ލިބަރަލިޒަމާ ހަނގުރާމަކުރޭ

反对自由主义 - Combat Liberalism

މައޮ ޛެދޮންގް

毛泽东 - Mao Zedong

ފުރަތަމަ ލިޔުން: 1937
ދިވެހި ތަރުޖަމާ: 2022
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)

********************

އަހަރުމެން ހީވާގި އިޑިއޮލެޖީގެ ނިޟާލަށް ތާޢީދުކުރާ ސަބަބަކީ، އެއީ އިންޤިލާބީ ޖަމިއްޔާތަކާ ޕާޓީގެ ތެރޭގައި އަހަރުމެންގެ ހަނގުރާމައިގެ މަސްލަޙަތުގައި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ހަތިޔާރު ކަމުގައި ވާތީއެވެ. ކޮންމެ ޝުޔޫޢީއަކާ އިންޤިލާބީއެއް މި ހަތިޔާރު ނަގައިގަންނަން ޖެހެއެވެ.

ނަމަވެސް، ލިބަރަލިޒަމުން އިޑިއޮލެޖީގެ ނިޟާލަށް އިންކާރުކޮށް އުޞޫލުނެތް ޞުލްޙައަށް ތާޢީދުކުރެއެވެ. އެހެންކަމުން، ފާޙިޝް ފިލިސްތީ ވިސްނުމެއް އުފަންކޮށް، އިންޤިލާބީ ޖަމިއްޔާތަކާ ޕާޓީގެ ތެރެއިން އެކިއެކި ފަރާތްތަކާ ބައިތަކަށް ސިޔާސީ ޖާހިލުކަން އެތެރެކުރެއެވެ.

ލިބަރަލިޒަމް އަމިއްލެއަށް ފާޅުވަނީ އެކި ގޮތްގޮތަށެވެ.

މީހެއް ސާފުކޮށް އޮޅުމުގެ ތެރެއަށް ދިއަސް ޞުލްޙައާ ރަހުމެތްތެރި ކަމަށްޓަކައި މައްސަލަތައް ދޫކޮއްލުމެވެ. އަދި އޭނާއަކީ ގިނަ ދުވަހަށް ދަންނަ މީހެއް، ނުވަތަ އުފަން ރަށުގެ މީހެއް، ނުވަތަ ސުކޫލުގެ އެކުވެރިއެއް، ނުވަތަ ގާތް އެކުވެރިއެއް، ނުވަތަ ލޯބިވާ މީހެއް، ނުވަތަ ކުރީގެ އެކުވެރިއެއް، ނުވަތަ ދަށުގައި މަސައްކަތް ކުރި މީހަކަށް ވުމުގެ ސަބަބުން، އުޞޫލުގެ ޙުއްޖަތުން ދުރުހެލިވުމެވެ. ނުވަތަ މައްސަލައަށް ފުންކޮށް ބަލާލުމުގެ ބަދަލުގައި، ރަނގަޅު ގުޅުންތައް ދެމެހެއްޓުމަށްޓަކައި، އެކަންތަކަށް ލުއިކޮށް މަތިމަތިން ބަލާލުމެވެ. ނަތީޖާއަކީ އެފަރާތަށާއެކު ޖަމިއްޔާއަށްވެސް ގެއްލުންވުމެވެ. މިއީ ލިބަރަލިޒަމުގެ އެއް ބާވަތެކެވެ.

ހީވާގިކޮށް އަމިއްލަ ހުށައެޅުންތައް ޖަމިއްޔާއަށް ފޮނުވުމުގެ ބަދަލުގައި، ޒިންމާދާރު ނޫން ގޮތަށް ސިއްރުން ފާޑުކިއުމުގައި އަވަދިނެތުމެވެ. މީހުންގެ މޫނު ކުރިމަތީ ވާހަކަދެއްކުމުގެ ބަދަލުގައި ރަނބަތެޅުމެވެ. ނުވަތަ ބައްދަލުވުމެއްގައި އެއްވެސް އެއްޗެއް ނުބުނެ ފަހުން ރަނބަތެޅުމެވެ. ޖަމާޢީ ދިރިއުޅުމުގެ އުޞޫލުތަކަށް އެއްވެސް ބެލުމެއް ނެތި އަމިއްލަ ނަފްސުގެ އެދުމަށް ތަބާވުމެވެ. މިއީ ދެވަނަ ބާވަތެކެވެ.

ކަމެއް ފަރުދީ ގޮތުން އަމިއްލަ ފަރާތަށް އަސަރު ނުކުރާ ނަމަ އެކަންތައް އޮޔާ ދޫކޮށްލުމެވެ؛ ނުބައިވާ ކަމެއް އެނގުނު ނަމަވެސް ވީހާވެސް މަދުން ބަސްބުނުމެވެ. ދުނިޔެ އެނގޭކަމަށް ހެދި ރައްކާވާން އުޅެ، ހަމައެކަނި ކުށްވެރިވުމުގެ ޙާލަތުން ދުރުހެލިވާން އުޅުމެވެ. މިއީ ތިންވަނަ ބާވަތެކެވެ.

ޢަމުރުތަކަށް ބޯނުލަނބާ، އަމިއްލަ ނަޒަރުތަކަށް ބޮޑާވެ އެއަށް ޚާއްޞަ ލަޤަބު ދިނުމެވެ. އޭނާގެ ފަރާތަށް ޖަމިއްޔާއިން ޚާއްޞަ ބަލައިގަތުމެއް ދެއްވަން އެދުނު ނަމަވެސް، ޖަމިއްޔާގެ އަޚްލާޤަށް ދެކޮޅުވުމެވެ. މިއީ ހަތަރުވަނަ ބާވަތެކެވެ.

ފަރުދީ ހަމަލާތައް ދިއްކުރުމުގައި އަވަދިނެތުމާއި، ޒުވާބުތައް ފެށުމާއި، އަމިއްލަ ނަފްރަތް ދެއްކުން ނުވަތަ ބަދަލުހިފަން އުޅުމެވެ. މިއީ އެއްބައިވަންތަކަމަށް ނުވަތަ ކުރިއެރުމަށްޓަކައި، ނުވަތަ މަސައްކަތް ރަނގަޅަށް ނިންމުމުގެ ގޮތުން ގޯސް ވިސްނުންތަކާ ދެކޮޅަށް ކުރިމަތިލުމަށްޓަކައި ބަޙުސް ކުރުމުގެ ބަދަލުގައެވެ. މިއީ ފަސްވަނަ ބާވަތެކެވެ.

ގޯސް ރައުޔުތައް އަޑުއެހުނު ނަމަވެސް، އެކަންތަކަށް ރަނގަޅަށް ރައްދުނުކުރުމެވެ. އަދި އިންޤިލާބާ-އިދިކޮޅު ބުނުންތައް އަޑުއެހުނު ނަމަވެސް، އެކަންތައް ކަމާބެހޭ ފަރާތްތަކަށް ޚިއްސާ ނުކުރުމެވެ. އޭގެ ބަދަލުގައި އެއްވެސް ކަމެއް ނުވިހެން ހަމަޖެހިގެން ކުރިއަށް ދިއުމެވެ. މިއީ ހަވަނަ ބާވަތެކެވެ.

މީސްމީހުންގެ ތެރޭގައި އުޅުނަސް ޕުރޮޕަގަންޑާގެ ކަންތަކާ ޙަރަކާތްތެރިކުރުމުގެ ކަންތައް ނުހިންގުން، ނުވަތަ ބައްދަލުވުންތަކުގައި ވާހަކަ ނުދެއްކުމާއެކު އެމީހުންގެ ތެރޭގައި ދިރާސާތަކާ ތަޙްޤީޤުތައް ނުހިންގެވުމެވެ. އޭގެ ބަދަލުގައި އެކަމަށް އަޅާ ނުލާ އެމީހުންގެ ހެޔޮ ދުޅަހެޔޮކަމަށް އެއްވެސް އަޅާލުމެއް ނުދެއްކުމެވެ. އަމިއްލެއަށް އޭނާއަކީ ޝުޔޫޢީއެއް ކަމަށް ހަނދާންނެތި އާންމު ޝުޔޫޢީ-ނޫން މީހެއްގެ ގޮތުގައި އުޅުމެވެ. މިއީ ހަތްވަނަ ބާވަތެކެވެ.

މީސްމީހުންގެ އެދުންތަކަށް ގެއްލުންދޭ ފަރާތެއް ފެނުނު ނަމަވެސް އެކަމާ ކަންބޮޑު ނުވެ، އެ ފަރާތް އެކަމުން ދުރުކުރަން، ނުވަތަ ހުއްޓުވަން، ނުވަތަ ވިސްނައިދޭން މަސައްކަތް ކުރުމުގެ ބަދަލުގައި، އެ ފަރާތް ކުރިއަށް ދާން ދޫކޮށްލުމެވެ. މިއީ އަށްވަނަ ބާވަތެކެވެ.

ވަކި ކަނޑައެޅިފައި އޮތް ރޭވުމެއް ނުވަތަ އަމާޒެއް ނުލާ ބައިހިތުން މަސައްކަތް ކުރުމެވެ؛ ކަމަކަށް ކަމެއް ކުރާހެން މަސައްކަތް ކޮށް ލަސަލަހުން ދިއުމެވެ - "މީހެއް ރާޙިބެއްގެ ގޮތުގައި ދެމިހުންނަ ހިނދު، އޭނާ ރަނގަބީލު ޖަހަމުން ގެންދާނެއެވެ." މިއީ ނުވަވަނަ ބާވަތެކެވެ.

އަމިއްލަފުޅަށް އިންޤިލާބަށް މަތިވެރި ޚިދުމަތްތަކެއް ދެއްވާފައިވާކަން ހީކުރުމާއި، އަމިއްލަފުޅަށް ބަޠަލެއް ގޮތުގައި ބަލާފަ ބޮޑާވުމެވެ. ބޮޑެތި މަސައްކަތަކަށް ހަވާލުވާން އެކަށީގެން ނުވި ނަމަވެސް، ހަވާލުވާ ކުދި މަސައްކަތްތަކަށް ނަފްރަތް ކުރުމެވެ. މަސައްކަތުގައި ފަރުވާކުޑަވުމާ ދަސްކުރުމުގައި ކަންނެތްވުމެވެ. މިއީ ދިހަވަނަ ބާވަތެކެވެ.

އަމިއްލަ ގޯސްތައް އެނގުނު ނަމަވެސް އެކަންތައް ހައްލުކުރުމަށް އެއްވެސް ކަމެއް ނުކުރުމެވެ. މިއީ އެގާރަވަނަ ބާވަތެކެވެ.

އިތުރަށް ބުނެވިދާނެއެވެ. ނަމަވެސް މި އެގާރައަކީ މައިގަނޑު ބާވަތްތަކެވެ.

މި ހުރިހާ ކަމަކީ ލިބަރަލިޒަމުގެ ފާޅުވުންތަކެވެ.

އިންޤިލާބީ ޖަމަޢަވުމެއްގައި ލިބަރަލިޒަމުން ވަރަށް ބޮޑު ނުރައްކާތައް ކުރިމަތިކުރެއެވެ. އެއީ އެއްބައިވަންތަކަން ނެތިކޮށްލާ، ގުޅުންތައް ހީނަރުކޮށް، އަޅާނުލުމަށް މަގުފަހިކޮށް، ދެކޮޅުވުން އުފައްދާ ގިރާ އެއްޗެކެވެ. އިންޤިލާބީ ޞަފުތަކުގެ ކިބައިން ހަރުދަނާ އިންތިޒާމުގެ އެކީގައި ހަރުކަށި އަޚްލާޤު ވަގަށް ނަގައެވެ. ސިޔާސަތްތައް ތަންފީޛުކުރުމަށް ހުރަސްއަޅާފަ، ޕާޓީއިން ހިންގަވައިދޭ މީސްމީހުންގެ ކިބައިން ޕާޓީ ބީރައްޓެހި ކުރެއެވެ.

ލިބަރަލިޒަމް ހެދެނީ ކުދި-ބުރްޖުވާޒީ އަމިއްލައެދުން ބޮޑުކަމުންނެވެ. އަމިއްލަ އެދުންތައް ފުރަގަހަށް ގެނެސް އިންޤިލާބުގެ އެދުންތައް ފަހަށް ޖައްސައެވެ. އަދި މިކަމުން އަންނަނީ އިޑިއޮލެޖީގެ، ސިޔާސީކަމުގެ، އަދި އިންތިޒާމީކަމުގެ ލިބަރަލިޒަމެވެ.

ލިބަރަލުންނަށް ވާ މީހުން މާކްސިޒަމުގެ އުޞޫލުތަކަށް ބަލައިގަންނަނީ ތަޖްރީދީ ދުޣްމާއެއްގެ ގޮތުގައެވެ. އެފަރާތްތައް މާކްސިޒަމަށް އެއްބަސްވެއެވެ. ނަމަވެސް އެކަމަށް އަމަލުވެރިވާން ނުވަތަ ފުރިހަމަކޮށް އަމަލުވެރިވުމަށް ތައްޔާރު ނުވެއެވެ؛ އެފަރާތްތަކުގެ އަމިއްލަ ލިބަރަލިޒަމުގެ ތަނަށް މާކްސިޒަމް ލައްވަން ތައްޔާރު ނުވެއެވެ. މި މީހުންގެ މާކްސިޒަމް އޮތް ނަމަވެސް، އެމީހުންގެ ލިބަރަލިޒަމް ވެސް އޮވެއެވެ - މާކްސިޒަމުގެ ވާހަކަ ދައްކާފަ ލިބަރަލިޒަމަށް އަމަލުވެރިވެއެވެ؛ އެހެން ފަރާތްތަކަށް މާކްސިޒަމުގެ ނަޒަރުން ބަލާފަ، އަމިއްލަ ފަރާތަށް ބަލަނީ ލިބަރަލިޒަމުގެ ނަޒަރުންނެވެ. ދެބާވަތުގެ މުދާ ބަހައްޓާފަ އެ ދެ ބާވަތަށްވެސް ބޭނުމެއް ހޯދައެވެ. މިއީ ބައެއް މީހުންގެ ވިސްނުން ހިނގާ ގޮތެވެ.

ލިބަރަލިޒަމް އަކީ އިންތިހާޒިއްޔަތުގެ ފާޅުވުމެކެވެ. އަދި އަސާސީ ގޮތުން މާކްސިޒަމާ ޚިލާފްވެއެވެ. އެއީ ނައްސި ކަމެކަށް ވުމާއެކު، މައުޟޫޢީ ގޮތަށް އަދުއްވުންނަށް އެހީ ދިނުމުގެ އަސަރު އޮވެއެވެ؛ އެއީ އެކަން އަހަރުމެންގެ މެދުގައި ދެމެހެއްޓުމަށް އަދުއްވުން މަރުހަބާދޭ ސަބަބެވެ. އޭގެ ޒާތު އެހެންކަމުގައި ވުމުން، އިންޤިލާބުގެ ޞަފުތަކުގައި އެކަމަށް އެއްވެސް ޖާގައެއް ދީގެން ނުވާނެއެވެ.

ނައްސިކަމުގައިވާ ލިބަރަލިޒަމުން އަރައިގަތުމަށް، އަހަރުމެން އިޖާބީ ރޫޙެއް އޮތް މާކްސިޒަމް ބޭނުންކުރަންވާނެއެވެ. ޝުޔޫޢީއެއް، ވިސްނުމުގެ ފުޅާކަމެއް ގެންގުޅުމާއެކު، އޭނާ ހަރުދަނާވެ ޙަރަކާތްތެރިވާން ޖެހޭނެއެވެ. އިންޤިލާބުގެ އެދުންތަކަކީ އޭނާގެ އަމިއްލަ ފުރާނަކަމުގައި ބަލައިގަނެ އޭނާގެ އަމިއްލަ އެދުންތައް އިންޤިލާބުގެ އެދުންތަކަށްވުރެ ދަރަޖަ ތިރިކުރަން ޖެހޭނެއެވެ؛ ޕާޓީގެ ޖަމާޢީ ދިރިއުޅުން ހަރުދަނާކޮށް މީސްމީހުންނާ ޕާޓީގެ ދެމެދުގައި އޮތް ގުޅުންތައް ބަދަހިކުރުމުގެ ގޮތުން، އަބަދުވެސް ހުރިހާ ހިސާބެއްގައި އުޞޫލުތައް ހިފަހައްޓާ ހުރިހާ ނުބައި ޚިޔާލުތަކާ އަމަލުތަކުގެ ދެކޮޅަށް ބުރަ ނުޟާލެއް ހިންގަން ޖެހޭނެއެވެ؛ ވަކި މީހެއްގެ ކަންތަކަކަށް ވުރެ، މީސްމީހުންނާ ޕާޓީގެ ކަންތަކަށް ބޮޑަށް ސަމާލުވާން ޖެހުމާއެކު، އަމިއްލަ ނަފްސަށް ވުރެ އެހެން ފަރާތްތަކަށް އަޅާލަންވާނެއެވެ. އޭނާ ޝުޔޫޢީއެއް ކަމުގައި ބަލައިގަނެވޭނީ ހަމައެކަނި އެގޮތުންނެވެ.

ހުރިހާ ވަފާތެރި ޙަރަކާތްތެރި ހީވާގި ޝުޔޫޢީން، އަހަރުމެންގެ ތެރޭގައިވާ ބައެއް މީހުން ފާޅުކުރާ ލިބަރަލް ކަންކަމުގެ ދެކޮޅަށް މަސައްކަތްކޮށް އެމީހުންނަށް ރަނގަޅު މަގު ދައްކަން އެއްބައިވާން ޖެހޭނެއެވެ. މިއީ އަހަރުމުންގެ އިޑިއޮލެޖީކަމުގެ ކުރީޞަފުގައި އޮތް އެއް މަސައްކަތެކެވެ.

********************

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް