އަމްރީކީ އިމްޕީރިއަލިޒަމަކީ ކަރުދާސް މިނިކާވަގެއް

美帝国主义是纸老虎 - U.S. Imperialism Is A Paper Tiger

މައޮ ޛެދޮންގް

毛泽东 - Mao Zedong

ފުރަތަމަ ލިޔުން: 1956
ދިވެހި ތަރުޖަމާ: 2022
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)

********************

އެމެރިކާ އެހެން ޤައުމުތަކާ ދެކޮޅަށް އުދުވާން ފެތުރުމަށްޓަކައި ޝުޔޫޢިއްޔަތާ-ދެކޮޅު ކަމުގެ ދިދަ ހުރިހާ ހިސާބެއްގައި ވިހުރުވަނީއެވެ.

އެމެރިކާ ހުރިހާ ހިސާބެއްގައި ދަރަނިވެރިވެއެވެ. އެމެރިކާ ދަރަނިވެރިވަނީ ހަމައެކަނި ލެޓިން އެމެރިކާ އާއި، އޭޝިއާ އާއި، އަފްރިކާގެ ޤައުމުތަކަށެށް ނޫނެވެ. ވިލާތުގެ ޤައުމުތަކާ އޯޝެނިއާގެ ޤައުމުތަކަށްވެސް އެގޮތެވެ. މުޅި ދުނިޔެ، އިނގިރޭސިވިލާތް އެކީގަވެސް، އެމެރިކާއަށް ނުރުހެއެވެ. މީސްމީހުންގެ ޖަމާޙިރު އޭއްޗަށް ނުރުހުންވެއެވެ. އެމެރިކާ ޖަޕާނަށް ޒާލިމީ ވާތީ ޖަޕާން އެމެރިކާއަށް ނުރުހެއެވެ. އިރުމަތީގެ އެއްވެސް ޤައުމެއް އެމެރިކާގެ އުދުވާންނުން މިނިވަން ނުވެއެވެ. އެމެރިކާ އަހަރުމެންގެ ތައިޥަން ސަރަޙައްދަށް އަރައިގަނެފިއެވެ. ޖަޕާން، ކޮރެއާ، ފިލިޕީންސް، ވިއެޓްނާމް، ޕާކިސްތާން، އެއްކޮށް އަމްރީކީ އުދުވާން ތަހައްމަލުކަން ޖެހެއެވެ. އޭގެ ތެރޭގައި އެމެރިކާގެ އަސްކަރީ ގޮތުން އިއްތިޙާދީ ބައެއް ޤައުމުތައް ހިމެނުނު ނަމަވެސް، އޮތީ އެގޮތެވެ. މީސްމީހުން ނުރުހުންވެއެވެ. އަދި ބައެއް ޤައުމުތަކުގައި ކަމާބެހޭ ފަރާތްތައްވެސް ހުރީ އެގޮތުގައެވެ.

މަޒްލޫމީ ހުރިހާ ޤައުމެއް މިނިވަންކަމަށް އެދެއެވެ.

ހުރިހާ ކަމެއްވެސް ބަދަލުވެދާނެއެވެ. ބޮޑެތި ފާޙިޝް ބާރުތަކުން އަލަށް އުފަންވި ކުދި ބާރުތަކަށް މަގުދޭނެއެވެ. ކުދި ބާރުތައް ބޮޑެތި ބާރުތަކަށް ބަދަލުވާނީ މީސްމީހުންގެ އަޣުލަބިއްޔަތު މިކަމަށް އެދި މަޖުބޫރުކުރާތީއެވެ. އަމްރީކީ އިމްޕީރިއަލީންގެ ބާރުތައްވެސް ބޮޑުކަމަކުން ކުޑަކަމަކަށް ބަދަލުވާނީ، އަމްރީކީ މީސްމީހުންވެސް، އެމީހުންގެ ސަރުކާރަށް ނުރުހޭތީއެވެ.

އަހަރެންގެ އުމުރުދުވަހުގައިވެސް އަހަރެންނަށް އެކަހަލަ ބަދަލުތައް ފެނިފައި ވެއެވެ. އަހަރުމެންގެ ތެރެއިން ބައެއް ފަރާތްތައް އުފަންވީ ޗިންގް ދަރިފަސްކޮޅުގެ ޒަމާނުގައެވެ. އަދި އެހެން ފަރާތްތައް އުފަންވީ 1911 ވަނަ އަހަރުގެ އިންޤިލާބުގެ ފަހުންނެވެ.

ޗިންގް ދަރިފަސްކޮޅު ވައްޓާލީ މީގެ ވަރަށް ކުރިންނެވެ. ކާކުގެ ފަރާތުން ހެއްޔެވެ؟ ސުން ޔީޝިއަން ގެ ޒަޢީމްކަމުގައި އޮތް ޕާޓީ، މީސްމީހުންނާ އެއްކޮށެވެ. ސުން ޔީޝިއަން ގެ ބާރުތައް ކުޑަކަމުން ޗިންގް މަސްޢޫލީން އޭނާއަށް އެހާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނާ ކޮންމެ ފަހަރަކު ނާކާމިޔާބުވި ގިނަ އަދަދެއްގެ އިންތިފާދާތައް ހިންގިއެވެ. ނަމަވެސް، އެންމެ ފަހުން ޗިންގް ދަރިފަސްކޮޅު ވައްޓާލި ފަރާތަކީ ސުން ޔީޝިއަން އެވެ. ބޮޑުކަމަކީ އެއަށް ބިރުގަންނަންޖެހޭ ކަމެއް ނޫނެވެ. ބޮޑެތި ބާރުތައް ވައްޓާލާނީ ކުދި ބާރުތަކުންނެވެ. ކުދި ބާރުތައް ބޮޑު ވާނެއެވެ. ޗިންގް ދަރިފަސްކޮޅު ވައްޓާލުމަށް ފަހު، ސުން ޔީޝިއަން އަށް ނާކާމިޔާބުތައް ކުރިމަތިވިއެވެ. އެއީ މީސްމީހުންގެ އެދުންތައް ނުފުއްދެވުމުގެ ސަބަބުންނެވެ. މިސާލަކަށް މީސްމީހުން ބިންތަކަށް އެދުމާއެކު އިމްޕީރިއަލިޒަމާ ދެކޮޅުވެރިވާން ގޮވާ ގޮވުންތަކުގެ އެދުންތަކެވެ. އަދި އެހިނދުގައި މިނިވަންކޮށް ދަތުރުކުރަމުން ދިއަ އިންޤިލާބާ-ދެކޮޅު ފަރާތްތައް ފިއްތާލުމުގެ މުހިންމުކަން އޭނާއަށް ފަހުމުނުވިއެވެ. ފަހުން، އޭނާއަށް ނާކާމިޔާބު ކުރިމަތިވީ އުތުރުގެ ހަނގުރާމަވެރި ވެރިންގެ އިސްކަމުގައި ހުރި ޔުއަން ޝީކައިގެ އަތުންނެވެ. ނަމަވެސް އަނެއްކާ މިތާގަވެސް މި ޤާނޫން ހިނގިއެވެ: މީސްމީހުންނާ ގުޅިފައިވާ ކުދި ބާރުތައް ވަރުގަދަވެ، މީސްމީހުންނާ ދެކޮޅުވާ ބޮޑެތި ބާރުތައް ވަރުދެރަވެއެވެ. އޭގެ ފަހުން، ސުން ޔީޝިއަންގެ ބުރްޖުވާޒީ-ޑިމޮކުރެޓިކު އިންޤިލާބީން އަހަރުމެން ޝުޔޫޢީންނާ އެއްބާރުލައިގެން، އަހަރުމެން އެކީގައި ޔުއަން ޝީކައި ދޫކޮލި ހަނގުރާމަވެރި ވެރިންގެ ނިޒާމް ބަލިކުރީމެވެ.

ސީނުކަރައިގަ ޖިއަންގް ޖިއެޝީ ކުރި ވެރިކަން ހުރިހާ ޤައުމެއްގެ ސަރުކާރުތަކުން ބަލައިގަތެވެ. އަދި ބާވީސް އަހަރަށް ދެމިހުރިއެވެ. އަދި އޭނާގެ ބާރުތައް އެންމެ ބޮޑު ބާރަށް ވިއެވެ. އަހަރުމެންގެ ބާރުތައް ކުޑަވިއެވެ. އެންމެ ފުރަތަމަ ހުރީ ފަންސާސް ހާސް ޕާޓީ މެމްބަރުންނެވެ. ނަމަވެސް އިންޤިލާބާ-ދެކޮޅު ފިއްތުންތަކުގެ ފަހުން އޮތީ މަދު ހާހެއްގެ އަދަދެކެވެ. ދުޝްމަނުން ހުރިހާ ހިސާބެއްގައި އުނދަގޫ ހެދިއެވެ. އަނެއްކާވެސް މި ޤާނޫން ހިނގިއެވެ: ބޮޑެތި ބާރުގަދަ ފަރާތްތައް ނާކާމިޔާބަށް ވެއްޓެނީ އެފަރާތްތައް މީސްމީހުންނާ ވަރިވުމުންނެވެ. އެހެނަސް، ކުދި ބާރުދެރަ ފަރާތްތައް ކާމިޔާބުވަނީ މީސްމީހުންނާ ގުޅިފައި އެމީހުންގެ އެދުމުގެ ތެރެއިން މަސައްކަތް ކުރާތީއެވެ. އެއީ އެންމެ ފަހުން ކަންތައް ހިނގި ގޮތެވެ.

ޖަޕާނާ-ދެކޮޅަށް ކުރި ހަނގުރާމައިގެ ދުވަސްވަރު، ޖަޕާން ވަރަށް ބާރުގަދަވިއެވެ. ގުއޯމިންދަންގް ގެ ސިފައިން ދުރު ހިސާބުތަކަށް ދުއްވާލިއެވެ. އަދި ޝުޔޫޢީ ޕާޓީގެ އަސްކަރީ ބާރުތަކަށް ކުރެވުނު ކަމަކީ ހަމައެކަނި ދުޝްމަނުންގެ ޞަފުތައް ފަހަތުގައިވާ ރަށްފުށުގެ ތެރޭގައި ގެރިއްލާ ހަނގުރާމަވެރިކަން ކުރިއަށް ގެންދިއުމެވެ. ބެއިޖިންގް، ތިއަންޖިން، ޝަންގްޚައި، ނަންޖިންގް، ޥޫޚަން، ގުއަންގްޖޮއު ފަދަ ބޮޑެތި ސީނީ ސިޓީތައް ޖަޕާން ހިފެހެއްޓިއެވެ. އެހެންނަމަވެސް، ޖަރުމަނުވިލާތުގެ ހިޓްލަރު ފަދައިން، ޖަޕާނީ އަސްކަރީވެރިންގެ ވެރިކަން ވެސް ވެއްޓުނީ މަދު އަހަރުތަކެއް ތެރޭގައި، ހަމަ އެ ޤާނޫނާ އެއްގޮތަށެވެ.

އަހަރުމެންނަށް ގުނަނުކުރެވޭ އަދަދެއްގެ ދަތިތަކާ ކުރިމަތިލާން ޖެހުމާއެކު، އަހަރުމެން ދެކުނުން އުތުރަށް ދުއްވާލިއެވެ. އެހެން ވަނިކޮށް، އަހަރުމެންގެ އަސްކަރީ ބާރު އެތައް ސަތޭކަ ހާހުން، މަދު ދިހަ ހާސްވަރުގެ އަދަދަކަށް ވެއްޓުނެވެ. 25000 ލީ [1] ގެ ދިގުމިނުގެ ދިގު ހިޖުރަ ނިމުނު ހިސާބުގައި އަހަރުމެންނަށް ބާކީ އޮތީ ހަމައެކަނި 25000 މީހުންނެވެ.

އަހަރުމެންގެ ޕާޓީގެ ތާރީޚުގައި، އެކިއެކި އޮޅުމުގެ "ވާތުގެ" ނުވަތަ ކަނާތުގެ ރޮނގުތައް ދިމާވިއެވެ. އެންމެ ނުރައްކާވީ ޗެން ދޫޝިއޮއު ގެ ކަނާތް އިންޙިރާފީ ރޮނގާއި، ޥަންގް މިންގް ގެ "ވާތުގެ" އިންޙިރާފީ ރޮނގެވެ. މީގެ އިތުރުންވެސް އޮތީ ޖަންގް ގުއޯތައޮ އާއި، ގައޮ ގަންގް އާއި، އެހެނިހެން ފަރާތްތަކުގެ ކަނާތް އިންޙިރާފީ އޮޅުމުގެ އަމަލުތަކެވެ.

ގޯސްތަކަށް ރަނގަޅު ފަޅިއެއްވެސް އޮވެއެވެ. މީސްމީހުންނަށާ ޕާޓީއަށް އުނގަންނަވައި ދެވޭނެތީއެވެ. އަހަރުމެންނަށް ރަނގަޅު އަދަދެއްގެ ގިނަ ނައްސި މިސާލުގެ މުދައްރިސުން ލިބިފައި ވެއެވެ. މިސާލަކަށް ޖަޕާން، އެމެރިކާ، ޖިއަންގް ޖިއެޝީ، ޗެން ދޫޝިއޮއު، ލީ ލީސަން، ޥަންގް މިންގް، ޖަންގް ގުއޯތައޮ، ގައޮ ގަންގް ފަދަ މީހުންނެވެ. މި ނައްސި މިސާލުގެ މުދައްރިސުންގެ ފަރާތުން އުނގެނުމަށްޓަކައި އަހަރުމެން ވަރަށް ބޮޑު އަގެއް ދެއްވަން ޖެހުނެވެ. މާޒީގައި، އިނގިރޭސިވިލާތް އަހަރުމެންނާ ދެކޮޅަށް ގިނަ ފަހަރަކު އުދުވާނީ ހަނގުރާމަކުރިއެވެ. އިނގިރޭސިވިލާތް، އެމެރިކާ، ޖަޕާން، ފަރަންސޭސްވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ތްސާރީ ރޫސީވިލާތް، ހޮލެންޑު ފަދަ ޤައުމުތައް އެއްކޮށް އަހަރުމެންގެ ބިމަށް ވަރަށް ޝައުޤުވެރިވިއެވެ. އެހުރިހާ އެންމެން ވީ އަހަރުމެންގެ ނައްސި މިސާލުގެ މުދައްރިސުންނަށެވެ. އަދި އަހަރުމެން ވީ އެފަރާތްތަކުގެ ދަރިވަރުންނަށެވެ.

މުޤާވަމަތުގެ ހަނގުރާމައިގެ ދުވަސްވަރުގައި، އަހަރުމެންގެ ލަޝްކަރު ބޮޑުވަމުންގޮސް، ޖަޕާނާ ދެކޮޅަށް ހަނގުރާމަކުރުމުގައި 900000 ގެ އަދަދަކަށް އެރިއެވެ. އޭގެ ފަހުން އައީ ތަޙްރީރުވުމުގެ ހަނގުރާމައެވެ. އަހަރުމެންގެ ހަތިޔާރު ގުއޯމިންދަންގް ގެ ހަތިޔާރަށް ވުރެ ފެންވަރު ދެރަވިއެވެ. ގުއޯމިންދަންގް ގެ ލަޝްކަރު ހަތަރު މިލިއަނަށް އެރިއެވެ. ނަމަވެސް ތިން އަހަރުގެ ހަނގުރާމަކުރުމަށް ފަހު އަހަރުމެން އެބައިމީހުންގެ ތެރެއިން މުޅިއަކު އަށް މިލިއަން ފޮހެލިއެވެ. ގުއޯމިންދަންގް، އަމްރީކީ އިމްޕީރިއަލިޒަމުގެ އެހީ ލިބިގެންވެސް، އަހަރުމެން ބަލި ނުކުރެވުނެވެ. ބޮޑެތި ބާރުވެރި ފަރާތްތަކަށް ކާމިޔާބު ނުވެއެވެ. އަބަދުވެސް ކުދި ބާރުދެރަ ފަރާތްތަކަށް ކާމިޔާބީ ޚާސިލްކުރެވެއެވެ.

މިހާރު އަމްރީކީ އިމްޕީރިއަލިޒަމް ފުދޭވަރަކަށް ބާރުވެރިވެއެވެ. ނަމަވެސް ހަޤީޤަތުގައި އެހެނެއް ނޫނެވެ. ސިޔާސީ ގޮތުން ވަރަށް ބަލިކަށްޓެވެ. ސަބަބަކީ މީސްމީހުންގެ ޖަމާޙިރުގެ ކިބައިން އެކަން ވަރިވެފައި ވުމުންނާއި، ހުރިހާ އެންމެންވެސް، އަމްރީކީ މީސްމީހުންވެސް އެކަމަށް ނުރުހޭތީއެވެ. އޭތި ފެންނަ ގޮތުން އެއީ ވަރަށް ބާރުގަދަ އެއްޗެކެވެ. ނަމަވެސް ހަޤީޤަތުގައި އެއީ ބިރުގަންނަ ވަރުގެ އެއްޗެއް ނޫނެވެ. އެއީ ކަރުދާސް މިނިކާވަގެކެވެ. ބޭރުން މިނިކާވަގަކަށް ވެފަ، ހަދާފައިވަނީ ކަރުދާހުންނެވެ. ވައިރޯޅިތަކާ ވާރޭތެރޭ ދެމިނުހުރެވޭނެ ގޮތަށެވެ. އަހަރެން ޤަބޫލުކުރާ ގޮތުގަ އެމެރިކާއަކީ ކަރުދާސް މިނިކާވަގެއް ފިޔަވާ އެހެން އެއްޗެއް ނޫނެވެ.

މުޅިއަކު ތާރީޚުން، އެތައް ހާސް އަހަރެއްގެ ފަންތީގެ މުޖުތަމަޢުގެ ތާރީޚުން، މި ނުކުތާ ސާބިތުކުރިއެވެ: ބާރުވެރި ފަރާތްތައް ބާރުދެރަ ފަރާތްތަކަށް މަގުދޭން ޖެހޭނެއެވެ. މިކަން އެމެރިކާގެ ބައްރަށް އަށްވެސް ހަޤީޤަތަކަށް ވެއެވެ.

ޞުލްޙަކަން ދެމިހުރެވޭނީ ހަމައެކަނި އިމްޕީރިއަލިޒަމް ނެތިކޮށްލާ އިރުންނެވެ. ކަރުދާސް މިނިކާވަގުތައް ފޮހެލާ ދުވަސް އަންނާނެއެވެ. ނަމަވެސް އޭތި އަމިއްލެއަށް ގޮސް ނެތިގެން ނުދާނެއެވެ. ވައިރޯޅިތަކާ ވާރެއިން އޭތި ތަޅާލަން ޖެހޭނެއެވެ.

އަމްރީކީ އިމްޕީރިއަލިޒަމަކީ ކަރުދާސް މިނިކަވަގެއް ކަމަށް އަހަރުމެން ބުނާއިރު، އަހަރުމެން ވާހަކަ ދައްކަނީ އިސްޓުރެޓެޖީގެ ގޮތުންނެވެ. މުޅިއަކު އެއަށް ބަލާނަމަ، އެއަށް ނަފްރަތް ކުރަން ޖެހޭނެއެވެ. ނަމަވެސް ވަކި ބައިތަކަށް ބަލާނަމަ، ބޮޑަށް ސަމާލުވާން ޖެހެއެވެ. އޭތީގައި ދަތްތަކާ ނިޔަފަތިތައް ހުރެއެވެ. ވަކިވަކިން އޭތި ހަލާކުކޮށްލަން ޖެހެއެވެ. މިސާލަކަށް، ދިހަ ދަތްތައް އޮތްނަމަ، ފުރަތަމަ ފަހަރު އެކަތި ޖަހާ ދުއްވާލާނަމަ، އޭރުން ބާކީ އޮންނާނީ ނުވައެކެވެ. އެހެން ދަތެއް ޖަހާ ދުއްވާލާނަމަ، ބާކީ އަށެކެވެ. ހުރިހާ ދަތެއް ނެތިދާ ހިސާބުން، އޭތި އަދިވެސް ނިޔަފަތި ގެންގުޅޭނެއެވެ. އެއް ފިޔަވަޅުން އަނެއް ފިޔަވަޅަށް ހީވާގިކޮށް އެކަން ހައްލުކުރުމުން، ޔަޤީނުންވެސް އަހަރުމެންނަށް އެންމެ ފަހުން ކާމިޔާބީ ޙާޞިލް ކުރެވޭނެއެވެ.

އިސްޓުރެޓެޖީގެ ގޮތުން، އަހަރުމެން އަމްރީކީ އިމްޕީރިއަލިޒަމަށް އެއްކޮށް ނަފްރަތްކުރަން ޖެހޭނެއެވެ. ޓެކުޓިކުގެ ގޮތުން، އެއަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެއެވެ. އެއާ ދެކޮޅަށް ނިޟާލުކުރުމުގައި ކޮންމެ ހަނގުރާމައަކަށް، ކޮންމެ ބައްދަލުވުމަކަށް، ބޮޑަށް ސަމާލުވެ ބަލައިގަންނަން ޖެހެއެވެ. މިވަގުތުގައި، އަމެރިކާ ބާރުގަދައެވެ. ނަމަވެސް ފުޅާ ނަޒަރަކުން، މުޅިއަކު ދިގު މުއްދަތެއްގެ ނަޒަރަކުން ބަލާއިރު، އޭތީގެ އެއްވެސް އާންމު ތާޢީދެއް ނެތެވެ. އޭތީގެ ސިޔާސަތްތަކަށް މީސްމީހުން ނުރުހެއެވެ. އެއީ އޭތިން އެފަރާތްތައް މަޒްލޫމުކޮށް އިސްތިޣުލާލުކުރާތީއެވެ. މި ސަބަބަށްޓަކައި، އެ މިނިކާވަގުގެ ނިމުން ކަށަވަރެވެ. މިހެންވުމުން، އެއީ ބިރުގަންނަން ޖެހޭ ފަދަ އެއްޗެއް ނޫންކަމަށް ވެފަ އެއަށް ނަފްރަތް ކުރެވޭނެއެވެ. ނަމަވެސް މިއަދުވެސް އެމެރިކާއަށް އަދިވެސް ބާރު ލިބިފައިވެއެވެ. އަހަރަކު 100 މިލިއަން ޓަނަށް ވުރެ ގިނަ ދަގަނޑު ނެރެ ހުރިހާ ތަނެއްގައި ވެސް ދަގަނޑު ޖަހައެވެ. އެއީ، އަހަރުމެން އެއާ ދެކޮޅަށް ނިޟާލުތައް ކުރިއަށް ހިންގާފަ، އެއާ ދެކޮޅަށް އަހަރުމެންގެ އަތުގައި އޮތް ހުރިހާ ބާރެއް ލައިގެން ހަނގުރާމަކޮށް، އެއް ތަނަކުން އަނެއް ތަނެއް އޭތީގެ އަތުން ދަމާލަން ޖެހޭ ސަބަބެވެ. އަދި އެކަން ކުރަން ވަގުތު ނަގާނެއެވެ.

އެމެރިކާގެ ބައްރާއި، އޭޝިއާ އާއި، އަފްރިކާގެ ޤައުމުތައް އެންމެ ފަހު ނިންމުމަށް ދާންދެން އެމެރިކާ އެކު ތޮޅެމުން ގެންދަން ޖެހޭނެހެން ހީވެއެވެ. އެ ކަރުދާސް މިނިކާވަގު ވައިރޯޅިތަކާ ވާރެއިން ހަލާކުކޮށްލަންދެނެވެ.

އިމްޕީރިއަލިޒަމާ އިދިކޮޅުވުމުގެ ގޮތުން، ލެޓިން އެމެރިކާގެ ޤައުމުތަކުގައި ވިލާތުގެ ނަސްލުގެ މީސްމީހުން، އެހިސާބުގެ ރަށްވެހި އިނޑިއަނުންނާ އެއްބައިވާން ޖެހޭނެއެވެ. ފަރަހެއްގާ ވިލާތުން އައި ހުދު ހިޖުރަވެރިން ދެބަޔަކަށް ބެހިދާނެއެވެ. އެއްބައިގައި އެކުލެވެނީ ވެރިންނެވެ. އަދި އަނެއްބައިގައި އެކުލެވެނީ ވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ. މިގޮތަށް މަޒްލޫމީ ހުދު މީސްމީހުންގެ ބައި ރަށްވެހިންނާ އެއްބައިވުމަށް ފަސޭހަކޮށްދޭނެއެވެ. އެއީ އެފަރާތްތަކުގެ މަޤާމު އެއްގޮތް ވުމުންނެވެ.

ލެޓިން އެމެރިކާ އާއި، އޭޝިއާ އާއި، އަފްރިކާގައި އުޅޭ އަހަރުމެންގެ ރަހުމަތްތެރިންނާ އެކު އަހަރުމެން އުޅެނީ ހަމަ އެއް މަޤާމެއްގައެވެ. އަދި ކުރަނީ ހަމަ އެއް މަސައްކަތެކެވެ. އިމްޕީރިއަލިޒަމުން ދިމާވާ މަޒްލޫމުކަން ލުއިކުރުމަށް މީސްމީހުންނަށް އެހީދިނުމެވެ. އަހަރުމެން ރަނގަޅަށް މަސައްކަތް ކުރާނަމަ، އިމްޕީރިއަލީންގެ ޒާލިމީކަމުގެ މޫތައް ދަމާ އިރާލެވޭނެވެ. މިކަމުގައި އަހަރުމެންނަކީ އެކުވެރިންނެވެ.

އިމްޕީރިއަލީންގެ ޒާލިމުކަމަށް އިދިކޮޅުވުމުގައި، އަހަރުމެންނަކީ ތިޔަ ފަރާތްތަކާ އެކު އެއް ޒާތެއްގެ ބައެކެވެ. އަހަރުމެން ހަމައެކަނި ތަފާތުވަނީ ޖިއޮގުރަފީގެ ތަނާއި، ޤައުމީ ނަސްލުނާއި، ބަހުންނެވެ. ނަމަވެސް އަހަރުމެންގެ ޒާތު އިމްޕީރިއަލިޒަމާ ތަފާތެވެ. އަދި އޭތީގެ ފެނުމުންވެސް އަހަރުމެން ފަކުރުގަނެއެވެ.

އިމްޕީރިއަލިޒަމުގެ ބޭނުމަކީ ކޮން ކަމެއް ހެއްޔެވެ؟ ސީނީ މީސްމީހުން އޭތީގެ އެއްވެސް އެއްޗެއް ބޭނުން ނުވެއެވެ. އަދި ދުނިޔޭގެ އެހެން ހިސާބުތަކުގެ މީސްމީހުންވެސް ހަމަ މިގޮތުގަވެ. އިމްޕީރިއަލިޒަމުގެ ދެމިއޮތުމަށް އެއްވެސް ބޭނުމެއް ނެތެވެ.

********************

[1]12500 ކިލޯމީޓަރު

********************

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް