ޞައްޙަ ޚިޔާލުތައް އަންނަނީ ކޮންތާކުން ހެއްޔެވެ؟

人的正确思想是从哪里来的? - ?Where Do Correct Ideas Come From

މައޮ ޛެދޮންގް

毛泽东 - Mao Zedong

ފުރަތަމަ ލިޔުން: 1963
ދިވެހި ތަރުޖަމާ: 2022
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)

********************

ޞައްޙަ ޚިޔާލުތައް އަންނަނީ ކޮންތާކުން ހެއްޔެވެ؟ އެތަކެތި އުޑުތަކުން ވެއްޓޭ ހެއްޔެވެ؟ ނޫނެވެ. އެތަކެއްޗަކީ ވިސްނުމުގެ ޒާތުގައިވާ ކަމެއް ހެއްޔެވެ؟ ނޫނެވެ. އެތަކެތި އަންނަނީ އިޖްތިމާޢީ އަމަލުވެރިކަމުންނެވެ. އަދި ހަމައެކަނި އޭތިންނެވެ؛ އެތަކެތި އަންނަނީ ތިން ބާވަތެއްގެ އިޖްތިމާޢީ އަމަލުވެރިކަމަކުންނެވެ. އުފެއްދުންތެރިކަމަށް ކުރާ ނިޟާލާއި، ފަންތީގެ ނިޟާލާއި، ސައިންސުވެރި ތަޖުރިބާތަކުންނެވެ.

އިންސާނާގެ ވިސްނުން ކަނޑައަޅަނީ އޭނާގެ އިޖްތިމާޢީ ވުޖޫދެވެ. ކުރިއަރާފައިވާ ފަންތީގެ ޝަޚްޞިއްޔަތުގައިވާ ޞައްޙަ ޚިޔާލުތައް ޖަމާޙިރުތަކަށް ފަހުމުވުމުން، މި ޚިޔާލުތައް ވެގެން ދަނީ މުޖުތަމަޢު ބަދަލުކޮށް ދުނިޔެ ބަދަލުކުރާ މާއްދީ ބާރަކަށެވެ. އިންސާނުންގެ އިޖްތިމާޢީ އަމަލުވެރިކަމުގައި، އެމީހުން އެކިއެކި ބާވަތުގެ ނިޟާލުތަކުގައި ބައިވެރިވެގެން މުއްސަނދި ތަޖުރިބާތައް، އެމީހުންގެ ކާމިޔާބުތަކުންނާ ނާކާމިޔާބުތަކުންވެސް ލިބެއެވެ.

މައުޟޫޢީ ބޭރު ދުނިޔޭގެ ގުނަނުކުރެވޭ އަދަދެއްގެ ޙާދިޘާތަކުގެ މަންޒަރުތައް އިންސާނާގެ ސިކުނޑީގެ ތަރެއިން ފެންނަނީ އޭނާގެ ފަސް ޙިއްސީ ގުނަވަންތަކުންނެވެ - ފެނުމާއި، އިވުމާއި، ރަހައާއި، ވަސާއި، އަތްލުމުގެ ގުނަވަންތަކުންނެވެ. އެންމެ ފުރަތަމަ، ޢިލްމަކީ ޙިއްސީ ކަމެކެވެ. މަފްހޫމީ ޢިލްމަށް، ނުވަތަ ޚިޔާލުތަކުގެ ދަރަޖައަށް ފުންމަނީ، ފުދޭ ވަރެއްގެ ޙިއްސީ ޢިލްމު އެކުލެވުނީމައެވެ. މިއީ ވިސްނިދިއުމުގެ އެއް މަރުޙަލާއެކެވެ. އެއީ ވިސްނިދިއުމުގެ ފުރިހަމަ މަރުޙަލާގެ ތެރެއިން ފުރަތަމަ ފިޔަވަހިއެވެ. މައުޟޫޢީ މާއްދާތަކުން ޛާތީ ހޭވެރިވުމަށާއި، ވުޖޫދުން ޚިޔާލުތަކަށް ގެންދާ ފިޔަވަހިއެވެ. އަމިއްލަ ހޭވެރިކަމުން ނުވަތަ ޚިޔާލުތަކުން (ނަޡަރިއްޔާތަކާއި، ސިޔާސަތުތަކާއި، ރޭވުންތައް ނުވަތަ މިންތައް ހިމެނޭ ގޮތަށް) މައުޟޫޢީ ބޭރު ދުނިޔޭގެ ޤާނޫނުތަކުގެ މަންޒަރު ޞައްޙަ ގޮތުގައި ދައްކައިދޭކަމަކީ، މި ފިޔަވަހީގައި އަދި ސާބިތު ނުވާ ކަމެކެވެ. މީގެ ތެރޭގައި ޞައްޙަތޯ ނުވަތަ ޞައްޙަ ނޫންތޯ ކަނޑައެޅުމަކީ އަދި ނުކުރެވޭނެ ކަމެކެވެ.

ދެން އަނާނީ ވިސްނިދިއުމުގެ މަރުޙަލާގެ ތެރެއިން ދެވަނަ ފިޔަވަހިއެވެ. ހޭވެރިކަމުން އަނބުރާ މާއްދާއަށް، ޚިޔާލުތަކުން އަނބުރާ ވުޖޫދަށް ގެންދާ ފިޔަވަހިއެވެ. މީގެ ތެރޭގައި ފުރަތަމަ ފިޔަވަހީގައި ލިބުނު ޢިލްމު އިޖްތިމާޢީ އަމަލުވެރިކަމުގައި ތަންފީޛުކުރެއެވެ. މިއީ އެ ނަޡަރިއްޔާތަކާއި، ސިޔާސަތްތަކާއި، ރޭވުންތައް ނުވަތަ މިންތަކަށް، އިންތިޒާރުކުރާ ކާމިޔާބީ ޙާޞިލް ކުރެވޭނެތޯ ބެލުމަށެވެ. މައިގަނޑު ގޮތެއްގައި، ކާމިޔާބުވާ ކަންތައް ޞައްޙަވެ، ނާކާމިޔާބުވާ ކަންތައް ޞައްޙަނުވެއެވެ. އަދި ޚާއްޞަކޮށް އިންސާނާ އާއި، ޠަބިޢްޔަތާ ދެމެދުގެ ނިޟާލުގައި މިކަމަކީ ތެދެކެވެ.

އިޖްތިމާޢީ ނިޟާލުގައި، ބައެއް ފަހަރު ކުރިއަރާފައިވާ ފަންތި ތަމްސީލުކުރާ ބާރުތަކަށް ނާކާމިޔާބުވަނީ އޭގެ ޚިޔާލުތައް ޞައްޙަ ނުވުމުން ނޫނެވެ! އޭގެ ބަދަލުގައި އެއީ ނިޟާލުގައި ބައިވެރިވާ ބާރުތަކުގެ ކިރުމުގައި، އެބާރުތައް ރަޖްޢިއްޔަތުގެ ބާރުތަކުގެ މިންވަރަށް، އެވަގުތުގައި އެހާ ބާރުވެރި ނުވުމުންނެވެ؛ އެހެންކަމުން އެފަރާތް ބަލިވީ ވަގުތީ ގޮތުންނެވެ. ނަމަވެސް އަވަހަށް ނުވަތަ ފަހުންވެސް އެފަރާތްތަކަށް ނަޞްރު ލިބޭނެއެވެ.

އިންސާނާގެ ޢިލްމު އަމަލުވެރިކަމުގެ އިމްތިޙާނުގެ ތެރެއިން އެހެން ފަހަރަކަށް ފުންމައެވެ. މި ފުންމުމަކީ ކުރީގެ ފުންމުމަށް ވުރެ މުހިންމު ކަމެކެވެ. ސަބަބަކީ، ވިސްނިދިއުމުގައި ފުރަތަމަ ފުންމުމުގެ ޞައްޙަކަން ނުވަތަ ޞައްޙަނޫންކަން ސާބިތުވާނީ ހަމައެކަނި މި ފުންމުމުން ކަމުގައި ވާތީއެވެ. އެއީ މައުޟޫޢީ ބޭރު ދުނިޔޭގެ މަންޒަރު ފެނުމުގެ ތެރޭގައި ހައްދަވާ ނަޡަރިއްޔާތަކާއި، ސިޔާސަތުތަކާއި، ރޭވުންތައް ނުވަތަ މިންތަކުގެއެވެ. ހަޤީޤަތް ދިރާސާކުރުމުގެ އެހެން އެއްވެސް ގޮތެއް ނެތެވެ.

އޭގެއިތުރުން، ޕުރޮލެޓާރީންނަށް ދުނިޔެ އުނގެނުމަށް އޮތް ހަމައެކަނި އެއްމެ މަޤްޞަދަކީ އޭތި ބަދަލުކުރުމެވެ. ގިނަފަހަރު، ޞައްޙަ ޢިލްމަށް އާދެވޭނީ ހަމައެކަނި އެކިފަހަރުމަތިން މާއްދާތައް ހޭވެރިކަމަށް ގޮސް އަނބުރާ މާއްދާއަށް އަންނަ މަރުޙަލާތައް ތަކުރާރުކުރުމުގެ ފަހުންނެވެ. އެއީ، އަމަލުވެރިކަމުން ޢިލްމަށް، ދެން އަނބުރާ އަމަލުވެރިކަމަށް ގެންދާ މަރުޙަލާތަކެވެ. ޢިލްމުގެ މާކްސީ ނަޡަރިއްޔާ، ޢިލްމުގެ ޖަދަލީ-މާއްދީ ނަޡަރިއްޔާ މިފަދައެވެ.

މި ޢިލްމުގެ ނަޡަރިއްޔާ ފަހުމުނުވާ ގިނަ ފަރާތްތައް އަހަރުމެންގެ އެކުވެރިންގެ ތެރޭގައި އުޅެއެވެ. އެފަރާތްތަކުގެ ޚިޔާލުތަކާއި، ފެނުންތަކާއި، ސިޔާސަތްތަކާއި، ގޮތްތަކާއި، ރޭވުންތަކާ ނިންމުނަތަކާއި، ބަސްމޮޅު ޚިޠާބުތަކާ ދިގު މަޒުމޫނުތަކުގެ މަޞްދަރާ މެދު ސުވާލުކުރުމުން، އެ ސުވާލުތައް އާދަޔާޚިލާފު ކަމުގައު ބަލާފަ އެފަރާތްތައް އެއަކަށް ޖަވާބެއް ނުދެވެއެވެ. އަދި މާއްދާތައް ހޭވެރިކަމަށް ބަދަލުވެ، ހޭވެރިކަން މާއްދާއަށް ބަދަލުވުން ފަދަ ފުންމުންތަކަކީ އާދައިގެ ދިރިއުޅުމުގައި ހިނގާ ޙާދިޘާތައް ކަމުގައިވިއަސް، އެފަރާތްތަކަށް އެކަން ދޭހަ ނުވެއެވެ.

މިހެންވުމުން، އަހަރުމެންގެ އެކުވެރިންނަށް ޢިލްމުގެ ޖަދަލީ-މާއްދީ ނަޡަރިއްޔާ އުނގަންނަވައިދިނުމަކީ ލާޒިމު ކަމެކެވެ. މިގޮތަށް އެފަރާތްތަކުގެ ވިސްނުން ރަނގަޅަށް ބައްޓަންކޮށް، ދިރާސާކުރުމަށާ ދަސްކުރުމަށާ ތަޖުރިބާތައް ޚުލާސާކުރުމަށް މުޅުވެ، އުނދަގޫތަކުން އަރައިގަނެ، ކުރާ ކުށްތައް މަދުވެ، މަސައްކަތް ރަނގަޅަށް ކޮށް، ބުރަކޮށް ނިޟާލުކުރެވޭނެއެވެ. އެގޮތަށް ސީނުކަރަ މަތިވެރި ބާރުގަދަ އިޝްތިރާކީ ވަޠަނަކަށް ހަދާފަ، އަހަރުމެންގެ މަތިވެރި ބައިނަލްއަޤްވާމީ ވާޖިބު ފުރިހަމަކުރުމުގެ ގޮތުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި މަޒްލޫމުވެ އިސްތިޣުލާލުވެގެން އުޅޭ ފުޅާ ޖަމާޙިރުތަކަށް އެހީ ދެވޭނެއެވެ.

********************

[މި ޞަފްޙާ ނަގައިފައި ވަނީ "އަހަރުމެންގެ މިހާރުގެ ރަށްފުށުގެ މަސައްކަތުގައި އޮތް އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން ސީނުކަރައިގެ ޝުޔޫޢީ ޕާޓީގެ މަރުކަޒީ ކޮމިޓީގެ ފުރަތަމަ ނިންމުން" ގެ ތެރެއިންނެވެ. މިއީ އެކުވެރި މައޮ ޛެދޮންގް ގެ އިރުޝާދުގެ ދަށުން އެކުލެވުނު ލިޔުމެކެވެ. މި ޞަފްޙާ ލިޔުނީ އެކުވެރި މައޮ ޛެދޮންގް އަމިއްލެއަށެވެ.]

********************

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް