އެއްބައިވަންތަކަން

Единство - Unity

ވްލަޑިމިރް ލެނިން

Владимир Ленин - Vladimir Lenin

ފުރަތަމަ ޝާއިޢުކުރުން: 1914
ދިވެހި ތަރުޖަމާ: 2023
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)

********************

"ފެކްޝަންކަށް ތަބާ ނުވާ" ކަމަށް ދައުވާކުރާ "ބޮރްބާ" ޖާނަލްގެ ތިން އަދަދެއް މިހާރުވެސް ސޓ. ޕީޓާސްބާގްގަ ފާޅުވެފައި ވެއެވެ. ޖާނަލްގެ މައިގަނޑު ރޮނގަކީ އެއްބައިވަންތަކަމަށް ތާޢީދުކުރުމެވެ.

ކާކާއެކު ވާ އެއްބައިވަންތަކަމެއް؟ ލިކިޑާޓަރުންނާ އެކުގައެވެ. [1]

ބޮރްބާ ގެ އެންމެ ފަހުގެ ނަންބަރުގައި ލިކިޑާޓަރުންނާއެކު އެއްބައިވަންތަކަން ދެމެހެއްޓުމުގެ ދިފާޢުގަ ދެ މަޒުމޫނެއް ހިމަނާފައިވެއެވެ.

ފުރަތަމަ މަޒުމޫނު ލިޔުނީ މައްޝޫރު ލިކިޑާޓަރެއް ކަމަށްވާ ޔު. ލަރިންއެވެ. އެއީ އެއް ލިކިޑާޓަރީ ޖާނަލެއްގައި މިގޮތަށް ލިޔުނު ލަރިން އެވެ:

"ރައުސުލްމާލީ ތަރައްޤީގެ މަގު، މުޠްލަޤުކަމުގެ ދެމިއޮތުމުގެ ކިބައިން ސާފުވާނީ އެއްވެސް އިންޤިލާބެއް ނުލައެވެ... އެންމެ ފުރަތަމަ މަސައްކަތަކީ ... ކުރިއަށް އޮތް ވަގުތުގައި މަސައްކަތު ފަންތި އިންތިޒާމުވާންޖެހޭނީ "އިންޤިލާބަށް" ނުވަތަ "އިންޤިލާބުގެ އިންތިޒާރަށް" ނޫންކަމުގެ ޚިޔާލު ފުޅާކޮށް އެކި ބައިތަކުގައި އަށަގަންނެވުމެވެ..."

ބޮރްބާ ގައި މިހެން ލިޔަމުން، މި ލިކިޑާޓަރު މިހާރު އެއްބައިވަންތަކަމަށް އެދެއެވެ. އަދި އެކަން ފެޑެރަލް އިއްތިޙާދެއްގެ ސިފަ ނަގަންޖެހޭ ކަމަށް ހުށައަޅައެވެ.

"ފެޑެރަލް އިއްތިޙާދް"، މި ލަފްޒުން ދޭހަކުރެވެނީ ހަމަހަމަ ހައްޤުތައް ލިބިފައިވާ ޖަމިއްޔާތަކުގެ ދެމެދުގައިވާ އެއްބަސްވުމެވެ. އެހެންކަމުން، މަސައްކްތު ފަންތީގެ ޓެކްޓިކުތައް ކަނޑައެޅުމުގެ މައްސަލައިގެ ސުވާލުގައި، ލަރިން މިކަން ހުށައަޅައެވެ. "ކަނޑާނުލާ ޝިއާރުތަކަށް" ތާޢީދުކުރާ މަސައްކަތްތެރިންގެ އަޣުލަބިއްޔަތުގެ އިޚްތިޔާރާއި، މަތީގައި ނަކަލުކުރި ލިޔުމާ އެއްގޮތަށް ވިސްނުން ގެންގުޅޭ މަދު އަދަދެއްގެ ލިކިޑާޓަރުންގެ ބައިގަނޑުތަކުގެ އިޚްތިޔާރު އެއްހަމަކުރުމެވެ. އެ ލިކިޑާޓަރު ލަރިންގެ ނާޒުކު ރޭވުމުގައި، ސެވެރްނަޔާ ރަބޯޗަޔާ ގަޒެޓާގެ [2] ލިކިޑާޓަރުންގެ އެއްބަސްވުން ލިބިގަންނަންދެން މަސައްކަތްތެރިންގެ އަޣުލަބިއްޔަތަށް އެއްވެސް ފިޔަވަޅެއް ނެގުމުގެ ހައްޤުން މަޙްރޫމްވެ ހުންނަން ޖެހެއެވެ.

މަސައްކަތްތެރިން ލިކިޑާޓަރުންނަށް އިންކާރުކޮށްފައި ވެއެވެ. ނަމަވެސް މިހާރު، އެ ލިކިޑާޓަރު ލަރިންގެ ރޭވުމުގެ ދަށުން، ފެޑެރަލް އިއްތިޙާދުގެ ޒަރިއްޔާއިން ލިކިޑާޓަރުން އަނެއް ފަހަރަށް މަތީ މަޤާމެއް ހޯދަން ޖެހެއެވެ. މިހެންވުމުން، ލަރިން ހުށައަޅާ ފެޑެރަލް އިއްތިޙާދަކީ ހަމަ، މަސައްކަތު ފަންތީގެ ޙަރަކާތް އިންކާރުކުރި ލިކިޑާޓަރުންގެ އިޚްތިޔާރު މަސައްކަތްތެރިންގެ މައްޗަށް ތަންފީޛުކުރަން ކުރާ އާ މަސައްކަތެކެވެ. ލިކިޑާޓަރުންގެ ވިސްނުމަކީ މިހެނެވެ: އަހަރުމެން ދޮރުން ވަންނާކަށް ހުއްދަ ނުދިނެވެ. އެހެންވީމާ ވަންނާނީ ކުޑަދޮރުންނެވެ. އަދި މަސައްކަތްތެރިންގެ އަޣުލަބިއްޔަތުގެ އިޚްތިޔާރަށް އަރައިގަތުމެއް ކަމަށްވާ "ފެޑެރަލް އިއްތިޙާދުން އެއްބައިވަންތަކަން" ތާޢީދުކޮށް އެކަމަށް ގޮވާނީއެވެ.

ބޮރްބާ ގެ އެޑިޓަރުން ލަރިން އާ ދެބަސްވެއެވެ. ފެޑެރަލް އިއްތިޙާދު، ނުވަތަ ލިކިޑާޓާރުންނާ މާކްސީން ދެމެދު ހަމަހަމަ ފަރާތްތަކުގެ ގޮތުގައި ވިދިވިދިގެން ކުރާ އެއްބަސްވުމުން އެމީހުން ހިތްހަމަނުޖެހެއެވެ.

އެމީހުން ބޭނުންވަނީ ލިކިޑާޓަރުންނާއެކު އެއްބަސްވުމެއް ނޫނެވެ. އޭގެ ބަދަލުގައި "ޓެކްޓިކުތަކާ ބެހޭ އާންމު ނިންމުންތަކުގެ ބިންގަލަށް" ލިކިޑާޓަރުންނާއެކު އާ ޖަމަޢަވުމެކެވެ. އޭގެ މާނައަކީ، ޕުޓް ޕްރަވްޑީ [3] ގެ ޓެކްޓިކު ރޮނގަށް އެއްވެފައިވާ މަސައްކަތްތެރިންގެ ބޮޑު އަޣުލަބިއްޔަތު، ލިކިޑާޓަރުންނާއެކު އާންމު ޓެކްޓކު ގެންގުޅުމުގެ ނަމުގައި އެމީހުންގެ އަމިއްލަ ނިންމުންތައް ދޫކޮށްލަން ޖެހޭކަމެވެ.

ބޮރްބާ ގެ އެޑިޓަރުންގެ ރައުޔުގައި، ފަންތިއަށް-ހޭވެރި މަސައްކަތްތެރިން އުފެއްދި، ފާއިތުވި އަހަރުތަކުގެ ތެރޭގައި މުޅި ޙަރަކާތުގެ ތަޖުރިބާތަކުގެ އިމްތިޙާނުގައި ދެމިހުންނެވި ޓެކްޓިކްތައް އެއްފަރާތަށް ޖައްސަން ޖެހެއެވެ. ކީއްވެ؟ ލިކިޑާޓަރުންގެ ޓެކްޓިކުގެ ރޭވުންތަކަށް ޖާގަ ދިނުމަށެވެ. އެއީ، މަސައްކަތްތެރިންގެ ފަރާތުންނާއި، ކަންތަކުގެ ހިނގުމުންވެސް ކުށްވެރިކޮށްފައިވާ ޚިޔާލުތަކަށެވެ.

ފަންތިއަށް-ހޭވެރި މަސައްކަތްތެރިންގެ ފެނުންތަކާއި، ނިންމުންތަކާއި، އިޚްތިޔާރަށް މުޅިން ފުރައްސާރަކުރުމަކީ، ބޮރްބާ ގެ އެޑިޓަރުން ހުށައަޅާ ލިކިޑާޓަރުންނާއެކު އެއްބައިވަންތަވުމުގެ ޚިޔާލުގެ އަޑީގައިވާ ކަންކަމެވެ.

މަސައްކަތްތެރިންގެ އިޚްތިޔާރު ސާފުކޮށް ސީދާކޮށް ސިފަކުރައްވާފައި ވެއެވެ. މަސައްކަތްތެރިންގެ އަޣުލަބިއްޔަތު އެއްބަސްވަނީ ކޮން ޓެކްޓިކުތަކާކަން އަމިއްލަ ޙިއްސުތައް ދޫނުކޮށްލާ ކޮންމެ މީހަކަށް ހަމަ ސީދާ ބުނެވޭނެއެވެ. ނަމަވެސް އެ ލިކިޑާޓަރު ލަރިން އައިސް ބުނަނީ: މަސައްކަތްތެރިންގެ އަޣުލަބިއްޔަތުގެ އިޚްތިޔާރަކީ މަށަށް އެއްވެސް ކަމެއް ނޫނެވެ. އެ އަޣުލަބިއްޔަތު މި މަގު ދޫކޮށްފަ، ލިކިޑާޓަރުންގެ ބަޔެއްގެ އިޚްތިޔާރަކީ ފަންތިއަށް-ހޭވެރި މަސައްކަތްތެރިންގެ އަޣުލަބިއްޔަތުގެ އިޚްތިޔާރާ އެއްވަރު ކަމެއްކަން އެއްބަސްވާންވީއެވެ.

އެ ލިކިޑާޓަރުގެ ފަހުން ބޮރްބާ އިން ސުލްޙަވެރިއެއް އައިސް ބުނަނީ: މަސައްކަތްތެރިން އަމިއްލެއަށް ކަނޑައަޅާފައިވާ ޓެކްޓިކުތަކެއް އުފައްދާފައި އެކަން ތަންފީޛުކުރަން އުޅެނީ ހެއްޔެވެ؟ އެއީ އެއްވެސް ކަމެއް ނޫނެވެ. ލިކިޑާޓަރުންނާއެކު އާންމު ޓެކްޓިކުގެ ނިންމުންތަކުގެ ނަމުގައި މި ތަޖުރިބާވެފައިވާ ޓެކްޓިކުތައް އަހަރުމެން ދޫކޮށްލަން ހިނގާށެވެ.

ބޮރްބާ ގެ ސުލްޙަވެރިން ބަޔާންކުރާ ގޮތުގައި، މަސައްކަތްތެރިންގެ އަޣުލަބިއްޔަތުގެ އިޚްތިޔާރަށް އަރައިގަނެ، ލިކިޑާޓަރުންނަށް ހަމަހަމަކަން ލިބިގަތުމަށް ހަދާފައިވާ މި އަރައިގަތުމަކީ، އެއްބައިވަންތަކަމެވެ.

ނަމަވެސް، މިއީ އެއްބައިވަންތަކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއްބައިވަންތަކަން ނިގުޅައިގަތުމެކެވެ. މަސައްކަތްތެރިންގެ އިޚްތިޔާރު ނިގުޅައިގަތުމެވެ.

މިއީ މާކްސީ މަސައްކަތްތެރިން އެއްބައިވަންތަކަން މާނަކުރާ ގޮތެއް ނޫނެވެ.

ފެޑެރަލް ވިއަސް ނުވަތަ ނުވިއަސް، ލިބަރަލް-ޢުއްމާލީ ސިޔާސީވެރިންނާއި، މަސައްކަތު ފަންތީގެ ޙަރަކާތް ބުރޫއަރުވާ ފަރާތްތަކާއި، އަޣުލަބިއްޔަތުގެ އިޚްތިޔާރަށް އިންކާރުކުރާ ފަރާތްތަކާއެކު އެއްވެސް އެއްބައިވަންތަކަމެއް ނުގެންގުޅެވޭނެއެވެ. ހުރިހާ ސާބިތު މާކްސީންގެ ދެމެދުގައި، މުޅި މާކްސީ ހަށިގަނޑަށް ތާޢީދުކޮށް ކަނޑާނުލާ ޝިއާރުތަކަށް ތެދުވެ ތާޢީދުކުރާ ފަރާތްތަކުގެ ދެމެދުގައި އެއްބައިވަންތަކަން އޮވެ އޮންނަން ޖެހޭނެއެވެ. އެއީ ލިކިޑާޓަރުންގެ ކިބައިން މިނިވަން ގޮތަކަށް އެމީހުންނާ އެކަހެރިކޮށެވެ.

އެއްބައިވަންތަކަމަކީ ރަނގަޅު ކަމެކެވެ. އަދި ރަނގަޅު ޝިއާރެކެވެ. ނަމަވެސް މަސައްކަތްތެރިންގެ ޢަޒުމަށް ބޭނުންވަނީ މާކްސީންގެ އެއްބައިވަންތަކަމެވެ. އެއީ މާކްސިޒަމް އޮޅުވާލާ މީހުންނާއި، މާކްސިޒަމްގެ ދެކޮޅުވެރިންނާއި އެކު، މާކްސީންގެ ދެމެދުގައިވާ އެއްބައިވަންތަކަމެއް ނޫނެވެ.

އަދި އެއްބައިވަންތަކަމާ ބެހޭ ގޮތުން ވާހަކަ ދައްކާ ހުރިހާ އެންމެންނަށް އަހަރުމެން އަހާލަން ޖެހެއެވެ: ކާކާއެކު ވާ އެއްބައިވަންތަކަމެއް؟ ލިކިޑާޓަރުންގެ އެކީގައި؟ އެހެންވާނަމަ، އަހަރުމެންގެ ދެމެދުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ނަމަވެސް އެއީ ހަޤީޤީ މާކްސީ އެއްބައިވަންތަކަމުގެ ސުވާލެއް ނަމަ އަހަރުމެން މިގޮތަށް ބުނާނަމެވެ: ޕްރަވްޑިސްޓު [4] ނޫސްކަރުދާސްތަގެ ފުރަތަމަ ނެރުމުން ފެށިގެން ހުރިހާ މާކްސީ ބާރުތަކުގެ އެއްބައިވުމަށް އަހަރުމެން ގޮވަމުން ގެންދިއައެވެ. ތިރިން އަރާ އެއްބައިވަންތަކަމަށެވެ. އަމަލުވެރި މަސައްކަތުގައި އެއްބައިވަންތަކަމަށެވެ.

ލިކިޓާރުންނާ ގައިގޯޅިވެ ނުއުޅޭށެވެ. ޖަމާޢީ ހަށިގަނޑު ފުނޑުކުރާ ފަރާތްތަކާ އެއްވެސް ޑިޕްލޮމެޓިކް މަޝްވަރާތަކެއް ނުބައްވާށެވެ؛ ހުރިހާ ހިތްވަރެއް އެކުލަވަންވީ މާކްސީ މަސައްކަތްތެރިން މާކްސީ ޝިއާރުތަކުގެ މެދުގައި އެއްކުރުމަށެވެ. ފަންތިއަށް-ހޭވެރި މަސައްކަތްތެރިން އެމީހުންގެ މައްޗަށް ލިކިޑާޓަރުންގެ އިޚްތިޔާރު ތަންފީޛުކުރަން އުޅޭ އެއްވެސް އުޅުމަކީ ޖަރީމާއެއްގެ ގޮތުގައި ބަލައިގަންނާނެއެވެ؛ އަދި ހަޤީޤީ މާކްސީންގެ ބާރުތައް ވަކިކުރުމަކީވެސް ޖަރީމާއެއްގެ ގޮތުގައި ބަލައިގަންނާނެއެވެ.

އެއްބައިވަންތަކަމުގެ އަސާސަކީ ފަންތީގެ އަޚްލާޤާއި، އަޣުލަބިއްޔަތުގެ އިޚްތިޔާރު ބަލައިގަތުމާއި، އެ އަޣުލަބިއްޔަތުގެ ޞަފުތަކުގައި އެކީގައި ހީވާގި ޙަރަކާތްތައް ހިންގުމެވެ. މި އެއްބައިވަންތަކަމަށާއި، މި އަޚްލާޤަށާއި، މި ހީވާގި ޙަރަކާތްތަކަށް ހުރިހާ މަސައްކަތްތެރިން ގޮވާލުމުގައި އަހަރުމެން ދުވަހަކުވެސް ވަރުބަލިއެއް ނުވާނެއެވެ.

********************

[1] Ликвидатор - Liquidator

[2] Северная Рабочая Газета - އުތުރުގެ މަސައްކަތްތެރިންގެ ގެޒެޓު

[3] Путл Правды - "ޙައްޤުގެ މަގު" ގެޒެޓު

[4] Правдист - ޙައްޤަށް ތާޢީދުކުރާ

********************

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް