޖްތިމާޢީ ޢިލްމެއް ނުހުރެވޭނެތީއެވެ. އެއްގޮތަކުން ނުވަތަ އެހެން ގޮތަކަށް، ހުރިހާ ރަސްމީ ސައިންސުތަކާ ލިބަރަލް ސައިންސުތައް އުޖޫރީ އަޅުވެތިކަން ދިފާޢުކުރާއިރު، މާކްސިޒަމުން ވަނީ އެ އަޅުވެތިކަމާ ދެކޮޅަށް މެދުނުކެނޑޭ ހަނގުރާމައެއް ޢިއުލާން ކުރައަވާފައެވެ. އުޖޫރީ އަޅުވެތި މުޖުތަމަޢެއްގައި، ސައިންސުގެ ފަރާތުން ތަފާތުނުކުރުމަށް އުންމީދުކުރުމަކީ، ރައުސުލްމާލުގެ ފައިދާތައް މަދުކޮށްގެން މަސައްކަތްތެރިންގެ އުޖޫރަ އިތުރުކުރެވޭނެކަމުގެ ސުވާލާ މެދު، މެނުފެކުޝަރުންގެ ފަރާތުން ތަފާތުނުކުރުމަށް އުންމީދުކުރުން ކަހަލަ ނުވިސްނޭ ހީކުރުމެކެވެ.

އެކަމަކު މިއީ ހުރިހާ ކަމެއް ނޫނެވެ. ފަލްސަފާގެ ތާރީޚުންނާއި، އިޖްތިމާޢީ ޢިލްމުގެ ތާރީޚުން، ފުރިހަމަ ސާފުކަމާއެކު ދައްކައިދޭ ގޮތުގައި މާކްސިޒަމުގެ ތެރޭގައި "މަޛްހަބީ ތަފާތުކުރުން" ފަދަ އެއްވެސް އެއްޗެއް ނެތެވެ. މިއީ އޭތި ހިލަވެ ގަނޑުވެފައިވާ މަޛްހަބަކަށް ވުމުގެ މާނައިގައެވެ. އަދި ދުނިޔަވީ ހަޟާރަތުގެ ތަރައްޤީގެ މަގުން އަރައިގެން ދުރަށް ދިއަ މަޛްހަބަކަށް ވުމުގެ މާނައިގައެވެ. އޭގެ ބަދަލުގައި، މާކްސްގެ މޮޅުކަން އެކުލެވިފައިވަނީ ސީދާ ގޮތަކަށް އިންސާނިއްޔަތުގެ އެންމެ ކުރިއަރާފައިވާ ސިކުނޑިތަކުން ކުރިން އަރުވާފައިވާ ސުވާލުތަކަށް ޖަވާބުތައް ފޯރުކޮށްދިނުމުގައެވެ. އޭނާގެ މަޛްހަބު ފެށިގެން އައީ، ފަލްސަފާއާއި، ސިޔާސީ އިޤްތިޞާދާއި، އިޝްތިރާކިއްޔަތުގެ އެންމެ ބޮޑެތި ތަމްސީލުވެރިންގެ ކިޔަވައިދިނުންތަކުގެ ސީދާ ވަގުތީ ކުރިއަށް ގެންދިއުމުގެ ގޮތުގައެވެ.

މާކްސީ މަޛްހަބު ފުރިހަމަކޮށް ބާރުވެރިވަނީ އޭތި ހަޤީޤަތަކަށް ވާތީއެވެ. އޭތީގައި ތަފްޞީލުކަން އޮތުމާއެކު ރަނގަޅު އިންތިޒާމެއް އޮވެއެވެ. އަދި އެއްވެސް ބާވަތެއްގެ ވަހުމަކާ، ނުވަތަ ރަޖްޢިއްޔަތަކާ، ނުވަތަ ބުރްޖުވާޒީ އަނިޔާވެރިކަމުގެ ދިފާޢުއަކާ އެއްވެސް ގޮތަކަށް ނުގުޅެވޭނެ ފުރިހަމަ ދުނިޔެވީ ނަޒަރެއް އިންސާނުނަށް ލިއްބައިދެއެވެ. އެއީ ނަވާރަވަނަ ޤަރުނުގައި އިންސާނާ އުފެއްދި އެންމެ ރަނގަޅު ތަކެތީގެ ހަޤީޤީ ވާރުތަވެރިޔާއެވެ. ޖަރުމަނު ފަލްސަފާއާއި، އިނގިރޭސި ސިޔާސީ އިޤްތިޞާދާއި، ފަރަންސޭސް އިޝްތިރާކިއްޔަތުން އޭތި ތަމްސީލުކުރާ ގޮތަށެވެ.

އަހަރުމެން ކުރުކޮށް ހުށައަޅާނީ މާކްސިޒަމް އެކުލެވޭ ތިން ބައިތައް ކަމަށްވާ އޭތީގެ ތިން މަޞްދަރުތަކެވެ.

١

މާކްސިޒަމުގެ ފަލްސަފާއަކީ މާއްދިއްޔަތެވެ. ވިލާތުގެ ޒަމާނީ ތާރީޚުގެ ތެރޭގައި، އަދި ޚާއްޞަކޮށް އަށާރަވަނަ ޤަރުނު ނިމުނު ހިސާބުގެ ފަރަންސޭސްވިލާތުގައި، ކޮންމެ ބާވަތެއްގެ މެޑީވަލް ފުލޯކު ވާހަކަތަކާއި، އިދާރާތަކާއި، ފިކުރުތަކުގެ ތެރޭގައިވާ ބިމުގެ އަޅުވެތިކަމުގެ ޙާލަތުގެ ދެކޮޅަށް ހިންގި ހަރުދަނާ ނިޟާލުގެ މިސާލުން ފެނެއެވެ. މާއްދިއްޔަތަކީ، މުތަނާސިޤް، ޠަބީޢީ ޢިލްމުގެ ކިޔަވައިދިނުންތަކަށް ޞައްޙަވާ، ވަހުމަށް ނަފްރަތްކުރާ އޮންނަ ހަމައެކަނި ފަލްސަފާއެވެ. އެހެންކަމުން، ޑިމޮކުރެސީގެ ދުށްމަނުން އަބަދުވެސް އެމީހުންގެ ހުރިހާ ހިތްވަރެއް ދިމާކޮށްފައިވަނީ މާއްދިއްޔަތަށް "ރައްދު" ދިނުމާއެކު، އެކަން ބަދުނާމުކޮށް ދަށްކޮށްލަން އުޅުމަށެވެ. އަދި އެކިއެކި ބާވަތުގެ ފަލްސަފީ މިޘާލިއްޔަތަށް ތާޢީދުކުރިއެވެ. އެކަންތަކުގެ ނިންމުން، އަބަދުވެސް އެއްގޮތުން ނުވަތަ އަނެއްގޮތުން، ދިމާކޮށްދެނީ ދީނުގެ ދިފާޢުކުރުމަކަށް ނުވަތަ ތާޢީދުކުރުމަކަށެވެ.

މާކްސް އާއި އެންގެލްސް އެންމެ ޚުޝިޔާރު ގޮތަށް ފަލްސަފީ މާއްދިއްޔަތު ދިފާޢުކުރިއެވެ. އަދި މި އަސާސުން ބާކީވާ ހުރިހާ އިންޙިރާފްތަކަކީ ވަރުގަދަ ކުށެއްކަން އެކިފަހަރުމަތިން ބަޔާންކުރިއެވެ. އެމީހުންގެ ނަޒަރުތައް އެންމެ ސާފުކޮށް ފުރިހަމައަށް ތަޢާރަފް ކުރެވިފައިވަނީ އެންގެލްސްގެ ލިޔުންތައް ކަމަށްވާ "ލަޑްވިގް ފުއެރްބަކް އާއި އެންޓީ ޑޫރިންގް" ގައެވެ. އެއީ، ޝުޔޫޢީ ބަޔާނުގެ އެއްގޮތަށް، ކޮންމެ ފަންތީގެ-ހޭވެރި މަސައްކަތްތެރިއަކަށް އަތްމަތީ ފޮތްތަކެކެވެ.

ނަމަވެސް މާކްސް އަށާރަވަނަ ޤަރުނުގެ މާއްދިއްޔަތުގެ ހިސާބުގައި ހުއްޓާ ނުލިއެވެ: އޭނާ އުސް ހިސާބަކަށް ފަލްސަފާ ތަރައްޤީކުރިއެވެ. ޖަރުމަނު ކުލެސިކަލް ފަލްސަފާގެ ކާމިޔާބުތަކުން އޭތި މުއްސަނދިކުރިއެވެ. ޚާއްޞަކޮށް ފެއުރްބަކްގެ މާއްދިއްޔަތަށް ކުރިމަގު ހުޅުވައިދިން ހެގެލްގެ ނިޒާމެވެ. ޙާސިލްކުރި މައިގަނޑު ކަމަކީ ޖަދަލިއްޔަތުވެ. އެއީ، ތަރައްޤީވުމުގެ ނަޡަރިއްޔާ އޭތީގެ އެންމެ ފުރިހަމަ، ފުން، ތަފްޞީލުހުރި ސިފައިގައެވެ. އަދި އެއީ، އަބަދާއި އަބަދު ތަރައްޤީވަމުން އަންނަ މާއްދާތަކުގެ މަންޒަރެއް ލިއްބައިދޭ އިންސާނީ އިލްމުގެ ނިސްބަތުގެ އަޤީދާއެވެ. ޠަބީޢީ ޢިލްމުގެ އެންމެ ފަހުގެ ހޯދުންތައް - ރޭޑިއަމް، އިލެކްޓުރޯންތައް، އުންސުރުތައް އެހެނިހެން އުންސުރުތަކަށް ބަދަލުވުން - ފަދަ ކަންތައް ވެފައި ވަނީ މާކްސްގެ ޖަދަލީ މާއްދިއްޔަތުގެ ފާހަގަކުރެވޭ ސާބިތުކުރުމެކެވެ. އެއީ ބުރްޖުވާޒީ ފަލްސަފާވެރިން އެމީހުންގެ ޤަދީމީ ފަނާވެފައޮތް "ފަހުގެ" މިޘާލިއްޔަތުގެ ބުނުންތަކަށް އަނބުރާ ދާއިރު އެކަމާ ޚިލާފަށެވެ.

މާކްސް އެންމެ ފުންމިނަށް ފަލްސަފީ މާއްދިއްޔަތު ފުރިހަމައަށް ތަރައްޤީކުރިއެވެ. އަދި ޠަބީޢީ ޢިލްމު ފުޅާކޮށް އޭގެ ތެރޭގައި އިންސާނީ މުޖުތަމަޢުގެ ޢިލްމު ހިމަނާލިއެވެ. އޭނާގެ ތާރީޚީ މާއްދިއްޔަތަކީ ސައިންސުވެރި ވިސްނުމުގެ ތެރެއިން ވަރުގަދަ ޙާސިލްކުރުމެކެވެ. ސިޔާސަތާ ތާރީޚާ މެދު ގެންގުޅުނު ޚިޔާލުތަކަށް ކުރިން ވެރިކަންކުރި މާޔޫސްކަމާ ހަމަނުޖެހުމުގެ ބަދަލުގައި އައީ ފާހަގަކޮށްލެވޭފަދަ ރަނގަޅަށް އިންތިޒާމުކޮށް އެކުލެވިފައިވާ ސައިންސުވެރި ނަޡަރިއްޔާއެކެވެ. އޭގެން ދައްކައިދެނީ، އުފެއްދުންތެރިކަމުގެ ބާރުތައް ހެދިބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން، އިޖުތިމާޢީ ދިރިއުޅުމުގެ އެއް ނިޒާމަކުން އެހެނިހެން މަތިވެރި ނިޒާމެއް ތަރައްޤީވާ ގޮތެވެ - މިސާލަކަށް، ޢިޤްޠާއިއްޔަތުގެ ތެރެއިން ރައުސުލްމާލިއްޔަތު ހެދިބޮޑުވާ ގޮތެވެ.

އިންސާނާގެ އެނގުންތަކުން، އޭނާގެ ކިބައިން މިނިވަންކަމާއެކު އޮންނަ ޠަބީޢަތު (އެއީ، ތަރައްޤީވަމުން އަންނަ މާއްދާތައް) ރަމްޒުކޮށްދޭ ގޮތައް، އިންސާނާގެ އިޖްތިމާޢީ އެނގުންތަކުން (އެއީ، އޭނާގެ އެކިއެކި ފަލްސަފީ، ދީނީ، ސިޔާސީ ފެނުންތަކާ މަޛްހަބުތައް) މުޖުތަމަޢުގެ އިޤްތިޞާދީ ނިޒާމް ރަމްޒުކުރެއެވެ. ސިޔާސީ އިދާރާތަކަކީ އިޤްތިޞާދީ ބިންގަލުގެ މަތީގައި އޮތް ފައުޤީ ބިނާއެކެވެ. މިސާލަކަށް، އަހަރުމެންނަށް ފެންނަ ގޮތުގައި، ވިލާތުގެ ޒަމާނީ ދައުލަތްތަކުގެ އެކިއެކި ސިޔާސީ ބާވަތްތަކުން ޕުރޮލެޓާރީންގެ މައްޗަށް އޮންނަ ބުރްޖުވާޒީންގެ ބާރުވެރިވުން ވަރުގަދަކުރަން މަގުފަހި ކުރެއެވެ.

މާކްސްގެ ފަލްސަފާއަކީ އިންސާނާއަށް، އަދި ޚާއްޞަކޮށް މަސައްކަތު ފަންތިއަށް، ޢިލްމުގެ ވަރުގަދަ އާލާތްތައް ލިއްބައިދީފައިވާ ފުރިހަމަ ފަލްސަފީ މާއްދިއްޔަތެކެވެ.

٢

އިޤްތިޞާދީ ނިޒާމަކީ އޭގެ މަތީގައިވާ ސިޔާސީ ފައުޤީ ބިނާ އިމާރާތްކުރާ ބިންގާކަމަށް ފެނިފަ ވިސްނުމާއެކު، މާކްސް އޭނާގެ ފުރިހަމަ ސަމާލުކަން ދިނީ މި އިޤްތިޞާދީ ނިޒާމުގެ ދިރާސާކުރުމަށެވެ. މާކްސްގެ އެންމެ މުހިންމު ލިޔުން ކަމަށްވާ "ރައުސުލްމާލް" ތަޚްޞީޞްކުރީ ޒަމާނީ މުޖުތަމަޢުގެ އިޤްތިޞާދީ ނިޒާމްކަމަށްވާ، ރައުސުލްމާލިއްޔަތުގެ ދިރާސާއަކަށެވެ.

މާކްސްގެ ކުރިން، ކުލެސިކަލް ސިޔާސީ އިޤްތިޞާދު ތަރައްޤީވީ، އެންމެ ކުރިއަރާފައިވާ ރައުސުލްމާލީ ޤައުމު ކަމަށްވާ، އިނގިރޭސިވިލާތުގައެވެ. އެޑަމް ސްމިތް އަދި ޑޭވިޑް ރިކަރޑޯ، އިޤްތިޞާދީ ނިޒާމާ މެދު ހިންގި ތަޙްޤީޤުތަކުން، ޢަމަލުގެ ޤީމަތުގެ ނަޡަރިއްޔާގެ ބިންގާތައް އެޅިއެވެ. އެމީހުންގެ މަސައްކަތް މާކްސް ކުރިއަށް ގެންދިއެވެ؛ މި ނަޡަރިއްޔާގެ ދަލީލުތައް ހުށައަޅާފަ އޭތި ހަރުދަނާކޮށް ތަރައްޤީކުރިއެވެ. ކޮންމެ ސިލްޢަތެއްގެ ޤީމަތު ކަނޑައަޅާނީ އޭތި އުފެއްދުމުގައި ޚަރަދުވާ އިޖްތިމާޢީގޮތުން ލާޒިމް ޢަމަލީ ވަގުތުން ކަން އޭނާ ދައްކައިދިނެވެ.

ބުރްޖުވާޒީ އިޤްތިޞާދީ ޢިލްމުވެރިންނަށް ތަކެތީގެ ދެމެދުގައި އޮތް ގުޅުމެއް ފެނުނު ތަނުގައި (ސިލްޢަތެއް އެހެން ސިލްޢަތަކަށް ވިޔަފާރީ ބަދަލުކުރުން) މީސްމީހުންގެ ދެމެދުގައި އޮތް ގުޅުމެއް މާކްސް ފާޅުކުރިއެވެ. ސިލްޢަތުގެ ބަދަލުކުރުމުން ސިފަކޮށްދެނީ ވަކި އުފެއްދުންތެރިންގެ ދެމެދުގައި ބާޒާރުގެ ތެރެއިން އޮތް ގުޅުމުވެ. ފައިސާއިން ރަމްޒުކޮށްދެނީ އެ ގުޅުން ކައިރިވެ ކައިރިވަމުންގޮސް، ވަކި އުފެއްދުންތެރިންގެ މުޅި އިޤްތިޞާދީ ދިރިއުޅުން ފުރިހަމަ އެކުލެވުމުގެ ތެރެއަށް ބޭރުނުވެވޭ ގޮތަށް އެތެރެކުރާ ކަމެވެ. ރައުސުލްމާލުން ރަމްޒުކޮށްދެނީ މި ގުޅުމުގެ އިތުރު ކުރިއެރުމެކެވެ: އިންސާނާގެ ޢަމަލީ-ބާރު ސިލްޢަތަކަށް ވެގެންދިއުމެވެ. ބިންތަކާއި، ކާރުހާނާތަކާއި، ޢަމަލުގެ އާލަތްތަކުގެ ވެރިފަރާތަށް އުޖޫރަ-މަސްއްކަތްތެރިޔާ އޭނާގެ ޢަމަލީ-ބާރު ވިއްކައެވެ. މަސައްކަތްތެރިޔާ ދުވަހުގެ އެއް ފަޅި ހޭދަކުރަނީ އޭނާއާއި، އޭނާގެ އާއިލާ ދެމެހެއްޓުމުގެ ޚަރަދުތަށް ފުއްދުމަށެވެ. އަދި ދުވަހުގެ އަނެއް ފަޅީގައި، ރައުސުލްމާލީއަށް އިތުރު-ޤީމަތު ކަމަށްވާ، ރައުސުލްމާލީ ފަންތީގެ މުއްސަނދިކަމާ ފައިދާގެ މަޞްދަރު އުފެއްދުމަށް، އޭނާ އެއްވެސް ބަދަލަކާ ނުލާ މަސައްކަތްކުރެއެވެ.

އިތުރު-ޤީމަތުގެ ނަޡަރިއްޔާއަކީ މާކްސްގެ އިޤްތިޞާދީ ނަޡަރިއްޔާގެ އަސާސީ ބިންގަލެވެ.

މަސައްކަތްތެރިޔާގެ ޢަމަލުން އުފެއްދި ރައުސުލްމާލުން، މަސައްކަތްތެރިޔާ ފުނޑުފުނޑުވެއެވެ. ކުދި މިލްކުވެރިން ބޭޒާރުކޮށްލާފަ ވަޒީފާ ނުލިބޭ މީހުންގެ ލަޝްކަރެއް އުފައްދައެވެ. ސިނާޢަތުގެ ތެރޭގައި، ބޮޑު-މިންވަރުގެ އުފެއްދުންތެރިކަމުގެ ކާމިޔާބު ސީދާ ވަގުތުން ހާމަވެއެވެ. ނަމަވެސް ހަމަ އެކަންތަށް ޒިރާޢަތުގައިވެސް ފެނެއެވެ. ބޮޑު-މިންވަރުގެ ރައުސުލްމާލީ ޒިރާޢަތުގެ މޮޅުކަން ކުރިއަރުވާ ވަރަކަށް، މެޝިނަރީގެ ބޭނުންކުރުން އިތުރުވެ، ފައިސާ-ރައުސުލްމާލުން ބަންދުވެފައިވާ ފައްލާޙީ އިޤްތިޞާދު އޭގެ ޤަދީމީ ގޮތްތަކުގެ ބުރަދަނުގެ ދަށުގައި ވީރާނާވެ ހަލާކުގެ ތެރެއަށް ވެއްޓިގެން ދެއެވެ. ކުދި-މިންވަރިގެ އުފެއްދުންތެރިކަމުގެ ވީރާނާވުމުގެ ސިފަ ޒިރާޢަތުގައި ތަފާތު ގޮތަކަށް ފެނެއެވެ. ނަމަވެސް އެ ވީރާނާވުމަކީ ދެބަސްނުވެވޭނެ ތެދެކެވެ.

ކުޑަ-މިންވަރުގެ އުފެއްދުންތެރިކަން ހަލާކުކޮށްލުމުން، ރައުސުލްމާލުގެ ސަބަބުން އަންނަނީ ޢަމަލުގެ އުފެއްދޭ މިންވަރުގެ އިތުރުވުމަކާއި، ބޮޑެތި ރައުސުލްމާލީންގެ ޖަމްޢިއްޔާތަކަށް އިޚްތިކާރީ ލަޤަބެއް އުފެއްދުމެވެ. އުފެއްދުންތެރިކަން އޭގެ އަމިއްލަ ޒާތުގައި އިޖްތިމާޢީވެއެވެ - ސަތޭކަ ހާސް އަދި މިލިއަންގެ އަދަދުތަކުގެ މަސައްކަތްތެރިން ތަރުތީބު އިޤްތިޞާދީ ހަށިގަނޑެއްގައި ބަނދެވެއެވެ - ނަމަވެސް މަދު އަދަދެއްގެ ރައުސުލްމާލީން މި ޖަމާޢީ ޢަމަލުގެ އުފެއްދުން އަތުލައިގަނެއެވެ. އުފެއްދުންތެރިކަމުގެ ފިތުނައާއި، ކާރިސާތަކާއި، ބާޒާރުތަށް ފަހަތުން ދުވާ ހަލުވި ދުވުމާއިއެކު، މީސްތަކުންގެ ޖަމާޢަތުގެ ދިރިހުރުމުގެ ޙާލަތް ރައްކާތެރިނުވުމުގެ މިންވަރު އިތުރުވެއެވެ.

މަސައްކަތްތެރިން ރައުސުލްމާލަށް ބަރޯސާވާވަރު އިރުތުކުރުމުން، ރައުސުލްމާލީ ނިޒާމް އުފައްދަނީ އިއްތިޙާދީ ޢަމަލުގެ ގަދަ ބާރެވެ.

ރައުސުލްމާލިއްޔަތުގެ ތަރައްޤީވުން، އޭގެ އެންމެ ކުރީކޮޅުގެ ސިލްޢަތުގެ އިޤްތިޞާދާއެކު އަސާސީ ބަދަލުކުރުމުން ފެށިގެން، އޭގެ އެންމެ މަތީ ދަރަޖައިގެ، ބޮޑު މިންވަރުގެ އުފެއްދުންތެރިކަމަށް ދާންދެން މާކްސް ދައްކައިދިނެވެ.

އަދި ހުރިހާ ރައުސުލްމާލީ ޤައުމުތަކުގެ ކުރީގެ އަދި މިހާރުގެ ތަޖުރިބާތަކުން، އަހަރުން އަހަރަށް، އިތުރުވަމުންދާ އަދަދެއްގެ މަސައްކަތްތެރިންނަށް މި މާކްސީ ނަޡަރިއްޔާގެ ޞައްޙަކަން ސާފުކޮށް ދައްކައިދެއެވެ.

ރައުސުލްމާލިއްޔަތު މުޅި ދުނިޔޭގެ މައްޗަށް ނަޞްރު ހޯދާފައިވެއެވެ. ނަމަވެސް މި ނަޞްރަކީ ހަމައެކަނި ރައުސުލްމާލުގެ މައްޗަށް ޢަމަލު ނަޞްރުވުމުގެ ކުރީކޮޅެވެ.

٣

އިޤްޠާޢިއްޔަތު ވައްޓާލުމުގެ ފަހުން "މިނިވަން" ރައުސުލްމާލީ މުޖުތަމަޢު ދުނިޔޭގައި އަލަށް ފެށުނު އިރު، ސީދާ އެވަގުތު ހާމަވީ، މި މިނިވަންކަމުގެ އަޞްލު މާނައަކީ މަސައްކަތު މީހުންގެ އިސްތިޣުލާލުކުރުމާ މަޒްލޫމުކުރުމުގެ އާ ނިޒާމެއް ކަމެވެ. މި މަޒްލޫމުކުރުމާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ރަމްޒެއްގެ ގޮތުން އެކިއެކި އިޝްތިރާކީ މަޛްހަބުތައް އެވަގުތުގައި އައެވެ. ނަމަވެސް، ކުރީގެ އިޝްތިރާކިއްޔަތަކީ، ޔުޓޯޕިއަން އިޝްތިރާކިއްޔަތެވެ. ރައުސުލްމާލީ މުޖުތަމަޢަށް ފާޑުކިޔެވެ. އޭތީގެ ހަލާކުވުމަށް އުންމީދުކުރިއެވެ. އެއަށްވުރެ ރަނގަޅު ތަރުތީބެއްގެ ވަޒަނެއް އޮތެވެ. އަދި އިސްތިޣުލާލުކުރުމުގެ ނުބައިކަން މުއްސަނދިންނަށް ދައްކައިދީ އެކަމަށް އެއްބަސްކުރުވަން މަސައްކަތް ކުރިއެވެ.

ނަމަވެސް ޔުޓޯޕިއަން އިޝްތިރާކިއްޔަތަށް ކަންތަކުގެ އަޞްލު ހައްލު ކަނޑަނޭޅެވުނެވެ. ރައުސުލްމާލިއްޔަތުގެ ދަށުގައިވާ އުޖޫރަ-އަޅުވެތިކަމުގެ އަޞްލު ސިފަ ބަޔާން ނުކުރެވުނެވެ. ރައުސުލްމާލީ ތަރައްޤީވުމުގެ ޤާނޫނުތައް ފާޅު ނުކެރެވުނެވެ. އަދި އާ މުޖުތަމަޢެއްގެ އުފެއްދުންތެރިއަކަށް ވުމުގެ ފުރުސަތު އޮންނަނީ ކޮން އިޖްތިމާޢީ ބާރެއްގައިކަން ނުދެއްކެވުނެވެ.

އެވަގުތުގައި، ވިލާތުގެ ހުރިހާ ހިސާބުތަކުގައި، އަދި ޚާއްޞަކޮށް ފަރަންސޭސްވިލާތުގައި، އިޤްޠާޢިއްޔަތާ ބިމުގެ އަޅުވެތިކަމުގެ ވެއްޓުމާއެކު ހިނގި އިންޤިލާބީ ތޫފާނުތަކުގެ ސަބަބުން، އިތުރުން އިތުރަށް ފާޅުވި ކަމަކީ، ފަންތީގެ ނިޟާލަކީ ހުރިހާ ތަރައްޤީގެ އަސާސީ ކުރިއަރުވައިދޭ ބާރުކަމެވެ.

އިޤްޠާޢީ ފަންތީގެ މައްޗަށް ސިޔާސީ މިނިވަންކަމުގެ އެއްވެސް ކާމިޔާބެއް، ގަދަފަދަ އިދިކޮޅުވުމަކާ ކުރިމަތި ނުވާގޮތަކަށް ދުވަހަކުވެސް ނުލިބުނެވެ. ރައުސުލްމާލީ މުޖުތަމަޢުގެ އެކި ފަންތިތަކުގެ ދެމެދުގައި ހިނގާ ދިރިހުރުމާއި މަރުވުން ކަނޑައަޅާ ފަދަ ނިޟާލަކުން ފިޔަވާ އެހެން ގޮތަކަށް، އެއްވެސް ރައުސުލްމާލި ޤައުމެއް މިނިވަން ޑިމޮކުރެޓިކު ބިންގަލެއްގެ މަތިން ތަރައްޤީ ނުވިއެވެ.

ދުނިޔެވީ ތާރީޚުން ކިޔަވައިދޭ މި ފިލާވަޅު ފުރަތަމަ ފަހަރަށް ދޭހަވުމާ، ހަރަދަނާކޮށް އެކަމަށް ބިނާކޮށް އަމަލުކުރި ފުރަތަމަ ފަރާތަށް މާކްސް ވުމަކީ އޭނާގެ މޮޅުކަމެވެ. އޭނާ މިކަމުން ދޭހަވި ނިންމުމަކީ ފަންތީގެ ނިޟާލުގެ ނަޡަރިއްޔާއެވެ.

މީސްމީހުން އަބަދާއިއަބަދު ސިޔާސަތުގެ ތެރޭގައި އޮޅުވާލުމާ އަމިއްލަ ނަފްސު އޮޅުވާލުމުގެ ނުވިސްނޭ ޝިކާރަތަކަކަށް ވެފައި ވެއެވެ. އަދި ސިޔާސީ، ދީނީ، އިޖްތިމާޢީ، ނުވަތަ އަޚްލާޤީ ހުރިހާ ބުނުންތަކާ، ޢިއުލާންތަކާ، ވައުދުތަކުގެ ފަހަތުގައިވާ ކޮންމެވެސް ފަންތިއެއްގެ އެދުންތަށް ފާޅުކުރަން ދަސްނުވާ ހިނދު އެގޮތުގައި ދެމިއޮންނާނެއެވެ. ވަކި ވެރިކަންކުރާ ފަނތިތަކުގެ ބާރުގެ ދަށުން ބަރްބަރީވެ ކުނިވެފައިވާ ހުރިހާ ޤަދީމީ އިދާރާތަށް ހިންގަވައިދެއްވާކަން، އިސްލާޙުތަކާ ތަރައްޤީއަށް ތާޢީދު ކުރާ ފަރާތްތަކަށް ނުވިސްނޭ އިރު، ކުރީގެ ތަރުތީބު ދިފާޢުކުރާ ފަރާތްތަކުގެ އޮޅުވާލުމުގެ ޝިކާރައަކަށް އެމީހުން އަބަދުވެސް ވާނެއެވެ. އަދި އެފަންތިތަކުގެ އިދިކޮޅުވުން ހަލާކުކޮށްލެވޭނީ ހަމައެކަނި އެންމެ ގޮތަކުންނެވެ. އެއީ އަހަރުމެން ވަށައިގެންވާ މުޖުތަމަޢުގެ ތަރެއިން، އޭގެ އިޖްތިމާޢީ ހިސާބާ ގުޅޭ ގޮތަށް، ކުރީގެ ތަކެތި ފިލުވާލާފަ އަލަށް އާ ތަކެތި ބިނާކުރުމުގެ ގަދަފަދަކަން އެކުލަވާ ބާރުތަށް ހޯދުމެވެ. އަދި ނިޟާލަށްޓަކައި އެބާރުތައް ރާވާފަ އުގަންނައިދިނުމެވެ.

ކުރީގެ ހުރިހާ މަޒްލޫމްވި ފަންތިތައް އުޅުނު ރޫޙާނީ އަޅުވެތިކަމުން ބޭރަށް ދެވޭނެ މަގު ޕުރޮލެޓާރީންނަށް ދައްކައިދީފައިވަނީ ހަމައެކަނި މާކްސްގެ ފަލްސަފީ މައްދިއްޔަތުންނެވެ. މައިގަނޑު ރަސުލްމާލީ ނިޒާމުގެ ތެރޭގައި ޕުރޮލެޓާރީންގެ ހަޤީޤީ ހިސާބު ބަޔާންކޮށްފައިވަނީ ހަމައެކަނި މާކްސްގެ އިޤްތިޞާދި ނަޡަރިއްޔާއިންނެވެ.

ފުރޮލެޓާރީންގެ މިނިވަން ޖަމިއްޔާތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުނަވެ އިތުރުވަމުން ދެއެވެ. އެމެރިކާއިން ޖަޕާނަށެވެ. އަދި ސްވީޑެން އިން ދެކުނު އެފްރިކާއަށެވެ. ޕުރޮލެޓާރީންގެ ފަންތީގެ ނިޟާލު ހިންގުމުން އެމީހުންނަށް އުނގެނި ދަސްވެއެވެ؛ ބުރްޖުވާޒީ މުޖުތަމަޢުގެ ވަހުމުތަކުން އަމިއްލެއަށް ސަލާމަތްވެއެވެ؛ އެބައިމީހުންގެ އެކި ޤަބީލާތަކުގެ ގުޅުން އިތުރަށް ބަދަހިވެ އެކުވެފައި، އެމީހުންގެ ކާމިޔާބުތަކުގެ މިންވަރު ފެންނާނެ ގޮތް ދަސްވެއެވެ؛ އެމީހުންގެ ބާރުތަށް އެކުލަވާފަ ހުއްޓުމެއް ނެތި އެ ބާރު ގަދަވަނީއެވެ.

********************

މި މަޒުމޫނު ޝާއިޢުކުރީ 1913 ވަނަ އަހަރު ޕްރޮސްވެޝްޗެނިޔޭ (Prosveshcheniye | Просвещение) 3 ގައެވެ. ޚާއްޞަކުރީ މާކްސް އަވަހާރަވުމުގެ 30 ވަނަ އަހަރުދުވަހަށެވެ.

ޕްރޮސްވެޝްޗެނިޔޭ (އަލިވެދިއުން) އަކީ ބޮލްޝެވިކުންގެ ފަރާތުން ޑިސެމްބަރު 1911 ވަނަ އަހަރުން ފެށިގެން ކޮންމެ މަހެއްގައި ސެއިންޓް ޕީޓަރސްބަރގްގައި (Saint Petersburg | Санкт-Петербург) ޝާއިޢުކޮށް ނެރެމުންދިއަ އިޖުތިމާޢީ ސިޔާސީ އަދަބީ މަޖައްލާއެކެވެ. މި މަޖައްލާ ފެއްޓެވުމަށް ލެނިން ހުޝަހެޅީ، ބޮލްޝެވިކުން ކުރިން މޮސްކޯގައި ޝާއިޢުކޮށް ނެރުނު މިސްލް (Mysl | Мысль) (ވިސްނުން) މަޖައްލާ ތްސާރުގެ ސަރުކާރުން މަނާކުރުމުގެ ސަބަބުންނެވެ. ލެނިން ބޭރު ޤައުމުތަކުގައި އުޅެމުން އެ މަޖައްލާގެ މަސައްކަތް ހިންގިއެވެ. އަދި އެ މަޖައްލާއަށް މި މަޒުމޫނުތައް ތައްޔާރުކުރިއެވެ: "އިންތިޚާބީ ކެމްޕޭނުގެ އަސާސީ މައްސަލަތައް"، "އިންތިޚާބުގެ ނަތީޖާ"، "ޤައުމީ ސުވާލާ މެދު ފާޑުކިޔުންތައް"، "އަމިއްލަ ތަޤްރީރަށް ޤައުމުތަކުގެ ހައްޤު" އަދި އެހެނިހެން ލިޔުންތަކެވެ.

1914 ވަނަ އަހަރުގެ ޖޫން މަހުގައި ފުރަތަމަ ބޮޑު ހަނގުރާމަ ކައިރިވަނިކޮށް، ތްސާރުގެ ސަރުކާރު މި މަޖައްލާ މަނާކުރިއެވެ. ޝާއިޢުކުރުން އަލުން ފެއްޓީ 1917 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް ނެރެވުނީ ހަމައެކަނި އެންމެ އިސްދާރެކެވެ. މި އިސްދާރުގައި ލެނިންގެ ދެ މަޒުމޫނެއް ހިމެނުނެވެ: "ބޮލްޝެވިކުންނަށް ދައުލަތީ ބާރު ދެމެހެއްޓޭނެ ހެއްޔެވެ؟" އާއެކު، "ޕާޓީގެ ޕުރޮގުރާމަށް ނަޒަރުހިންގުން" އެވެ.

********************

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް