އަމުރުވެރިކަމާ ބެހޭ ގޮތުން

Von der Autorität - On Authority

ފްރެޑްރިކް އެންގެލްސް

Friedrich Engels

ފުރަތަމަ ލިޔުން: 1872
ފުރަތަމަ ޝާއިޢުކުރުން: 1874
ދިވެހި ތަރުޖަމާ: 2022
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)

********************

ބައެއް އަދަދެއްގެ އިޝްތިރާކީން ޤަވާއިދުން ހިންގާ ފަދަ ހަނގުރާމައެއް ފައްށާފައި ވެއެވެ. އެއީ އަމުރުވެރިކަމުގެ އުޞޫލު ކަމަށް އެމީހުން ބުނާ އެއްޗަކާ ދެކުޅަށެވެ. އެ އަމަލަކީ ނުވަތަ މި އަމަލަކީ އަމުރުވެރި އަމަލެއްކަން އެމީހުން ކައިރީ ބުނުމަކީ އެމީހުން އެ އަމަލު ކުށްވެރިކުރަން ފުދޭ ކަމެކެވެ. މި ހަލުވި އިޖުރާއަތު ނުބައި ގޮތުގައި ބޭނުންކުރާ މިންވަރު އިންތިހާއަށް ދިއުމުން މި މައްސަލަ ތެރެއަށް ތަންކޮޅެއް ފުންކޮށް ބާލާލުން މިހާރު ލާޒިމް ކަމަކަށް ވެފައި ވެއެވެ.

އަމުރުވެރިކަން، މިތާގަ އެ ލަފްޒު ބޭނުން ކުރާ ގޮތުގައި، އޭގެ މާނައަކީ: އަހަރުމެންގެ އިޚްތިޔާރުގެ މައްޗަށް އެހެން ފަރާތެއްގެ އިޚްތިޔާރު ތަންފީޛުކުރުމެވެ؛ އަނެއްކޮޅުން، ދަރަޖަދަށްކުރުމަކީ އަމުރުވެރިކަމުން ކޮންމެހެން އަންނަ ކަމެކެވެ. މިހާރު، މި ދެ ލަފްޒުގެ އަޑުން އެއީ ނުބައި ކަމެއްކަން ހީވުމުންނާއި، އެކަމުން ތަމްސީލުކުރާ ގުޅުމަކީ ދަރަޖަދަށްވާ ފަރާތަށް އެއްބަސް ނުވެވޭނެ ކަމަކަށް ވުމުން، ކުރަންވީ ކަމަކީ އެކަމުން ދުރުހެލި ވެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބެލުމެވެ - އެއީ، މިދުވަސްވަރުގެ މުޖުތަމަޢުގެ ޙާލަތްތަކަށް ބަލާއިރު - މި އަމުރުވެރިކަމަށް އިތުރު ހިނދުކޮޅަކަށް އެއްވެސް ޖާގައެއް ނުދިނުމާއެކު، އޭގެ ސަބަބުން އެކަން ނެތިދާނެ ފަދަ އެހެން އިޖްތިމާޢީ ތަރުތީބެއް އުފެއްދެވޭނެތޯ ބެލުމެވެ.

މިދުވަސްވަރުގެ ބުރްޖުވާޒީ މުޖުތަމަޢުގެ އަސާސް އުފައްދާ އިޤްޠިޞާދީ، ސިނާޢީ، އަދި ޒިރާޢީ ޙާލަތްތައް ތަޙުޤީޤުކުރުމުން، އަހަރުމެންނަށް ފެންނަ ކަމަކީ، ވަކި އަމަލެއްގެ ބަދަލުގައި އޭގެ ތަނަށް އެކި ފަރާތްތަކުގެ އިއްތިޙާދީ އަމަލު އިތުރުން އިތުރަށް ގެންނަވާ ކަމެވެ. ވަކި އުފެއްދުންތެރިންގެ ކުޑަ މާލަމުގެތަކުގެ ތަނަށް، ގިނަ އަދަދެއްގެ މަސައްކަތްތެރިން އާވި ބޭނުންކުރާ އުނދަގޫ މެޝިނުތައް ބަލަހައްޓަމުން ގެންދާ ޒަމާނީ ސިނާޢަތުގެ ބޮޑެތި ކާރުހާނާތަކާ ހިމުންކުރާ މެޝިނުތައް ގެނެސްފައި ވެއެވެ؛ ހައިވޭ ތަކުގެ ގާޑިޔާގެ ތަނަށް ރޭލުމަގުތައް ގެނެސްފައި ވެއެވެ. ހަމަ އެގޮތަށް ކުޑަ ރިޔާ ބޯޓުތަކާ ބަތްތެލިތަކުގެ ބަދަލުގައި އާވި އިންޖީނުގެ އުޅަނދުފަހަރު ގެނެސްފައި ވެއެވެ. ޒިރާޢަތްވެސް އިތުރު މިންވަރަކަށް މެޝިނާއި އާވީގެ ނުފޫޒުގެ ދަށަށް ވެއްޓެމުން ދެއެވެ. އޭގެން ކުދި މިލްކުވެރިންގެ ތަނުގައި، އެމީހުންގެ މަސައްކަތްތެރިންގެ ބޭނުން ހިފާފަ ފުޅާ ބިންތަކުގައި ދަނޑުވެރިކަން ހިންގާ ބޮޑެތި ރައުސުލްމާލީން ލައްވާފައި ވެއެވެ.

ހުރިހާ ހިސާބެއްގައި އިއްތިޙާދީ އަމަލު ކަމަށްވާ، އެކަތި އަނެކައްޗަށް ބަރޯސާވާ މަރުޙަލާތައް، ވަކި ފަރާތްތަކުގެ ވަކި އަމަލު އޮތް ޖާގައަށް އާދެއެވެ. ނަމަވެސް އިއްތިޙާދީ އަމަލުގެ ވާހަކަ ދައްކާ ކޮންމެ ފަރާތައް އިންތިޒާމުކުރުމުގެ ވާހަކަވެސް ދައްކައެވެ؛ މިހާރު، އަމުރުވެރިކަމާ ނުލާ އިންތިޒާމުކުރުމެއް އޮވެވޭނެ ހެއްޔެވެ؟

މިސާލަކަށް، މިވަގުތުގައި މުއްސަނދިކަމުގެ އުފެއްދުމާ ބެހުމަށް އަމުރުވެރިވާ ރައުސުލްމާލީން، އިޖްތިމާޢީ އިންޤިލާބަކުން ވައްޓާލީއެވެ. މިސާލަކަށް، އަމުރުވެރިކަމުގެ-ދެކޮޅުވެރިންގެ ނަޒަރަށް ފުރިހަމަކޮށް ތަބާވާނަމަ، އަދި ބިމާއި ޢަމަލުގެ އާލާތްތައް އޭތި ބޭނުންކުރާ މަސައްކަތްތެރިންގެ ޖަމާޢީ މިލްކަކަށް ވެގެންދާ ނަމަ، އަމުރުވެރިކަން ނެތި ދާނެ ހެއްޔެވެ؟ ނުވަތަ ހަމައެކަނި ބަދަލުވާނީ އެކަމުގެ ސިފަ ހެއްޔެވެ؟ ބަލާލަން ހިނގާށެވެ.

ކަފަ އަނބުރާ މެޝިނުގެ މިސާލެއް އަހަރުމެން ނަގާނަމެވެ. ރޮދީގެ ޙާލަތަށް ދިއުމުގެ ކުރިން ޖެހިޖެހިގެން ހަ މަރުޙަލާތަކެއްގެ ތެރެއިން ކަފަ ދާން ޖެހެއެވެ. އަދި މި މަރުޙަލާތައް ހިންގަނީ ގިނަ ފަހަރު ތަފާތު ކޮޓަރިތަކުގައެވެ. ހަމަމިއާއެކު، މެޝިނުތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ބޭނުންވާނީ، އާވި އިންޖީނު ބެލެހެއްޓުމަށް އިންޖިނިއަރަކާއި، އެވަގުތުގެ މަރާމާތްކުރުމަށް މެކޭނިކަކާއި، އުފައްދާ ތަކެތި އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ގެންދިއުމުގެ މަސައްކަތް ހަވާލުވާ އެހެނިހެން ގިނަ އަދަދެއްގެ ޢާމިލުންނެވެ. އަދި މިހެންނެވެ. މި ހުރިހާ މަސައްކަތްތެރިން، ފިރިހެނަކަށް، އަންހެންކަށް، ނުވަތަ ކުޑަ ކުއްޖަކަށް ވިއަސް، ވަކި ފަރާތެއްގެ އިސްތިޤްލާލަކަށް އަޅާ ނުލާ އާވީގެ އަމުރުވެރިކަމުގެ ދަށުން ކަނޑައަޅާ ގަޑިއިރުތަކުގައި މަސައްކަތް ފެށުމާ ނިންމުން މަޖުބޫރުވެއެވެ. މިހެންވުމުން، މަސައްކަތްތެރިން މަސައްކަތުގެ ގަޑިއިރުތަކުގެ އެއްބަސްވުމަކަށް އަންނަން ޖެހެއެވެ؛ އަދި މި ގަޑިއިރުތައް، ހަމަޖެއްސުމުގެ ފަހުން، ހުރިހާ އެންމެން އެއްވެސް އިސްތިސްނާއެއް ނެތި އެކަން ބަލައިގަންނަން ޖެހެއެވެ. އޭގެ ފަހުން ކޮންމެ ކޮޓަރިއެއްގައި، ކޮންމެ ހިނދުކޮޅަކު، އުފެއްދުންތެރިކަމުގެ ބާވަތާ ތަކެތީގެ ބެހުން ފަދަ ކަންކަމުގެ ސުވާލުތައް އުފެދެއެވެ. ޢަމަލުގެ ކޮންމެ ގޮފިއެއްގެ މަތީގައި ލައްވާފައިވާ މަންދޫބެއްގެ ނިންމުމަކުން، ނުވަތަ އެކަން ކުރެވޭނަމަ އަޣުލަބިއްޔަތު ވޯޓަކުން އެކަން ހައްލުކުރަން ޖެހެއެވެ. ވަކި އެއް ފަރާތެއްގެ އިޚްތިޔާރު އަބަދުވެސް އަމިއްލަ ޒާތުގައި ތިރިވެ ދަށްވާން ޖެހެއެވެ. މީގެ މާނައަކީ ސުވާލުތައް ހައްލުކަނީ އަމުރުވެރި ގޮތަކަށެވެ. މަސައްކަތްތެރިން ވަޒީފާގައި ގެންގުޅެމުން އުޅޭ ކުދި ރައުސުލްމާލީންގެ ޒާލިމިކަމުގެ މިންވަރު، ބޮޑު ކާރުހާނާގެ އަމިއްލެއަށް ހިނގާ މެޝިނަރީގެ ޒާލިމީކަމުގެ މިންވަރަށް ދުވަހަކުވެސް ނާރައެވެ. މަދުވެގެން، މަސައްކަތުގެ ގަޑިތަކާ ގުޅޭގޮތުން މި ކާރުހާނާތަކުގެ ދޮރުތަކުގައި ލިޔެވިދާނެއެވެ: "Lasciate ogni autonomia, voi che entrate!"[1]

އިންސާނާ، އޭނާގެ އުފެއްދުންތެރި ވިސްނުމާ ކުޅަދާނަކަމުން، ޠަބީޢަތުގެ ބާރުތަކުގެ މައްޗަށް ވެރިވެގަނެފައި ވާނަމަ، އެކަންތައް އޭނާގެ މައްޗަށް ބަދަލުހިފަނީ، އޭނާ އެކަންތައް ބޭނުންކުރާ ވަރަކަށް، ހުރިހާ އިޖްތިމާޢީ އިންތިޒާމުކުރުމަކާ ބީރައްޓެހި ހަޤީޤީ ޒާލިމުކަމަކަށް އޭނާ ވައްޓާލުމުންނެވެ. ބޮޑު ފުޅާމިނުގެ ސިނާޢަތުގައި އަމުރުވެރިކަން އުވާލަން ބޭނުންވުމަކީ ސީދާ ސިނާޢަތު އުވާލަން ބޭނުންވުމާ އެއްވަރު ކަމެކެވެ. އެނބުރޭ ފުރޮޅަށް އަނބުރާ ދިއުމުގެ ގޮތުން ވިޔާ މެޝިނު ހަލާކުކޮށްލުމެވެ.

އަހަރުމެން އެހެން މިސާލެއް ނަގާނަމެވެ - ރޭލުމަގުތަކެވެ. މިތަނުގަވެސް ގުނަނުކުރެވޭ ވަރުގެ ފަރާތްތަކުގެ އެއްބާރުލުން ހަމަ ޔަޤީނުންވެސް ކޮންމެހެން ބޭނުމެވެ. އަދި ނުރައްކާތެރި ހާދިސާތައް ވިޔަ ނުދިނުމަށް މި އެއްބާރުލުން ސީދާ ކަނޑައަޅާފައިވާ ގަޑިތަކުގައި ކުރިއަށް ގެންދަން ޖެހެއެވެ. އަދި މިތާގަވެސް، ވަޒީފާއެއްގެ ފުރަތަމަ ޝަރުޠަކީ ދަށުގައިވާ ހުރިހާ ސުވާލުތަކަށް ނިންމުން ކަނޑައަޅާ ބާރުވެރި އިޚްތިޔާރެކެވެ. މި އިޚްތިޔާރު ތަމްސީލުކުރަނީ އެއްމެ މަންދޫބެއްގެ ފަރާތަކުން ވިއަސް، ނުވަތަ އެކަމަށް ގުޅިފައިވާ މީހުންގެ އަޣުލަބިއްޔަތުގެ ގަރާރުތައް ތަންފީޛުކުރުމަށް ހަވާލުވެފައިވާ ކޮމިޓީއަކުން ވިއަސް ހެވެވެ. ކޮންމެ ގޮތަކަށް ވިއަސް ވަރަށް ވަރުގަދަ އަމުރުވެރިކަމެއް އޮވެއެވެ. އޭގެ އިތުރުން، އިއްޒަތްތެރި ދަތުރުވެރިންގެ މައްޗަށް އޮތް ރޭލުމަގެގެ މުވައްޒިފުންގެ އަމުރުވެރިކަން އުވާލިނަމަ ފޮނުވާ ފުރަތަމަ ރޭލުކާރަށް ވާނީ ކިހިނެއް ހެއްޔެވެ؟

ނަމަވެސް އަމުރުވެރިކަމުގެ ބޭނުން، ވަރުގަދަ އަމުރުވެރިކަމުގެ ބޭނުން، މާކަނޑުގައިވާ އުޅަނދެގެ ތެރޭގައި ފިޔަވާ އެހެން ތަނެއްގައި އެހާ ފާޅުކޮށް ނުފެންނާނެއެވެ. އެތަނުގައި، ނުރައްކަލުގެ ވަގުތުގައި، ހުރިހާ އެންމެންގެ ފުރާނަތައް ބަރޯސާވަނީ އެކަކެއްގެ އިޚްތިޔާރަށް ހުރިހާ އެންމެން ވަގުތުން އެއްކޮށް ތަބާވުމަށެވެ.

އަޅުގަނޑު މިފަދަ ޙުއްޖަތްތައް އެންމެ ރުޅިގަދަ އަމުރުވެރިކަމުގެ-ދެކޮޅުވެރިންނަށް ހުށައެޅި އިރު، އެމީހުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހަމައެކަނި ޖަވާބަކީ މިއެވެ: "އާން، އެއި ތެދެއް. އެކަމަކު އެތާންގަ އެއީ އަހަރުމެންގެ މަންދޫބުންނަށް ދެއްވާ އަމުރުވެރިކަމެއްގެ ބަދަލުގައި، އެމީހުންނަށް ހަވާލުކުރާ ވާޖިބެއް!" މި ބޭފުޅުން ދެކޭ ގޮތުގައި ކަންތަކުގެ ނަންތައް ބަދަލުކުރުމުން އެމީހުން އެކަންތައް އޭގެ ޒާތުގައި ބަދަލުކޮށްލީއެވެ. މިއީ މި ފުން ވިސްނުންތެރިން މުޅި ދުނިޔެއަށް މަލާމާތްކުރާ ގޮތެވެ.

މިހެންވުމުން އަހަރުމެންނަށް ފެނިފައިވާ ގޮތުގައި، އެއްފަރާތުން، ކޮންމެ މިންވަރަކަށް މަންދޫބުކުރެވިފައިވާ، ވަކި އަމުރުވެރި ފަރާތެކާއި، އަނެއްފަރާތުން ވަކި މިންވަރެއްގެ ދަރަޖަދަށްކުރުމައް އޮވެއެވެ. އެއީ ހުރިހާ އިޖްތިމާޢީ އިންތިޒާމުކުރުމަކުން މިނިވަން ގޮތަކަށް، އަހަރުމެން ތަކެތި އުފެއްދުމާ ދައުރުކުރެވޭ ގޮތް ކަނޑައަޅާ މާއްދީ ޙާލަތްތަކުގެ އެކީގައި އަހަރުމެންގެ މައްޗަށް ލާޒިމުކޮށްފިވާ ކަންތަކެކެވެ.

އެހެންނޫނަސް، އަހަރުމެންނަށް ފެނިފައިވާ ގޮތުގައި، އުފެއްދުންތެރިކަމާ ދައުރުކުރުމުގެ މާއްދީ ޙާލަތްތައް ކޮންމެހެން ބޮޑު-މިންވަރުގެ ސިނާޢަތާ ޒިރާޢަތުގެ އެކީގައި ތަރައްޤީ ވެއެވެ. އަދި އިތުރުން އިތުރަށް މި އަމުރުވެރިކަމުގެ ފުޅާމިން އިތުރުކުރަމުން ދެއެވެ. މީގެ ސަބަބުން، އަމުރުވެރިކަމުގެ އުޞޫލުގެ ފުރިހަމަ ނުބައިކަމާއި، އިސްތިޤްލާލުގެ އުޞޫލުގެ ފުރިހަމަ ރަނގަޅުކަމުގެ ވާހަކަ ދެއްކުމަކީ ތާކުންތާކުނުޖެހޭ ކަމެކެވެ. އަމުރުވެރިކަމާ އިސްތިޤްލާލުކަމަކީ، މުޖުތަމަޢުގެ ތަރައްޤީވުމުގެ އެކި މަރުޙަލާތަކާ އެއްގޮތަށް އޭތީގެ ސިފަތައް ތަފާތުވަމުން ދާ ނިސްބަތުގެ ކަންކަމެވެ. މުސްތަޤްބަލުގެ އިޖްތިމާޢީ އިންތިޒާމުކުރުމަކުން، އަމުރުވެރިކަން ހަނިކުރާނީ ހަމައެކަނި އުފެއްދުންތެރިކަމުގެ ޝަރުޠުތަކުގެ ސަބަބުން އެކަން ކޮންމެހެން ވާންޖެހޭ މިންވަރަށް ކަމަށް އިސްތިޤްލާލީން ބުނެފަ ނިންމާ ނަމަ، އަހަރެމެން އެކަކު އަނެކަކާ އެއްބަސްވެވިދާނެއެވެ؛ ނަމަވެސް އެކަންތައް ލާޒިމްކުރާ ހުރިހާ ތެދުތަކަކަށް އެބައިމީހުން ލޯއަނދިރިވެފަ އެމީހުން ޝައުގުވެރިކަމާއެކު ދުނިޔެއާ ހަނގުރާމަކުރެއެވެ.

ސިޔާސީ އަމުރުވެރިކަން ކަމަށްވާ، ދައުލަތުގެ ދެކޮޅަށް އަޑުގޮވުމުގެ މިންވަރުގައި އަމުރުވެރިކަމުގެ-ދެކޮޅުވެރިން އަމިއްލެއަށް ނުހިފަހައްޓަނީ ކީއްވެ ހެއްޔެވެ؟ ސިޔާސީ ދައުލަތާއެކު ސިޔާސީ އަމުރުވެރިކަން، އަންނަ އިޖްތިމާޢީ އިންޤިލާބުގެ ސަބަބުން ނެތިގެންދާނެ ކަމަށް ހުރިހާ އިޝްތިރާކީން އެއްބަސް ވެފައި ވެއެވެ؛ އެއީ، އާންމު ވަޒީފާތައް އޭގެ ސިޔާސީ ޝަޚްޞިއްޔަތު ގެއްލުމާއެކު، މުޖުތަމަޢުގެ ހަޤީޤީ މަސްލަޙަތު ބެލެހެއްޓުމުގެ އިދާރީ ވަޒީފާތަކަކަށް ބަދަލުވާނެ ކަމެވެ. ނަމަވެސް އަމުރުވެރިކަމުގެ-ދެކޮޅުވެރިން އެދެނީ، ސިޔާސީ ދައުލަތް އުފަންކުރާ އިޖްތިމާޢީ ޙާލަތްތައް ހަލާކުކޮށްލުމުގެ ކުރިންވެސް ސިޔާސީ ދައުލަތު އެއްފަހަރާ އުވާލުމަށެވެ. އެބައިމީހުން އެދޭ ގޮތުގައި އިޖްތިމާޢީ އިންޤިލާބުގެ ފުރަތަމަ އަމަލަކަށް ވާން ޖެހޭނީ އަމުރުވެރިކަމުގެ އުވާލުމަށެވެ. މި ބޭފުޅުންނަށް ދުވަހަކުވެސް އިންޤިލާބެއް ފެނިފައިވޭތޯ ހެއްޔެވެ؟ އިންޤިލާބަކީ ހަމަ ޔަޤީނުންވެސް އޮތް އެންމެ އަމުރުވެރި ކަމެވެ؛ އެއީ އާބާދީގެ އެއްބައި، އާބާދީގެ އަނެއްބައިގެ މައްޗަށް ބަޑިތަކާ، ވަޅިތަކާ، ބޮޑުބަޑިތައް ބޭނުންކޮށްގެން އެބައިމީހުންގެ އިޚްތިޔާރު ތަންފީޛުކުރާ އަމަލެވެ - އެފަދަ ގޮތެއް އޮތްނަމަ، އެއީ އަމުރުވެރި ގޮތްތަކެކެވެ؛ އަދި ނަޞްރުވެރި ފަރާތަށް ބޭކާރު ހަނގުރާމައެއް ކޮށްފައި އޮންނަން ބޭނުން ނުވާނަމަ، އެ ފަރާތުގެ ހަތިޔާރުން ރަޖްޢީންނަށް އިލްހާމުކުރާ ބިރުވެރިކަމުގެ އެހީގައި މި އުޞޫލު ދަމަހައްޓަން ޖެހެއެވެ. ހަތިޔާރު އެޅި މީސްމީހުންގެ އަމުރުވެރިކަން ބުރްޖުވާޒީންނާ ދެކޮޅަށް ބޭނުން ނުކޮށް ޕެރިސް ކޮމިއުން އެންމެ ދުވަހަކަށްވެސް ދެމިއޮތީސް ހެއްޔެވެ؟ އެއާ ޚިލާފަށް، އެކަށީގެންވާ ވަރަށް އެކަން މިނިވަންކަމާއެކު ބޭނުން ނުކުރެވުނު ކަމަށްޓަކައި އަޅުގަނޑުމެން އެއަށް ފާޑުކިޔަން ނުޖެހޭނެ ހެއްޔެވެ؟

އެހެންކަމުން، ދެކަމަކުން އެއް ކަމެކެވެ: އަމުރުވެރިކަމުގެ-ދެކޮޅުވެރިން އެމީހުން ދައްކާ ވާހަކައިގެ ކަންތައް ނޭންގެއެވެ. މި ޙާލަތުގައި އެމީހުން އޮޅޮން ބޮޅުން ފިޔަވާ އެހެން ކަމެއް ނުއުފައްދައެވެ؛ ނުވަތަ އެމީހުންނަށް އިނގެއެވެ. އަދި އެ ޙާލަތުގައި ޕުރޮލެޓާރީންގެ ޙަރަކާތަށް ޚިޔާނާތްތެރިވެއެވެ. ކޮންމެ ގޮތަކަށް ވިއަސް އެމީހުން ޚިދުމަތް ކުރަނީ ރަޖްޢިއްޔަތަށެވެ.

********************

[1]"އެތެރެއަށް ވަންނަ ފަރާތް، ހުރިހާ މިނިވަންކަމެއް ދޫކޮށްލާ!" (ޑަންޓެގެ [Dante] ޑިވައިން ކޮމެޑީއިން [Divine Comedy] ނަގާފަ އޮތް ޖުމްލައެކެވެ.)

********************

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް