ޝުޔޫޢީ ޕާޓީގެ ބަޔާން

Manifest der Kommunistischen Partei - Manifesto of the Communist Party

ކާލް މާކްސް އާއި ފްރެޑްރިކް އެންގެލްސް

Karl Marx and Friedrich Engels

ފުރަތަމަ ލިޔުން: 1847
ފުރަތަމަ ޝާއިޢުކުރުން: 1848
އިނގިރޭސި ތަރުޖަމާ: 1888
ދިވެހި ތަރުޖަމާ: 2021
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)

********************

ވިލާތުގެ ތެރޭގައި ރޫޙެއް ފެތުރެނީއެވެ - އެއީ ޝުޔޫޢިއްޔަތުގެ(ހ) ރޫޙެވެ. ދުވަސްވީ ވިލާތުގެ ހުރިހާ ބޮޑެތި ބާރުތައް މި ރޫޙު ނެތިކޮށްލުމަށްޓަކައި މުޤައްދަސް އެއްބައިވުމެއްގެ ތެރެއަށް ވަދެއްޖެއެވެ: އެއީ ޕޯޕްއާއި،[1] ތްސާރެވެ.[2] މެޓަރްނިކް[3] އާއި، ގުއިޒޫތ[4] އެވެ. ފަރަންސޭސް ރެޑިކަލުންނާއި، ޖަރުމަނު ފުލުހުންގެ ޖާސޫސުންނެވެ.

ވެރިކަން ކުރާ ޕާޓީތަކުން، އިދިކޮލު ޕާޓީތަކުގެ ދިމާލަށް ރައްދުކޮށް "ޝުޔޫޢީ" ކަމަށް ނުގޮވައި ދިއަ ހިނދުކޮޅެއް ކޮބައި ހެއްޔެވެ؟ އަދި އޭގެ ޖަވާބަކަށް، ތަޤައްދުމީ(ށ) އެހެން އިދިކޮޅު ޕާޓީތަކާ ރަޖްޢީ(ނ) ޕާޓީތަކުގެ ދިމާލަށް ރައްދުކޮށް "ޝުޔޫޢީ" ކަމަށް އަނބުރާ އަޑު ނުގޮވި ޕާޓިތައް ކޮބައި ހެއްޔެވެ؟

މި ތެދު ހަޤީޤަތުން ދެ ކަމެއް ފާޅުވެއެވެ:

1. ޝުޔޫޢިއްޔަތަކީ އޭގެ އަމިއްލަ ޒާތުގައިވެސް ބޮޑު ބާރެއްކަން ވިލާތުގެ ހުރިހާ ބޮޑެތި ބާރުތަކުގެ ފާރާތުން މިހާރުވެސް އެއްބަސް ވެފައިވެއެވެ.
2. ހަމަމިހާރު މިވަގުތުގައި، ޝުޔޫޢީން މުޅި ދުނިޔެ ކުރިމައްޗަށް ހާމަކޮށް ނިކުމެ އެމީހުންގެ ފިކުރާއި، އަމާޒާއި، ސިޔާސަތު ޝާއިޢުކޮށް، އަމިއްލަ ޕާޓީގެ ބަޔާނަކުން "ޝުޔޫޢިއްޔަތުގެ ރޫޙުގެ" ނާސަރީ ވާހަކަތަކަށް ރައްދު ޖަވާބެއް ދޭންޖެހެއެވެ.

މި ކަމަށްޓަކައި، އެކި ޤައުމީ ނަސްލުތަކުގެ ޝުޔޫޢީން ލަންޑަން ގައި އެކުވެފައި، ތިރީގައިވާ ބަޔާން ތައްޔާރު ކުރައްވާފައިވެއެވެ. އަދި މި ބަޔާން ޝާއިޢުކުރަން ކަނޑައަޅަފައި ވަނީ އިނގިރޭސި ބަހާއި، ފަރަންސޭސް ބަހާއި، ޖަރުމަނު ބަހާއި، އިޓަލީ ބަހާއި، ފްލެމިޝް ބަހާއި، ޑެނިޝް ބަހުންނެވެ.

********************

ބާބު 1. ބުރްޖުވާޒީ އާއި ޕުރޮލެޓާރީން[5]

********************

މިހާތަނަށް އައިސްފައިވާ ހުރިހާ މުޖުތަމަޢެއްގެ[6] ތާރީޚަކީ އިޖްތިމާޢީ ފަންތީގެ ނިޟާލުގެ(ރ) ތާރީޚެވެ.

މިނިވަނާއި، އަޅެވެ. ޕެޓުރިޝަނާއި، ޕިލީބިއަނެވެ.[7] ބޭފުޅާއި، ބިމުގެ އަޅެވެ. ގިލްޑު ވެރިޔާއާއި،[8] ދުވަހީ މަސައްކަތުމީހާވެ. ނުވަތަ ކުރު ގޮތަކަށް ބުނާނަމަ، ޒާލިމުންނާ މަޒްލުމުން(ބ) ދެމެދުގައި ޒަމާނުއްސުރެ ދާޢިމީ އިދިކޮޅުވުމެއް އޮތެވެ. އަދި މިއާއިއެކު، ހުއްޓުމަކާ ނުލާ، ކުރިން ސިއްރިއްޔާތުގަ އަދި މިހާރު ހާމަކޮށް، އެފަރާތްތައް ހަނގުރާމަ ކުރަމުން ދެއެވެ. މި ހަނގުރާމަ ކޮންމެ ފަހަރަކު ނިމި ދިއައީ މުޖުތަމަޢު އެއްކޮށް އިންޤިލާބީ ގޮތަކަށް އަލުން ބިނާކޮށް އާރާސްތު ކުރުމަކުންނެވެ. ނުވަތަ އެހެން ނުވާނަމަ ދެކޮޅުވެރިވާ ދެ ފަންތިތައް އެކީގައި ވީރާނާވުމުންނޭވެ.

ކުރީގެ ތާރީޚީ ޒަމާންތަކަށް ބަލާ ނަމަ، އަހަރުމެންނަށް ފެންނަނީ ގާތްގަނޑަކަށް ހުރިހާ ހިސާބެއްގަ މުޖުތަމަޢު އެކި ދަރަޖަތަކަކަށް ބައިބައި ވުމާއި، މުޅި މުޖުތަމަޢު ވަކިވަކި ފާންތިތަކަކަށް ބެހިފައި ވުމެކެވެ. ޤަދީމީ ރޫމް ޒަމާނުގައި ޕެޓްރިޝިއަނުންނާއި، ފުރްސާނުންނާއި،(ޅ) ޕިލީބިއަނުންނާއި، އަޅުން ތިއްބެވެ. އަދި އޭގެ ފަހުން އައި "މެދު ޒަމާން" ތެރޭގައި އިޤްޠާޢީ(ކ) ބޭފުޅުންނާއި، އިޤްޠާޢީ ތާބިޢުންނާއި، ގިލްޑު ވެރިންނާއި، ދުވަހީ މަސައްކަތުމީހުންނާއި، ދަސްކުރާ މަސައްކަތުމީހުންނާއި، ބިމުގެ އަޅުން ހުއްޓެވެ. އަދި މީގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ފަންތިތަކުގެ އެތެރޭގައިވެސް ކުދި ފަންތިތައް ފެނެއެވެ.

އިޤްޠާޢީ މުޖުތަމަޢު ހަލާކުވެ ދިއުމުން އުފެދިގެން އައިސްފައިވާ މި ޒަމާނީ ބުރްޖުވާޒީ މުޖުތަމަޢު، އިޖްތިމާޢީ ފަންތީގެ ދެމެދުގައިވާ އިދިކޮޅުވުންތައް ފޮހެލައްވާފައެއް ނެތެވެ. އެކަމުގެ ބަދަލުގައި އާ އިޖްތިމާޢީ ފަންތީތަކާއި، މަޒްލޫމުވުމުގެ އާ ޙާލަތްތަކާއި، ނިޟާލުގެ އާ ބާވަތްތައް، އެކަންތައް ކުރިން އޮތްގޮތްތަކުގެ ހިސާބުގައި އަލުން ޤާއިމްކުރައްވާފައި ވެއެވެ.

އަހަރުމެންގެ ޒަމާން ކަމަށްވާ، ބުރްޖުވާޒީންގެ ޒަމާނުގައި، ވަކިން ޚާއްޞަ ސިފައެއް އެކުލެވިގެން ވެއެވެ: އިޖްތިމާއީ ފަންތިތަކުގެ ދެމެދުގައިވާ އިދިކޮޅުވުންތައް ފަސޭހަ ކޮށްދީފައިވެއެވެ. މުޅި މުޖުތަމަޢު އެއްކޮށް ދުވަހުން ދުވަހަށް ދެ އިދިކޮޅު ޖަމާޢަތްތަކަށް ބެހިގެން ދެއެވެ. އަދި ކުރިމަތިލާ ބޮޑެތި ދެ އިޖްތިމާޢީ ފަންތިތަކަކަށް ވަކިވެގެން ދަނީއެވެ - އެއީ ބުރްޖުވާޒީންނާ ޕުރޮލެޓާރީންނެވެ.

މެދު ޒަމާނުގެ ބިމުގެ އަޅުންގެ ތެރެއިން، އެންމެ ފުރަތަމަ ކުދި ސިޓީތަކުގައި ޗާޓަރުކޮށް ދިރިއުޅުނު ބަރްގަރު ބޭފުޅުން އުފެދިގެން އައެވެ. އަދި މި ބަރްގަރު ބޭފުޅުންގެ ތެރެއިން ބުރްޖުވާޒީން އުފެދުމުގެ އެންމެ ފުރަތަމަ މާއްދާތައް ތަރައްޤީވެގެން އައެވެ.

އެމެރިކާގެ ބައްރު[9] ފުރަތަމަ ފަހަރަށް ހޯއްދެވުމާއި، ދެކުނު އެފްރިކާ ކަނޑު ވަށާ އެންމެ ފުރަތަމަ ދަތުރުކުރުމުގެ ސަބަބުން، އެޒަމާނުގައި ތަރައްޤީވަމުން އައި ބުރްޖުވާޒީންނަށް އާ ބިންތަކެއް ހުޅުވިގެން ދިއައެވެ. އިރުމަތީ އިންޑިޔާއާ ސީނުކަރައިގެ ބާޒާރުތަކާއި، އެމެރިކާގެ ބައްރު އިސްތިޢުމާރު ކުރުމުންނާއި، އިސްތިޢުމާރީ ބިންތަކާ ކުރި ވިޔަފާރީގެ ބަދަލުކުރުމާއި، ބަދަލުކުރުމުގެ ވަސީލަތްތަކާ ސިލްޢަތްތައް(އ) އިތުރުވުމުގެ ސަބަބުން ބޮޑެތި ތަރައްޤީއަކާ ކުރިއެރުމެއް ފެނުނެވެ. އެއީ ތިޖާރަތަށާއި،(ވ) މާލިމީކަމަށާއި، ސިނާޢަތަށް ދިމާވި، އޭގެ ކުރިން ނުފެންނަ ފަދަ ކުރިއަރުވައިދޭ ބާރެކެވެ. އަދި މިއާއެކު، ފަނާވަމުން ދިއަ އިޤްޠާޢީ މުޖުތަމަޢުގެ ތެރޭގައި އޮތް އިންޤިލާބީ މާއްދާތަކަށް ވަރަށް ހަލުވި ތަރައްޤީއެއް ލިބުނެވެ.

ބަންދުކުރި ގިލްޑު ޖަމްޢިއްޔާތަކުގެ[10] ތެރެއިން، އަދި ސިނާޢީ އުފެއްދުންތެރިކަން އިޙްތިކާރެއްގެ ގޮތުގައި ގެންގުޅުނު އިޤްޠާޢީ މުޖުތަމަޢުގެ ސިނާޢީ ނިޒާމުގެ ތެރެއިންވެސް، އަލަށް އުފެދުނު ބާޒާރުތަކުގެ ބޭނުންތައް ނުފުއްދުނެވެ. އޭތިގެ ތަނަށް އައީ މެނުފެކުޝަރު ކުރުމުގެ ނިޒާމެވެ. ގިލްޑު ވެރިންގެ ބަދަލުގައި މެނުފެކުޝަރު ކުރާ މެދު ފަންތިއަށް ބާރު ލިބުނެވެ. އަދި ގިލްޑުތަކުގެ ދެމެދުގައިވާ ޢަމަލުގެ ވަކިކުރުން ނެތިގޮސް، ވުޖޫދަށް އައީ ކޮންމެ މާލަމުގޭގެ ތެރޭގައި އޮތް ޢަމަލުގެ ވަކިކުރުމެވެ.

އެވަގުތުގެ ތެރޭގައި ބާޒާރުތައް އިތުރުވެ، އޭގެ އެދުންތައް މަތިވަމުން ދިއައެވެ. މިހެންވުމުން މެނުފެކުޝަރުންވެސް މިކަމަށް ނުފުދުނެވެ. އެހެންކަމުން، އާވީގެ އިންޖީނާ، މެޝިނަރީއިން، ސިނާޢަތުގެ އުފެއްދުންތެރިކަމަށް އިންޤިލާބެއް ގެނެސްދިނެވެ. މެނުފެކުޝަރުގެ ތަނަށް އައީ ބޮޑެތި ޒަމާނީ ސިނާޢަތެވެ. އަދި ސިނާޢީ މެދު ފަންތީގެ ތަނަށް އައީ ސިނާޢީ މިލިއަނަރުންނެވެ. އެއީ ސިނާޢީ ލަޝަކަރުގެ ވެރިންނެވެ. ޒަމަނީ ބުރްޖުވާޒީއެވެ.

ޒަމާނީ ސިނާޢަތުން ވަނީ ދުނިޔެވީ ބާޒާރު ޤާއިމްކުރަށްވާފައެވެ. މިއީ އެމެރިކާގެ ބައްރު ފުރަތަމަ ފަހަރަށް ހޯދުމުން މަގުފަހިވި ކަމެކެވެ. މި ބާޒާރުން ތިޖާރަތަށާއި، މާލިމީކަމަށާއި، އެއްގަމުގެ ޒަރިއްޔާއިން ކުރާ މުއާމަލާތްކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ދެއްވާފައި ވެއެވެ. ހަމަމިއާއެކު، މި ކުރިއެރުމުން ސިނާޢަތުގެ ފުޅާވުމަށްވެސް އަސަރުކުރައްވާފައި ވެއެވެ. އަދި އެމިންވަރަށް ސިނާޢަތާއި، ތިޖާރަތަށާއި، މާލިމީކަމާއި، ރޭލުމަގުތަކުގެ ތަރައްޤީވުމަށް އަސަރުކުރިއެވެ. އަދި މީގެ އިތުރިން ބުރްޖުވާޒީން ތަރައްޤީވެ އެމީހުންގެ ރައުސުމާލް(މ) އިތުރުވެ، މެދު ޒަމާނުގެ އެހެނިހެން އިޖްތިމާޢީ ފަންތިތައް ދަށަށް ޖައްސާލި މިންވަރަށްވެސް އެކަމުން އަސަރުކުރައްވާފައި ވެއެވެ.

މިހެންވުމުން ޒަމާނީ ބުރްޖުވާޒީންނަކީ، ވަރަށް ދިގު މުއްދަތެއްގެ ތަރައްޤީގެ ރޮނގަކުންނާއި، އުފެއްދުންތެރިކަމާ ބަދަލުކުރުމުގެ ބާވަތްތަކުގައި ހިނގައިދިއަ އިންޤިލާބުތަކަކުން އުފެދި އައިސްފައިވާ ބައެއްކަން އަހަރުމެންނަށް ފެނެއެވެ.

ބުރްޖުވާޒީން އުފެދި ތަރައްޤީވުމުގެ ތެރޭގައި އެޅި ކޮންމެ ފިޔަވަޅެއްގެ އެކުގައި އައީ، ސިޔާސީ ރޮންގުން އެފަންތިއަށް އައި ކުރިއަރައި ދިއުމެކެވެ. އެންމެ ފުރަތަމަ އެމީހުންނަކީ އިޤްޠާޢީ ބޭފުޅުންގެ ފަންތީ ދަށުގައި މަޒްލޫމުވެފައި އުޅުނު ފަންތިއެކެވެ. އޭގެ ފަހުން އުޅުނީ މެދު ޒަމާނުގެ ކޮމިއުނުގައި[11] އަމިއްލެއަށް ބާރުހިންގާ ހަތިޔާރު ލައިގެން އުޅުނު ޖަމްޢިއްޔާތަކުގައެވެ. އެއް ހިސާބެއްގައި މިނިވަން ޖުމްހޫރިއްޔާތައް (މިސާލަކަށް އިޓަލީވިލާތާއި، ޖަރުމަނުވިލާތުގައި) ހިންގިއެވެ. އެހެން ހިސާބުތަކުގައި (މިސާލަކަށް ފަރަންސޭސްވިލާތުގައި) ރަސްކަމަށް ވާރު ދޭން ޖެހުނު "ތިންވަނަ އެސްޓެޓު" އަކަށް ވިއެވެ. އަދި މެނުފެކްޝަރުކުރުމުގެ ޒަމާނުގައި މައިގަނޑު ގޮތުގައި އުޅުނީ، ބައި އިޤްޠާޢީ ނުވަތަ މުޠްލަޤު(ފ) ރަސްކަމުގެ ތެރޭގައި، ބޭފުޅުންނާ ދެކޮޅުވެރި ބައެއްގެ ގޮތުގައެވެ. އަދި އާންމުކޮށް ބޮޑެތި ރަސްކަންތަކުގެ ބިންގަލުގެ ގޮތުގައެވެ. އެންމެ ފަހުން ޒަމާނީ ސިނާޢަތާއި، ދުނިޔެވީ ބާޒާރު ޤާއިމްވުމަށް ފަހު، ޒަމާނީ މަޖްލީސީ ދައުލަތުގައި ބުރްޖުވާޒީން ސިޔާސީ ބާރު އަމިއްލެއަށް ފަތަޙަކުރިއެވެ. ޒަމާނީ ދައުލަތުގެ ތަންފީޛީ އިދާރާއަކީ، ހަމައެކަނި، ހުރިހާ ބުރްޖުވާޒީއެއްގެ ޙަރަކާތްތައް ޤާއިމްކުރުމާ ހިންގުމުގެ ކޮމިޓީއެކެވެ.

ބުރްޖުވާޒީން ކުރީ ތާރީޚުގައި ވަރަށް އިންޤިލާބީ މަޤާމެއް އަދާކުރައްވާފައި ވެއެވެ.

ބުރްޖުވާޒީންގެ އަތަށް ބާރު ލިބުނު ކޮންމެ ތަނެއްގައި، ޤަދީމީ އިޤްޠާޢީ ނިޒާމުތަކާއި، އަބަވީ(ދ) ނިޒާމުތަކުގެ ހުރިހާ ގުޅުންތައް މެދުކަނޑާލިއެވެ. އިންސާނުން އެމީހުންގެ "ތަބީޢީ ވެރިންނަށް" ބަނދެލި ހުރިހާ ކުލައެއްގެ އިޤްޠާޢީ ގުޅުންތައް އެއްކޮށް އެއްވެސް ރަޙުމެއް ނެތި ވީދާލާފަ ހަލާކުކޮށްލިއެވެ. އަދި މީސްމީހުންނާ ދެމެދު "ފައިސާ އަދާކުރުން" އަދި އަމިއްލަ އެދުން ފިޔަވާ އެހެން އެއްވެސް ގުޅުމެއް މެދުވެރި ނުކުރެއެވެ. ދީނި ޖޯށާއި، ފުރްސާނީ ޤާނޫނުގެ ހިތްވަރާއި، ކުދި ބުރްޖުވާޒީ ޖަޒްބާތު ވަނީ އަނާނިއްޔަތުގެ ޙިސާބުކުރުމުގެ ގަނޑުފެނުގައި ގަންބާލާފައެވެ. އޭގެން ވަނީ ޝަޚްޞީ ޝަރަފް ކުރިން އޮތް ތަނުގައި، ބަދަލުކުރާ ޤީމަތު(ތ) ބިނާ ކުރައްވާފައެވެ. އަދި ގުނަނުކުރެވޭ ވަރުގެ އަތުލައި ނުގަނެވޭފަދަ މިނިވަންކަންތަކުގެ ތަނުގައި އެންމެ ޤަބޫލު ނުކުރެޥޭފަދަ މިނިވަންކަމެއް ބިނާކުރިއެވެ - ވިޔަފާރީގެ މިނިވަންކަމެވެ. ކުރު ގޮތަކަށް، ސިޔާސީ އަދި ދީނީ ވަހުމުތަކުން ފޮރުވައިފައިވާ އިސްތިޣުލާލުގެ(ލ) ބަދަލުގައި ފެށީ، ސީދާ ހާމަކޮށް ފެންނަންއޮތް އަނިޔާވެރި، ޙަޔާތްކުޑަ، އިސްތިޣުލާލެވެ.

ބުރްޖުވާޒީންގެ ސަބަބުން ކުރިން މަތިވެރި ލަޤަބު ލިބި ޝަރަފުވެރިކަމަށް ބަލައިގަނެވުނު ވަޒީފާތަކުގެ ޝުއޫރު ކަނޑާ އެއްލާލާފައި ވެއެވެ. ބޭސްވެރިޔާއާއި، ވަކީލާއި، ފާދިރީއާއި، ޅެންވެރިޔާއާއި، ސައިންސުވެރިއާ ބަދަލުކޮށްލާފައި ވަނީ އެމީހުންގެ އުޖޫރަ-ޢާމިލުންނަށެވެ.

ބުރްޖުވާޒީން، ޢާއިލާގެ ކިބައިން ޖަޒުބާތުގެ ނިވާ ދަމާލާފަ އެއްލާލުމުން ޢާއިލީ ގުޅުމުގެ ދަރަޖަ ދަށްކޮށްލާފަ، އެއީ ހަމައެކަނި ފައިސާގެ ގުޅުމަކަށް ބަދަލު ކުރައްވާފައިވެއެވެ.

އަދި މެދު ޒަމާނުގައި ހިނގި، ރަޖްޢީން އިޖާބަދޭ، އަނިޔާވެރި ބާރުދެއްކުންތަކަށް ފުރިހަމަކަން ލިބުނީ އެންމެ ބޮޑު ކަންނެތްކަމުން ކަމަށް ބުރްޖުވާޒީން ހާމަކުރެއްވިއެވެ. އެމީހުންގެ ސަބަބުން އެންމެ ފުރަތަމަ ފަހަރަށް އިންސާނާގެ ޙަރަކާތްތަކުން ކުރެވިދާނެ ކަންތައް ފާޅުކުރެވުނެވެ. އަދި އެމީހުން މިޞްރުގެ ޕިރަމިޑުތަކާއި، ރޫމީންގެ ފެންމަގުތަކާއި، ގޮތިކް ކެތީޑުރަލު ފައްޅިތަކަށް ވުރެ މާ ބޮޑެތި އަޖައިބުތައް ޙާސިލުކުރައްވާފައި ވެއެވެ. ހަމަމިއާއެކު، ކުރީގެ ޞަލީބީ ހަނގުރާމަތަކާ[12] ހިޖުރަކުރުންތައް ނިވާކުރާ ވަރުގެ އަސްކަރީ ޙަރަކާތްތައް ހިންގަވާފައި ވެއެވެ.

އުފެއްދުންތެރިކަމުގެ އާލާތްތަކަށް އަބަދާއި އަބަދު އިންޤިލާބީ ބަދަލު ނުގެނެސް ބުރްޖުވާޒީންނަށް ދެމިނުހުރެވޭނެއެވެ. އަދި މީގެ ސާބަބުން އުފެއްދުންތެރިކަމުގެ ގުޅުންތަކާ މުޅި މުޖުތަމަޢުގެ ގުޅުންތަކަށްވެސް އިންޤިލާބީ ބަދަލުތައް އާދެއެވެ. އެކަމުގެ ޚިލާފަށް ކުރީގެ އުފެއްދުންތެރިކަމުގެ ބަވަތްތައް ބަދަލު ނުކޮށް ދެމެހެއްޓުމަކީ ކުރީގެ ސިނާޢީ އިޖްތިމާޢީ ފަންތީގެ ދެމިހުރުމުގެ ފުރަތަމަ ޝަރުޠެވެ. އުފެއްދުންތެރިކަމަށް އަބަދާއި އަބަދު އިންޤިލާބީ ބަދަލު ގެންނެވުމާއި، މުޖުތަމައުގެ ޙާލަތްތަކަށް މެދުނުކެނޑި އަސަރުކުރުމާއި، މާޔޫސްކަންމަތީ ޙަރަކާތްތެރިވެގެން ދެމިއޮތުމަކީ، ބުރްޖުވާޒީ ޒަމާން، ކުރީގެ އެހެން ޒަމާންތަކާ ތަފާތުކުރާ ސިފަތަކެކެވެ. ހުރިހާ ހަރުވެ އަވަހަށް ގަނޑުވެފައިވާ ގުޅުންތައް އޭތީގެ ޤަދީމީ މުސްކުޅި އަރާރުންވުންތަކާ ޚިޔާލުތައް ފިއްލުވާލައިގެން ދެއެވެ. އަދި ހުރިހާ އަލަށް އުފެދޭ ގުޅުންތައް ހަރުވުމުގެ ކުރިން ޒަމާނީ ވެއެވެ. ހުރިހާ ހަރު ތަކެއްޗއް ވިރިފަ ވަޔަށް ދެއެވެ. ހުރިހާ މުޤައްދަސް ތަކެތި ނަޖިސް ވެއެވެ. އަދި އިންސާނާއަށް އެންމެ ފަހުން، ހަމަ ބުއްދިއަކާއެކު، ޙަޔާތުގެ އަޞްލު ޙާލަތްތަކާއި، އެހެން މީހުންނާ ގުޅުމަށް ބައްދަލުކުރުމަށް މަޖުބޫރުވެއެވެ.

އުފެއްދުންތަކަށް އަބަދައި އަބަދު ބޮޑުވަމުން އަންނަ ބަޒާރެއްގެ ބޭނުން ޖެހުމުން ބުރްޖުވާޒީން މުޅި ދުނިޔޭގެ ބިންތައް ވަށާ ދުވެއެވެ. އެބައިމީހުން ހުރިހާ ހިސާބެއްގައި އާބާދުވެ، ހުރިހާ ހިސާބެއްގައި ވަޒަންވެރިވެ، ހުރިހާ ހިސާބެއްގައި ގުޅުންތައް ޤާއިމްކުރަން ޖެހެއެވެ.

ބުރްޖުވާޒީން ދުނިޔެވީ ބާޒާރު އިސްތިޣުލާލުކުރުމުގެ ތެރޭގައި ކޮންމެ ޤައުމެއްގެ އުފެއުދުންތެރިކަމާ ތަކެތި ބޭނުންހިފުމަށް ޢާލަމީ ސިފައެއް ދެއްވާފައި ވެއެވެ. ރަޖްޢީންގެ ނަފުރަތް ލިބޭ ގޮތަށް ސިނާޢަތުގެ ފައިދަށުގައި އޮތް ޤައުމީ ބިން ދަމާ ގެންގޮސްފިއެވެ. ކުރިން ޤާއިމްވެފައިވާ ހުރިހާ ޤައުމީ ސިނާޢަތްތައް ވަނީ ހަލާކުކޮށްލާފައެވެ. ނުވަތަ އޮތީ ދުވަހުން ދުވަހަށް ހަލާކުކޮށްލުމުގެ ތެރޭގައެވެ. އެތަކެތީގެ ތަނުގައި އާ ސިނާއަތްތައް ފެށިގެން އާދެއެވެ. އަދި މިކަންތައް ފެއްޓެވުމަކީ ހުރިހާ ތަރައްޤީވެފައިވާ ޤައުމުތަކުގެ ދެމިތިބުން ނުވަތަ ނެތިދިއުން ކަނޑައަޅައިދޭ ފަދަ ސުވާލެކެވެ. ހަމަމިއާއެކު، އާ ސިނާޢަތްތަކަކީ އެޤައުމެއްގެ އަމިއްލަ މާއްދާތަކުގެ ބަދަލުގައި ދުރު ހިސާބުތަކުގެ ރޯ މާއްދާތައް ބޭނުންކުރާ ތަންތަނެވެ. މީގެ ތެރޭގައި އުފައްދާ ތަކެތި ކައިރީ ހިސާބުތަކުގެ ބަދަލުގައި ދުނިޔޭގެ ހަތަރު ކަނުގައި ބޭނުންހިފައެވެ. ކުރީގެ ޤައުމީ އުފެއްދުންތެރިކަމުން ފުދުނު އެދުންތަކުގެ ތަނުގައި، މިހާރު ފެންނާނީ އެކަންތައް ފުއްދުމަށް ދުރު ހިސާބުތަކުގެ ތަކެތީގެ ބޭނުންވާ އާ އެދުންތަކެވެ. މީގެ އިތުރުން ޤަދީމީ އެއް ސަރަހައްދެއްގައި ނުވަތަ އެއް ޤައުމެއްގައި އޮތް އެކަހެރިވުމާ އަމިއްލެއަށް އެދުންތައް ފުއްދުމުގެ ތަނުގައި، ދުނިޔޭގެ ހުރިހާ ޤައުމެއް އެކުވެގެން ބޭނުން ފުއްދަން ޖެހުމާއި، ކޮންމެ ދިމާލާކަށް އޮންނަ ގުޅުންތަކާ މުއާމަލާތްކުރުމެވެ. މާއްދީ އަދި ޢިލްމީ އުފެއްދުންތެރިކަމުންވެސް މިކަން ފެނެއެވެ. ވަކިވަކި ޤައުމުތަކުގެ ޢިލްމީ އުފެއްދުންތައް އާންމު މިލްކަކަށް ވެގެން ދެއެވެ. ޤައުމީ އެކަހެރިވުމާ ގޮތްދޫނުކުރުމަކީ އުނދަގޫ ކަމަކަށް ވެއެވެ. ހަމަމިއާއެކު، ގިނަ އަދަދެއްގެ ޤައުމީ އަދި ސަރަހައްދީ އަދަބިއްޔާތުން ދުނިޔެވީ އަދަބިއްޔާތެއް އަރައިގަނެއެވެ.

ހުރިހާ އުފެއްދުންތެރިކަމުގެ އާލާތްތަކުގެ ހަލުވި ތަރައްޤީވުމަށް ބޮޑު މިންވަރަކަށް މަގުފަހިކުރައްވާފިވާ، މުއާމަލާތްކުރުމުގެ ވަސީލަތްތަކުގެ ޒަރިއްޔާއިން، ބުރްޖުވާޒީން، އެންމެ ބަރްބަރީ ޤައުމުތައްވެސް ހަޟާރަތުގެ ހިސާބަށް ގެނެއެވެ. ސިލްޢަތްތަކުގެ ހެޔޮ އަގުތަކަކީ ހުރިހާ ސީނީ ފާރުތައް ތަޅާލާ ވަރުގެ ބޮޑުބަޑިތަކެކެވެ. މީގެ ސަބަބުން ބަރްބަރީން ގޮތްދޫނުކޮށް ބޭރު މީހުންނަށް ކުރާ ނަފުރަތް ނެތިކޮށްލައެވެ. މިކަމުން ހުރިހާ ޤައުމެއް ނެތިވެ ގޮސްދާނެކަމުގެ ބިރަށްޓަކައި ބުރްޖުވާޒީ އުފެއްދުންތެރިކަމުގެ ބާވަތް އެކުލެވުމަށް މަޖުބޫރުކުރެއެވެ. އެމީހުން ދެކޭ ގޮތުގެ ހަޟާރަތް އެތަންތަނުގައި ޤާއިމްކުރުމަށް މަޖުބޫރުކުރެއެވެ. އެއީ އެބައިމީހުން އަމިއްލެއަށް ބުރްޖުވާޒީ ވުމެވެ. ކުރުކޮށް ބުނާނަމަ، އޭގެ އަމިއްލަ ސޫރައިގައި ދުނިޔެއެއް އުފައްދައެވެ.

ބުރްޖުވާޒީން ކުދި ސިޓީތަކުގެ ވެރިކަމުގެ ދަށަށް ރަށްފުށު ޖައްސާލިއެވެ. ބޮޑެތި ސިޓީތައް ބިނާކުރައްވާފަ، ސިޓީތަކުގެ އާބާދީ ރަށްފުށުގެ އާބާދީއަށްވުރެ ވަރަށް ބޮޑުތަން އިތުރުކުރައްވާފައި ވެއެވެ. މިހެންވުމުން ރަށްފުށުގެ ދިރިއުޅުމުގެ މަޑުމޮޅިކަމުން އާބާދީގެ ވަރަށް ބޮޑު ބައެއް ސާލާމަތްކުރައްވާފައި ވެއެވެ. އަދި ރަށްފުށު ކުދި ސިޓީތަކަށް ބަރޯސާ ކޮށްލި ގޮތަށް، ބަރްބަރީ ޤައުމުތަކާއި، އެއްބައި ބަރުބަރީ ޤައުމުތައް ތަރައްޤީވެފައިވާ ޤައުމުތަކަށް ބަރޯސާ ކޮށްލިއެވެ. ފައްލާޙުންގެ (ގ) ޤައުމުތައް ބުރްޖުވާޒީންގެ ޤައުމުތަކަށެވެ. އަދި އިރުމަތީ ހުޅަނގަށެވެ.

ބުރްޖުވާޒީންގެ އަމަލުތަކުގެ ސަބަބުން އާބާދީއާއި، އުފެއްދުންތެރިކަމުގެ ވަސީލަތްތަކާއި، މިލްކިއްޔާތު ފެތުރިފައި އޮތްގޮތް ނެތިކޮށްލާ މިންވަރު އިތުރުކުރަމުން ދެއެވެ. އާބާދީ އެއްފަސްކުރުމާއި، އުފެއްދުންތެރިކަމުގެ ވަސީލަތްތައް އިތުރަށް މަރުކަޒީކުރުމުގެ އެކީގައި، މިލްކިއްޔާތު މަދު އަތްތަކުގެ ދަށަށް ގެނެސް ޖަމާކޮށްފައި ވެއެވެ. މީކަމުގެ ސަބަބުން ހިނގައިދިއަ އެއް ކަމަކީ ސިޔާސީ މަރުކަޒީކުރުމެވެ. މިނިވަންކޮށް ނުވަތަ ދޫކޮށް ގުޅިފައިވާ ވަކި ބޭނުންތަކާއި، ޤާނޫނުތަކާއި، ސަރުކާރުތަކާއި، ވާރުގެ ނިޒާމުތައް އޮތް ދާއިރާތައް އެކޮށްލާފައި ވެއެވެ. އެއް ސަރުކާރަކާއި، ޤާނޫނަކާއި، ޤައުމީ ފަންތީގެ އެދުމާއި، ދައުލަތީ ޙައްދުތަކާ، ޓެރިފެއް އޮތް ޤައުމުތަކަކަށް ބަދަލުވިއެވެ.

ބުރްޖުވާޒީން، ސަތޭކަ އަހާރުގެ މުއްދަތަކާ ކައިރިކުރާ ވެރިކަމުގެ ތެރޭގައި، ކުރީގެ ހުރިހާ ޖީލުތަކަށް ވުރެ މާ ބޮޑެތި އުފެއްދުންތެރިކަމުގެ ބާރުތައް ބިނާކުރައްވާފައި ވެއެވެ. ގުދުރަތީ ބާރުތައް އިންސާނާގެ އަތްދަށަށް ގެނެއުމާއި، މެޝިނަރީއާއި، ސިނާޢަތާ ދަނޑުވެރިކަމަށް ކެމިސްޓުރީ އެކުލެވުމާއި، އާވީގެ އިންޖީނުން މާލިމީކުރުމާއި، ރޭލުމަގުތަކާއި، ކަރަންޓުގެ ޓެލެގުރާފާއި، ދަނޑު ހެއްދުމަށް ބައްރުތައް އެއްކޮށް ހުސްކުރުމާއި، ކޯރުތައް ފެންމަގުތަކަށް ބަދަލުކުރުމާއި، އެކި އާބާދީތައް ބިމުން ނެރުމެވެ - މިފަދަ ކަންކަމާ، މިކަހަލަ އުފެއްދުންތެރިކަމުގެ ބާރުތައް އިޖްތިމާޢީ ޢަމަލުން އުފެއްދިދާނެކަމަށް ކުރީގެ ޤަރުނުތަކަށް އެއްވެސް ގޮތަކަށް ހީކުރެވުނު ހެއްޔެވެ؟

މިހެންވުމުން އަހަރުމެންނަށް ފެނެއެވެ: ބުރްޖުވާޒީން އުފެދިގެން އައުމަށް ބޭނުންކުރި ބިންގާ ކަމަށްވާ، އުފެއްދުންތެރިކަމާ ބަދަލުކުރުމުގެ ވަސީލާތްތައް އުފައްދާފައިވަނީ އިޤްޠާޢީ މުޖުތަމަޢު ތެރޭގައެވެ. މި އުފެއްދުންތެރިކަމާ ބަދަލުކުރުމުގެ ވަސީލާތްތައް އުފެއްދުމުގެ ވަކި އެއް ފިޔަވަޅެއްގައި، އިޤްޠާޢީ މުޖުތަމަޢުގެ އުފެއްދުމާއި، ބަދަލުކުރުމާއި، ދަނޑުހެއްދުމާ މެނުފެކްޝަރު ސިނާޢަތުގެ ރޭވުމުގެ ޝަރުޠުތައް، ނުވަތަ ކުރުކޮށް ބުނާނާމަ، އިޤްޠާޢީ މިލްކިއްޔާތުގެ ގުޅުންތަކާ އަލަށް ބިނާވި އުފެއްދުންތެރިކަމުގެ ބާރުތަކާ ދެމެދު ގުޅުން ބަދަހި ނުކުރެވުނެވެ؛ ގިނަ އަދަދެއްގެ ހުރަސްތަކަކަށް އެކަން ބަދަލުވިއެވެ. އެކަންތައް ހަލާކުކޮށްލާފަ ތަޅާލަން ޖެހުނެވެ؛ އޭތި ގޮއްވާލާފަ ވަކިވިކުރިއެވެ.

އޭތީގެ ތަނަށް މިނިވަން ވާދަކުރުމެއް އައެވެ. މިއާއެކު، އެކަމަށް ބިނާކުރައްވާފައިވާ އިޖްތިމާޢީ އަދި ސިޔާސީ ޤާނޫނުތަކާއި، ބުރްޖުވާޒީންގެ ސިޔާސީ އަދި އިޤްޠިޞާދީ ނުފޫޒެވެ.

އެކަހަލަ ޙަރަކާތެއް އަހަރުމެންގެ އަމިއްލަ ލޯކުރިމަތީގައި ހިނގަމުންދާތަން ފެނެއެވެ. ޒަމާނީ ބުރްޖުވާޒީ މުޖުތަމަޢަކީ، އޭގެ އުފެއްދުންތެރިކަމާއި، ބަދަލުކުރުމާއި، މިލްކިއްޔާތުގެ ގުޅުންތަކުގެ އެކީގައި، ވަރަށް ބޮޑެތި އުފެއްދުންތެރިކަމާ ބަދަލުކުރުމުގެ ވަސީލަތްތައް ވުޖޫދަށް ގެނެސްފައިވާ މުޖުތަމަޢެކެވެ. އެއީ ސިހުރުވެރިއެއް ސިހުރު ހަދައިގެން، އެ ސިހުރީ ދުނިޔޭގެ ބާރުތައް މާ ގަދަވެ އެއަށް ވެރިވެ ނުގަނެވޭ ވާހަކައެއް ފަދަ ކަމެކެވެ. ކުރީގެ އެތައް އަހަރުތަކުގައި ސިނާޢަތާ ތިޖާރަތުގެ ތާރީޚަކީ ޒަމާނީ އުފެއްދުންތެރިކަމުގެ ގުޅުންތަކާ ދެކޮޅަށް ޒަމާނީ އުފެއްދުންތެރިކަމުގެ ބާރުތައް ކުރާ އިންޤިލާބުގެ ތާރީޚެވެ. އަދީ އެއީ ބުރްޖުވާޒީންގެ ދެމިހުރުމާއެކު، އެފަރާތުގެ ވެރިކަން ދަމަހައްޓާ މިލްކިއްޔާތުގެ ގުޅުންތަކާ ދެކޮޅަށް ކުރާ އިންޤިލާބުގެ ތާރީޚެވެ. ކޮންމެ އިޤްޠިޞާދީ ކާރިސާއެއް އިރުކޮޅަކާ އަނބުރާ އައުމުން މުޅި ބުރްޖުވާޒީ މުޖުތަމަޢުގެ ދެމިއޮތުމަށް ތަކުލީފުތައް ކުރިމަތިކުރެއެވެ. އަދި ކޮންމެ ފަހަރަކު މިކަމުގެ ނުރައްކާ ބޮޑުވެއެވެ. މި ކާރިސާތަކުގެ ތެރޭގައި، ކުރީގެ ހުރިހާ ޒަމާންތަކުގެ މީހުންނަށް ނުވިސްނުނު ފަދަ، އެއިރު އެކަން ހިނގި ނަމަ އަޖައިބެއްހެން ހީވިފަދަ ބަލިމަޑުކަމެއް ފެތުރެއެވެ - އެއީ އިތުރުއުފެއްދުމުގެ ބަލިމަޑުކަމެވެ. މުޖުތަމަޢު ކުއްލިއަކަށް ބަރްބަރީކަމަށް އަނބުރާ ޖައްސާލާތަން ފެނެއެވެ؛ ބަނޑުހައިހޫނުކަމަކުން ނުވަތަ ދުނިޔެވީ ހަލާކުގެ ހަނގުރާމައެއްގެ ސަބަބުން، ހުރިހާ ބޭނުންތައް ފޯރުކޮށްދޭ މަގުތައް ކަނޑާލިހެން ހީވެއެވެ؛ ސިނާޢަތާ ތިޖާރަތު ނެތިކޮށްލާފައި ވާހެން ހީވެއެވެ؛ އަދި އެއީ ކީއްވެގެން ހެއްޔެވެ؟ އޭގެ ސަބަބަކީ ހަޟާރަތުގެ މިންވަރު މާ ގިނަވުމާއި، ބޭނުންތައް ފުއްދައިދޭ ވަސީލަތްތައް މާ ގިނަވުމާއި، ސިނާޢަތް މާ ގިނަވުމާއި، ތިޖާރަތު މާ ގިނަވުމެވެ. އޭގެ ފަހުން މުޖުތަމަޢު، އޭތީގެ ބޭނުންހިފުމުގެ ފުރުސަތުގައިވާ އުފެއްދުންތެރިކަމުގެ ބާރުތަކުން، ބުރްޖުވާޒީ މިލްކިއްޔާތުގެ ގުޅުންތަކުގެ ތަރައްޤީއަށް ކުރިއެރުން ފޯރު ނުކޮށްދެއެވެ؛ އޭގެ ބަދަލުގައި، އެ ބާރުތަކުގައި ބިޑ އަޅާފައިވާ ގުޅުންތަކަށް ވުރެ މާ ބާރުގަދަ ވެއެވެ. މިހެންވުމުން ބިޑިތައް ހަލާކުކޮށްލާ ވަގުތުގެ ފަހުން، ބަރްޖުވާޒީ މުޖުތަމަޢަށް ހަމަނުޖެހުން ގެނެސް، ބަރްޖުވާޒީ މިލްކިއްޔާތުގެ ދެމިއޮތުމަށް ނުރައްކާ ކޮށްލައެވެ. ބަރްޖުވާޒީ މުޖުތަމަޢުގެ ގުޅުންތަކަކީ އެއިން އުފައްދާ މުއްސަނދިކަން ހިފެހެއްޓުމަށް މާ ހަނި އެއްޗެކެވެ. ބުރްޖުވާޒީން މި ކާރިސާތަކުން އަރައިގަންނަނީ ކިހިނެއް ހެއްޔެވެ؟ އެއީ އެއްފަރާތުގައި ގަދަކަމުން އުފެއްދުންތެރިކަމުގެ ބާރުތަކުގެ ވަކި ބައިތައް ކަނޑައަޅާފަ ހަލާކު ކޮށްލުމުންނެވެ؛ އަނެއް ފަރާތުގައި އާ ބާޒާރުތައް ފަތަޙަކުރުމުންނާއި، ކުރީގެ ބާޒާރުތައް އިތުރަށް އިސްތިޣުލާލު ކުރުމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއީ ދިގުދެމިގެން އޮންނާނެ ބޮޑެތި ކާރިސާތަކަށް މަގުފަހިކުރުމުންނެވެ. އަދި ކާރިސާތައް ވިއަ ނުދިނުމަށް ބޭނުންވާ ވަސީލަތްތަކަށް ހުރަސް އެޅުމުންނެވެ.

ބުރްޖުވާޒީން އިޤްޠާޢިއްޔަތު ބިމަށް ވައްޓާލަން ބޭނުންކުރި ހަތިޔާރުތައް މިހާރު ވަނީ ބުރްޖުވާޒީންގެ ދިމާލަށް އަނބުރާ ދއްކޮށްލާފައެވެ.

ނަމަވެސް ބުރްޖުވާޒީންގެ އަމިއްލަ މަރު ގެންނަވާނެ ހަތިޔާރުތައް އުފެއްދުމަކީ އެމީހުން ކުރި ހަމައެކަނި ކަމެއް ނޫނޭވެ؛ މީގެ އިތުރުން މި ހަތިޔާރުތައް ބޭނުންކުރާނެ ފަރާތްތައް ވުޖޫދަށް ގޮވާލާ ގެންނެވިއެވެ - އެއީ ޒަމާނީ މަސައްކަތްތެރި ފަންތިއެވެ - ޕުރޮލެޓާރީންނެވެ.

ބުރްޖުވާޒީންނާ ރައުސުމާލު ތަރައްޤީވާ އެއް މިންވަރަށް، ޕުރޮލެޓާރީން ކަމަށްވާ ޒަމާނީ މަސައްކަތްތެރި ފަންތި ތަރައްޤީވެއެވެ - އެއީ މަސައްކަތް ކުރާނެ ފުރުސަތުތައް ހޯދެވޭ ހިނދު ދިރިއުޅެވޭ ޢާމިލުންގެ ފަންތިއެކެވެ. އަދި މަސައްކަތް ހޯދެވޭނީ ހަމައެކަނި އެމަސައްކަތުން ރައުސުލްމާލު އިތުރުކުރާ ހިނދުގައެވެ. އަމިއްލަ ނަފްސު ބައިބައިކޮށް ވިއްކަން ޖެހޭ މި ޢާމިލުންނަކީ، ތިޖާރަތުގެ އެހެން ހުރިހާ ބާވަތްތައް ފަދައިން ސިލްޢަތެކެވެ. އަދި މިހެންވުމުން ވާދަކުރުމުގެ ހުރިހާ ތަކުލީފުތަކަށާ، ބާޒާރުގެ ހުރިހާ ދައުރުވުމަކަށް އެމީހުން ހާމަވެގެން ދެއެވެ.

މެޝިނަރީގެ ބޭނުންހިފާ މިންވަރު ވަރަށް ބޮޑަށް އިތުރުވުމާއި، ޢަމަލުގެ ވަކިކުރުމުގެ ސަބަބުން، ޕުރޮލެޓާރީންގެ މަސައްކަތުގެ އަމިއްލަ ޝަޚްޞިއްޔަތު ގެއްލުމުގެ އެކީގައި، މަސައްކަތު މީހާއަށް ޗާލުކަމުގެ ސިފަ ގެއްލިފައިވެއެވެ. އޭނާ މެޝީނުގެ އަތަކަށް ވެއެވެ. އަދި މިއީ އޭނާ ލައްވާ ކުރަން މަޖުބޫރުވާ އެންމެ ފަސޭހައިން ދަސްވެވޭ، އެންމެ ފޫހިވާ، އެންމެ އާދައިގެ ކަމެވެ. އެހެންވީމާ، މަސައްކަތު މީހާގެ އުފެއްދުމުގެ ޚަރަދު ކަނޑައެޅިފައި ވަނީ، ހަމައެކަނި، އޭނާ ދިރިހުރި ގޮތުގައި ފުއްދައި ދިނުމަށާ އޭނާގެ ނަސްލަށް ދަރިފަސްކޮޅު ދިނުމަށް ބޭނުންވާ މިންވަރުގެ ތަކެއްޗެވެ. ނަމަވެސް ސިލްޢަތުގެ އަގުކުރުމާއި، މިހެންވުމުން ޢަމަލުގެ އަގުކުރުންވެސް(13)، އޭގެ އުފެއްދުމުގެ ޚަރަދާ އެއްވަރުވެއެވެ. އެހެންވުމުން، މީގެ އެއްމިންވަރަށް، މަސައްކަތުގެ ނުބައިކަން އިތުރުވާ ވަރަކަށް، އުޖޫރަ ކުޑަވެއެވެ. މީގެ އިތުރުން، މެޝިނަރީގެ ބޭނުމާއި، ޢަމަލުގެ ވަކިކުރުމުގެ ބޭނުން އިތުރުވާ މިންވަރަށް، ބުރަ މަސައްކަތުގެ ބޮޑުމިން އިތުރުވެއެވެ. މިއީ މަސައްކަތުގެ ގަޑި ދިގުދަންމައިގެން، ނުވަތަ އެއްގަޑިއެއްގަ ކުރާ މަސައްކަތް އިތުރުކޮށްގެން، ނުވަތަ މެޝިނަރީގެ ހަލުވިކަން އިތުރުކުރުމުންނެވެ.

ޒަމާނީ ސިނާޢަތުގެ ސަބަބުން، އަބަވީ ވެރިޔާގެ ކުޑަ މާލަމުގެ ބަދަލުކޮށްލާފައި ވަނީ، ސިނާޢީ ރައުސުލްމާލީގެ ބޮޑު ކާރުހާނާއަކަށެވެ. ޢާމިލުންގެ ޖަމާޢަތްތައް ކާރުހާނާ ތެރެއަށް އެއްކޮށްލާ ވައްދާފަ، ސިފައިންނާ އެއްގޮތަށް ރާވައެވެ. ސިނާޢީ އަސްކަރީ ޕުރައިވެޓުންގެ ގޮތުގައި، އޮފިސަރުންނާ ސާޖަންޓުންގެ ފުރިހަމަ ދަރަޖައިގެ ވެރިކަމުއްގެ ދަށަށް އެމީހުން ގެންގޮސްފައި ވެއެވެ. އެމީހުންނަކީ ހަމައެކަނި ބުރްޖުވާޒީންނާ ބުރްޖުވާޒީ ދައުލަތުގެ އަޅުންނެއް ނޫނެވ؛ ކޮންމެ ދުވަހަކާ ކޮންމެ ގަޑިއިރަކު މެޝިނާއި، ފެންވަރު ބަލަމުންދާ ފަރާތާއި، އެންމެ ބޮޑަށް، ވަކި ބުރްޖުވާޒީ މެނުފެކުޝަރަރުގެ އަޅުވެތިކަމުގެ ދަށުގައި އުޅެއެވެ. މި ޒާލިމީ ވެރިކަމުގެ މަޤްޞަދަކީ އަމިއްލަ ފައިދާ ކަމަށް އަމިއްލެއަށް އެއްބަަސްވެ ހާމަކުރާ ވަރަކަށް، އޭތިގެ ޙަޔާތްކުޑަކަމާއި، ނަފުރަތްކުރުމާއި، ހިތިކަމުގެ ސިފައިގެ މިންވަރު އިތުރުވެއެވެ.

އިންސާނާގެ އަތްތެރި ޢަމަލުގަ ހުނަރާ ބާރު ބޭނުންކުރާ މިންވަރު މަދުވާ ވަރަކަށް، ނުވަތަ އެހެން ގޮތަކަށް ބުނާނަމަ، ޒަމާނީ ސިނާޢަތް ތަރައްޤީވާ ވަރަކަށް، ފިރިހެނުންގެ ޢަމަލާ، އަންހެނުންގެ ޢަމަލުގެ މުހިންމުކަން އިތުރަށް ހަމަހަމަވެއެވެ. މަސައްކަތްތެރި ފަންތިއަށް އުމުރާ ޖިންސުގެ ތަފާތުތަކުގެ ވަކި ޞައްޙަކަމެއް މިހާރު ނެތެވެ. ހުރިހާ އެންމެންނަކީ ޢަމަލުގެ އާލާތްތަކެވެ. އަދި އުމުރާ ޖިންސުގެ ސަބަބުން ، ބޭނުންހިފުމުގެ ޚަރަދު ތަފާތުވެއެވެ.

މެނުފެކުޝަރަރު ކުރާ އިސްތިޣުލާލުގެ ފަހުން، ޢާމިލުންނަށް ފައިސާގެ އުޖޫރަ ލިބުމަށް ފަހު، ވަރަށް ހަލުވިކޮށް ބަރްޖުވާޒީންގެ އެހެން ބައިތަކުން އޭނާއަށް ދިމާކުރާ ހާމަލާތަކުނ އޭނާ ޝިކާރައަކަށް ވެއެވެ. އެއީ ބިންވެރިންނާއި، ވިޔަފާރިވެރިންނާއި، ބުރޯކަރުން ފަދަ މީހުންނެވެ.

މެދު ފަންތީގެ ތިރީ ބައިތައް ކަމަށްވާ - ކުދި ވިޔަފާރިވެރިންނާއި، ފިހާރައިގެ ވެރިންނާއި، މަސައްކަތްކުރުމުގެ ދައުރު ނިންމާލި ވިޔަފާރިވެރިންނާއެކު، އާންމުކޮށް އަތްތެރި މަސައްކަތްތެރިންނާ ފައްލާޙުން - މިހުރިހާ މީހުން މަޑުމަޑުން އަޑިއަށްގޮސް ޕުރޮލެޓާރީންނަށް ވަމުން ދެއެވެ. އެއީ އެއްކޮޅުން އެމީހުންގެ ކުދި ރައުސުލްމާލުން ޒަމާނީ ސިނާޢަތް ކުރިއަށް ގެންދާ މިންވަރުގެ ހިސާބަށް ނާރާ ނުފުދުމުންނާއި، ބޮޑެތި ރައުސުލްމާލީންނާ ދެކޮޅަށް ވާދަކުރުމުގެ ދަށުގައި ގެނބިގެން ދިއުމުންނެވެ. އަނެއް ކޮޅުން އާ އުފެއްދުންތެރިކަމުގެ ގޮތްތަކުގެ ސަބަބުން އެމީހުންގެ ޚާއްޞަކުރައްވާފައިވާ ހުނަރުތަކުގެ ބޭނުން ކެނޑޭތީއެވެ. އެހެންވުމުން ޕުރޮލެޓާރީންގެ ފަރާތަށް އާބާދީގެ ހުރިހާ ފަންތިތަކުން މީސްމީހުން ދަމާ ނަގައެވެ.

ޕުރޮލެޓާރީން ތަރައްޤީވުމުގެ ތެރޭގައި އެކި ފިޔަވަޅުތަކުން ކުރިއަށް ދެއެވެ. އުފަންވުމުން ބުރްޖުވާޒީންނާ ނިޟާލުކުރަން ފަށައެވެ. އެންމެ ފުރަތަމަ އެ ވާދަކުރުން ކުރިއައަށް ގެންދަނީ ވަކި ޢާމިލުން އަމިއްލެއަށެވެ. އޭގެ ފަހުން ކުރިއައަށް ގެންދަނީ ކާރުހާނާއެއްގެ މަސައްކަތު މީހުންނެވެ. އެއަށް ފަހު އެއް ހިސާބެއްގައި ހިންގާ ވަކި ސިނާޢަތެއްގެ މަސައްކަތްތެރިން އެމީހުން ސީދާކޮށް އިސްތިޣުލާލުކުރާ ވަކި ބުރްޖުވާޒީއަކާ ދެކޮޅަށެވެ. އެމީހުންގެ ހަމަލާތައް އަމާޒުކުރަނީ އުފެއްދުންތެރިކަމުގެ ގުޅުންތަކުގެ ބުރްޖުވާޒީކަމަށް ނޫނެވެ. އޭގެ ބަދަލުގައި އުފެއްދުންތެރިކަމުގެ އާލަތްތަކާ ދެކޮޅަށެވެ؛ އެމީހުންގެ ޢަމަލާ ދެކޮޅަށް ވާދަކުރާ އެތެރެކޮށްފައިވާ މުދާތައް ހަލާކުކޮށްލައެވެ. މެޝިނަރީ ފުނޑުފުނޑުކޮށްލައެވެ. ކާރުހާނާތައް އަންދާލައެވެ. އެމީހުންގެ ބޭނުމަކީ ގަދަކަމުން މެދު ޒަމާނުގެ ގެއްލިފައިވާ މަސައްކަތު މީހާގެ ދަރަޖަ އަނބުރާ ލިބުމަށެވެ.

މި ފިޔަވަޅުގައި، ޢާމިލުން އަދިވެސް ނިސްބަތްވަނީ މުޅި ޤައުމުގެ އެކި ތަންތަނުގެއި ފެތުރިފައި މާޔޫސްވެފައިވާ ޖަމާޢަތަކަށެވެ. އަދި އެމީހުންގެ ދެމެދުގައިވާ ވާދަކުރުމުން ވަކިވެފައިވާ ގޮތުގައި އޮންނަ ބައެކެވެ. އެއްވެސް ހިސާބެއްގައި ހަރުދަނާ އިއްތިޙާދެއް އުފައްދަން އެއްބައިވާ ނަމަ، މިއީ އެމީހުންގެ އަމިއްލަ އެދުމުން ކުރާ ކަމެއް ނޫނެވެ. އެއީ ބުރްޖުވާޒީންގެ އިއްތިޙާދުގެ ސަބަބުން ދިމާވާ ކަމެކެވެ. އެއީ ބުރްޖުވާޒީންގެ ސިޔާސީ އަމާޒުތައް ޙާސިލުކުރުމަށްޓަކައި، އެކަމަށް ޕުރޮލެޓާރީން އެއްކޮށް ހިންގުވައިދިނުމަށް މަޖުބޫރުވާތީއެވެ. ހަމަމިއާއެކު، އެއީ އެ ވަގުތުކޮޅަށް ކުރެވޭ ކަމެކެވެ. މިހެންވުމުން، މި ފިޔަވަޅުގައި ޕުރޮލެޓާރީން ހަނގުރާމަކުރަނީ އެމީހުންގެ ދުޝްމަނުންނާ ދެކޮޅަކަށް ނޫނެވެ. އޭގެ ބަދަލުގައި ދުޝްމަނުންގެ ދުޝްމަނުން ކަމަށްވާ، މުޠްލަޤު ރަސްކަމުގެ ދެމިއޮތް ބައިތަކާއި، ބިންވެރިންނާއި، ސިނާޢީ ނޫން ބުރްޖުވާޒީންނާއި، ކުދި ބުރްޖުވާޒީންނެވެ. މިހެންވުމުން މުޅި ތާރީޚީ ޙަރަކާތް އެއްކޮށްލާފައި ވަނީ ބުރްޖުވާޒީންގެ އަތްތަކަށެވެ؛ މިގޮތަށް ހޯދި ކޮންމެ ކާމިޔާބަކީ ބުރްޖުވާޒީންނާށް ލިބޭ ކާމިޔާބެކެވެ.

ނަމަވެސް ޕުރޮލެޓާރީންގެ އަދަދު ގިނަވުމަކީ، ސިނާޢަތް ތަރައްޤީވުމާ ގުޅިގެން ދިމާވާ ހަމައެކަނި ކަމެއް ނޫނެވެއެވެ؛ މީގެ އިތުރުން ޕުރޮލެޓާރީން ބޮޑެތި ޖަމާޢަތްތަކަށް އެއްވެފަ، އެމީހުންގެ ބާރު އިތުރުވުމުން، އެ ބާރު އިތުރަށް އިޙްސާސްވެއެވެ. ޕުރޮލެޓާރީންގެ ތެރޭގައި އޮތް އެކިއެކި ދިރިއުޅުމުގެ ޙާލަތްތަކާ އެދުންތައް އިތުރު މިންވަރަކަށް ހަމަހަމަވެގެން ދެއެވެ. މިއީ މެޝިނަރީގެ ސަބަބުން ޢަމަލުގެ ހުރިހާ ތަފާތުކުރުންތައް ނެތިކޮށްލާފަ، ހުރިހާ ހިސާބެއްގައި އުޖޫރަތައް އެއްވަރުގެ ދަށު ދަރަޖައަކަށް ތިރިކޮށްދޭ މިންވަރާ އެއްކޮށެވެ. ބުރްޖުވާޒީންގެ ދެމެދުގައިވާ ވާދަކުރުން އިތުރުވުމުން، އަދި އޭގެ ސަބަބުން ދިމާވާ ތިޖާރަތީ ކާރިސާތަކުން، މަސައްކަތްތެރިންގެ އުޖޫރަ މައްޗަށާ ތިރިއަށް ދުވަމުންދާ ވަރު އިތުރުވެއެވެ. މެޝިނަރީ އިތުރަށް ކުރިއަރައި، އަވަހަށް ތަރައްޤީވުމުން، އެމީހުންގެ ދިރިއުޅުމުގެ އާމްދަނީއަށް ނުރައްކާ ކުރިމަތިކުރެއެވެ؛ ވަކި މަސައްކަތު މީހުންނާ ވަކި ބުރްޖުވާޒީއެއްގެ ދެމެދުގައިވާ ތަޅާފޮޅުންތަކަށް އިތުރަށް ދެ އިޖްތިމާޢީ ފަންތީގެ ތަޅާފޮޅުމުގެ ޝަޚްޞިއްޔަތެއް ލިބިގެން ދެއެވެ. މިހިސާބުން، މަސައްކަތްތެރިން ބުރްޖުވާޒީންގެ ދެކޮޅަށް އެއްވުންތައް (ޢަމަލީ އިއްތިޙާދުތައް) ރާވައެވެ؛ އުޖޫރައިގެ މިންވަރު ދެމެހެއްޓުމަށް އެމީހުން ބަޔަކަށް އެއްވެއެވެ؛ އެމީހުން އެކި ވަގުތު ކުރާނެ އިންތިފާދާތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ދެމިއޮންނަ ޖަމްޢިއްޔާތައް އުފައްދައެވެ. އެކިއެކި ހިސާބުތަކުގައި، މި ވާދަކުރުންތައް މުޒާހަރާތަކަށް އަރައިގަނެއެވެ.

އެކި ވަގުތުތަކުގައި މަސައްކަތްތެރިންނަށް ކާމިޔާބު ޙާސިލްކުރެވެއެވެ. ނަމަވެސް މިއީ ވަގުތީ ކަމެކެވެ. އެމީހުންގެ ހަނގުރާމައިގެ އަޞްލު މޭވާއަކީ ހަމަ އެވަގުތު ލިބޭ ނަތީޖާއެގައި އޮންނަ ކަމެއް ނޫނެވެ. އެއީ އިތުރަށް ފުޅާވަމުންދާ މަސައްކަތްތެރިންގެ އިއްތިޙާދުގައި ހިމެނިފައިވާ ކަމެކެވެ. ޒަމާނީ ސިނާޢަތުން އުފައްދާ ކުރިއަރާފައިވާ މުއާމަލާތްކުރުމުގެ ވަސީލާތްތަކުން މި އިއްތިޙާދަށް އެހީއެއް ލިބެއެވެ. އަދި މިކަމުން އެކި ހިސާބުތަކުގައި އުޅޭ މަސައްކަތްތެރިންގެ ދެމެދުގައި ގުޅުން ބެހެއްޓެއެވެ. މި ގުޅުމަކީ، އެއް ޝަޚްޞިއްޔަތެއްގެ އެކުގައި ހިންގި ސަރަހައްދީ ނިޟާލުތައް އެއްކޮށްލާފަ މަރުކަޒީކޮށް ފަންތިތަކުގެ ދެމެދުގައި ހިންގާ ޤައުމީ ނިޟާލަކަށް ބަދަލުކުރުމަށްޓަކައި ސީދާ ބޭނުންވި ކަމެކެވެ. ނަމަވެސް ކޮންމެ ފަންތީގެ ނިޟާލަކީ ސިޔާސީ ނިޟާލެކެވެ. އަދި މެދު ޒަމާނުގެ ބަރްގަރުން އެ އިއްތިޙާދު ޙާސިލްކުރުމަށްޓަކައި، އެމީހުންގެ ދަށުދަރަޖައިގެ ތާރު މަގުތައް ބޭނުންކޮށްގެން އެތައް ޤަރުންކުން ކުރެވުނު ކަންތައް ކުރުމަށް، ޒަމާނީ ޕުރޮލެޓާރީން، ރޭލުމަގުތަކުގެ އެހީ ލިބިގެން، މަދު އަހަރެއްގެ ތެރޭގައި ޙާސިލްކުރެއެވެ.

ޕުރޮލެޓާރީން އިޖްތިމާޢީ ފަންތިއަކަށް ޖަމާވެ ރޭވުމާއި، އަދި އޭގެ ސަބަބުން، ސިޔާސީ ޕާޓީއަކަށް ޖަމާވެ ރޭވުމުގެ ކަންތައް، ދުވަހުން ދުވަހަށް މަސައްކަތްތެރިންގެ ދެމެދުގައިވާ ވާދަކުރުމުގެ ސަބަބުން މަޑުޖައްސައެވެ. ނަމަވެސް އެކަން ކޮންމެ ފަހަރަކު އިތުރަށް ބާރުގަދަވެ، ވަރުގަދަވެ، ހަރުދަނާވެފަ އަރައިގަނެއެވެ. އެކަމުން މަސައްކަތްތެރިންގެ އެކި އެދުންތައް ޤާނޫނީ ގޮތުން ބަލައިގަތުމަށް ފިޔަވަޅު އަޅަން މަޖުބޫރުކުރެއެވެ. މިއީ ބުރްޖުވާޒީންގެ ދެމެދުގައިވާ ވަކިވުންތަކުގެ ބޭނުންހިފައިގެންނެވެ. މިހެންވުމުން، އިނގިރޭސިވިލާތުގައި ދިހަ ގަޑިއިރުގެ ޤާނޫނު ފާސްކުރެވުނެއެވެ[14].

މުޅިއަކު ކުރީގެ މުޖުތަމަޢުގެ ފަންތިތަކުގެ ދެމެދުގައިވާ ދެކޮޅުޖެހުންތައް، އެކި ގޮތްގޮތަށް، ޕުރޮލެޓާރީންގެ ތަރައްޤީވުމަށް މަގުފަހިކުރެއެވެ. ބުރްޖުވާޒީންނަށް ބަލާލަފަ ފެންނަނީ މެދުނުކެނޑި ކުރަމުންދާ ހަނގުރާމައެއްގައި އެމީހުން ބައިވެރިވާން ޖެހޭ ތަނެވެ. ފުރަތަމަ އަރިސްޓޮކުރޭޓުންނާ ދެކޮޅަށެވެ؛ ތަންކޮޅެއް ފަހުން، ބުރްޖުވާޒީންގެ ތެރެއިން ސިނާޢަތުގެ ތަރައްޤީއަށް ހުރަސްއަޅާ އެދުންތައް ފާޅުކުރާ ބައިތަކާ ދެކޮޅަށެވެ؛ އަދި ހުރިހާ ހިނދެއްގައި އެހެން ޤައުމުތަކުގެ ބުރްޖުވާޒީންނާ ދެކޮޅަށެވެ. މި ހުރިހާ ހަނގުރާމައެއްގައި، އެމީހުން ޕުރޮލެޓާރީންގެ އެހީ ހޯދުމަށް މަޖުބޫރުވެއެވެ. އަދި މިހެންވުމުން، ޕުރޮލެޓާރީން ސިޔާސީ މައިދާނަށް ނެރެވިގެން ދެއެވެ. މީގެ ސަބަބުން، ބުރްޖުވާޒީން އަމިއްލެއަށް، ޕުރޮލެޓާރީންގެ ފަރާތަށް ސިޔާސީ ތަޢުލީމްގެ އެކީގައި މާއްދީ ތަޢުލީމްގެ އެތިކޮޅުތައް ލިއްބައިދެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ބުރްޖުވާޒީންނާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވާ ހަތިޔާރު ޕުރޮލެޓާރީންނަށް ލިބިދެއެވެ.

މީގެ އިތުރުން، އަހަރުމެންނަށް ކުރިން ފެނިފައިވާ ގޮތުގައި، ވެރިކަންކުރާ ފަންތީގެ ތެރޭގައިވާ އެކި ބައިތައް، ސިނާޢަތުގެ ކުރިއެރުމުގެ ސަބަބުން، ޕުރޮލެޓާރީންގެ ތެރެއަށް ވެއެޓި ޖަމާވެއެވެ. ނުވަތަ މަދުމިނެއްގައި އެމީހުންގެ ދެމިހުރުމުގެ ޝަރުޠުތަކަށް ނުރައްކާ ކުރިމަތިވެއެވެ. މިބައިމީހުންވެސް ޕުރޮލެޓާރީން ފަރާތައް ޢިލްމީ ތަނަވަސްކަމާ ކުރިއެރުމުގެ އެތިކޮޅުތައް ލިއްބައިދެއެވެ.

އެންމެ ފަހުން، ފަންތީގެ ނިޟާލުގެ އެންމެ މުހިންމު ވަގުތު ކައިރިވާ ހިނދުގައި، ވެރިކަންކުރާ ފަންތީގެ ތެރޭގައި، އަދި އާންމުކޮށް ކުރީގެ މުޖުތަމަޢުގެ ތެރޭގައި ހިނގަމުންދާ ވީރާނާވުމުގެ ކަންތައް ކުރިއަށްގޮސް، އެކަމަށް ވަރަށް އަނިޔާވެރި ޝަޚްޞިއްޔަތެއް ލިބެއެވެ. މީގެ ސަބަބުން ވެރިކަންކުރާ ފަންތީގެ ތެރެއިން މަދު ބައެއް އެފަންތިއާ ގުޅުން ކަނޑާލާފަ، މުސްތަޤްބަލު އަތުގައި ހިފަހައްޓާ އިންޤިލާބީ ފަންތީގެ އެކީގައި އެއްބައިވެއެވެ. އެހެންވީމާ، ކުރީ ޒަމާނެއްގައި، ބޭފުޅު ފަންތީގެ އެއްބައެއް ބުރްޖުވާޒީންގެ ފަރާތައް ދިއަ ގޮތަށް، މިހާރު ބުރްޖުވާޒީންގެ ތެރެއިން އެއްބައެއް ޕުރޮލެޓާރީންގެ ފަރާތަށް ދެއެވެ. މީގެ ތެރެއިން ޚާއްޞަކޮށް، ބުރްޖުވާޒީ ފިކުރުވެރިންގެ ބައެކެވެ. އަދި މިއީ ނަޡަރީޔާގެ ގޮތުން ތާރީޚީ ޙަރަކާތް އެއްކޮށް ވިސްނާ އުނގެނުމުގެ ދަރަޖައަށް މިބައިމީހުން އަމިއްލެއަށް އުފުއްލައިގެންފައިވާ ބައެކެވެ.

ބުރްޖުވާޒީންގެ ކުރިމަތީގަ މިހާރު ހުންނަ ހުރިހާ ފަންތިތަކުގެ ތެރެއިން، އަޞްލު ހަޤީޤީ އިންޤިލާބީ ފަންތިއަކީ ހަމައެކަނި ޕުރޮލެޓާރީންނެވެ. އެހެނިހެން ފަންތިތައް ޒަމާނީ ސިނާޢަތުގެ ކުރިމަތީގައި ފަނާވެ އެންމެ ފަހުން ނެތިދެއެވެ؛ ޕުރޮލެޓާރީންނަކީ އެކަމުގެ ޚާއްޞަ ބޭނުންތެރި އުފެއްދުމެވެ.

ތިރީ މެދު ފަންތީގައި ހިމެނޭ ކުދި މެނުފެކުޝަރަރާއި، ފިހާރައިގެ ސޭޓާއި، ހުނަރުވެރި އަތްތެރި މަސައްކަތްތެރިޔާއާއި، ފައްލާޙު ފަދަ ހުރިހާ ބައިތައް ބުރްޖުވާޒީން ދެކޮޅަށް ހަނގުރާމަކުރައެވެ. އެއީ އެމީހުން މެދު ފަންތީގެ ބައިތަކުގެ ގޮތުގައި އުޅޭ އުޅުން ސަލާމަތް ކުރުމަށްޓަކައެވެ. އޭގެ ސަބަބުން އެމީހުން އިންޤިލާބީ ނުވެއެވެ. އޭގެ ބަދަލުގައި އެމީހުންނަކީ މުޙާފިޡީ(ޏ) ބައެކެވެ. އެއަށްވުރެ ބޮޑެވެ. އެމީހުންނަކީ ރަޖްޢީންނެވެ. އެއީ ތާރީޚުގެ ފުރޯޅު ފަހަތަށް ފުރޮޅަން މަސައްކަތް ކުރާތީއެވެ. އެއްވެސް ހިނދެއްގައި، އެބައިމީހުން އިންޤިލާބީ ވާނަމަ، އެއީ އެމީހުން ޕުރޮލެޓާރީ ފަންތީގެ ތެރެއަށް އެތެރެވާ ވަގުތު ކައިރިވެ ކުރިމަތިވާތަން ފެނުމުންނެވެ؛ މިހެންވުމުން، އެމީހުން ރައްކާތެރިކުރަނީ އެމީހުން މިހާރު އޮތް ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުންގެ މުސްތަޤްބަލުގެ އެދުންތަކެވެ. އެމީހުންގެ އަމިއްލަ ނަޡަރު ދޫކޮށްލާފަ ޕުރޮލެޓާރީންގެ ނަޡަރުގެ ފަރާތަށް ލައްވައެވެ.

"ނުރައްކާތެރި ފަންތި" [ލަމްޕެންޕުރޮލެޓާރީން][15]، ކަމަށްވާ ކުރީގެ މުޖުތަމަޢު އެއްލާލި އިޖްތިމާޢީ ކިސަޑިތަކާ، މަޑުމަޑުން ކުނިވަމުންދާ އެތިގަނޑު، އެކި ހިސާބުތަކުގައި ޕުރޮލެޓާރީ އިންޤިލާބަކުން ޙަރަކާތައް ވަދެފާނެއެވެ؛ ނަމަވެސް އޭގެ ދިރިއުޅުމުގެ ޙާލަތްތަކުން ތައްޔާރުކުރަނީ މައިގަނޑު ގޮތެއްގައި ރަޖްޢީ ބުރްޖުވާޒީން ރިޝްވަތް ދީގެން ބޭނުންކުރާ އާލާތްތަކަކަށް ވުމަށެވެ.

ޕުރޮލެޓާރީ ދިރިއުޅުމުގެ ޙާލަތުގެ ތެރެއަށް، މައިގަނޑު ގޮތަކަށް ކުރީގެ މުޖުތަމަޢުގެ ފަރާތްތަކުގެ ދިރިއުޅުންވެސް މިހާރު އަޑިއަށް ގެންބިގެން ގޮސްފައިވެއެވެ. ޕުރޮލެޓާރީގެ އަތުގަ މިލްކިއްޔާތެއް ނެތެވެ؛ އޭނާގެ އަނބިދަރިންނާ އޮތް ގުޅުމާއި، ބުރްޖުވާޒީ ޢާއިލީ ގުޅިމުގެ ދެމެދުގައި އެއްފަދަ އެއްވެސް ސިފައެއް މިހާރު ނެތެވެ؛ ޒަމާނީ ސިނާޢަތުގެ ޢަމަލާއި، ޒަމާނީ ރައުސުލްމާލަށް އަޅުވެތިވުމުން އޭނާގެ ހުރިހާ ޤައުމީ ޝަޚްޞިއްޔަތުތައް ކަނޑާ އެއްލާލާފައި ވެއެވެ. މިއީ އިނގިރޭސިވިލާތާއި، ފަރަންސޭސްވިލާތާއި، އެމެރިކާއާއި، ޖަރުމަނުވިލާތުގައިވެސް އެއްގޮތް ކަންތަކެވެ. ޤާނޫނާއި، އަޚްލާގާއި، ދީނަކީ، އޭނާގެ ނަޡަރުން ގިނަ ބާވަތްތަކުގެ ބުރްޖުވާޒީ ވިސްނުންތަކެވެ. ހަމަމިއާއެކު، އޭގެ ފަހަތުގައި އެމިންވަރަށް ބުރްޖުވާޒީ އެދުންތައް އޭނާ ޝިކާރަކުރަން މަޑުކުރެއެވެ.

އަތަށް ބާރު ލިބުނު ހުރިހާ ކުރީގެ ފަންތިތައް އެދުނީ އެމީހުންނަށް ލިބިފައިވާ ދަރަޖަ ޙިމާޔަތް ކުރުމުގެ ގޮތުން މައިގަނޑު ގޮތަކަށް އެ ފަންތީގެ އެކުލެވުމުގެ ޝަރުޠުތަކަށް މުޖުތަމަޢު އަޅުވެތިކުރުމަށެވެ. ޕުރޮލެޓާރީންނަށް އަމިއްލަ ކުރީގެ އެކުލެވުމުގެ ބާވަތް ނެތިކޮށްލުމަކާ ނުލާ، މުޖުތަމަޢުގެ އުފެއްދުންތެރި ބާރުތަކުގެ ވެރިންނަށް ނުވެވޭނެއެވެ. އަދި އެކަމުގެ ސަބަބުން ކުރީގެ އެހެން ހުރިހާ އެކުލެވުމުގެ ބާވަތްތައް ހަލާކު ކޮށްލުމުންނެވެ. ޕުރޮލެޓާރީންގެ އަތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާނެ ފަދަ އެއްވެސް އެއްޗެއް ނެތެވެ؛ އެމީހުންގެ އަމާޒަކީ، ކުރީގެ ހުރިހާ ވަކި މިލްކިއްޔާތުގެ ޙިމާޔަތްތަކާ ދިފާޢުތައް ހަލާކުކޮށްލުމެވެ.

ކުރީގެ ހުރިހާ ތާރީޚީ ޙަރަކާތްތަކަކީ މަދު ބައެއްގެ ޙަރަކާތްތަކެވެ. ނުވަތަ ހިންގީ މަދު ބައެއްގެ އެދުންތަކަށް ބިނާކޮށެވެ. ޕުރޮލެޓާރީންގެ ޙަރަކާތަކީ އަމިއްލައަށް ހޭވެރި، ގިނަބައެއްގެ އެދުންތައް ޙާސިލުކުރުމަށް މަސައްކަތްކުރާ، ގިނަބައެއްގެ މިނިވަން ޙަރަކާތެވެ. ރަސްމީ މުޖުތަމަޢުގެ އިޖްތިމާއީ ފަންތީގެ ނިޒާމު އެއްކޮށް ހަލާކު ކޮށްލުމަކާ ނުލާ، ޕުރޮލެޓާރީން ކަމަށްވާ، އަހަރުމެންގެ ޒަމާނީ މުޖުތަމަޢުގެ އެންމެ ދަށު ދަރަޖައިގެ ބައިކޮޅު، އަމިއްލެއަށް ތެދުވެ އަރައި ނުގަނެވޭނެއެވެ.

ބުރްޖުވާޒީންނާ ޕުރޮލެޓާރީން ދެމެދުގައިވާ ނިޟާލަކީ، އޭގެ ޒާތުގައި ޤައުމީ ކަމަކަށް ނުވި ނަމަވެސް، ފުރަތަމަ އެކަމަށް ޤައުމީ ސިފައެއް ލިބި، ޤައުމީ ނިޟާލަކަށް ވެއެވެ. ކޮންމެ ޤައުމެއްގެ ޕުރޮލެޓާރީން އެންމެ ފުރަތަމަ ޖެހޭނީ، ޔަޤީންކަމާއެކު، އެމީހުންގެ އަމިއްލަ ޤައުމުގެ ބުރްޖުވާޒީންނާ ދެކޮޅަށް ހަނގުރާމަ ކުރާށެވެ.

ޕުރޮލެޓާރާރީންގެ ތަރައްޤީވުމުގެ މައިގަނޑު ފިޔަވަޅުތައް ހުށައެޅުމުގެ ތެރޭގައި، އަހަރުމެން ޒަމާނީ މުޖުތަމަޢުގެ ތެރޭގައި ސިއްރިއްޔާތުގަ ހިނގަމުންދާ ދާޚިލީ ހަނގުރާމަ ދައްކައިދިނެވެ. މިއީ އެހަނގުރާމަ ހާމަކޮށް އިންޤިލާބަކަށް އަރައިގެންދާ ވަގުތުގެ ހަމައަށާއި، ބުރްޖުވާޒީން ގަދަކަމުން ވެރިކަމުން ވައްޓާލުމުގެ ސަބަބުން ޕުރޮލެޓާރީން އަރައިގަތުމުގެ ބިންގާ އަޅާ ތަނަށެވެ.

އަހަރުމެންނަށް ކުރިން ފެނިފައިވާ ގޮތަށް، ކުރީގެ ހުރިހާ މުޖުތަމަޢެއް ބިނާވެފައިވަނީ، ޒާލިމީ ފަންތިތަކާ މަޒްލޫމީ ފަންތިތަކުގެ ދެކޮޅުޖެހުމަށެވެ. ނަމަވެސް ފަންތިއެއް މަޒްލޫމުކުރަން، އޭތީގެ އަޅުވެތި ދިރިހުރުން އެންމެ މަދުމިނުންވެސް ދެމެހެއްޓުމަށް ބޭނުންވާ ވަކި ކަންތައްތަކެއް ލިއްބައިދޭން ޖެހެއެވެ. ބިމުގެ އަޅުވެތިކަމުގެ ޒަމާނުގައި އުޅުނު ބިމުގެ އަޅުން، ކޮމިއުނުގެ ބައިވެރިއެއްގެ ދަރަޖައަށް އަރައިގަނެވުނެވެ. މިއާ އެއްގޮތަށް ކުދި ބުރްޖުވާޒީން، އިޤްޠާޢީ މުޠްލަޤުކަމުގެ ދަށުގައި އުޅުމުގެ ތެރޭގައި، އެމީހުން ތަރައްޤީވެ ބުރްޖުވާޒީންނަށް ބަދަލުވާން ފުރުސަތު ލިބުނެވެ. ޒަމާނީ ޢާމިލު، މިއާ ޚިލާފަށް، ސިނާޢަތުގެ ޙަރަކާތާ އެއްކޮށް އަރައިގަތުމުގެ ބަދަލުގައި، އޭނާގެ އަމިއްލަ ފަންތީގެ ދެމިހުރުމުގެ ޝަރުޠުތަކަށް ވުރެ ދަށަށް އަދި އަޑިއަށް ދެއެވެ. އޭނާ ފަޤީރަކަށް ވެއެވެ. އަދި އެ ފަޤީރުކަމަކީ، އާބާދީއަށް ވުރެ، މުއްސަނދިކަމަށް ވުރެ، މާ އަވަހަށް އުފެދި އިތުރުވާ ކަމެކެވެ. މިހިސާބުން ފާޅުވާ ކަމަކީ، ބުރްޖުވާޒީންނަކީ މުޖުތަމަޢުގެ ވެރިކަން ކުރާ ފަންތީގެ ދަރަޖަ ލިބުމަށާއި، އެމީހުންގެ އުޅުން ދެމެހެއްޓުމުގެ ޝަރުޠުތައް ޤާނޫނީ ގޮތުން މުޖުތަމަޢުގެ މައްޗަށް ތަންފީޛުކޮށް ދެމެހެއްޓޭ ފަންތިއެއް ގޮތުގައި ހުރުމަށް މިހާރު ނޭދެވޭ ބައެކެވެ. އެމީހުން ވެރިކަން ކުރަން ނޭދެވެނީ، އެމީހުންގެ އަޅުންނަށް އެގޮތުގައި ދެމިހުރުމަށް ބޭނުންވާ ޝަރުޠުތައް ފުރިހަމަކުރުމުގެ ކުޅަދާނަކަން ނެތީމައެވެ. އަދި އެފަރާތްތަކަށް އެފަދަ ދަރަޖައަކަށް ދިއުމަށް މަޖުބޫރުކުރާތީއެވެ. އޭނާ އެފަރާތަށް ކާން ދިނުމުގެ ބަދަލުގައި، އެފަރާތް އޭނާއަށް ކަންދޭން ޖެހޭތީއެވެ. މި ބުރްޖުވާޒީން ދަށުގައެއް މުޖުތަމަޢު އިތުރަ މުއްދަތަކަށް ނޫޅެވޭނެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، މިހާރު އޭތީގެ ދެމިހުރުން މުޖުތަމަޢާ ނުގުޅެއެވެ.

ބުރްޖުވާޒީ ފަންތީގެ ދެމިހުރުމާ އެމީހުންގެ ނުފޫޒަށް ބޭނުންވާ ލާޒިމް ޝަރުޠުތަކަކީ ރައުސުލްމާލު އުފައްދުމާ އެއްކުރުމެވެ؛ އަދި ރައުސުލްމާލުގެ ޝަރުޠަކީ އުޖޫރަ-ޢަމަލެވެ. އުޖޫރަ-ޢަމަލު ބިނާވެގެން ވަނީ ހަމައެކަނި ޢާމިލުންގެ ދެމެދުގައިވާ ވާދަކުރުމަށެވެ. ސިނާޢަތުގެ ކުރިއެރުމަށް ، ގަސްތުގައި ނުވިނަމަވެސް ބާރުދޭ ބުރްޖުވާޒީންގެ ސަބަބުން، ޢާމިލުންގެ ވާދަކުރުމުން އަންނަ އެކަނިވެރިކަން ބަދަލުވަނީ، އެމީހުންގެ ޖަމާޢަތީ އިންޤިލާބީ އެއްބައިވުންތަކަށެވެ. މިހެންވުމުން، ޒަމާނީ ސިނާޢަތުގެ ކުރިއެރުމުގެ ސަބަބުން، ބުރްޖުވާޒީން ތަކެތި އުފައްދުމާ އެތަކެތި އެކުލެވުމުގެ ނިޒާމުގެ ބިންގާ އެމީހުންގެ އަމިއްލަ ފައިދަށުން ދަމާލާފަ އަތުލައެވެ. އެހެންވީމަ، ބުރްޖުވާޒީން އުފައްދާ އެންމެ މުހިންމު ތަކެއްޗަކީ، އެމީހުންގެ އަމިއްލަ ޤަބުރުތައް ކޮންނާނެ ބައެވެ. އެމީހުންގެ ނާކާމިޔާބާއި، ޕުރޮލެޓާރީންގެ ކާމިޔާބަކީ، އެއްވަރަކަށް ޔަޤީން ކަންތައްތަކެވެ.

********************

ބާބު 2. ޕުރޮލެޓާރީންނާއި ޝުޔޫޢީން

********************

މުޅިއަކު ޕުރޮލެޓާރީންނާ ޝުޔޫޢީން ދެމެދުގައި އޮންނަނީ ކޮން ގުޅުމެއް ހެއްޔެވެ؟

އެހެނިހެން މަސައްކަތު ފަންތީގެ ޕާޓީތަކާ ދެކޮޅުވެރިވާ ވަކި އެހެން ޕާޓީއެއް ޝުޔޫޢީން އެކުނުލަވައެވެ.

އެމީހުންގެ ފާރާތުގައި މުޅިއަކު ޕްރޮލެޓާރީންގެ އެދުންތައް ފިޔަވާ ވަކި އެހެން އެއްވެސް އެދުމެއް ނެތެވެ.

އެމީހުން ޕުރޮލެޓާރީންގެ ޙަރަކާތްތައް މޮޑެލާފަ ބަދަލުކުރުމުގެ ބޭނުމުގައި، އެމީހުންގެ އަމިއްލަ ވަކި ޚާއްޞަ އެއްވެސް އުޞޫލުތަކެއް ނުހަދައެވެ.

ޝުޔޫޢީން އެހެނިހެން މަސައްކަތު ފަންތީގެ ޕާޓީތަކުން ތަފާތުކުރެވެނީ ހަމައެކަނި މިސިފަތަކުންނެވެ:
1. ތަފާތު ޤައުމުތަކުގެ ޕުރޮލެޓާރީންގެ ޤައުމީ ނިޟާލުތަކުގައި، އެމީހުން ނަސްލީ ތަފާތަށް ބެލުމަކާ ނުލައި މުޅިއަކު ހުރިހާ ޕުރޮލެޓާރީންގެ އެދުންތަކަށް ދިމާކޮށް ކުރިމައްޗަށް ގެނެއެވެ.
2. މަސައްކަތު ފަންތި ބުރްޖުވާޒީންނާ ދެކޮޅަށް ކުރާ ނިޟާލުގެ ކުރިއެރުމުގެއި އޭގެ ތެރެއިން ދަތުރުކުރަންޖެހޭ އެކި ފިޔަވަޅުތަކުގެ ތެރޭގައި، އެމީހުން އަބަދާއި އަބަދު ހުރިހާ ހިސާބެއްގައި މުޅި ޙަރަކާތުގެ އެދުންތައް ތަމްސީލްކުރެއެވެ.

އެހެންވުމުން، ޝުޔޫޢީންނަކީ އެއްފަރާތެއްގައި، އަމަލީ ގޮތެއްގައި، ކޮންމެ ޤައުމެއްގެ މަސައްކަތު ފަންތީގެ ޕާޓީތަކުގެ ތެރެއިން އެންމެ ކުރިއަރައި ތަރައްޤީވެފައިވާ ބައެވެ. އެހެން ހުރިހާ ބައިތައް ކުރިއަށް ޖައްސައިދޭ ބައެވެ؛ އަނެއް ފަރާތުގައި ނަޡަރީ ގޮތުން، ޕުރޮލެޓާރީންގެ ބޮޑު ޖަމާޢަތުގެ މައްޗައް އެމީހުންނަށް ލިބިފައިވާ މަންފާއަކީ، ޕުރޮލެޓާރީ ޙަރަކާތް ކުރިއަށްދާ ރޮނގާއި، އޭގެ ޙާލަތްތަކާއި، އޭގެން އެންމެ ފަހުން އަންނަ މައިގަނޑު ނަތީޖާ ސާފުކޮށް އުނގެނުމެވެ.

ޝުޔޫޢީންގެ އެންމެ ފުރަތަމަ އަމާޒު އެހެން ހުރިހާ ޕުރޮލެޓާރީ ޕާޓީތަކާ އެއްގެތެވެ: ޕުރޮލެޓާރީން ފަންތިއަކަށް އުފެދުމާއި، ބުރްޖުވާޒީންގެ ބާރުވެރިކަން ވައްޓާލުމާއި، ޕުރޮލެޓާރީން ސިޔާސީ ބާރު ފަތަޙަކުރުމެވެ.

ޝުޔޫޢީންގެ ނަޡަރީ ނިންމުންތަކަކީ، އެއްވެސް ގޮތަކަށް، ކޮންމެވެސް ދުނިޔެ ބަދަލުކުރަން ބޭނުންވާ ފަރާތެއް އުފެއްދި، ނުވަތަ ހޯއްދެއްވި، އުޞޫލުތަކަކަށް ނުވަތަ ޚިޔާލުތަކަކަށް ބިނާވެގެންވާ ކަންކަމެއް ނޫނެވެ.

އެކަންކަމުން ހަމައެކަނި ދައްކައިދެނީ، މައިގަނޑު ގޮތަކަށް، އަހަރުމެންގެ ލޯކުރިމަތީގައި ހިނގަމުންދާ ތާރީޚީ ޙަރަކާތަކާއި، ފަންތީގެ ނިޟާލަކުން އަންނަ އަޞްލު ގުޅުންތަކެވެ. އެވަގުތުގައި އޮތް ހުރިހާ މިލްކިއްޔާތުގެ ގުޅުންތައް އިވާލުމަކީ ޝުޔޫޢިއްޔަތަށް ވަކިން ޚާއްޞަ ސިފައެއް ނޫނެވެ.

ކުރީ ޒަމާނުގެ ހުރިހާ މިލްކިއްޔާތުގެ ގުޅުންތަކަށް، އޭގެ ތާރީޚީ ޙާލަތްތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ތާރީޚީ ބަދަލުތަކުގެ އަސަރުތައް ހުއްޓުމަކާ ނުލާ ކުރިމަތިވަމުން ދެއެވެ.

މިސާލަކަށް ފަރަންސޭސް އިންޤިލާބު، އިޤްޠާޢީ މިލްކިއްޔާތު އުވާލާފަ ބުރްޖުވާޒީ މިލްކިއްޔާތަށް ހިތްވަރު ދިނެވެ.

ޝުޔޫޢިއްޔަތު ތަފާތުކޮށްދޭ ސިފައަކީ މިލްކިއްޔާތު އާންމުކޮށް އުވާލުމެއް ނޫނެވެ. އޭގެ ބަދަލުގައި ބުރްޖުވާޒީ މިލްކިއްޔާތު އުވާލުމެވެ. ނަމަވެސް ޒަމާނީ ބުރްޖުވާޒީ ވަކިފަރާތުގެ މިލްކިއްޔާތަކީ ތަކެތި އުފެއްދުމާ އެކުލެވުމުގެ ނިޒާމުގެ އެންމެ ފަހުގެ އެންމެ ފުރިހަމަ ސިފަކުރުމެވެ. މި ނިޒާމު ބިނާވެފައި ވަނީ ފަންތީގެ ދެކޮޅުޖެހުމާ، މަދު ބައެއްގެ މީހުން ގިނަބައި މީހުން އިސްތިޣުލާލު ކުރުމަށެވެ.

މިގޮތުގައި، ޝުޔޫޢީންގެ ނަޡަރިއްޔާ އެންމެ ޖުމްލައަކުން ޚުލާސާ ކުރެވިދާނެއެވެ: ވަކިފަރާތުގެ މިލްކިއްޔާތު އުވާލުމެވެ.

އަހަރުމެން ޝުޔޫޢީން، އިންސާނާގެ އަމިއްލަ ޢަމަލުގެ މޭވާގެ ގޮތުގައި ލިބޭ އަމިއްލަ މިލްކިއްޔާތު ހޯއްދެވުމުގެ ޙައްޤު އުވާލަން ބޭނުންވާކަމަށް ބަޔަކު ވާހަކަ ފަތުރާފައި ވެއެވެ. މި ބާވަތުގެ މިލްކިއްޔާތަކީ ހުރިހާ އަމިއްލަ މިނިވަންކަމާއި، އިސްތިޤްލާލާއި، ޙަރަކާތުގެ ބިންގާ ކަމަށް ބުނެއުޅެއެވެ.

އުނދަގު މަސައްކަތާއެކު، އަމިއްލެއަށް ލިބުނު، އަމިއްލެއަށް ޙާސިލްކުރި މިލްކިއްޔާތެވެ! ތިޔަބައި މީހުން އެކަން ނިސްބަތްކުރަނީ ކުދި ބުރްޖުވާޒީންނާ ކުދި ފައްލާޙުންގެ މިލްކިއްޔާތު ކަމަށްވާ، ބުރްޖުވާޒީ ބާވަތުގެ ކުރިން އައި މިލްކިއްޔާތު ހެއްޔެވެ؟ އެކަން އުވާލުމުގެ ބޭނުމެއް ނެތެވެ؛ ސިނާޢަތް ތަރައްޤީވުމުން އޭތި ބޮޑުމިންކަށް ހަލާކުކޮށްލާފައި ވެއެވެ. އަދި މިހާރުވެސް ދުވަހުން ދުވަހަށް ހަލާކުކުރަމުން ދެއެވެ.

އެހެން ނޫންނަމަ ތިޔަބައިމީހުން އެކަމުން ނިސްބަތްކުރަނީ ޒަމާނީ ބުރްޖުވާޒީ ވަކިފަރާތުގެ މިލްކިއްޔާތަށް ހެއްޔެވެ؟

ނަމަވެސް އުޖޫރަ-ޢަމަލުން ޢާމިލަށް އެއްވެސް މިލްކިއްޔާތެއް އުފައްދައިދޭ ހެއްޔެވެ؟ އެއްވެސް ވަރެއް ނުވެއެވެ. އޭތިން ރައުސުލްމާލު އުފައްދައެވެ. އެއީ، އުޖޫރަ-ޢަމަލު އިސްތިޣުލާލުކުރާ މިލްކިއްޔާތުގެ ބާވަތެވެ. އަދި އުޖޫރަ-ޢަމަލު ފޯރުކޮށްދޭ އާ މަގުތައް ތާޒާކޮށް އިސްތިޣުލާލުކުރަން ލިއްބައިދިނުމަކީ، އެކަމާ ނުލާ އޭތި އިތުރު ނުކުރެވޭނެ ޝަރުތެކެވެ. މިލްކިއްޔާތު، އޭތި މިހާރު އޮތްތުގައި ބިނާވެގެންވަނީ ރައުސުލްމާލާ، އުޖޫރަ-ޢަމަލު ދެމެދުގައިވާ ދެކޮޅުޖެހުމަށެވެ. އަހަރުމެން މި ދެކޮޅުޖެހުމުގެ ދެ ބަޔަށް ނަޡަރު ހިންގާލާނަމެވެ.

ރައުސުލްމާލީއަކަށް ވުމަކީ، ހަމައެކަނި އަމިއްލަ ދަރަޖައެއް އޮތުމުގެ ބަދަލުގައި، އޭގެ އިތުރުން އުފެއްދުންތެރިކަމުގައި އިޖްތިމާޢީ ދަރަޖައެއް ލިބުމެވެ. ރައުސުލްމާލަކީ ޖަމާޢީ އުފެއްދުމެކެވެ. އަދި އޭތި ކުރިއަރުވައިދީ ހިންގުވަން ފެއްޓެވޭނީ، ހަމައެކަނި ގިނަ ބައެއް އެކުވެގެން ކުރާ އަމަލާއި، އެންމެ ފަހުން މުޅި މިޖުތަމަޢުގެ ހުރިހާ އެންމެން އެކުވެގެން ކުރާ އަމަލުންނެވެ.

މިހެންވުމުން ރައުސުލްމާލަކީ ހަމައެކަނި އަމިއްލަ ބާރެއް ނޫނެވެ؛ އެއީ އިޖްތިމާޢީ ބާރެކެވެ.

މީގެ ސަބަބުން، ރައުސުލްމާލު އާންމު މިލްކިއްޔާތަކަށް ބަދަލުކޮށް، މިޖުތަމަޢުގެ ހުރިހާ އެންމެންގެ މިލްކިއްޔާތަކަށް ބަދަލުކުރާ އިރު، އެހެން ނަމަވެސް، އަމިއްލަ މިލްކިއްޔާތު އިޖްތިމާޢީ މިލްކިއްޔާތަށް ބަދަލު ނުވެއެވެ. ބަދަލުވެގެން ދަނީ ހަމައެކަނި އެ މިލްކިއްޔާތުގެ އިޖްތިމާޢީ ޝަޚްޞިއްޔަތެވެ. އޭގެ ފަންތީގެ ޝަޚްޞިއްޔަތު ގެއްލެއެވެ.

މިހާރު އުޖޫރަ-ޢަމަލަށް އަހަރުމެން ބަލައިގަންނާނެވެ.

އުޖޫރަ-ޢަމަލުގެ މެދުމިނުގެ އަގަކީ މަދުމިނުގެ އުޖޫރައެވެ. އެއީ، ޢާމިލު އޭނާ އެންމެ މަދުމިނުގައި ދިރިހުރުމަށް ކޮންމެހެން މަޖުބޫރުކޮށް ބޭނުންޖެހޭ އެންމެ މަދުމިނުގެ ތަކެއްޗެވެ. މިހެންވުމުން، އުޖޫރަ-ޢާމިލު އޭނާގެ ޢަމަލުން އެކުލެވޭ ތަކެއްޗަކީ، ހަމައެކަނި އޭނާގެ މަދުމިނުގެ ދިރިހުރުން ދިގުދަންމާ ހެއްދެވުމަށް ފުދޭ ކަމެކެވެ. އަހަރުމެން އެއްވެސް ވަސީލަތަކުން ޢަމަލުގެ އުފެއްދުންތަކުގެ އަމިއްލަ އެކުލެވުން އުވާލުމަށް ބޭނުމެއް ނުވެއެވެ. މިއީ އިންސާނީ ދިރިހުރުން ދެމެހެއްޓުމަށާ ފެތުރުމަށް ހަދާފައިވާ އެކުލެވުމެކެވެ. އަދި އޭގެން އެހެންބައި މީހުންގެ ޢަމަލަށް އަމުރުކަން ބޭނުންކުރެވޭ އިތުރު ފައިދާއެއް ލިއްބައި ނުދެއެވެ. އަހަރުމެން އުވާލަން ބޭނުންވާ ހަމައެކަނި ކަމަކީ މި އެކުލެވުމުގެ ދެރަ ޝަޚްޞިއްޔަތެވެ. މީގެ ދަށުން ޢާމިލު ދިރިއުޅެނީ ހަމައެކަނި ރައުސުލްމާލު އިތުރުކުރުމަށެވެ. އަދި ދިރިހުރުމަށް ހުއްދަ ދެނީ ހަމައެކަނި ވެރިކަންކުރާ ފަންތި ބޭނުންވާ ކަންތައް ޙާސިލްކުރެވޭ ވަރަށެވެ.

ބުރްޖުވާޒީ މުޖުތަމަޢު ތެރޭގައި، ދިރިހުރި ޢަމަލަކީ އެކުލެވިފައިވާ ޢަމަލު އިތުރުކުރަން ބޭނުންކުރާ ވަސީލަތެއް ފިޔަވާ އެހެން އެއްޗެއް ނޫނެވެ. ޝުޔޫޢީ މުޖުތަމަޢުގައި އެކުލެވިފައިވާ ޢަމަލަކީ ޢާމިލުގެ ދިރިހުރުން ފުޅާކޮށް، މުއްސަނދިކޮށް، ކުރިއެރުވުމަށް ބޭނުންކުރާ ވަސީލަތެއް ފިޔަވާ އެހެން އެއްޗެއް ނޫނެވެ.

މިހެންވުމުން، ބުރްޖުވާޒީ މުޖުތަމަޢުގައި، ކުރީޒަމާން މިޒަމާނަށް ވެރިވެގަނެއެވެ؛ ޝުޔޫޢީ މުޖުތަމަޢުގައި މިޒަމާން ކުރީޒަމާނަށް ވެރިވެގަނެއެވެ. ބުރްޖުވާޒީ މުޖުތަމަޢުގައި ރައުސުލްމާލު މިނިވަންވެ އިސްތިޤްލާލުވެ އެއަށް އަމިއްލަކަމުގެ ސިފައެއް ލިބިގެން ވެއެވެ. އަދި އެއިރު ދިރިހުރި މީހާއަށް މިނިވަންކަން ނުލިބި އޭނާއަށް އަމިއްލަކަމުގެ ސިފައެއްވެސް ނުލިބެއެވެ.

އަދި މި ކަންތައް ހުރިގޮތް އުވާލުމަކީ ބުރްޖުވާޒީން ބުނާ ގޮތުގައި، އަމިއްލަކަމާ މިނިވަންކަން އުވާލުމެވެ! އަދި އެއީ ރަނގަޅަށެވެ. ބުރްޖުވާޒީ އަމިއްލަކަމާއި، ބުރްޖުވާޒީ މިނިވަންކަމާއި، ބުރްޖުވާޒީ އިސްތިޤްލާލު އުވާލުމަކީ އެއްވެސް ޝައްކަކާ ނުލާ އަމާޒުކުރާ ކަންތަކެވެ.

މިހާރުގެ ބުރްޖުވާޒީ އުފެއްދުންތެރިކަމުގެ ގުޅުންތަކުގެ ދަށުގައި، މިނިވަންކަމުގެ މާނައަކީ، މިނިވަން ވިޔަފާރިއާއި، މިނިވަން ގަނެވިއްކުމެވެ.

ނަމަވެސް ގަނެވިއްކުން ނެތިގެން ދާނަމަ، މިނިވަން ގަނެވިއްކުންވެސް ނެތިގެން ދާނެއެވެ. ބުރްޖުވާޒީން މިނިވަންކަމާ ބެހޭގޮތުން އަދި މިނިވަން ގަނެވިއްކުމާ ގުޅޭގޮތުން ބުނަމުންދާ އެހެން "ހިތްވަރުގަދަ" ވާހަކަތަކަށް އެއްވެސް މާނައެއް ލިބޭނަމަ، މާނަ ލިބެނީ، މެދުޒަމާނުގެ ވިޔަފާރިވެރިން ކުރި މިނިވަން ނޫން ގަނެވިއްކުމާ އެވާހަކަތައް އަޅައިކިޔުމުންނެވެ. ނަމަވެސް ގަނެވިއްކުން އުވާލުމާއި، ބުރްޖުވާޒީ އުފެއްދުންތެރިކަމުގެ ގުޅުންތައް އުވާލުމާއި، ސީދާ ބުރްޖުވާޒީން އުވާލުން ފަދަ ޝުޔޫޢީ ކަންތަކާ އަޅައިކިޔުމުން، އެވާހަކަތަކުގައި އެއްވެސް މާނައެއް ނެތެވެ.

ވަކިފަރާތުގެ މިލްކިއްޔާތު އުވާލުމަށް އަހަރުމެން އެދޭތީ ތިޔަބައިމީހުން އެކަމާ މެދު ބިރުގަނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ މިހާރު އޮތް މިޖުތަމަޢުގައި، އާބާދީގެ ދިހަބައިކޮޅު ނުވަބަޔަށް މިހާރުވެސް ވަކިފަރާތުގެ މިލްކިއްޔާތު އުވާލާފައި ވެއެވެ؛ މަދު ބަޔަކަށް އޭތި ލިބިގަތުމަކީ، ހަމައެކަނި، އެތަކެތި ދިހަބައިކޮޅު ނުވަ ބައިގެ އަތަށް ނުފޯރުމުގެ ސަބަބުންނެވެ. އެހެންވުމުން، ހަޤީޤަތުގައި، ތިޔަބައިމީހުން އަހަރުމެންގެ ދެކޮޅަށް ބުނެއުޅެނީ، މުޖުތަމަޢުގެ ބޮޑުބައިގެ އަތުގައި އެއްވެސް މިލްކިއްޔާތު ނެތުމާއި، އެހާލަތް ދެމިއޮތުމުގެ ޝަރުޠަކަށްވާ މިލްކިއްޔާތުގެ ބާވަތެއް އުވާލަން އަހަރުމެން ބޭނުންވާ ކަމަށެވެ.

އެއްބަހަކުން، ތިޔަބައިމީންގެ މިލްކިއްޔާތު އުވާލަން އަހަރުމެން ބޭނުންވާކަމަށް ތިޔަބައިމީހުން ބުނެއުޅެއެވެ. ހަމަ އެގޮތަށެވެ؛ އެއީ ހަމަ އަހަރުމެން އެދޭ ގޮތެވެ.

ރައުސުލްމާލަށާއި، ފައިސާއަށާއި، ކުލި ފަދަ އިޚްތިކާރުކުރެވޭ އިޖްތިމާޢީ ބާރަކަށް، ޢަމަލު ބަދަލު ނުކުރެވޭ ހިނދުން ފެށިގެން، ނުވަތަ ވަކި އަމިއްލަ މިލްކިއްޔާތެއް ބުރްޖުވާޒީ މިލްކިއްޔާތަކަށާ ރައުސުލްމާލަކަށް ބަދަލު ނުކުރެވޭ ހިނދުން ފެށިގެން، ތިޔަބައި މީހުން ފަތުރާ ވާހަކަތަކުގައި، އަމިއްލަކަމުގެ ސިފަ ނެތިގެން ދެއެވެ.

އެހެންވުމުން ތިޔަބައިމީހުން އަމިއްލައަށް އެއްބަސްވާން ޖެހޭ ކަމަކީ، "އަމިއްލަ ފަރާތު" ތިޔަބައީ މީހުން މާނަކޮށް ނިސްބަތްކުރާ ފަރާތަކީ ހަމައެކަނި ބުރްޖުވާޒީއާއި، މެދު ފަންތީގެ މިލްކިއްޔާތުގެ ވެރިމީހާ ކަމެވެ. އެއްވެސް ޝައްކަކާ ނުލައި، އަހަރުމެންގެ މަގުން މި މީހާ ދުއްވާލާފަ، އެކަހަލަ މީހުން އުފެދުމުގެ ފުރުސަތުވެސް އުވާލަން ޖެހެއެވެ.

ޝުޔޫޢިއްޔަތުގެ ސަބަބުން އެއްވެސް މީހެއްގެ ކިބައިން މުޖުތަމަޢުގެ އުފެއްދުންތައް އެކުލެވުމަށް ލިބިފައިވާ ބާރު ނުގެންދެއެވެ؛ އޭތި ހަމައެކަނި ކުރާ ކަމަކީ އެކަހަލަ އެކުލެވުންތަކުގެ ޒަރިއްޔާއިން އެހެންބައި މީހުންގެ ޢަމަލަށް ވެރިވެގަތުމަށް ލިބޭ ބާރު ނައްތާލުމެވެ.

ވަކިފަރާތުގެ މިލްކިއްޔާތު އުވާލުމުން، ހުރިހާ މަސައްކަތް ހުއްޓުމާއި، ދުނިޔެވީ ކަންނެތްކަމުން އަހަރުމެން ވެރިވެގަންނާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ރައްދުކުރަށްވާފައި ވެއެވެ.

މި ވާހަކަ ތެދަކަށް ވިނަމަ، ބުރްޖުވާޒީ މިޖުތަމަޢު ވަރަށް ކުރިން ސީދާ ކަންނެތްކަމުގެ ސަބަބުން ހަލާކުވެ، ވަލު ކުއްތާތަކެއްގެ ޝިކާރައެއް ފަދައިން ދިޔަހެނެވެ؛ އެއީ އޭގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް އެއްޗެއް ނުލިބުމާއެކު، އެއްވެސް އެއްޗެއް ލިބޭ ފަރާތްތައް މަސައްކަތް ނުކުރާތީއެވެ. އެހެން ބުނެގެން ރައްދުކުރުމަކީ އެއްކޮށް ހަމަ މިގޮތަށް ތަކުރާރުކުރާ ޞައްޙަނޫން ވާހަކައެއްގެ އެހެން ކިޔައިދިނުމެކެވެ: ރައުސުލްމާލު ނުލައި އުޖޫރަ-ޢަމަލެއް ނުހިންގެވޭނެ ކަމުގެ ވާހަކައެވެ.

މާއްދީ އުފެއްދުންތައް އުފެއްދުމާ އެކުލަވުމުގެ ޝުޔޫޢީ އުފެއްދުންތެރިކަމުގެ ބާވަތުގެ ދެކޮޅަށް ފަތުރާ ހުރިހާ އިދިކޮޅު ވާހަކަތަކުގެ އެއްގޮތަށް، ޢިލްމީ އުފެއްދުންތައް އުފެއްދުމާ އެކުލަވުމުގެ ޝުޔޫޢީ އުފެއްދުންތެރިކަމުގެ ބާވަތުގެ ދެކޮޅަށްވެސް ވާހަކަ ފަތުރައެވެ. ބުރްޖުވާޒީންނަށް ފެންނަ ގޮތުގައި، ފަންތީގެ މިލްކިއްޔާތު ގެއްލުމަކީ ސީދާ އުފެއްދުންތެރިކަން އެއްކޮށް ގެއްލިގެން ދިއުމަށް ވުމާއެކު، ފަންތީގެ ޘަޤާފަތް ގެއްލުމަކީ އޭނަ ފެންނަ ގޮތުގައި ހުރިހާ ޘަޤާފަތެއް އެއްކޮށް ގެއްލިގެން ދިއުމާ އެއްފަދަ ކަމެކެވެ.

އެކަން ގެއްލިގެން ދިއުމާ މެދު ހިތާމަކުރާ ޘަޤާފަތަކީ، ގިނަބައި މީހުންނަށް، ހަމައެކަނި މެޝިނަކަށް ބަދަލުވުމަށްޓަކައި ކުރާ ފަރިތަކުރުމެކެވެ.

ނަމަވެސް، އަހަރުމެންގެ އަމާޒަކަށްވާ ބުރްޖުވާޒީ މިލްކިއްޔާތު އުވާލުމަށް ގުޅުވާލާފަ، ތިޔަބައިމީހުންގެ ބުރްޖުވާޒީ ނަޡަރުގެ މިނިވަންކަމާއި، ޘަޤާފަތާއި، ޤާނޫނުގެ އަސާސްތަކާމެދު ވާހަކަދައްކާ ހިނދުގައި، އަހަރުމެންނާ ނުތޮޅޭށެވެ. ތިޔަބައިމީހުންގެ ފިކުރުތަކަކީވެސް ހަމަ ތިޔަބައިމީހުންގެ ބުރްޖުވާޒީ އުފެއްދުންތެރިކަމާ ބުރްޖުވާޒީ މިލްކިއްޔާތުގެ ގުޅުންތަކުން ހެދިބޮޑުވެފައިވާ އެއްޗެކެވެ. އެއާ އެއްގޮތަށް ތިޔަބައިމީހުންގެ ފިޤުހަކީ ހަމަ ތިޔަބައިމީހުންގެ ފަންތީގެ އިރާދަތައް ޤާނޫނީ ގޮތުން ހުރިހާ އެންމެންގެ މައްޗަށް ކަނޑައެޅުމެވެ. އެ އިރާދައިގެ އަސާސީ ޝަހްސިއްޔަތާ ކުރިއަށްދާ ރޮނގު ކަނޑައަޅާނީ ތިޔަބައިމީހުންގެ ފަންތި ދެމިއޮތުމުގެ އިޤްތިޞާދީ ޝަރުޠުތަކުންނެވެ.

މި އަމިއްލައެދުންބޮޑު ނުބައި ހީކުރުމަކީ، ތިޔަބައިމީހުންގެ މިހާރުގެ އުފެއްދުންތެރިކަމުގެ ބާވަތުންނާ މިލްކިއްޔާތުގެ ބާވަތުން އަންނަ އިޖްތިމާޢީ ކަންތައް، ޠަބިއްޔަތާ ޢިލްމުގެ ބަދަލުނުކުރެވޭ ދާޢިމީ ޤާނޫނުތަކެއްގެ ގޮތުގައި ދެއްކޮމަށް ތިޔަބައިމީހުންނަށް މަޖުބޫރުކުރާ ކަމެކެވެ - އެއީ ހަޤީޤަތުގައި އުފެއްދުންތެރިކަން ކުރިއެރުމާ ގުޅިގެން އަރާފައި ނެތިގެންދާ ތާރީޚީ ގުޅުންތަކެވެ - މި ނުބައި ހީކުރުމަކީ ކުރީގެ އެހެން ވެރިކަންކުރި ފަންތިތަކާ އެއްގޮތަށް ތިޔަބައިމީހުން ޙިއްޞާކުރާ ހީކުރުމެކެވެ. ޤަދީމީ މިލްކިއްޔާތަށް ބަލާފަ ސާފުކޮށް ފެންނަ ކަންތަކާއި، އިޤްޠާޢީ މިލްކިއްޔާތާ މެދު އެއްބަސްވާ ކަންތައްވެސް، ތިޔަބައިމީހުންގެ އަމިއްލަ ބުރްޖުވާޒީ މިލްކިއްޔާތުގެ ބާވަތާ ގުޅޭގޮތުން އެއްބަސްވުމަކީ ތިޔަބައިމީހުންނަށް މަނާ ކަމެކެވެ.

ޢާއިލާ އުވާލުމެވެ! ޝުޔޫޢީންގެ މި މައްޝޫރު އިޤްތިރާޙުގެ މެދުގައި އެންމެ އުޞޫލީ ފަރާތްތައްވެސް ރުޅިއަރައެވެ.

މިހާރުގެ ޢާއިލާ ކަމަށްވާ، ބުރްޖުވާޒީ ޢާއިލާ ބިނާވެގެން ވަނީ ކޮން ބިންގަލަކަށް ހެއްޔެވެ؟ ރައުސުލްމާލަށެވެ. ވަކިފަރާތުގެ ފައިދާއަށެވެ. މިކަމުގެ ފުރިހަމަކޮށް ތަރައްޤީވެފައިވާ ބާވަތުގައި، ޢާއިލާތައް އޮންނަނީ ހަމައެކަނި ބުރްޖުވާޒީންގެ ފަރާތުގައެވެ. ނަމަވެސް މިކަންތައް އޮތްގޮތުގެ ސަބަބުން ދިމާވާ އިދިކޮޅު ކަންތައް ފެންނަނީ ޕުރޮލެޓާރީންގެ ފަރާތުގައި ޢާއިލާއެއް އަމަލީ ގޮތުން ނެތުމުންނާއި، ފާޅުކޮށް ހަށިވިއްކުމުންނެވެ.

ބުރްޖުވާޒީ ޢާއިލާ އަމިއްލަ ޒާތުގައި ނެތިގެން ދާނީ އޭގެ އިދިކޮޅު ކަންތައް ނެތިގެންދާ އިރުގައެވެ. އަދި އެ ކަންތައްވެސް ނެތިގެންދާނީ ރައުސުލްމާލު ނެތިގެން ދިއުމުންނެވެ.

ކުޑަކުދިންނަށް މައިންބަފައިން ކުރާ އިސްތިޣުލާލު ހުއްޓުވަން އަހަރުމްނެ އެދޭކަމަށް ތިޔަބައިމީހުން ތުހުމަތު ކުރޭ ހެއްޔެވެ؟ މިކަމަށް އަހަރުމެން ޢިއްތިރާފްވަމެވެ.

ނަމަވެސް، ތިޔަބައިމީހުން ބުނާގޮތުގައި، ގޭތެރޭގެ ތަޢުލީމް އިޖްތިމާޢީ ތަޢުލީމަށް ބަދަލުކުރުމުން، އަހަރުމެން އެންމެ މުޤައްދަސް ގުޅުންތައް ހަލާކު ކުރެއެވެ.

އަދި ތިޔަބައިމީހުންގެ ތަޢުލީމެވެ! އެއީވެސް އިޖްތިމާޢީ ތަޢުލީމެއް ނޫން ހެއްޔެވެ؟ އަދި އެކަން ކަނޑައަޅަނީ، ވަކި އިޖްތިމާޢީ ގުޅުންތަކެއްގެ ދަށުގައި ކިޔަވައިދިނުމުންނާއި، މަދަރުސާތަކުގެ ޒަރިއްޔާއިން އެކަމަގު ތެރެއަށް ސީދާ ނުވަތަ ނިސީދާ ގޮތަތަކަށް މުޖުތަމަޢު ވަދެވުމުން ނޫންހެއްޔެވެ؟ ތަޢުލީމުގައި މުޖުތަމަޢު އެކުލެވުމަކީ ޝުޔޫޢީން އީޖާދު ކުރި ކަމެއް ނޫނެވެ؛ ނަމަވެސް އެމީހުން އެދެނީ އެކަން ވެއްދުމުގެ ޝަހްސިއްޔަތު ބަދަލުކުރުމުގެ އެކުގައި، ތަޢުލީމީ ދާއިރާ ވެރިކަންކުރާ ފަންތީގެ ނުފޫޒުން ސަލާމަތް ކުރުމަށެވެ.

ބުރްޖުވާޒީން ޢާއިލާއާއި، ތަޢުލީމާއި، މައިންބަފައިންނާ ދަރިންގެ މާތް ގުޅުމާ ބެހޭ ގޮތުން ކުރާ އަނގަތެޅުވުން، އިތުރަށް ފަކުރުވެގެން ދެއެވެ. އެއީ ޒަމާނީ ސިނާޢަތުގެ ސަބަބުން، ޕުރޮލެޓާރީންގެ ތެރޭގައި އޮތް ހުރިހާ ޢާއިލީ ގުޅުންތައް ކަނޑައިލައިގެން ދާތީއެވެ. އަދި އެމީހުންގެ ދަރިން ތިޖާރަތުގެ މުދަލަށާ ޢަމަލުގެ އާލާތްތަކަށް ބަދަލުވެގެން ދެއެވެ.

ނަމަވެސް ކަލޭމެން ޝުޔޫޢީން އަންހެނުން އާންމު މުދަލަކަށް ހަދާނެކަން، ބުރްޖުވާޒީން އެއްކޮށް ހަޅޭއްލަވައެވެ.

ބުރްޖުވާޒީއަށް ފެންނަ ގޮތުގައި އޭނާގެ އަނބިމީހާއަކީ ހަމަ އުފެއްދުންތެރިކަމުގެ އާލާތެއެކެވެ. އުފެއްދުންތެރިކަމުގެ އާލާތްތަކަކީ އާންމުކޮށް އިސްތިޣުލާލު ކުރަންޖެހޭ ތަކެތިކަމުގެ ފިކުރު އޭނާއަށް އަޑުއިވެއެވެ. އަދި، ޠަބީޢީ ގޮތުން، އެހެން ހުރިހާ ނިންމުމެއް ފިޔަވާ އޭނާގެ ވިސްނުމުން އަންނަނެ ނިންމުމަކީ، އަންހެނުންނަށްވެސް އާންމު ތަކެއްޗަކަށް ވުމުގެ ދަރަޖަ މެދުވެރިވާނެކަމަށެވެ.

އަޞްލު ނުކުތާއަކީ އުފެއްދުންތެރިކަމުގެ އާލާތްތަކުގެ ދަރަޖަ އަންހެނުންގެ ކިބައިން ނެތިކޮށްލުން ކަމާމެދު އޭނާ ފަރާތުގައި އެއްވެސް ތުޙުމަތެއް ނެތެވެ.

އެހެން ކަންކަމަށް ބަލާނަމަ، ބުރްޖުވާޒީން އަންހެނުން އާންމުކުރުމާ ބެހޭ ގޮތުން ދައްކާ ރުޅިގަދަ ވާހަކަތައް ފިޔަވާ އެހެން އެއްޗަކަށް ބޮޑަށް މަލާމާތް ނުކުރެވޭނެއެވެ. އެމީހުންގެ ޚިޔާލީ ވާހަކަތުގެ ތެރޭގައި، އެއީ ފާޅުކޮށް، ރަސްމީކޮށް، ޝުޔޫޢީން ޤާއިމްކުރި ކަމެކެވެ. ޝުޔޫޢީންނަށް، އަންހެނުން އާންމުކުރުމުގެ ނިޒާމް ގެންނެވުމުގެ ބޭނުމެއް ނެތެވެ؛ އެއީ އެކަންތައް ގާތްގަނޑަކަށް ޒަމާނުއްސުރެ ވުޖޫދުގައި އޮތުމުންނެވެ.

އަހަރުމެންގެ ބުރްޖުވާޒީން، އާންމު ހަށިވިއްކާ މީހުންގެ އިތުރުން، ޕުރޮލެޓާރީންގެ އަނބިދަރީން އެމީހުންގެ އަތްފޯރާ ހިސާބުގައި އޮތްއިރު އެކަމުން ނުފުދި، އެމީހުންނަށް އެންމެ ބޮޑު އުފަލެއް ލިބެނީ އެހެނިހެން ބުރްޖުވާޒީ އަނބިން ދެމެދުގައި ގައިގޯޅިވުމުންނެވެ.

ބުރްޖުވާޒީ ކައިވެންޏަކީ، ހަޤީޤަތުގައި، އަނބިން އާންމުކުރާ ނިޒާމެކެވެ. އަދި މިހެންވުމުން، އެންމެ ގިނަމިނުން، ޝުޔޫޢީން ދިމާލަށް ބުނެވޭނެ ކަމަކީ އެމީހުން އަންހެނުން އާންމުކުރުން ފާޅުކޮށް ހުއްދަކުރަން އެދޭކަމެވެ. މިއީ އެކަމާ މެދު ދޮގުހަދާ ސިއްރުކުރުމުގެ ބަދަލުގައެވެ. އެހެން ކަންކަމަށް ބަލާނަމަ، މިހާރުގެ އުފެއްދުންތެރިކަމުގެ ނިޒާމު އުވާލުމުން އެއާ އެއްކޮށް އެނިޒާމުން އަރައިގަންނަ އަންހެނުންގެ އާންމުކުރުންވެސް އުވާލާނެކަމަށް އޭގެ އަމިއްލަ ޒާތުން އިނގެއެވެ. މިސާލަކަށް، ފާޅުކޮށް ނުވަތަ ސިއްރުގަ ހިންގާ ހަށިވިއްކުމުގެ އުވާލުމެވެ.

މީގެ އިތުރުން ޤައުމުތަކާ ނަސްލުތައް އުވާލަން ޝުޔޫޢީން ބޭނުންވާކަމަށް ބުނެއުޅެއެވެ.

މަސައްކަތު މީހުންނަށް އެއްވެސް ޤައުމެއް ނެތެވެ. އެމީހުންގެ ފަރާތުގައި ނުވާ އެއްޗެއް އަހަރުމެންނަކަށް ނުނެގޭނެއެވެ. ޕުރޮލެޓާރީން، އެންމެ ފުރަތަމަ ސިޔާސީ ބާރުވެރިކަން ޙާސިލްކުރުމާއި، ޤައުމުގެ އެންމެ ކުރިއަށް އޮތް ފަންތީގެ ދަރަޖައަށް އަރައިގަތުމާއި، އަމިއްލައަށް ޤައުމު އެކުލެވުން ފަދަ ކަންތައް ކުރަން ޖެހޭތީ، އެމީހުން އަމިއްލަ ގޮތުގައި ޤައުމީ ވެއެވެ. ނަމަވެސް އެއީ އެބަހުގެ ބުރްޖުވާޒީ މާނައިގައެއް ނޫނެވެ.

އިންސާނުންގެ ދެމެދުގައިވާ ޤައުމީ ތަފާތުތަކާ ދެކޮޅުވެރިވުން ދުވަހުން ދުވަހަށް ދަނީ އިތުރަށް ގެއްލިގެނެވެ. އެއީ ބުރްޖުވާޒީން ތަރައްޤީވުމުންނާއި، ތިޖާރަތުގެ މިނިވަންކަމާއި، ދުނިޔެވީ ބާޒާރުންނާއި، އުފެއްދުންތެރިކަމުގެ ބާވަތްތަކަށް ގުޅިފައިވާ ދިރިއުޅުމުގެ ޙާލަތްތައް އެއްކައިރިވުމުގެ ސަބަބުންނެވެ.

ޕުރޮލެޓާރީންގެ ބާރުވެރިކަމުން އެކަންތައް އެއަށްވުރެ ހަލުވިކޮށް ގެއްލިގެން ދިއުމަށް މަގުފަހިވާނެއެވެ. އިއްތިޙާދީ ޢަމަލަކީ، އެންމެ ކުޑަމިނުން ކުރީ ސަފުގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި އަދިވެސް ޕުރޮލެޓާރީން މިނިވަންވުމަށްޓަކައި އެންމެ ފުރަތަމަ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެއްފަރާތެއް އެހެން ފަރާތަކަށް ކުރާ އިސްތިޣުލާލު ނިމުމަކަށް ގެންނަވާ މިންވަރަށް، އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިސްތިޣުލާލުވެސް ނުމުމަކަށް ގެންނަވާނެއެވެ. އެއް ޤައުމެއްގެ ފަންތިތަކުގެ ދެމެދުގައިވާ އިދިކޮޅުވުން ގެއްލިގެންދާ މިންވަރަކަށް، އެއްޤައުމަކާ އަނެއްޤައުމަތަކުގެ ދެމެދުގައިވާ ނަފުރަތްކުރުންވެސް ނިމުމަކަށް އަންނާނެއެވެ.

ޝުޔޫޢިއްޔަތު ދެކޮޅަށް ދީނީ ގޮތުންނާއި، ފަލްސަފާގެ ގޮތުންނާއި، މައިގަނޑު ގޮތެއްގައި އިޑިއޮލަޖީގެ ގޮތުން ކުރާ ތުޙުމަތުތަކާ މެދު، ވަރަށް ފުންކޮށް ނަޡަރު ހިންގާލުމަކީ އެހާ މުހިންމު ކަމެއް ނޫނެވެ.

އިންސާނާގެ މާއްދީ ޙާލަތްތަކާއި، މާއްދީ ދެމިހުރުމުގައިވާ އިޖްތިމާޢީ ގުޅުންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، އޭނާގެ ޚިޔާލުތަކާއި، ފެނުންތަކާއި، ފިކުރުތަކަށް، އަދި ކުރުކޮށް ބުނާނަމަ، އޭނާގެ ހޭވެރިކަމަށް ބަދަލު އަންނާނެކަމާ މެދު ފިކުރުކުރަން ފުން ވިސްނުމެއް ބޭނުންވޭ ހެއްޔެވެ؟

ފިކުރުތަކުގެ ތާރީޚުން ސާބިތުކުރާ ގޮތުގައި، ޢިލްމީ އުފެއްދުންތެރިކަމުގެ ޝަޚްޞިއްޔަތު ބަދަލުވަނީ، އޭގެ މާއްދީ އުފެއްދުންތެރިކަން ބަދަލުވާ މިންވަރު ފިޔަވާ ކޮން ކަމަކުން ހެއްޔެވެ؟ ކޮންމެ ޒަމާނެއްގެ ވެރިކަންކުރާ ފިކުރުތަކަކީ އަބަދާއިއަބަދު ވެރިކަންކުރާ ފަންތީގެ ފިކުރުތަކެވެ.

މުޖުތަމަޢު އިންޤިލާބުކުރާ ފިކުރުތަކާ ބެހޭ ގޮތުން މީހުން ވާހަކަ ދައްކާ އިރު، ކުރީގެ މުޖުތަމަޢުގެ ތެރޭގައި އާ މުޖުތަމަޢެއްގެ އެކުލެވޭ ކަންތައް އުފެދިފައިވާކަމުގެ ހަޤީޤަތް އެމީހުން ސިފަކުރެއެވެ. އަދި މީގެ އިތުރުން ކުރީގެފިކުރުތައް ބައިބައިވެ ހުސްވުމަކީ ކުރީގެ ދިރިހުރުމުގެ ޙާލަތްތައް ބައިބައިވެ ހުސްވުމާ އެއްވަރަށް ހިނގާ ކަމެއްކަންވެސް އިނގެއެވެ.

ޤަދީމީ ދުނިޔެ އޭގެ އެންމެ ފަހު ނޭވާލުމުގެ ތެރޭގައި އޮތް އިރު، ޤަދީމީ ދީންތަކުގެ މައްޗަށް ނަޞާރާ ދީން ބާރުވެރި ވިއެވެ. 18 ވަނަ ޤަރުނުގެ ތެރޭގައި ނަޞާރާ ފިކުރުތައް ޢަޤްލާނީ(ސ) ފިކުރުތަކުގެ ބާރުގެ ދަށަށް ދިއުމުން ، އިޤްޠާޢީ މުޖުތަމަޢުގެ މަރު ކަނޑައެޅި ހަނގުރާމަ އޭރުގެ އިންޤިލާބީ ބުރްޖުވާޒީން އޭގެ ދެކޮޅަށް ހިންގިއެވެ. ދީނީ މިނިވަންކަމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ފިކުރުތަކުން ޢިލްމީ ދާއިރާގެ ތެރޭގައި އޮތް ވާދަކުރުމުގެ ކަންތަކަށް ސިފަކުރުމެއް ދިނެވެ.

"އެއްވެސް ޝައްކަކާ ނުލާ"، ކަމަށް ބުނާނެއެވެ. "ތާރީޚީ ކުރިއެރުމުގެ ތެރޭގައި ދީނީ ފިކުރުތަކާއި، އަޚުލާޤީ ފިކުރުތަކާއި، ފަލްސަފާގެ ފިކުރުތަކާއި، ޤާނޫނު ފިކުރުތައް ބަދަލުކުރެވިފައި ވެއެވެ. ނަމަވެސް ދީނާއި، އަޚުލާޤާއި، ފަލްސަފާއާއި، ސިޔާސީ ޢިލްމާއި، ޤާނޫނު މި ބަދަލުތަކުގެ ތެރޭގައި އަބަދުވެސް ދެމިހުރިއެވެ."

"އޭގެ ފަރާތުގައި، ހުރިހާ ބާވަތެއްގެ މުޖުތަމަޢަކަށް އާނމުވާ މިނިވަންކަމާއި، އަދުލްއިންޞާފް ކަހަލަ، ދާޢިމީ ތެދުތައް އޮވެއެވެ. ނަމަވެސް ޝުޔޫޢިއްޔަތުން އެ ދާޢިމީ ތެދުތައް އުވާލައެވެ. އޭތި ހުރިހާ ދީނަކާއި، ހުރިހާ އަޚުލާޤެއް، އަލަށް އެހެން ބިންގަލަކުން އާރާސްތުކުރުމުގެ ބަދަލުގައި އެކަންތައް ހަލާކު ކޮށްލައެވެ؛ އެހެންވުމުން އޭތި މަސައްކަތް ކުރަނީ ހުރިހާ ތާރީޚީ ތަޖުރިބާތަކާ ޚިލާފަށެވެ."

މި ތުޙުމަތު ދަށްކޮށް ތިރިކުރެވިފައި ވަނީ ކޮންކަހަލަ އެއްޗަކަށް ހެއްޔެވެ؟ ކުރީގެ ހުރިހާ މުޖުތަމަޢެއްގެ ތާރީޚު އެކުލެވިފައި ވަނީ ފަންތީގެ އަރާރުންވުންތައް ތަރައްޤީވުމުގައެވެ. މި އަރާރުންވުންތައް އެކި ޒަމާންތަކުގައި އެކި ސިފަތަކުގައި ފާޅުވިއެވެ.

ނަމަވެސް އެކަންތައް ކުރިން ކޮންމެ ގޮތަކަށް އޮތަސް، ކުރީގެ ހުރިހާ ޒަމާންތަކަށް އެއް ހަޤީޤަތެއް އާންމުވެއެވެ. އެއީ މުޖުތަމަޢުގެ އެއްބައެއް އަނެއްބައި އިސްތިޣުލާލުކުރުމެވެ. މިހެންވުމުން އަޖައިބު ނުވާ ގޮތުގައި، ކުރީ ޒަމާންތަކުގެ އިޖްތިމާޢީ ހޭވެރިކަމުގެ އެކި ވައްތަރުތަކާ ބާވަތްތައް އޮތް ނަމަވެސް، އެކަން ދައުރުވަނީ އެކިއެކި އާންމު ގޮތްތަކުގެ، ނުވަތަ މައިގަނޑު ޚިޔާލުތަކުގެ ތެރޭގައެވެ. އަދި ހުރިހާ ފަންތީގެ އަރާރުންވުންތައް ނުގެއްލޭ ހިނދަކު މިކަންތައް އެއްކޮށް ގެއްލިގެން ނުދާނެއެވެ.

ޝުޔޫޢީ އިންޤިލާބަކީ ތަޤްލީދީ މިލްކިއްޔާތުގެ ގުޅުންތަކުގެ ތެރެއިން އެންމެ އުޞޫލީ ވަކިކުރުމެވެ؛ މިހެންވުމުން އޭތީގެ ތަރައްޤީވުމުގެ ތެރޭގައި، ތަޤްލީދީ ފިކުރުތަކުގެ ކިބައިން ކުރާ އެންމެ އުޞޫލީ ވަކިކުރުންވެސް ހިމެނުމަކީ އަޖައިބު ނުކުރެވޭނެ ކަމެކެވެ.

ނަމަވެސް، މިހިސާބުން ޝުޔޫޢިއްޔަތާ ދެކޮޅަށް ބުރްޖުވާޒީން ދިމާކުރާ ރައްދުތަކުގެ ވާހަކަތައް ނިންމާލަންވީއެވެ.

މި ލިޔުމުގެ ކުރީ ބައިތަކުގެ ތެރެއިން އަހަރުމެންނަށް ފެނިފައިވާ ގޮތުގައި، މަސައްކަތު ފަންތީގެ އިންޤިލާބުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޕުރޮލެޓާރީން ވެރިކަންކުރާ ފަންތީގެ ދަރަޖައަށް އަރުވާފަ އެގޮތަށް ޑިމޮކުރެސީގެ ހަނގުރާމައިން ކާމިޔާބު ވުމެވެ.

އެކި ދަރަޖަތަކަކުން، ބުރްޖުވާޒީންގެ ކިބައިން ހުރިހާ ރައުސުލްމާލެއް އަތުލައިގަނެ، އުފެއްދުންތެރިކަމުގެ ހުރިހާ ވަސީލަތްތައް ދައުލަތުގެ އަތުގައި މަރުކަޒީ ކުރުމަށްޓަކައި، ޕުރޮލެޓާރީން އަމިއްލަ ސިޔާސީ ބާރުވެރިކަން ބޭނުންކުރާނެއެވެ. އެއީ، ޕުރޮލެޓާރީން ވެރިކަންކުރާ ފަންތިއަށް ވުމަށް ފަހު ރާވާ ދައުލަތަށެވެ؛ އަދި މީގެ އިތުރުން އުފެއްދުންތެރިކަމުގެ ބާރުތައް އެއްކޮށް ވީހާވެސް އަވަހަށް އިތުރުކުރުމަށެވެ.

މިހެން ނަމަވެސް، ފުރަތަމަ ފިޔަވަޅުގައި، މިލްކިއްޔާތުގެ ޙައްޤުތަކަށާއި، ބުރްޖުވާޒީ އުފެއްދުންތެރިކަމުގެ ގުޅުންތަކަށް ޒާލިމީ ގޮތަށް އަރައިގަތުން ފިޔަވާ އެހެން އެއްވެސް ގޮތަކުން މިކަންތައް ތަންފީޛު ނުކުރެވޭނެއެވެ؛ މި ފިޔަވަޅުތައް ތަންފީޛުކުރާ އިރު އެންމެ ފުރަތަމަ އިޤްޠިޞާދީ ގޮތުން އިސްރާފުވެ އެކަންތައް ނުދެމެހެއްޓޭނެހެން ހީވާނެއެވެ. ނަމަވެސް، އެކަން ކުރިއަށް ދާ ވަރަކަށް، އެކަންތައް އަމިއްލެއަށް ނުފުދޭ ވަރުވެ، އެފިޔަވަޅުތަކުގެ ބޭނުން އިތުރުވާނެއެވެ. އަދި ކުރީގެ އިޖްތިމާޢީ ތަރުތީބުކުރުމުގެ ތެރެއަށް އާ މަގުތަށް އަޅަން މަޖުބޫރުކުރާނެއެވެ. އެހެންވުމުން މިފިޔަވަޅުތަކަކީ އުފެއްދުންތެރިކަމުގެ ބާވަތްތައް އެއްކޮށް އިންޤިލާބުކުރުމުގެ ތެރޭގައި މަޖުބޫރުކޮށް ކުރަން ޖެހޭ ކަންތައްތަކެވެ.

ޔަޤީންކަމާއެކު، މި މިންތައް އެކިއެކި ޤައުމުތަކުގައި ތަފާތު ވާނެއެވެ.

ނަމަވެސް، އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައި، މައިގަނޑު ގޮތެއްގައި ކުރިއަށް އޮތް ކަންތައް އެކުލެވިދާނެއެވެ.

1. ބިމުގެ މިލްކިއްޔާތު އުވާލާފަ ބިމުގެ ހުރިހާ ކުލިތައް ސަރުކާރުން އާއްމު މަސްލަޙަތަށް ބޭނުންކުރުން
2. ވަރުގަދަ ތަޞާޢުދީ ވާރެއް ތަންފީޛުކުރުން(ޑ)
3. ވާރުތުވުމުގެ ހުރިހާ ޙައްޤުތައް ބާތިލުކުރުން
4. ޤައުމު ދޫކޮށް ފިލާ ހުރިހާ ފަރާތްތަކާ އިދިކޮޅި ހަނގުރާމަވެރިންގެ މިލްކިއްޔާތު އަތުލައިގަތުން[16]
5. ސަރުކާރުގެ އަތުގައި ކުރެޑިޓު، އިޙްތިކާރަކާ ދައުލަތީ ރައުސުލްމާލު ލިބިފައިވާ ޤައުމީ ބެންކެއްގެ ވަސީލަތުން ދައުލަތުގެ އަތަށް މަރުކަޒީކުރުން
6. މުއާމަލާތްކުރުމާ ދަތުރުކުރުމުގެ ވަސީލަތްތައް ދައުލަތުގެ އަތަށް މަރުކަޒީކުރުން
7. ދައުލަތުގެ ދަށުގައިވާ ކާރުހާނާތަކާ އުފެއްދުންތެރިކަމުގެ އާލާތްތަކުގެ މިންވަރު ފުޅާކުރުން؛ ގޮނޑުބިންތަކުގައި ދަންޑުވެރިކަން ކުރަން ފެއްޓުމާއި، ވެލިގަނޑުގެ ފެންވަރު އާންމު ރޭވުމެއްގެ ދަށުން ތަރައްޤީކުރުން
8. ހުރިހާ އެންމެންނަށް މަސައްކަތްކުރުމުގެ ވާޖުބުތައް ހަމަހަމަވުން؛ ސިނާޢީ ލަޝްކަރުތައް، މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމަށް އެކުލެވުން
9. މެނުފެކުޝަރުކުރުމުގެ ސިނާޢަތްތަކާ ދަނޑުވެރިކަން އެއްކޮށްލުން؛ ޤައުމުގެ ބިންތަކުގެ ތެރޭގައި އާބާދީ ހަމަހަމަކޮށް ފެތުރުމާއި، ވިދިވިދިގެން ސިޓީތަކާ ރަށްފުށުގެ ދެމެދުގައިވާ ތަފާތުވުންތައް އުވާލުން
10. ހުރިހާ ކުދިންނަށް އާންމު މަދަރުސާތަކުގައި ހިލޭ ކިޔަވައިދިނުން، ކާރުހަނާތަކުގައިވާ ކުޑަކުދިންގެ ޢާމިލުވުން އެކަން އޮތް ސިފައިގައި އުވާލުން؛ ސިނާޢީ އުފެއްދުން ތަޢުލީމާ އެއްކޮށްލުން

ތަރައްޤީވުމުގެ ތެރޭގައި، ފަންތީގެ ތަފާތުތައް ފޮހެވިގެންދާ އިރުގައި، އަދި ހުރިހާ އުފެއްދުންތެރިކަން މުޅި ޤައުމުގެ ބޮޑު ޖަމިޢްޔާއެއްގެ އަތުގައި އެކުލެވޭ ހިނދު، އާންމު ބާރުގެ ސަބަބުން އޭގެ ސިޔާސީ ޝަޚްޞިއްޔަތު ގެއްލޭނެއެވެ. ސިޔާސީ ބަރާކީ، އޭކަން ރަނގަޅަށް ބުނާނަމަ، ހަމަ އެއް ފަންތިއެއް އެހެން ފަންތިއެއް މަޒްލޫމުކުރުމަށް ބޭނުންކުރަން ޖަމާކޮށް ރާވާފައިވާ ބާރެވެ. ޕުރޮލެޓާރީން ބުރްޖުވާޒީންނާ ކުރާ ވާދަކުރުމުގެ ތެރޭގައި ކަންތައް އޮތް ގޮތުން، މަޖުބޫރުވެފަ ފަންތިއެއްގެ ގޮތުގައި ޖަމާވެ، އިންޤިލާބެއްގެ ޒަރިއްޔާއިން ކާމިޔާބު ވާނަމަ، އެމީހުން އަމިއްލެއަށް ވެރިކަންކުރާ ފަންތިއަށް ވާނެއެވެ. މިހެންވުމުން، އެމީހުން ކުރީގެ އުފެއްދުންތެރިކަމުގެ ގުޅުންތައް ގަދަކަމުން ބުރުވާލާނެއެވެ. އަދި މި ގުޅުންތަކުގެ އެކީގައި، މައިގަނޑު ގޮތެއްގައި ފަންތީގެ އަރާރުންވުންތަކާ ފަންތިތައް އެގޮތުގައި އޮތުމުގެ ސަބަބުތައްވެސް ބުރުވާލާނެއެވެ. މިހެންވުމުން އޭގެ އަމިއްލަ ގޮތުގައި އޮތް ފަންތީގެ ބާރުވެރިކަންވެސް އަމިއްލެއަށް އުވާލާނެއެވެ.

ފަންތިތަކާ ފަންތީގެ އަރާރުންވުންތައް އެކުލެވިފައިވާ، ކުރީގެ ބުރްޖުވާޒީ މުޖުތަމަޢުގެ ތަނުގައި، އަހަރުމެން ޖަމިޢްޔާއެއް ޤާއިމްކުރާނެއެވެ. މީގެ ތެރޭގައި ވަކި ފަރާތުގެ މިނިވަން ތަރައްޤީވުމަކީ ހުރިހާ އެންމެންގެ މިނިވަން ތަރައްޤީވުމުގެ ޝަރުޠަށް ވާނެއެވެ.

********************

ބާބު 3. އިޝްތިރާކީ އަދި ޝުޔޫޢީ އަދަބިއްޔާތު(ޒ)

********************

1. ރަޖްޢީ އިޝްތިރާކިއްޔަތު

ހ) އިޤްޠާޢީ އިޝްތިރާކިއްޔަތު

އެމީހުންގެ ތާރީޚީ ހިސާބާ ގުޅިގެން، ޒަމާނީ ބުރްޖުވާޒީ މުޖުތަމަޢާ ދެކޮޅަށް ފަތްކޮޅު ލިޔުން، ފަރަންސޭސްވިލާތާ އިނގިރޭސިވިލާތުގެ އަރިސްޓޮކުރޭޓުންގެ އާދައަކަށް ވިއެވެ. މީލާދީން 1830 ވަނަ އަހަރު ޖުލައި މަހުގެ ފަރަންސޭސް އިންޤިލާބާއި، އިނގިރޭސި އިޞްލާޙުގެ[17] މުޒާހަރާތަކުގައި، މި އަރިސްޓޮކުރޭޓުން އަނެއްކާވެސް އެ ނަފްރަތަށް ހެއްލިގެން ދިއައެވެ. މިހެންވުމުން، އޭގެ ފަހުން އެކަމުގެ ސުވާލުން ހަރުދަނާ ސިޔާސީ ނިޟާލެއް އެއްކޮށް ބޭރުވެގެން ދިއައެވެ. އޮތީ ހަމައެކަނި އަދަބީ ހަނގުރާމައިގެ ފުރުސަތެވެ. ނަމަވެސް އަދަބިއްޔާތުގެ ދާއިރާގައިވެސް އިސްތިޢާދަތުގެ ޒަމާނުގެ[18] ޤަދީމީ އަޑުގޮވުންތަކަށް ފުރުސަތެއް ނުލިބުނެވެ.

ހަމްދަރުދީކަން ލިބުމަށްޓަކައި، އަރިސްޓޮކުރޭޓުން އެމީހުންގެ އަމިއްލަ ބޭނުންތަކަށް ގަސްތުގައި ލޯއަނދިރިވާން ޖެހުނެވެ. އަދި ބުރްޖުވާޒީންނާ ދެކޮޅަށް އެމީހުން ދައްކާ ވާހަކަތައް އެކުލަވާފަ ހަމައެކަނި ޕުރޮލެޓާރީންގެ ނަމުގައި އެ ވާހަކަތައް ދައްކަން ޖެހުނެވެ. އެހެންވުމުން، އަރިސްޓޮކުރޭޓުން ބަދަލުހިފީ އެމީހުންގެ އާ ވެރިންނަށް ހަޖޫ ޖެހުމާ އެވެރިންގެ ކަންފަތުގައި ފަހުން އަންނާނެ ހަލާކުވުމުގެ ވާހަކަތައް ސިއްރުން ކިޔުމުންނެވެ.

މިގޮތަށް އިޤްޠާޢީ އިޝްތިރާކިއްޔަތު އަރައިގަތެވެ. އޭގެ އެއްބަޔަކީ ރޮވުމެކެވެ. އަނެއްބަޔަކީ މަލާމާތެކެވެ؛ އެއްބަޔަކީ ކުރީ ޒަމާނުގެ އަޑުގޮވުމެކެވެ. އަނެއް ބަޔަކީ މުސްތަޤްބަލަށް އުނދަގުލެކެވެ؛ އެކި ފަހަރު، އޭގެ ސީދާ ހުނަރުވެރި، ހިތި ފާޑުކިޔުމުން، ބުރްޖުވާޒީންގެ ހިތުގެ އެންމެ ފުން މިނަށް އަސަރުކުރިއެވެ؛ ނަމަވެސް ޒަމާންތަކާ ތާރީޚުގެ ކުރިއެރުމަށް ވިސްނާ ފިކުރުކުރުމުގެ ބާރު ނެތުމުގެ ސަބަބުން، އޭގެން އަބަދުވެސް ހެއްވާ އަސަރުތަކެއް ކުރިއެވެ.

އަރިސްޓޮކުރޭޓުން، އެމީހުންގެ އަމިއްލަ ފަރާތަށް މީހުން ގެންނެވުމަށްޓަކައި، ދިދައެއްގެ ގޮތުގައި ޕުރޮލެޓާރީންގެ އުޖޫރައިގެ ލާރިދަބަސް ކުރިމަތިން ވިހުރުވާލިއެވެ. ނަމަވެސް، އެފަރާތަށް މީހުން ދިއަ ފަހަރުތަކުގައި، އެފަރާތުގެ ފަހަތުގައި އޮތް ކުރީގެ އިޤްޠާޢީ ރަސްމީ ދިދަތައް ފެނުމުން، ގަދަ ހިނިގަނޑަކާއެކު، އެފަރާތް ދޫކޮށްލިއެވެ.

ފަރަންސޭސް ލެޖިޓިމިސްޓުންނާއި،[19] "ޔަންގު އިންގުލޭންޑު"[20] ގެ ތެރެއިން އެއް ބަޔަކު މި މަންޒަރުތައް ކުޅުނެވެ.

އެމީހުންގެ އިސްތިޣުލާލުގެ ބާވަތަކީ ބުރްޖުވާޒީންގެ ބާވަތާ ތަފާތު ބާވަތެއްކަން ދެއްކުމުގެ ތެރޭގައި، އިޤްޠާޢީން ހަނދާން ނެތުނު ކަމަކީ އެމީހުން އިސްތިޣުލާލު ކުރީ މިހާރު ޤަދީމީވެފައިވާ ތަފާތު ޝަރުޠުތަކާ ވަގުތުތަކުގެ ތެރޭގައި ކަމެވެ. އެމީހުންގެ ވެރިކަމުގެ ދަށުގައި، ޕުރޮލެޓާރީން ދުވަހަކުވެސް ނުއުޅޭކަން ދައްކާއިރު، ބުރްޖުވާޒީންނަކީ އެމީހުންގެ ބާވަތުގެ މުޖުތަމަޢިން އަންނަން މަޖުބޫރުވާ ދަރިފަސްކޮޅެއްކަން އެމީހުންނަށް ހަނދާން ނެތެއެވެ.

އެހެން ފަރާތްތަކުގެ ފާޑުކިޔުމުގެ ރަޖްޢީ ޝަޚްޞިއްޔަތު ސިއްރު ނުކުރާ ވަރުން، ބުރްޖުވާޒީންގެ ދިމާލަށް އެމީހުން ކުރާ މައިގަނޑު ތުހުމަތަކީ ހަމަ މިއެވެ. ބުރްޖުވާޒީންގެ ސަރުކާރުގެ ދަށުގައި މުޖުތަމަޢުގެ ކުރީގެ ތަރުތީބުކުރުން އޭތީގެ މޫތަކާ ގޮފިތަކުން ކޮންމެހެން ކަނޑާލާނެ ފަންތިއެއް ތަރައްޤީވަމުން ދާކަމެވެ.

އެމީހުން ބުރްޖުވާޒީންގެ ދެކޮޅަށް ދައްކާ ވާހަކައަކީ، ސީދާ ބުރްޖުވާޒީންގެ ސަބަބުން ޕުރޮލެޓާރީންނެއް އުފައްދަވާކަމެއް ނޫނެވެ. ބުރްޖުވާޒީން އިންޤިލާބީ ޕުރޮލެޓާރީއެއް އުފެއްދެވޭކަމެވެ.

މިހެންވުމުން، ސިޔާސީ ކަންތައްތަކުގައި، އެމީހުން މަސައްކަތު ފަންތި ދެކޮޅަށް އަޅާ ހުރިހާ ހަރުކަށި ފިޔަވަޅުތަކިގައި ބައިވެރިވެއެވެ؛ އަދި އާންމު ދިރިއުޅުމުގައި، އެމީހުންގެ މަތިވެރި ބަސްތަކުގެ ޚިލާފަށް، އެމީހުން ގުދުވެ ސިނާޢަތުގެ ގަހުން ވެއްޓޭ ރަން އާފަލުތައް ނަގައެވެ. އަދި ހަޤީޤަތާއި، ލޯތްބާއި، ޝަރަފު ދޫކޮށްލާފަ، އޭގެ ބަދަލުގައި ކެހެރީއާއި، ރަތްމުޅަ ހަކުރާއި، އަލުވި ރަލުގެ ވިޔަފާރި ކުރެއެވެ.[21]

ފާދިރީއާއި، ބިންވެރިޔާ ކުރީއްސުރެން އަތުގުޅައިގެން ދިއަގޮތަށް، ފާދިރީ އިޝްތިރާކިއްޔަތާއި، އިޤްޠާޢީ އިޝްތިރާކިއްޔަތު އެއްކޮށް ހިނގައެވެ.

ނަޞާރާ ޒުޙުދުވެރިކަމަށް އިޝްތިރާކީ ރަހައެއް ދިނުން ފިޔަވާ އެހެން ކަމެއް ފަސޭހަ ނުވާނެއެވެ. ނަޞާރާ ދީން ވަކިފަރާތުގެ މިލްކިއްޔާތާއި، ކައިވެންޏާއި، ދައުލަތު ދެކޮޅާށް މުޚާތަބު ނުކުރި ހެއްޔެވެ؟ އެކަންތަކުގެ ތަނުގައި ޒަކާތާއި، ފަޤީރުކަމާއި، ޝަހްވަތްތަކުން ދުރުވުމާއި، އަމިއްލަ ހަށިކޮޅު ދެކެ ލަދުގަތުމާއި، ރާހިބީ ދިރިއުޅުމާއި، އެމީހުންގެ މައެއް ގޮތަށް ބަލއިގަންނަ ފައްޅިއާ ބެހޭ ގޮތުން ޚުތުބާ ނުދޭ ހެއްޔެވެ؟ ނަޞާރާ އިޝްތިރާކިއްޔަތަކީ އަރިސްޓޮކުރޭޓުގެ ހިތުގެ އެނދުންތައް ރަސްމީކޮށް މާތްކަމަކަށް ހަދަން ފާދިރީ ބޭނުން ކުރާ "މުޤައްދަސް" ފެނެވެ.

ށ) ކުދި ބުރްޖުވާޒީ އިޝްތިރާކިއްޔަތު

އިޤްޠާޢީ އަރިސްޓޮކުރޭޓުންނަކީ ބުރްޖުވާޒީންގެ ސަބަބުން ހަލާކުވެގެން ދިއަ ހަމައެކަނި ފަންތިއެއް ނޫނެވެ. އަދި އެއީ ޒަމާނީ ބުރްޖުވާޒީ މުޖުތަމަޢުގެ ޖައްވުގެ ތެރޭގައި އޭގެ ޙަޔާތުގެ ޝަރުޠުތައް ފަނާވެދިއަ ހަމައެކަނި ފަންތިއެއް ނޫނެވެ. މެޑީވަލު ޒަމާނުގެ ބުރްގެސުންނާއި، ކުދި ފައްލާޙީ މިލްކުވެރިންނަކީ ޒަމާނީ ބުރްޖުވާޒީގެ ބަފައިންނެވެ. ސިނާޢީ ގޮތުންނާ ވިޔަފާރީގެ ގޮތުން ތަރައްޤީ ކުޑަ ޤައުމުތަކުގައި، މި ދެ ފަންތިތައް އަދިވެސް މިހާރު އަރަމުންދާ ބުރްޖުވާޒީންގެ އެކީގައި ނިދުމެއްގައި އޮވެއެވެ.

ޒަމާނީ ހަޟާރަތް ފުރިހަމަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި، ކުދި ބުރްޖުވާޒީންގެ އާ ފަންތިއެއް އުފެދިފައި ވެއެވެ. އަދި ޕުރޮލެޓާރީންނާ ބުރްޖުވާޒީންގެ ދެމެދު ދައުރުވެ، ބުރްޖުވާޒީ މުޖުތަމަޢުގެ ތެރެއިން އިތުރު ބައެއްގެ ގޮތުގައި އަބަދުވެސް އަމިއްލެއަށް އަލުން އާރާސްތުކުރަމުން ދެއެވެ. ނަމަވެސް މި ފަންތީގެ ތެރެއިން ވަކި މީހުން، ވާދަކުރުމުގެ އަމަލުކުރުމުން އަބަދުވެސް ޕުރޮލެޓާރީންގެ ދަރަޖައަށް ހޫރުގެން ވެއްޓެއެވެ. އަދި، ޒަމާނީ ސިނާޢަތް ތަރައްޤީވާ ވަރަކަށް، އެމީހުން މުޖުތަމަޢުގެ މިނިވަން ބައެއްގެ ގޮތުގައި ތިބުމުގެ ފުރުސަތު ގެއްލިގެން ދާނެ ވަގުތު އަންނަތަން އެމީހުންނަށް ފެނެއެވެ. އެމީހުންގެ ބަދަލުގައި، މެނުފެކުޝަރު ކުރުމާއި، ދަނޑުވެރިކަމާއި، ވިޔަފާރީގެ ތެރޭގައި އުޅޭނީ، ވެރިމީހުންނާއި، މަސައްކަތު މީހުންނެވެ.

އާބާދީގެ ދެބައިކޮޅު އެއްބަޔަށްވުރެ ގިނަ އަދަދަކަށް ފައްލާޙުން ހިމެނޭ، ފަރަންސޭސްވިލާތް ކަހަލަ ޤައުމުތަކުގައި، ޕުރޮލެޓާރީންގެ ފަރާތުގައި ބުރްޖުވާޒީންނާ ދެކޮޅަށް އުޅުނު ލިޔުންތެރިން، ބުރްޖުވާޒީ ސަރުކާރުގެ ދެކޮޅަށް ރައްދުކުރާ ފާޑުކިޔުމުގެ ތެރޭގައި، ފައްލާޙުންނާ ކުދި ބުރްޖުވާޒީންގެ ދިދަ ބޭނުންކުރުމަކީ ޒާތީ ކަމެކެވެ. އަދި މި މެދުމިނުގެ ފަންތީގެ ނަޡަރުން، މަސައްކަތު ފަންތިއަށް ހަތިޔާރު ނަގައެވެ. މިހެންވުމުން ކުދި ބުރްޖުވާޒީ އިޝްތިރާކިއްޔަތު އަރައިގަތެވެ. ފަރަންސޭސްވިލާތާއި، އިނގިރޭސިވިލާތުގައި ވެސް މި މަޛްހަބުގެ ބޮޑުމީހާ އަކީ ސިސްމޮންޑީ[22] އެވެ.

މި މަޛްހަބުގެ އިޝްތިރާކިއްޔަތު ޒަމާނީ އުފެއްދުންތެރިކަމުގެ ގުޅުންތަކުގައިވާ ގޮންޖެހުންތައް ވަރަށް ހަލުވިކޮށް ބަޔާންކުރިއެވެ. އިޤްޠިޞާދީ ޢިލްމުވެރިންގެ ނިފާގީ ބަހަނާތައް ހާމަކޮށް ފާޅުކުރިއެވެ. މެޝިނަރީއާ ޢަމަލުގެ ވަކިކުރުމާއި، ބިމާ ރައުސުލްމާލު މަދު ފަރާތްތަކުގެ އަތަށް ދިއުމާއި، އިތުރުއުފެއްދުމާ ކާރިސާތަކުން، އަންނަ ހަލާކުހުރި އަސަރުތައް އެއްވެސް ޝައްކުކަމެއް ނެތި ސާބިތުކުރިއެވެ. ކުދި ބުރްޖުވާޒީންނާ ފައްލާޙުންގެ ނުހުއްޓުވޭނެ ހަލާކުވުމާއި، ޕުރޮލެޓާރީންގެ ދެރަ ޙާލަތާއި، އުފެއްދުންތެރިކަމުގައި ފިތުނަ އުފެދުމާއި، މުއްސަނދިކަން ބަހާލާފައިވާ ގޮތުގެ ދެރަ ނަހަމަކަމާއި، ޤައުމުތަކުގެ ދެމެދުގައި ހިންގާ ހަލާކުހުރި ސިނާޢީ ހަނގުރާމައާއި، ކުރީގެ އަޚުލާގީ އަދި ޢާއިލީ ގުޅުންތަކާ ކުރީގެ ނަސްލުތައް ވީރާނަވަމުން ދާތަން ދެއްކިއެވެ.

ނަމަވެސް، މިބާވަތުގެ އިޝްތިރާކިއްޔަތުގެ އެދުންތަކުގައި އަމާޒުކުރަނީ، ކުރީގެ އުފެއްދުންތެރިކަމާ ބަދަލުކުރުމުގެ ވަސީލަތްތަކާއެކު، ކުރީގެ މިލްކިއްޔާތުގެ ގުޅުންތަކާއި، ކުރީގެ މުޖުތަމަޢު އަލުން ގެނެއުމަށެވެ. ނުވަތަ ޒަމާނީ އުފެއްދުންތެރިކަމާ ބަދަލުކުރުމުގެ ވަސީލަތްތަކުގެ ސަބަބުން ހަލާކުވެގޮސް ގޮވައިގެން ދިއުމަށް މެދުވެރިވި، ކުރީގެ މިލްކިއްޔާތުގެ ގުޅުންތަކުގެ އޮނިގަނޑުގެ ތެރެއަށް އެ ޒަމާނީ ވަސީލަތްތައް ވެއެދުމަށެވެ. ކޮންމެހެން ވިއަސް، އެއީ ރަޖްޢީ ވުމެކެވެ. އަދި އުޓޯޕިއަން ކަމެކެވެ.

އޭގެ އެންމެ ފަހު ބަހަކީ؛ މެނުފެކުޝަރަށް މުވައްސަސާގެ ގިލްޑުތަކެވެ؛ ދަނޑުވެރިކަމުގައި އަބަވީ ގުޅުންތަކެވެ.

އެންމެ ފަހުން، ހަރުދަނާ ތާރީޚީ ތެދުތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ދޮގުކުރުމުގެ މަސްތުވާ އަސަރުތައް ދުއްވާލުމަށް ފަހު، މި އިޝްތިރާކިއްޔަތުގެ ބާވަތަށް ދެރަ ނިމުމެއް އައެވެ.

ނ) ޖަރުމަނު ނުވަތަ "ޞަޙީޙް" އިޝްތިރާކިއްޔަތު

ފަރަންސޭސްވިލާތުގެ އިޝްތިރާކީ އަދި ޝުޔޫޢީ އަދަބިއްޔާތަކީ، ވެރިކަމުގައި ހުންނެވި ބުރްޖުވާޒީންތަކެއްގެ ދަށުގައި ވުޖޫދަށް އައި އަދަބިއްޔާތެކެވެ. އަދި އެއީ އެބާރުގެ ދެކޮޅަށް ކުރި ނިޟާލުގެ ސިފަކުރުމެކެވެ. މި އަދަބިއްޔާތު ޖަރުމަނުވިލާތަށް އެތެރެކުރެވުނީ، އެޤައުމުގައި ޢިޤްޠާއީ މުޠްލަޤުކަމާ ދެކޮޅަށް ބުރްޖުވާޒީން ވާދަކުރަން ފެށި ވަގުތުގައެވެ.

ޖަރުމަނު ފަލްސަފާރުންނާއި، ފަލްސަފާރުންނަށް ވާން އުޅޭ ފަރާތަތަކާއި، އުނގެނި އުޅެފައިވާ މީހުން، ހީވާގިކޮށް މި އަދަބިއްޔާތަށް ހިފައިގަނެލިއެވެ. ނަމަވެސް، މިލިޔުންތައް ފަރަންސޭސްވިލާތުން ޖަރުމަނުވިލާތަށް ހިޖުރަކުރިއިރު، ފަރަންސޭސް އިޖްތިމާޢީ ޙާލަތްތައް، އޭގެ އެކީގައި ހިޖުރަ ނުކުރިކަން ހަނދާން ނެތުނެވެ. ޖަރުމަނު އިޖްތިމާޢީ ޙާލަތްތަކުގައި ޖެހުމުން މި ފަރަންސޭސް އަދަބިއްޔާތު އޭގެ ވަގުތީ އަމަލީ މުހިއްމުކަން ގެއްލިފައި، އެއަށް ހަމައެކަނި އަދަބީ ސިފައެއް ލިބުނެވެ. މިހެންވުމުން، އަށާރަވަނަ ޤަރުނުގެ ޖަރުމަނު ފަލްސަފާރުންނަށް، ފަރަންސޭސް ފުރަތަމަ އިންޤިލާބުގެ އެދުންތަކަކީ "އަމަލީ ވިސްނުން"ގެ މައިގަނޑު އެދުންތައް ފިޔަވާ އެހެން ކަންތަކެއް ނޫނެވެ. އަދި އިންޤިލާބީ ފަރަންސޭސް ބުރްޖުވާޒީންގެ އެދުންތަކުގެ ބުނުންތަކުން، އެމީހުންގެ ފެނުމުން ދޭހަވީ، ފުރިހަމަ އިރާދައިގެ ޤާނޫނާއި، އިރާދަ އޮންނަންވީ ގޮތާއި، މައިގަނޑު ގޮތަކަށް ހަޤީޤީ އިންސާނީ އިރާދައެވެ.

ޖަރުމަނު އަދީބުންގެ މަސައްކަތުގައި އެކުލަވުނީ ހަމައެކަނި އާ ފަރަންސޭސް ވިސްނުންތައް އެމީހުންގެ ޤަދީމީ ފަލްސަފާގެ ތެރެއަށް ވެއްދުމުގެ މަސައްކަތެވެ. އެހެން ގޮތަކަށް ބުނާނަމަ، އެމީހުންގެ އަމިއްލަ ފަލްސަފާގެ ނަޡަރު ދޫކޮށް ނުލާ ފަރަންސޭސް ފިކުރުތައް ފަތަޙަކުރުމަށެވެ.

މި ފަތަޙަކުރުން ހިނގައިދިއައީ ބޭރުގެ ބަހެއް ހިފައިގަންނަގޮތާ އެއްގޮތަކަށެވެ. އެއީ، ތަރުޖަމާ ކުރުމުންނެވެ.

ޤަދީމީ ބުދު ދީންތަކުގެ ކުރީގެ ލިޔުންތަކުގެ މަތީގައި ރާހިބުން ކެތޮލިކު މަޛްހަބުގެ ނަޞާރާ ދީނީ ވަލީވެރިންގެ ފުލޯކު ވާހަކަތައް ލިޔުނު ގޮތް ވަރަށް ރަނގަޅަށް އެނގިފައި ވެއެވެ. ޖަރުމަނު އަދީބުން، ހުތުރު ފަރަންސޭސް އަދަބިއްޔާތާ މެދު އެކަންތަކުގެ އިދިކޮޅު ގޮތް ހެދިއެވެ. އެމީހުންގެ ބޯދާ ފަލްސަފާ ލިޔުނީ ފަރަންސޭސް ފުރަތަމަ ލިޔުމުގެ ދަށުގައެވެ. މިސާލަކަށް، އިޤްޠިޞާދީ ގޮތުން ފައިސާ އަދާކުރާ ދައުރުގެ ފަރަންސޭސް ފާޑުކިޔުމުގެ ދަށުގައި އެމީހުން ލިޔުނީ، "އިންސާނިއްޔަތު އިޣްތިރާބުވުން(ޓ)"އެވެ. އަދި ބުރްޖުވާޒީ ދައުލަތާ ގުޅޭ ފަރަންސޭސް ފާޑުކިޔުމުގެ ދަށުގައި ލިޔުނީ "ޖެނެރަލުގެ ބާވަތް ވައްޓާލުން" ފަދަ އެއްޗިހިތަކެކެވެ.

މި ފަލަސަފާގެ ބުނުންތައް ފަރަންސޭސް ތާރީޚީ ފާޑުކިޔުންތަކުގެ ފަހަތުގައި އެކުލަވާލިއެވެ. އެމީހުން މިތަކެއްޗަށް "އަމަލުގެ ފަލްސަފާ"، "ޞަޙީޙް އިޝްތިރާކިއްޔަތު"، "އިޝްތިރާކިއްޔަތުގެ ޖަރުމަނު ސައިންސު"، "އިޝްތިރާކިއްޔަތުގެ ފަލްސަފީ ބިންގާ" ފަދަ ނަންތައް ދިނެވެ.

މިހެންވުމުން ފަރަންސޭސް އިޝްތިރާކީ އަދި ޝުޔޫޢީ އަދަބިއްޔާތު އެއްކޮށް ޟައީފް ވިއެވެ. އަދި، ޖަރުމަނުންގެ އަތުގައި، އެއް ފަންތިއަކާ އެހެން ފަންތިއެއް ދެމެދު ކުރާ ނިޟާލު ސިފަކުރުން ހުއްޓުމާ ގުޅިގެން، އޭނާގެ ޚިޔާލުގައި "ފަރަންސޭސް އެއްކޮޅުވުމުގެ" ކިބައިން އަރައިގަންހެން ހީވިއެވެ. އަދި އޭތިން ތަމްސީލްކުރާހެން ހީވީ، ހަޤީޤީ ޝަރުޠުތަކުގެ ބަދަލުގައި، ހަޤީޤަތުގެ ޝަރުޠުތަކެވެ؛ ޕުރޮލެޓާރީންގެ އެދުންތަކުގެ ބަދަލުގައި، އިންސާނީ ޠަބިއްޔަތުގެ އެދުންތަކެވެ. އެއްވެސް ފަންތިއަކަށް ނިސްބަތް ނުވެ، އެއްވެސް އަޞްލެއް ނެތި، ހަމައެކަނި ޚިޔާލީ ދުނިޔެއެއްގައި ދިރިއުޅޭ، މައިގަނޑު އިންސާނާގެ އެދުންތަކެވެ.

މަދަރުސާގެ ދަރިވަރަކަށް ދެވޭ ކަހަލަ މަސައްކަތެއް ކުރުމަށް ހީވާގިކަމާ ކެރިގެން އުޅުމާއެކު، އޭގެ ދެރަ ވިޔަފާރިތަކާ ބެހޭ ގޮތުން ފޮނި ވާހަކަތައް ދެއްކި، މި ޖަރުމަނު އިޝްތިރާކިއްޔަތުގެ ގޮތްދޫނުކުރާ މައުޞޫމްކަން އިރުކޮޅަކުން ގެއްލުނެވެ.

ޖަރުމަނުންގެ ހަނގުރާމައާއެކު، ޚާއްޞަކޮށް އިޤްޠާޢީ އަރިސްޓޮކުރޭޓުންނާ މުޠްލަޤު ރަސްކަމާ ދެކޮޅަށް، ޕްރަޝިއާގެ ބުރްޖުވާޒީން ކުރި ހަންގުރާމަ، އެހެން ގޮތަކަށް ބުނާނަމަ، ލިބަރަލް ޙަރަކާތް، މިހާ ހިސާބުން މުހިންމުވާން ފެށިއެވެ.

މިއާ ގުޅިގެން، މި އިޝްތިރާކީ އެދުންތަކުގެ އެކީގައި ސިޔާސީ ހަރާކާތާ ކުރިމަތިލުމަށްޓަކައި، "ޞަޙީޙް" އިޝްތިރާކިއްޔަތަށް ދިގު މުއްދަތަކަށް މަޑުކުރަމުން އައި ފުރުސަތު ލިބުނެވެ. ލިބަރަލިއްޔަތުގެ ދެކޮޅަށް ދިމާކުރި ޤަދީމީ ހަޅޭއްލެވުންތަކާ އެކުގައެވެ. އަދި ތަމްސީލްވެރި ސަރުކާރާއި، ބުރްޖުވާޒީ ވާދަކުރުމާއި، ބުރްޖުވާޒީ ނޫހުގެ މިނިވަންކަމާއި، ބުރްޖުވާޒީ ޤާނޫނުހެދުމާއި، ބުރްޖުވާޒީ އިސްތިޤްލާލާ ހަމަހަމަކަމަށް މުޅިން ދެކޮޅަށެވެ. އަދި މި ބުރްޖުވާޒީ ޙަރަކާތުން، މީސްމީހުންގެ ޖަމާޢަތަށް، އެއްވެސް ކަމެއް ނުލިބި، ހުރިހާ އެއްޗެއް ގެއްލޭނެކަން ބުނެއެވެ. މިގޮތަށް ފަރަންސޭސް ފާޑުކިޔުމުގެ ބޯދާ އަޑުގޮވުން ކަމަށްވާ ޖަރުމަނު އިޝްތިރާކިއްޔަތަށް، އެވަގުތުގައި ހަނދާން ނެތުނު ކަމަކީ، ފަރަންސޭސް ފާޑުކިޔުމުން ޒަމާނީ ބުރްޖުވާޒީ މުޖުތަމަޢެއް އެތަނުގައި ކުރިން އޮތުމަށް ޝަރުތުކުރިކަމެވެ. އަދި މިއާއެކު، އަންނަން އޮތް އިޖްތިމާޢީ ދިރިހުރުމުގެ ޝަރުޠުތަކާ، އެކަމަށް ތައްޔާރުކުރި ސިޔާސީ ޤާނޫނު އަސާސީއަކީ، އެއިރު ޖަރުމަނުވިލާތުގައި ހިނގި ނިޟާލު އަމާޒުކޮށް ޙާސިލުކުރަން އެދުނު ކަންކަމެވެ.

ފާދިރީންނާއި، ޢިލްމުވެރިންނާއި، ރަސްމީ ބޭފުޅުން ތަބާވާ މުޠްލަޤު ސަރުކާރުތައް އުފަލާއެކު، އެކަންތައް ބޭނުންކުރީ އެމީހުންނަށް ނުރައްކާވާ ބުރްޖުވާޒީންނަށް ބިރުދައްކުމުގެ އެއްޗެއްގެ ގޮތުގައެވެ.

އަދި އެއީ އެތިފަހަރުން ޖެހުމާ ވަޒަންތަކުގެ ހިތި ބޭސް ގުޅަތަކުގެ ފަހުން، ހަމަ އެ ސަރުކާރުތައް، ސީދާ އެވަގުތު، ޖަރުމަނު މަސައްކަތު ފަންތީގެ އިންތިފާދާތައް ފިއްލުވަން ބޭނުންކުރި ފޮނި ނިންމުމެކެވެ.

މިހެންވުމުން މި "ޞަޙީޙް" އިޝްތިރާކިއްޔަތު ބުރްޖުވާޒީންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ސަރުކާރުން ބޭނުންކުރިއެވެ. ނަމަވެސް، އަދި އެއާއެއްކޮށް، އެވަގުތު ސީދާ ރަޖްޢީ އެދުމެއް ތަމްސީލްކިއެވެ. ޖަރުމަނު ފިލިސްތާރުންގެ އެދުމެވެ. ޖަރުމަނުވިލާތުގައި، ސޯޅަވަނަ ޤަރުނުގެ ޤަދީމީ އެއްޗެއް ކަމަށްވެފަ، އޭގެ ފަހުން އެކި ގޮތްގޮތުގައި އަރައިގަނެމުންދިއަ ކުދި ބުރްޖުވާޒީންނަކީ، މިހާރު ކަންތައް އޮތްގޮތުގެ ހަޤީޤީ އިޖްތިމާޢީ ބިންގަލެވެ.

މި ފަންތި ރައްކާތެރި ކުރުމަކީ ޖަރުމަނުވިލާތުގެ ތެރޭގައި މިހާރު ކަންތައް އޮތްގޮތް ރައްކާތެރި ކުރުމެވެ. ބުރްޖުވާޒީންގެ ސިޔާސީ އަދި ސިނާޢީ ބާރުވެރިކަމުގެ ސަބަބުން އެމީހުންނަށް ދިމާވާނެ ޔަޤީން ހަލާކެއްގެ ނުރައްކާ ކުރިމަތިކުރެއެވެ - އެއް ފަރާތުން، ރައުސުލްމާލު އެކުލެވުމުންނެވެ؛ އަނެއް ފަރާތުން، އިންޤިލާބީ ޕުރޮލެޓާރީއެއް އަރައިގަތުމުންނެވެ. "ޞަޙީޙް" އިޝްތިރާކިއްޔަތު އަރައިގަތީ ދެ ދޫނި އެއް ގަލަކުން މަރާލާށެވެ. މިކަންތައް ބަލިމަޑުކަމެއްހެން ފެތުރުނެވެ.

މިއީ، ހީކުރުންތަކުގެ މަކުނަވާތަކާއި، ރީތި ބަސްތަކުގެ މާތައް އެކުލެވުމާއި، ޖަޒްބާތުގެ ކަރުނަތަކާއެކު، ޖަރުމަނު އިޝްތިރާކީން އެމީހުންގެ "ދާޢިމީ ތެދުތައް" އޮޅާލި ކަށިތަކާ ހަމުގެ ފޭރާމެކެވެ. މިކަންތަކާ ގުޅިގެން އެކަހަލަ އާންމުންގެ މެދުގައި އެމީހުންގެ ތަކެތީގެ ވިޔަފާރީގެ މިންވަރު ބޮޑުވެ އިތުރުވިއެވެ.

އަދި ޖަރުމަނު އިޝްތިރާކިއްޔަތަކީ ކުދި ބުރްޖުވާޒީ ފިލިސްތާރުގެ އަޑުގަދަ ތަމްސީލްވެރިއެއް ކަމަށް، އޭތި އަމިއްލެއަށް، އިތުރު މިންވަރަކަށް ބަލައިގަތެވެ.

އޭތިން ޖަރުމަނު ޤައުމު ބަޔާންކުރީ އެންމެ ރަނގަޅު ޤައުމުގެ ގޮތުގައެވެ. އަދި ޖަރުމަނު ކުދި ފިލިސްތާރުން ބަޔާންކުރީ އާދައިގެ މީހާ ގޮތުގައެވެ. މި މީހާގެ ހުރިހާ ނުލަފާކަމާ ނުބައިކަމަކަށް ދިނީ، ފޮރުވިފައިވާ، މަތިވެރި، އިޝްތިރާކީ މާނައެކެވެ. އޭގެ އަޞްލު ޝަޚްޞިއްޔަތާ ސީދާ އިދިކޮޅެވެ. ޝުޔޫޢިއްޔަތުގެ "އަނިޔާވެރި ހަލާކުހުރި" ގޮތްތަކަށް ސީދާ އިދިކޮޅުވުމުގެ އެންމެ ހަރުކަށި ހިސާބަށް ދިއައެވެ. އަދި ހުރިހާ ފަންތީގެ ނިޟާލުތަކަށް އޭތި އެއްވެސް ގޮތަކަށް އަޅާނުލާކަން ހާމަކުރިއެވެ. މަދު މިސާލެއް ފިޔަވާ، މިހާރު (މީލާދީން 1847) ޖަރުމަނުވިލާތުގައި ދައުރުވަމުންދާ އިޝްތިރާކީ އަދި ޝުޔޫޢީ ކަމަށް ބުނާ ހުރިހާ ޝާއިޢުކުރުންތަކަކީ މިދާއިރާގެ ހުތުރު ބޮލަށް އުނދަގޫކުރާ އަދަބިއްޔާތެވެ.[23]

2. މުޙާފިޡީ ނުވަތަ ބުރްޖުވާޒީ އިޝްތިރާކިއްޔަތު

ބުރްޖުވާޒީންގެ ތެރެއިން އެއްބައި މީހުން، ބުރްޖުވާޒީ މުޖުތަމަޢު ދަމަހައްޓާ ރައްކާތެރި ކުރުމަށްޓަކައި އިޖްތިމާޢީ ޝަކުވާތައް ހައްލުކުރަން އެދެއެވެ.

މި ދާއިރާއަށް ނިސްބަތްވަނީ އިޤްޠިޞާދީ ޢިލްމުވެރިންނާއި، އިންސާނިއްޔާތަށް ލޯބިކޮށް ރައްކާތެރިކުރާ ފަރާތްތަކާއި، މަސައްކަތު ފަންތިތަކުގެ ޙާލަތް ރަނގަޅުކުރާ ފަރާތްތަކާއި، ޞަދަޤާތް އެކުލައްވާފަ ބަހާ ފަރާތްތަކާއި، ޖަނަވާރުންނަށް ދިމާކުރާ އަނިޔާވެރިވުން ހުއްޓުވުމަށް އުޅޭ ޖަމްޢިއްޔާތަކުގެ މީހުންނާއި، ރާބުޔުން ހަރުކަށިކޮށް ހުއްޓުވުމަށް އުޅޭ މީހުންނާއި، އެކި ބާވަތުގެ ހީކުރެވޭހާ އިޞްލާޙުވެރިންނެވެ. ހަމަމިއާއެކު، މިބާވަތުގެ އިޝްތިރާކިއްޔަތު، ފުރިހަމަ ނިޒާމުތަކަކަށް އެކުލަވާފައިވެއެވެ.

މިބާވަތުގެ މިސާލެއް ދެއްކުމަށް އަހަރުމެން ޕްރޫދޮންގެ ލިޔުމެއް ކަމަށްވާ "ފަޤީރުކަމުގެ ފަލްސަފާ" އަށް ބެލިދާނެއެވެ.

އިޝްތިރާކީ ކަހަލަ ބުރްޖުވާޒީން ބޭނުންވަނީ ޒަމާނީ އިޖްތިމާޢީ ޝަރުޠުތަކުގެ ހުރިހާ ފައިދާތައް ލިބުމަށެވެ. ނަމަވެސް އޭގެ ތެރެއިން ކޮންމެހެން އަންނާނެ ނިޟާލުތަކާ ނުރައްކާތައް ނުލައެވެ. އެމީހުން ބޭނުންވަނީ މުޖުތަމަޢު މިހާރު އޮތްގޮތް، އޭގެ އިންޤިލާބީ އަދި ހާލާކުވެދާފަދަ މާއްދާތައް ނުލައެވެ. އެމީހުން އެދެނީ ޕުރޮލެޓާރީން ނުލާ އުޅޭ ބުރްޖުވާޒީއެކެވެ. ބުރްޖުވާޒީން ވެރިވެގަނެފައިވާ ދުނިޔެއަކީ އެންމެ ރަނގަޅު ދުނިޔެކަން ފިތުރީ ގޮތުން އެމީހުން ހީކުރެއެވެ؛ އަދި ބުރްޖުވާޒީ އިޝްތިރާކިއްޔަތުން މި އަރާމު ޚިޔާލު އެކިއެކި ނިމިފައިވާ ނިޒާމުތަކަށް ތަރައްޤީ ކުރެއެވެ. ޕުރޮލެޓާރީންނަށް އެކަހަލަ ނިޒާމެއް ތަންފީޛުކުރުމަށާއި، އިޖްތިމާޢީ އާ ޤުދުސް ދިމާލަށް ސީދާ ހިނގަން މަޖުބޫރުކުރުމުން، ހަޤީޤަތުގައި، އޭތި ބޭނުންވަނީ ޕުރޮލެޓާރީން މިހާރުގެ މުޖުތަމަޢުގެ ފާރުތެރޭގައި ތިބެ، ބުރްޖުވާޒީން ދިމާލަށް ކުރާ ނަފްރަތުގެ ފިކުރުތައް ދޫކޮށްލުމަށެވެ.

މި އަމަލުކުރުން ފަސޭހަ، ނިޒާމީކަން މަދު، އިޝްތިރާކިއްޔަތުގެ ދެވަނަ ބާވަތަކުން އެދުނީ މަސައްކަތު ފަންތީގެ ލޯކުރިމަތީގައި، ހުރިހާ އިންޤިލާބީ ޙަރަކާތްތަކަކީ ނޭދެވެ ކަންތައްތަކެއް ގޮތުގައި ދެއެކުމަށެވެ. އެއީ، އެމީހުންނަށް ފައިދާ ލިބޭނީ ހަމައެކަނި ސިޔާސީ އިސްލާހަކުން ނޫންކަމާއި، އޭގެ ބަދަލުގައި އެމީހުންނަށް ފައިދާ ވާނީ، ހަމައެކަނި ދިރިހުރުމުގެ މާއްދީ ޙާލަތްތަކާ، އިޤްޠިޞާދީ ގުޅުންތަކަށް އަންނަ ބަދަލުތަކުން ކަމަށް ދެއްކުމުންނެވެ. ނަމަވެސް ދިރިހުރުމުގެ މާއްދީ ޙާލަތްތައް ބަދަލުކޮށްގެން، އިޝްތިރާކިއްޔަތުގެ މިބާވަތަށް، ބުރްޖުވާޒީ އުފެއްދުންތެރިކަމުގެ ގުޅުންތަކުގެ އުވާލުން ދޭހަނުވެއެވެ. އެއީ ހަމައެކަނި އިންޤިލާބަކުން ތަންފީޛު ކުރެވޭނެ އުވާލުމެކެވެ. އޭގެ ބަދަލުގައި އެކަހަލަ ގުޅުންތައް ދެމިއޮތުމަށް ބިނާވާ އިދާރީ އިޞްލާޙުތައް ކުރެއެވެ؛ މިހެންވުމުން މި އިޞްލާޙުތަކަކީ، ޢަމަލާއި، ރައުސުލްމާލު ދެމެދުގައިވާ ގުޅުންތަކަށް އަސަރު ނުކުރާ ކަންތައްތަކެވެ. އެންމެ ރަނގަޅަށް ކުރާ ކަމަކީ، ބުރްޖުވާޒީ ސަރުކާރުގެ އިދާރީ މަސައްކަތުގެ ޚަރަދު ކުޑަކޮށް ފަސޭހަކުރުމެވެ.

ބުރްޖުވާޒީ އިޝްތިރާކިއްޔަތަށް ފުދޭވަރެއްގެ ސިފަކުރުމެއް ލިބޭ ހަމައެކަނި ގޮތަކީ، އެ ބަހަކީ އޮށްޓަރެއް ނެތި ކިޔާ ބަހަކަށް ވުމުންނެވެ.

މިނިވަން ވިޔަފާއިކުން: މަސައްކަތު ފަންތީގެ ފައިދާއަށްޓަކައި. ފާރަވެރި ޑިއުޓީތައް: މަސައްކަތު ފަންތީގެ ފައިދާއަށްޓަކައި. ޖަލުތައް އިޞްލާޙުކުރުން: މަސައްކަތު ފަންތީގެ ފައިދާއަށްޓަކައި.

މިކަން ޚުލާސާ ކުރަނީ މި ލަފްޒުންނެވެ: "ބުރްޖުވާޒީންނަކީ ބުރްޖުވާޒީން - މަސައްކަތު ފަންތީގެ ފައިދާއަށްޓަކައި"

3. ނަޤްދީ-އުޓޯޕިއަން އިޝްތިރާކިއްޔަތާއި ޝުޔޫޢިއްޔަތު(ޔ)

މިތަނުގައި، ބަބިއުފް[24] އާއި، އެހެން ފަރާތްތައް ލިޔުނު ފަދަ، ޒަމާނީ ހުރިހާ އިންޤިލާބުތަކުގައި، ޕުރޮލެޓާރީންގެ އަމާޒުތަކަށް އަޑު ދިން އަދަބިއްޔާތަށް ރައްދުކޮށް، އަހަރުމެން ވާހަކަ ނުދައްކަމެވެ.

ޕުރޮލެޓާރީންގެ އަމިއްލަ އެދުންތައް ޙާސިލްކުރަމަށް ސީދާ މަސައްކަތްކުރި ފުރަތަމަ ވަގުތުތަކަކީ، ދުނިޔަވީ ހިތްއަވަސްވުމުގެ ތެރޭގައި އޮވެ، އިޤްޠާޢީ މުޖުތަމަޢު ވައްޓާލަމުން ދިއަ ވަގުތުތަކުގައެވެ. މިކަންތައް ނާކާމިޔާބުވިއެވެ. އެއީ އޭރުގައި ޕުރޮލެޓާރީން ފުދޭވަރަކަށް ތަރައްޤީ ނުވުމުންނާއި، އޭގެ މިނިވަންވުމަށް މެދުވެރިކުރާ އިޤްޠިޞާދީ ޝަރުޠުތައް ނެތުމުންނެވެ. އެކަންތައްތަކަކީ އެއިރު ނުއުފެދިފައިވާ ޝަރުޠުތަކެވެ. އަދި ހަމައެކަނި އުފެއްދޭނީ އެއަށް ފަހު އަންނަން އޮތް ބުރްޖުވާޒީ ޒަމާނުންނެވެ. ޕުރޮލެޓާރީންގެ ފުރަތަމަ ޙަރަކާތްތާއެކު އައި އިންޤިލާބީ އަދަބިއްޔާތުގައި ކޮންމެހެން ރަޖްޢީ ޝަޚްޞިއްޔަތެއް އޮތެވެ. އެންމެ ހުތުރު ގޮތުގެ ކައުނަވީ ޒުޙުދުވެރިވުމާ އިޖްތިމާޢީ ހަމަހަމަކުރުމަށް ތާޢީދުކުރިއެވެ.

ސޭންޓް-ސިމޮން[25] އާއި، ފޫރިއެރ[26] އާއި، އޮވެން[27] އާއި، އެހެން ފަރާތްތަކުގެ އިޝްތިރާކީ އަދި ޝުޔޫޢީ ނިޒާމުތައް، ވުޖޫދަށް އަރައިގަތީ ކުރިން ބަޔާންކުރެވިފައިވާ ޕުރޮލެޓާރީންނާ ބުރްޖުވާޒީންގެ ދެމެދުގައިވާ ނިޟާލުގެ ކުރީ ކޮޅު، ތަރައްޤީ ނުވާ ހިސާބުގައެވެ. (ފުރަތަމަ ބާބު، ބުރްޖުވާޒީންނާ ޕުރޮލެޓާރީން ބައްލަވާ.)

މި ނިޒާމުތަކުގެ އުފެއްދުންތެރިން، ފަންތީގެ އަރާރުންވުންތަކާ މިހާރު ވެރިވެހުރި ބާވަތުގެ މުޖުތަމަޢު ތެރޭގައި ވީރާނާކުރަމުންދާ މާއްދާތަކުގެ އަމަލު ފެންނަކަން ހަމަ ޔަޤީނެވެ. ނަމަވެސް، ޕުރޮލެޓާރީން، އޭގެ ޅައުމުރުގައި އެމީހުންނަށް ލިއްބައިދެނީ، އެއްވެސް ތާރީޚީ އިސްނެގުމާކާ މިނިވަން ސިޔާސީ ޙަރަކާތެއް ނެތް ފަންތިއެއްގެ މަންޒަރެވެ.

މިހެންވުމުން ފަންތީގެ އަރާރުންވުންތަކުގެ ތަރައްޤީވުން ސިނާޢަތުގެ ތަރައްޤީވުމާ އެއްވަރަށް ހިފަހައްޓާއިރު، އިޤްޠިޞާދީ ޙާލަތުން، އެމީހުންނަށް ފެނުނު ގޮތުގައި، ފުރޮލެޓާރީންގެ މިނިވަންކަމަށް ބޭނުނަވާ ކަހަލަ މާއްދީ ޝަރުޠުތައް ނުފޯރެއެވެ. އެހެންވީމަ، އެމީހުން މިކަހަލަ ޙާލަތްތައް އުފައްދާނެ ފަދަ އާ އިޖްތިމާޢީ ސައިންސަކާއި، އާ އިޖްތިމާޢީ ޤާނޫނުތައް ހޯދަން އުޅެއެވެ.

ތާރީޚީ އަމަލު އެމީހުން އަމިއްލެއަށް އުފައްދާ އަމަލުގެ ދަށަށް ދާން ޖެހެއެވެ؛ ތާރީޚީ ގޮތުން އުފެދިފައިވާ މިނިވަންކަމުގެ ޝަރުޠުތައް ޚިޔާލީ ޝަރުޠުތަކުގެ ދަށަށެވެ؛ އަދި ލަސްލަހުން އަމިއްލަ ޒާތުގައި ހިނގާ ޕުރޮލެޓާރީންގެ ފަންތީގެ ޖަމާވުން، އެ އުފެއްދުންތެރިންގެ ޚިޔާލުގެ ދަށުގައިވާ މުޖުތަމަޢެއްގެ ޖަމާކުރުމަކަށެވެ. ކުރިއަށް އޮންނަ ތާރީޚު، އެމީހުންގެ ނަޡަރުގައި، އަމިއްލެއަށް ނިމިގޮސްދަނީ އެމީހުންގެ އިޖްތިމާޢީ ރޭވުންތައް އަމަލީ ގޮތުން ހުންގުމުގެ ތެރެއަށެވެ.

އެމީހުންގެ ރޭވުންތައް އެކުލަވާލުމުގެ ތެރޭގައި، މަސައްކަތު ފަންތިއަކީ އެންމެ ބޮޑު ދަތި އުނދަގޫތައް ކުރިމަތިވާ ފަންތި ގޮތުގައި ބަލައިގަނެ، އެ ފަންތީގެ އެދުންތަކަށް އަޅާލާކަމާމެދު އެމީހުން ހޭވެރިއެވެ. އެމީހުންގެ ނަޡަރުން ޕުރޮލެޓާރީން ވުޖޫދުގައި އޮންނަނީ ހަމައެކަނި އެންމެ ދަތި އުނދަގޫ ކުރިމަތިވާ ފަންތީގެ ގޮތުގައެވެ.

އެމީހުން ވަށައިގެންވާ މާހައުލާއި، ފަންތީގެ ނިޟާލުގެ ތަރައްޤީވެފައިވާ މިންވަރު ކުޑަވުމުގެ ސަބަބުން، މިކަހަލަ އިޝްތިރާކީންނަށް އަމިއްލެއަށް ދެކެނީ އެމީހުންނަކީ ހުރިހާ ފަންތީގެ އަރާރުންވުންތަކުގެ މަތީގައި ތިބޭ ބަޔެއްހެނެވެ. އެމީހުން އެދެނީ މުޖުތަމަޢުގެ ހުރިހާ މީހެއްގެ ޙާލަތް ރަނގަޅުކުރާށެވެ. އެންމެ މުއްސަނދި ފަރާތް ވިއަސް ހެވެވެ. މިގޮތުން، މުޅި މުޖުތަމަޢަށް އެއްކޮށް ގޮވާލައެވެ. އެއީ ފަންތީގެ ތަފާތުކުރުމަކާ ނުލެއެވެ؛ އެހެން ނޫނެވެ. އެއީ އަޞްލު ވެރިކަންކުރާ ފަންތިއަށް އިސްކަންދީފައެވެ. މީހުންގެ އަމިއްލަ ނިޒާމު ވިސްނުމުގެ ފަހުން، އޭގެ ތެރޭގައި އެންމެ ހެޔޮ ބާވަތުގެ މުޖުތަމަޢު ޙާސިލްކުރުމަށް ބޭނުނެވާ އެންމެ ރަނގަޅު ރޭވުން ނުފެންނާނީ ކިހިނެއް ހެއްޔެވެ؟

މިހެންވުމުން، އެމީހުން ހުރިހާ ސިޔާސީ ޙަރަކާތްތަކާ، ޚާއްޞަކޮށް އިންޤިލާބީ ޙަރަކާތްތަކަށް އިންކާރުކެއެވެ؛ އެމީހުންގެ އަމާޒު ޙާސިލުކުރަން އެދެނީ ސުލްޙަވެރި ވަސީލަތްތަކުންނެވެ. މިއީ ނާކާމިޔާބަށް ވެއްޓޭނެ ކަމެކެވެ. އަދި މިސާލުގެ ބާރުން، އެމީހުންގެ އާ އިޖްތިމާޢީ ފޮތަށް މަގުފަހިކުރުމަށެވެ.

ޕުރޮލެޓާރީން އަދިވެސް ތަރައްޤީވުމުގެ މިންވަރު ކުޑަވެ އޮތްއިރު، އަދި އެމީހުންގެ ހިސާބާ ބެހޭގޮތުން ކުރާ ޚިޔާލުތަކަކީ ހުވަފެންތަކަށް ވާއިރު، ކުރިއަށް އޮންނަ މުޖުތަމަޢަކާ ބެހޭ ގޮތުން ކުރަހާ އަޖައިބުހުރި ކުރެހުންތަކަކީ، އެ ފަންތީގެ ތެރޭގައި މުޖުތަމަޢު އަލުން އާރާސްތުކުރުމުގެ ފުރަތަމަ ޠަބީޢީ އެދުންތަކާ އެއްވަރަށް އަންނަ އެއްޗެކެވެ.

ނަމަވެސް މި އިޝްތިރާކީ އަދި ޝުޔޫޢީ ޝާއިޢުކުރުންތަކުގައި ނަޤްދީ މާއްދާއެއް ހިމެނެއެވެ. އޭތިން މިހާރު އޮތް މުޖުތަމަޢުގެ ހުރިހާ އުޞޫލަކަށް ހަމަލާދެއެވެ. މިހެންވުމުން، އޭތީ ތެރޭގައި މަސައްކަތު ފަންތީގެ އުނގެނި ދަސްވުމަށްޓަކައި މެދުވެރިކުރާނެ ތަކެތި ފުރިގެން ވެއެވެ. އެއީ މީގެ ތެރޭގައި ހުށައަޅާފައިވާ އަމަލުކުރެވޭ މިންތަކެވެ - މިކަންތައްތަކުގެ މިސާލުތަކަކީ، ސިޓީތަކާ ރަށްފުށު ދެމެދުގައިވާ ތަފާތުވުންތައް އުވާލުމާއި، ޢާއިލާ އުވާލުމާއި، ވަކިފަރާތްތަކުގެ ބޭނުމުގައި ހިންގާ ސިނާޢަތްތައް އުވާލުމާއި، އުޖޫރައިގެ ނިޒާމު އުވާލުމާއި، އިޖްތިމާޢި ސުލްޙަ މަސަލަސްކަމުގެ އަޑުއިއްވުމާއި، ދައުލަތު އަދާކުރާ ކަންތަކުގައި އުފެއްދުންތެރިކަމަށް ބަލައިގަންނަ މިންވަރު އިތުރުކުރުމެވެ - މި ހުރިހާ އިޤްތިރާޙެއް ދިމާކުރަނީ ސީދާ، އެއިރު އުފެދެމުން އައި، ފަންތީގެ އަރާރުންވުންތަކުގެ ނެތިދިއުމަށެވެ. އަދި، މި ޝާއިޢުކުރުންތަކުގައި، އެކަންތައް ފެނިފައި ވަނީ އޭގެ އެންމެ ކުރީގެ ތަފާތު ނުވާ މާނަ ނުކުރެވޭ އިރުގެ ހިސާބުގައެވެ. މިހެންވުމުން، މި އިޤްތިރާޙުތަކަކީ، ހަމަ އުޓޯޕިއަން ޝަޚްޞިއްޔަތެއްގެ ކަންތައްތަކެވެ.

ނަޤްދީ-އުޓޯޕިއަން އިޝްތިރާކިއްޔަތުގެ އެކީގައި ޝުޔޫޢިއްޔަތުގެ މުހިއްމުކަމާ، ތާރީޚީ ތަރައްޤީގެ ދެމެދުގައި، އިދިކޮޅު ގުޅުމެއް އޮވެއެވެ. ޒަމާނީ ފަންތީގެ ނިޟާލު ތަރައްޤީވެ ހަރުދަނާ ސިފައެއް ލިބޭ މިންވަރަށް، މި ވާދަކުރުމުން ދުރުގައި ތިބުމާއި، އެކަމާ ދެކޮޅަށް ދިމާކުރާ ބަހުގެ ހަމަލާތައް ފަދަ، ބުއްދިސަލާމަތުން ނެތި ކުރާ ކަންތަކުގެ އަމަލީ ޤީމަތާ ނަޡަރިއްޔާގެ ރައްކާތެރިކުރުން އެއްކޮށް ގެއްލިގެން ދެއެވެ. މިހެންވުމުން، މި ނިޒާމުތަކުގެ އުފެއްދުންތެރިން، އެކި ގޮތްގޮތަށް އިންޤިލާބީ ބަޔަކަށް ވިނަމަވެސް، އެމީހުންގެ އަހުލުވެރިން، ކޮންމެ އިރެއްގައި، ހަމަ ރަޖްޢީ މަޛްހަބުތައް އުފައްދައެވެ. އެމީހުންގެ މުދައްރިސުންގެ ފުރަތަމަ ޚިޔާލުތަކުގައި ހިފަހައްޓައެވެ. ޕުރޮލެޓާރީންގެ ކުރިއަރަމުންދާ ތާރީޚީ ތަރައްޤީވުމާ އިދިކޮޅުވެއެވެ. އެހެންވީމާ، އެމީހުން ދުވަހުން ދުވަހަށް، މަސައްކަތްކޮށް އެދެނީ، ފަންތީގެ ނިޟާލު ހުއްޓުމަކަށް ގެނެސް، ފަންތީގެ އަރާރުންވުނަތައް ހައްލުކުރުމަށެވެ. އަދިވެސް އެމީހުންގެ ހުވަފެނުން ފެންނަ އިޖްތިމާޢީ އުޓޯޕިއާތައް ތަޖުރިބާތަކުގެ އެކީގައި ހަޤީޤަތަށް ހެއްދެވުމަށް ބޭނުންވެއެވެ. ފަޅު ތަންތަނުގައި "ފަލަންސްޓެރެސް" ބިނާކުރުމަށާއި، "ހޯމު ކޮލޮނީތައް" ޤާއިމްކުރުމަށާއި، "ކުޑަ އިކާރިއާ" އެއް ބިނާކުރުމަށެވެ[28] - އާ ޤުދުސް[29] ގެ ކުޑަ އިސްދާރުތަކެވެ - މިހުރިހާ ވައިތެރޭގައިވާ ގަނޑުވަރުތައް ބޭނުންވެގެން، ބުރްޖުވާޒީންގެ ރުހުމާ ލާރި ދަބަސްތަކަށް އެމީހުން އެދި ސަލާންޖަހަން މަޖުބޫރުވެއެވެ. އެކި ދަރަޖަތަކުން، އެމީހުން ކުރިން ބަޔާންކުރި ރަޖްޢީ ނުވަތަ މުޙާފިޡީ އިޝްތިރާކީންގެ ދަރަޖައިގެ އަޑިއަށް ދެއެވެ. ހަމައެކަނި ތަފާތުވަނީ އެމީހުންގެ ނިޒާމީ ބޯހަރުކަން ބޮޑުކަމާއި، އެމީހުންގެ އިޖްތިމާޢީ ޢިލްމުގެ ތެރޭގައި މުޢުޖުޒާތީ އަސަރުތައް އޮތްކަމުގެ ޚުރާފަތީ ހަރުކަށި ޤަބޫލުކުރުމުންނެވެ.

އެހެންވީމާ، މަސައްކަތު ފަންތީގެ ހުރިހާ ސިޔާސީ ޙަރަކާތަކަށް އެމީހުން ގަދަކަމުން އިންކާރުކުރެއެވެ؛ އެމީހުން ބުނާ ގޮތުގައި، އެކަހަލަ ޙަރަކާތަކީ، ހަމައެކަނި އެމީހުންގެ އާ ފޮތްތައް ޤަބޫލު ނުކުރުމުން ހިނގާ ކަމެކެވެ.

އިނގިރޭސިވިލާތުގައި އޮވެންގެ އަހުލުވެރިން ޗާޓީސްޓުންނާ[30] ދެކޮޅުވެރިވެއެވެ. އަދި ފަރަންސޭސްވިލާތުގައި ފޫރިއަރްގެ އަހުލުވެރިން ރެފޯމިސްޓޭންނާ[31] ދެކޮޅުވެރިވެއެވެ.

********************

ބާބު 4. އެކިއެކި އިދިކޮޅު ޕާޓީތަކާ ގުޅޭ ގޮތުން ޝުޔޫޢީންގެ މައުޤިފް

********************

ދެވަނަ ބައި ތެރޭގައި، މިހާރުގެ މަސައްކަތްތެރި ފަންތީގެ ޕާޓީތަކާ ޝުޔޫޢީންގެ ދެމެދުގައި އޮންނަ ގުޅުންތަކުގެ އަޞްލު ސިފަތައް ސާފުކުރަށްވާފައި ވެއެވެ. މީގެ މިސާލުތަކުގެ ތޭރޭގައި އިނގިރޭސިވިލާތުގެ "ޗާޓިސްޓުން"ނާ އެމެރިކާގެ "އެގޭރިއަން ރީފޯމަރުން" ހިމެނެއެވެ.

ޝުޔޫޢީން ނިޟާލުކުރަނީ މަސައްކަތު ފަންތީގެ ކުރީސަފުގެ އަމާޒުތައް ޙާސިލްކުރެއްވުމަށާއި، އެމީހުންގެ މިހާރުގެ އެދުންތައް ތަންފީޛު ކުރުމަށެވެ؛ ނަމަވެސް މިޒަމާނުގެ ޙަރަކާތުގައި، އެކަންތަކުގެ އިތުރުން އެޙަރަކާތުގެ ކުރިމަގު ބަލަހައްޓަވާ ތަމްސީލްކުރެއެވެ. ފަރަންސޭސްވިލާތުގައި މުޙާފިޡީ އަދި ރެޑިކަލް ފިކުރުގެ ބުރްޖުވާޒީންނާ ދެކޮޅަށް، ޝުޔޫޢީންގެ އެކީގައި އިޖްތިމާޢީ ޑިމޮކުރެޓުން[32] އެއްބައިވެއެވެ. ނަމަވެސް މިކަން ކުރަނީ، ފަރަންސޭސް ބޮޑު އިންޤިލާބުން ވާރުތަވެފައިވާ ހަމަތަކާ އުންމީދުތަކާ ގުޅޭ ގޮތުން، އެއަށް ރައްދުކޮށް ފާޑުކިޔުމުގެ ޚިޔާލީ މައުޤިފެއް ފާޅުކުރުމުގެ ޙައްޤު ދަމެހައްޓައިގެންނެވެ.

ސްވިޒްވިލާތުގައި، އެމީހުން ރެޑިކަލް ފިކުރުގެ މީހުންނަށް ތާޢީދުކުރެއެވެ. ނަމަވެސް އެ ޕާޓީ އެކުލެވިގެން ވަނީ ދެލޮޅުވެރި ބައިތަކަކުން ކަން ނުފެނި ނުއުޅެވެއެވެ. ފަރަންސޭސް ނަޡަރަކުން، އެއްބަޔަކީ ޑިމޮކުރެޓިކު އިޝްތިރާކީންނެވެ. އަދި އެހެންބަޔަކީ ރެޑިކަލް ފިކުރުގެ ބުރްޖުވާޒީންނެވެ.

ޕޮލޭންޑުގައި، އެމީހުން ތާޢީދުކުރަނީ، ޒިރާޢީ (ޕ) އިންޤިލާބަކީ ޤައުމީ މިނިވަންކަމަށް އޮތް ފުރަތަމަ ޝަރުޠު ކަމުގައި ބަލައިގަނެ އެކަމަށް ހިތްވަރުދޭ ޕާޓީއަށެވެ. އެއީ 1846 ވަނަ އަހަރު ކްރާކުވގައި ހިނގި ހަމަނުޖެހުންތަކުގެ[33] އެންމެ ކުރީގައި އޮތް ޕާޓީއެވެ.

ޖަރުމަނުވިލާތުގައި، މުޠްލަޤު ރަސްކަމާއި، އިޤްޠާޢީ ބިންވެރިންނާއި، ކުދި ބުރްޖުވާޒީންގެ ދެކޮޅަށް ބުރްޖުވާޒީން އިންޤިލާބީ ގޮތަކަށް ޙަރަކާތްތެރިވާ ހިނދުގައި، ބުރްޖުވާޒީންގެ ފަރާތުގައި ޝުޔޫޢީން އެއްބައިވެއެވެ.

ނަމަވެސް އެއްވެސް ހިނދެއްގެ މެދުކެނޑުމަކާ ނުލާ، ބުރްޖުވާޒީންނާ ޕުރޮލެޓާރީން ދެމެދުގައިވާ ދެކޮޅުވެރިކަމުގެ އަޞްލު ސިފަތައް މަސައްކަތްތެރި ފަންތީއަށް ސާފުކޮށް ދޭހަކޮށްދޭން ޝުޔޫޢީން މަސައްކަތް ކުރަމުން ގެންދެއެވެ. މިއީ، ބުރްޖުވާޒީންގެ އިދިކޮޅަށާއި، ބުރްޖުވާޒީންނަށް ބާރު ލިބުމުގެ ފަހުން އެމީހުން ކޮންމެހެން ގެންނަން ޖެހޭނެ އިޖްތިމާޢީ އަދި ސިޔާސީ ހާލާތްތަކުގެ އިދިކޮޅަށް، ޖަރުމަނު މަސައްކަތްތެރިން އެއްފަހަރާ ގިނައިން ހަތިޔާރު ބޭނުންކުރެވޭނެ ގޮތް ތައްޔާރުކުރެއްވުމަށެވެ. ހަމަމިއާއެކު، އެއީ ޖަރުމަނުވިލާތުގައި ރަޖްޢީ ފަންތިތައް ވެއްޓުމުގެ ފަހުން، ބުރްޖުވާޒީންނާ ދެކޮޅަށް ހިންގާނެ ނިޟާލު އެއްފަހަރާ ފެއްޓެވޭނެ ގޮތް ހެއްދެވުމަށްޓަކައެވެ.

ޝުޔޫޢީން މައިގަނޑު ގޮތެއްގައި ޖަރުމަނުވިލާތުގެ ދިމާލަށް ނަޡަރު ހިންގާލައެވެ. އެއީ އެޤައުމު ބުރްޖުވާޒީ އިންޤިލާބެއްގެ ދުވަސްވަރަކާ ކައިރިވެފައި ވުމުންނެވެ. އަދި ޔަޤީންކަމާއެކު، އެ އިންޤިލާބު ހިންގަވާނީ ވިލާތުގެ ހަޟާރަތުގެ ކުރިއަރާފައިވާ ޙާލަތްތަކުގެ ދަށުންނެވެ. އަދި އޭގެ އިތުރުން، ސަތާރަ ވަނަ ޤަރުނުގެ އިނގިރޭސިވިލާތާއި، އަށާރަ ވަނަ ޤަރުނުގެ ފަރަންސޭސްވިލާތުގެ ފުރޮލެޓާރީންނަށް ވުރެ ބޮޑަށް ތަރައްޤީވެފައިވާ ފުރޮލެޓާރީންތަކަކާ އެކުގައެވެ. ހަމަމިއާއެކު، ޖަރުމަނުވިލާތުގެ ބުރްޖުވާޒީ އިންޤިލާބަކީ އޭގެ ފަހުން އެއްފަހަރާ އަންނާނެ ޕުރޮލެޓާރީ އިންޤިލާބަށް މަގުފަހިކުރާ ފިޔަވަޅު ކަމަށް ވާތީއެވެ.

ކުރު ގޮތަކަށް ބުނާނަމަ، ހުރިހާ ހިސާބެއްގައި އުޅޭ ޝުޔޫޢީން، މިހާރު އޮންނަ އިޖްތިމާޢީ އަދި ސިޔާސީ ނިޒާމުތަކާ ދެކޮޅުވެރިވާ ހުރިހާ އިންޤިލާބީ ޙަރަކާތްތަކަށް ތާޢީދުކުރެއެވެ.

އެމީހުން މިހުރިހާ ޙަރަކާތްތަކުގައި، މިލްކިއްޔާތުގެ ސުވާލު އެންމެ މުހިއްމު ސުވާލުގެ ގޮތުގައި ކުރިމައްޗަށް ގެނެއެވެ. އަދި އެއީ އެކަންތައް އެވަގުތު ކޮންމެ މިންވަރަކަށްވެސް ތަރައްޤީވެފައިވާ ހިނދުގައެވެ.

އެންމެ ފަހުން، އެމީހުން ހުރިހާ ހިސާބެއްގައި މަސައްކަތް ކުރަނީ ހުރިހާ ޤައުމެއްގެ ހަޤީޤީ ޑިމޮކުރެޓިކު ޕާޓީތައް އެއްބައިކުރުމާ އެއްބަސްވުމަކަށް ގެނެއުމަށެވެ.

ޝުޔޫޢީން އެމީހުންގެ ނަޡަރުތަކާ އަމާޒުތައް ފޮރުވާކަށް ނޭދެއެވެ. އެމީހުން ފާޅުކޮށް ބަޔާންކުރާ ގޮތުގައި އެމީހުންގެ އަމާޒުތައް ޙާސިލްކުރެވޭނި ހަމައެކަނި ގަދަކަމުން މިހާރު އޮތް ހުރިހާ އިޖްތިމާޢީ ނިޒާމުތައް ގަދަބާރުން ވައްޓަލުމުންނެވެ. ޝުޔޫޢީ އިންޤިލާބެއް އަންނާނެކަމާ މެދު ވެރިކަންކުރާ ފަންތިތައް ބިރުން ތެޅިދެއްވާށެވެ. ޕުރޮލެޓާރީންނަށް އަމިއްލަ ހިލިހިލާތައް ފިޔާވަ ގެއްލިދާނެ އެހެން އެއްވެސް އެއްޗެއް ނެތެވެ. އެމީހުންނަށް ފަތަޙަކުރަން ޖެހޭ ދުނިޔެއެއް އެބަ އޮތެވެ.

ދުނިޔޭގެ ހުރިހާ މަސައްކަތްތެރިން، އެއްބައިވޭ!

********************

[1] މިއީ ޕޯޕް ޕައަސް ނުވަވަނަ (Pope Pius IX) އެވެ. އޭނާ ނަޞާރާ ދީނުގެ ކެތޮލިކު މަޛްހަބުގެ އެންމެ މަތީ ފާދިރީގެ މަޤާމް ކަމަށްވާ ޕޯޕުކަމުގައި ވެރިކަންކުރި ދައުރަކީ މީލާދީން 1846 ވަނަ އަހަރުން 1878 ވަނަ އަހަރަށެވެ. 1869 ވަނަ އަހަރުގައި އޭނާ ފުރަތަމަ ވެޓިކަން މަޖުލީސް ބާއްވާފަ ޕޯޕްއަށް ކުށް ނުކުރެވޭނެ ކަމުގެ ޢަޤީދާ ކަނޑައެޅިއެވެ. އިޓަލީވިލާތު އެއް ދައުލަތެއްގެ ދަށުގައި އެއްބައިވަމުން ދިއައިރު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން، އޭނާ އިޓަލީވިލާތުގެ އާ ދައުލަތް ޤަބޫލު ނުކުރިއެވެ. އަދި ވެޓިކަނުގައި ބަންދުވިއެވެ.

[2] މިއީ ރޫސީވިލާތުގެ ރަސްކަންކުރި ވެރިއެއް ކަމަށްވާ ތްސާރް ނިކޮލަސް އެއްވަނަ (Nicholas I | Николай I) އެވެ. އޭނާ 1830 ވަނަ އަހަރުން 1831 ވަނަ އަހަރު ހިސާބަށް ހިނގި ޕޮލޭންޑުގެ އިންތިފާދާއާއި، 1849 ވަނަ އަހަރުގެ ހަންގެރީގެ އިންޤިލާބު އަސްކަރީ ގަދަބާރުން ނެތިކޮށްލިއެވެ. މިހެންވުމުން އޭނާ "ވުލާތުގެ ފުލުސްމީހާ" ގެ ނަމުން މައްޝޫރު ވިއެވެ.

[3] މިއީ ކްލިމެންސް ވޮން މެޓަރްނިކް (Klemens von Metternich) އެވެ. މެޓަރްނިކް ކިޔާ ރަށެއްގެ ވެރިކަން ކުރި ވެރިއެކެވެ. އަދި އޮސްޓުރިޔާގެ ދައުލަތުގެ ސަފީރުކަން ކުރި ފަރާތެކެވެ. ވިލާތުގެ ރަޖްޢީ ސިޔާސަތާ ރަސްކަމުގެ ސިޔާސަތަށް ތާޢީދުކުރުމުގައި އެންމެ ކުރިއަށް އޮތް މީހާއަށް އޭނާ ވިއެވެ. އަދި ލިބަރަލް ޙަރަކާތްތަކަށާ، ޤައުމީ މިނިވަންކަމުގެ އެކި ޙަރަކާތްތަކާ ދެކޮޅަށް މަސައްކަތް ކުރިއެވެ.

[4] މިއީ ފްރަންޝޮއި ގުއިޒޫތ (François Guizot) އެވެ. ފަރަންސޭސްވިލާތުގެ ސިޔާސީ ވެރިއެކެވެ. އަދި ތާރީޚީ ޢިލްމުވެރިއެކެވެ. 1832 ވަނަ އަހަރުން ފެށިގެން 1837 ވަނަ އަހަރު ހިސާބަށް، އޭނާ ފަރަންސޭސް ސަރުކާރުގެ ތަޢުލީމީ ދާއިރާގެ ވަޒީރުކަން އަދާކުރި އިރު، ފުރަތަމަ ފިޔަވަހީގެ މަދަރުސާތައް ޤާއިމްކުރިއެވެ. 1840 އިން ފެށިގެން 1848 އާ ހަމައަށް އޭނާ ފަރަންސޭސްވިލާތުގެ ބޮޑުވަޒީރުކަން ކުރިއެވެ. ނަމަވެސް އޭރުގެ ފަރަންސޭސް ރަސްކަން ވެއްޓުމުން އޭނާގެ ބާރުވެސް ގެއްލުނެވެ. އެއީ 1848 ވަނަ އަހަރުގެ ފަރަންސޭސް އިންޤިލާބުގެ ތެރޭގައެވެ.

[5] ބުރްޖުވާޒީންގެ ނަމުން ނިސްބަތްކުރަނީ ޒަމާނީ ރައުސުލްމާލީންގެ ފަންތިއެވެ. އިޖްތިމާޢީ އުފެއްދުންތެރިކަމުގެ ވަސީލަތްތަކަށް ވެރިވެގަނެ އުޖޫރަ-ޢަމަލުގެ ބޭނުންހިފާ ފަރާތްތަކެވެ. ޕުރޮލެޓާރީންގެ ނަމުން ނިސްބަތްކުރަނީ ޒަމާނީ އުޖޫރަ-ޢާމިލުންގެ ފަންތިއެވެ. އެމީހުންގެ އަމިއްލަ އުފެއްދުންތެރިކަމުގެ ވަސީލަތެއް ނުލިބުމާއި، ދިރިހުރުމަށްޓަކައި އެމީހުންގެ ޢަމަލީ ބާރު ވިއްކަން ޖެހުމުގެ ދަރަޖައަށް ވެއްޓިފައިވާ ފަރާތްތަކެވެ. [އެންގެލްސް، 1888 ވަނަ އަހަރުގެ އިނގިރޭސި އިސްދާރު]

[6] އެއީ، ހުރިހާ ލިޔެވިފައިވާ ތާރީޚެވެ. 1847 ވަނަ އަހަރުގައި މުޖުތަމަޢުގެ އެންމެ ކުރީ ތާރީޚާއި، ލިޔެވިފައިވާ ތާރީޚުގެ ޒަމާނުގެ ކުރިން އޮތް އިޖްތިމާޢީ އެކުލެވުމަކީ، އެއްވެސް ގޮތަކަށް ނުދަނެވުނު ކަމެކެވެ. އޭގެ ފަހުން، އައުގުސްޓް ވޮން ހަކްސްތައުސެން * ރޫސީވިލާތުގެ ޤަދީމީ ޒަމާނުގައި ބިމުގެ އާންމު މިލްކިއްޔާތު އޮތްކަން ފާޅުކުރިއެވެ. އަދި އެއީ ހުރިހާ ޓިއުޓޮނިކް ނަސްލުތައް ތާރީޚުގައި ފެށުމުގެ އިޖްތިމާޢީ ބިންގާ ކަމަށް ޖޯޖް ލުޑްވިގް ވޮން މައުރަރ ** ސާބިތުކުރިއެވެ. ހަމަމިއާއެކު، ރަށްރަށުގެ ރަށްވެހި މުޖުތަމަޢަކީ، އިންޑިޔާއާއި، އަޔަރުލޭންޑުއާއި، ހުރިހާ ހިސާބެއްގައިވެސް އެންމެ ކުރީގެ މުޖުތަމަޢުގެ ބާވަތްކަމަށް ހޯއްދެވުނެވެ. މި އެންމެ ކުރީގެ ޝުޔޫޢީ ކަހަލަ މުޖުތަމަޢުގެ އެތެރެފުށުގެ އެކުލެވުން ، އޭގެ އާދައިގެ ގޮތުގައި ފާޅުކުރީ، ލުވިސް ހެންރީ މޯރގަން *** އެވެ. އޭނާ ކުރީގެ ޢާއިލާތަކުގެ އަޞްލު ސިފަ އެންމެ ފުރަތަމަ ފަހަރަށް ފާޅުކުރިއެވެ. އަދި އެއާއި، ޤަބީލާތަކާ ދެމެދު އޮތް ގުޅުމެވެ. އެންމެ ކުރީގެ ޤަދީމީ ރަށްވެހި މުޖުތަމަޢުތައް ނެތި ދިއުމުން، މުޖުތަމަޢު ބައިބައިވެގެން ގޮސް ތަފާތުވެ، އެންމެ ފަހުން ދެކޮޅުވެރި ފަންތިތަކަށް ބެހެވިގެން ދެއެވެ. އަހަރެން މި ނެތިދިއުމުގެ ތެރޭގައި ހިނގި ކަންތައް ބަޔާންކުރަން މަސައްކަތް ކުރީ "ޢާއިލާއާއި، ވަކިފަރާތުގެ މިލްކިއްޔާތާއި، ދައުލަތުގެ އުފަންވުން، ދެވަނަ އިސްދާރު، ސްޓަޓްގާޓް، 1886" (The Origin of the Family, Private Property, and the State, second edition, Stuttgart, 1886) ތެރޭގައެވެ. [އެންގެލްސް، 1888 ވަނަ އަހަރުގެ އިނގިރޭސި އިސްދާރު]
* އައުގުސްޓް ވޮން ހަކްސްތައުސެން (August von Haxthausen) އަކީ ރޫސީވިލާތުގެ ދަނޑުވެރިކަމާ ރަށްވެހި ދިރިއުޅުމުގެ ގޮތްތައް ތަޙްޤީޤުކުރި ޕްރަޝިއާގެ ބެރޮނެކެވެ.
** ޖޯޖް ލުޑްވިގް ވޮން މައުރަރ (George Ludwig von Maurer) އަކީ ޖަރުމަނު ސިޔާސީ ވެރިއެކެވެ. އަދި ތާރީޚީ ޢިލްމުވެރިއެވެ. ޤަދީމީ ޖަރުމަނުންގެ ޤާނޫނުތަކާއި، ޤާނޫން އަސާސީތަކާ ގުޅޭގޮތުން ލިޔުނެވެ.
*** ލުވިސް ހެންރީ މޯރގަން (Lewis Henry Morgan) އަކީ އެމެރިކާގެ ތާރީޚީ ޢިލްމުވެރިއެކެވެ. އަދި ނަސްލީ ޢިލްމުވެރިއެކެވެ. އޭނާގެ ތަޙްޤީޤުތަކަށް ބަލާފަ އެއަށް ބިނާކޮށްފަ އެންގެލްސް "ޢާއިލާއާއި، ވަކިފަރާތުގެ މިލްކިއްޔާތާއި، ދައުލަތުގެ އުފަންވުން" ލިޔުނެވެ.

[7] ޕެޓުރިޝަންނުނަކީ ޤަދީމީ ރޫމީ ހަޟާރަތުގެ ތެރޭގައި މަތީ ބޭފުޅު ފަންތީގެ މީހުންނެވެ. އޭގެ ފަހުން އެމީހުންނަކީ ސިޓީތަކުގެ މުއްސަނދި މީހުންނެވެ. ޕުލީބިއަނުންނަކީ ޤަދީމީ ރޫމީ ހަޟާރަތުގެ ދަށު ފަންތީގެ ފަޤީރު މީހުންނެވެ.

[8] ގިލްޑު ވެރިންނަކީ ގިލްޑެއް ތެރޭގައި އުޅޭ މީހެކެވެ. އޭގެ ތެރޭގައި އުޅޭ ވެރިއެކެވެ. ގިލްޑުގެ ވެރިފަރާތެއް ނޫނެވެ. [އެންގެލްސް، 1888 ވަނަ އަހަރުގެ އިނގިރޭސި އިސްދާރު]

[9] މިއީ 1492 ވަނަ އަހަރު ވިލާތުގެ މީހުންނަށް އެންމެ ފުރަތަމަ ފަހަރަށް އެމެރިކާގެ ބައްރު ހޯދުމެވެ.

[10] ގިލްޑު، މި ބަސް ބޭނުންކޮށްފައިވަނީ "ކޯޕަރޭޝަން" ގެ އެއް މާނައިގައެވެ.

[11] "ކޮމިއުން" (Commune) އަކީ ފަރަންސޭސްވިލާތުގެ ކުދި ސިޓީތަކުގެ އަމިއްލެއަށް ބޭނުންކުރަން ފެށި ނަމެކެވެ. އެއީ "ތިންވަނަ އެސްޓޭޓު"ގެ ގޮތުގައި އަމިއްލަ ސަރުކާރެގެ ދަށުން އިޤްޠާޢީ ވެރިންގެ ކިބައިން ސިޔާސީ ޙައްޤުތައް ފަތަޙަކުރުމުގެ ކުރިންނެވެ. މައިގަންޑު ގޮތަކަށް ބުރްޖުވާޒީންގެ އިޤްޠިޞާދީ ތަރައްޤީވުމުގެ މިސާލަށް ނަގައިފައިވަނީ އިނގިރޭސިވިލާތެވެ. އަދި އޭގެ ސިޔާސީ ތަރައްޤީވުމަށް ނަގައިފައި ވަނީ ފަރަންސޭސްވިލާތުގެ މިސާލެވެ. [އެންގެލްސް، 1888 ވަނަ އަހަރުގެ އިނގިރޭސި އިސްދާރު]
އިޓަލީވިލާތާއި، ފަރަންސޭސްވިލާތުގެ ސިޓީތަކުގެ މުޖުތަމަޢުތަކުގެ ރަށްވެހިން އެތަންތަނަށް ދިން ނަމެވެ. އެއީ އިޤްޠާޢީ ވެރިންގެ ކިބައިން އަމިއްލަ ސަރުކާރުގެ ޙައްޤުތައް ފަތަޙަކުރުމުގެ ނުވަތަ ގަތުމުގެ ފަހުންނެވެ. [އެންގެލްސް، 1890 ވަނަ އަހަރުގެ ޖަރުމަނު އިސްދާރު]

[12] ޞަލީބީ ހަނގުރާމަ (Crusades) ތަކަކީ މީލާދީން 11 ވަނަ ޤަރުނުން ފެށިގެން 13 ވަނަ ޤަރުނުގެ ހަމައަށް އިރުމަތީގެ ޢަރަބި ބިންތައް ފަތަޙަކޮށް އިސްތިޢުމާރު ކުރުމަށްޓަކައި، ހުޅަނގު ވިލާތުގެ އިޤްޠާޢީ ވެރިންނާއި، ނަޞާރާ ފުރްސާނުންނާއި، އިޓަލީވިލާތުގެ ވިޔަފާރިވެރި ޖުމްހޫރިއްޔާތައް ބައިވެރިވެގެން ހިންގި ހަނގުރާމަތަކެކެވެ. މިކަމަށް ހިތްވަރުދިނުމުގެ ގޮތުން ފެތުރި ޚިޔާލަކީ އެއިރު މުސްލިމުންގެ ބާރު ދަށުގައި އޮތް އަލް ޤުދުސް އެކީގައި އެހެން ބިންތަކުގައިވާ ނަޞާރާ ފައްޅިތައް، ނަޞާރާ ވެރިކަމުގެ ދަށަށް ގެންނަން ޖެހޭނެކަމުގެ ޚިޔާލެވެ. މިކަމަށް ހިތްވަރުދިނުމުގެ ތެރޭގައި އެންމެ ބޮޑަށް އުޅުނު ފަރާތަކީ ނަޞާރާ ދީނުގެ ކެތޮލިކު މަޛްހަބުގެ ބޮޑު ފައްޅިއާއި، އޭގެ އެންމެ މަތީ ފާދިރީ ކަމަށްވާ ޕޯޕު އެވެ. އެއީ ދުނިޔެ ފަތަޙަކޮށް އެމީހުންގެ ބާރު އިތުރުކުރުމުގެ އަމާޒު ޙާސިލްކުރުމުގެ ބޭނުމުގައެވެ. އަދި އެކަން ތަންފީޛުކުރުމުގެ އަސްކަރީ ބާރަކީ ނަޞާރާ ފުރްސާނުންނެވެ. މި ހަނގުރާމަތަކުގައި އިޤްޠާޢީ އަޅުވެތިކަމުން ސަލާމަތްވާން ބޭނުންވި ފައްލާޙުންވެސް އުޅުނެވެ. ވިލާތުގެ ޞަލީބީ ހަނގުރާމަވެރިން ފަލަސްތީނާއި، ޝާމުގެ ބިންތަކުގެ އެކި ބައިތައް ފަތަޙަކޮށް ވެރިވެގަތެވެ. ނަމަވެސް ޢަރަބިން އެކި ހަނގުރާމަތަކުގައި އެބައިމީހިން ބަލިކޮށް، އެބިންތައް އަލުން މުސްލިމު ވެރިކަމުގެ ދަށަށް ގެންނެވިއެވެ.

[13] މާކްސް އާއި އެންގެލްސް ފަހު އަހަރުތަކުގެ ލިޔުންތަކުގައި "ޢަމަލުގެ ޤީމަތު"، "ޢަމަލުގެ ޚަރަދު" ފަދަ މަފްހޫމުތަކުގެ ބަދަލުގައި "ޢަމަލީ ބާރުގެ ޤީމަތު"، "ޢަމަލީ ބާރުގެ ޚަރަދު" ބޭނުންކުރަން ފެށިއެވެ.

[14] 1847 ވަނަ އަހަރު އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ ވަގުތު ދިހަ ގަޑިއިރުކަމުގައި ކަނޑައެޅި ޤާނޫނެކެވެ.

[15] ލަމްޕެންޕުރޮލެޓާރީން، މި ބަސް އެންމެ ފުރަތަމަ ބޭނުންކުރީ "ޖަރުމަނު އިޑިއޮލެޖީ" [The German Ideology] ނަމުން އޮތް މާކްސް އާއި އެންގެލްސްގެ ލިޔުމެއްގެ ތެރޭގައެވެ.

[16] ބިންވެރިންނާ ރައުސުލްމާލީން އެމީހުންގެ މުދާ ގެންގޮސް ޤައުމު ދޫކޮށް ދިއުމުގެ ސަބަބުން އިޤްޠިޞާދަށް ކާރިސާއެއް އަންނާނެތީއެވެ.

[17] މިއީ އިންތިޚާބީ ނިޒާމު އިޞްލާޙުކުރުމަށް ހިންގި ޙަރަކާތެކެވެ. މީސްތަކުންގެ ބާރުގެ ސަބަބުން، މަޖުލީހުގެ އާންމުންގެ ދާއިރާ (House of Commons) އިން 1831 ވަނަ އަހަރު މި އިޞްލާޙު ރަސްމީ ގޮތުން ޤާނޫނަކަށް ހެއްދެވުމަށް އެއްބަސްވިއެވެ. އަދި މަޖުލީހުގެ ބޭފުޅުންގެ ދާއިރާ (House of Lords) އިން 1832 ވަނަ އަހަރުގެ ޖޫން މަހުގައި މިކަމަށް އެއްބަސްވިއެވެ. ދަނޑުވެރިކަމާ ފައިސާގެ އަރިސްޓޮކުރޭޓުންގެ ސިޔާސީ ބާރުވެރިކަމަށް މި އިޞްލާޙު އިދިކޮޅުވިއެވެ. އަދި މަޖުލީހުގެ ދޮރުތައް ސިނާޢީ ބުރްޖުވާޒީއަށް ހުޅުވާލިއެވެ. ނަމަވެސް މި އިޞްލާޙު ގެނެއުމަށް ހިންގި ނިޟާލުގެ މައިގަނޑު ބައިވެރިން ކަމަށްވި ޕުރޮލެޓާރީންނާ ކުދި ބުރްޖުވާޒީންނަށް ވޯޓު ލުމުގެ ޙައްޤެއް ނުލިބުނެވެ. އެމީހުން ލިބަރަލް ބުރްޖުވާޒީންގެ އޮޅުވާލުމުގެ ޝިކާރައަކަށް ވިއެވެ.

[18] މިއީ 1660 ވަނަ އަހަރުން ފެށިގެން 1689 އާ ހަމައަށް ހިނގި އިނގިރޭސި އިސްތިޢާދަތެއް * ނޫނެވެ. އެއީ 1814 ވަނަ އަހަރުން ފެށިގެން 1830 ހިސާބަށް ދިމާވި ފަރަންސޭސް އިސްތިޢާދަތެވެ. ** [އެންގެލްސް، 1888 ވަނަ އަހަރުގެ އިނގިރޭސި އިސްދާރު]
* استعادة - Restoration
** 1660 ވަނަ އަހަރާ 1689 ދެމެދުގެ އިނގިރޭސި އިސްތިޢާދަތަކީ ސްޓުއާޓް (Stuart) ޢާއިލާ އިނގިރޭސީވިލާތުގެ ރަސްކަން ކުރި ދެވަނަ ދަރުއެވެ. 17 ވަނަ ޤަރުނުގެ އިނގިރޭސި ބުރްޖުވާޒީ އިންޤިލާބުގެ ތެރޭގައި އެ ރަސްކަމުގެ ބާރު ނެތިދިއައެވެ. 1814 ވަނަ އަހަރާ 1830 ދެމެދުގެ ފަރަންސޭސް އިސްތިޢާދަތަކީ ބުރބޮން (Bourbon) ޢާއިލާގެ ރަސްކަމުގެ ދެވަނަ ދައުރެވެ. ބުރބޮނުންގެ ރަޖްޢީ ސަރުކާރު ތަމްސީލްކުރީ ގާޒީންނާ ފާދިރީންގެ އެދުންތަކެވެ. މި ރަސްކަން ވެރިކަމުން ވައްޓާލީ 1830 ވަނަ އަހަރުގެ ޖުލައި މަހުގެ އިންޤިލާބު ތެރޭގައެވެ.

[19] ލެޖިޓިމިސްޓުން (Legitimists) ޤަބޫލުކުރި ގޮތުގައި ބޯބޮން ޢާއިލާއަކީ ޤާނޫނީ ގޮތުން ފަރަންސޭސްވިލާތުގެ ރަސްކަން ޙައްޤުވާ ޢާއިލާއެވެ. އަދި އެމީހުން އެ ޢާއިލާއަށް ތާޢީދުކުރިއެވެ. އެއީ 1830 ވަނަ އަހަރު ރަސްކަމުން ވެއްޓުނު ފަރާތެވެ. އޭގެ ފަހުން 1848 ވަނަ އަހަރާ ހަމައަށް ރަސްކަންކުރި އޮރލީންސް (Orleans) ޢާއިލާގެ ދެކޮޅަށް ކުރި ޙަރަކާތުގެ ތެރޭގައި، ފައިސާވެރި އަރިސްޓޮކުރޭޓުންނާ ބުރްޖުވާޒީންގެ އެހީ ލެޖިޓިމިސްޓުންނަށް ލިބުނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މަކަރުވެރި ގޮތަކަށް މަސައްކަތްތެރިންގެ ޙައްޤުތައް ދިފާޢުކުރާ ކަމަށާ، އިސްތިޣުލާލުވެރި ބުރްޖުވާޒީންނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ ދޮގު ހަދައިގެން އުޅުނެވެ.

[20] "ޒުވާން އިނގިރޭސިވިލާތު" ނުވަތަ "ޔަންގް އިންގުލޭންޑް" (Young England) އަކީ އިނގިރޭސިވިލާތުގެ ޓޯރީ ޕާޓީއަށް (Tory Party) ނިސްބަތްވި މުޙާފިޡީ ސިޔާސީވެރިންނާ ލިޔިންތެރިންގެ ބައެކެވެ. މިއީ 1840 ގެ އަހަރުތަކުގެ ތެރޭގައި އެކުވި ބައެކެވެ. ބުރްޖުވާޒީންގެ ދިމާލަށް ބިންވެރި އަރިސްޓޮކުރޭޓުންގެ ހިތުގައި އޮތް ނުރުހުންވުން ފާޅުކުރުމާއެކު، "ޔަންގް އިންގުލޭންޑު" މަކަރުވެރި އުކުޅުތައް ބޭނުންކުރުމާއެކު، އެމީހުންގެ ބާރުގެ ދަށަށް މަސައްކަތު ފަންތި ގެންނަވާފަ އަމިއްލަ ސިޔާސީ އެދުންތައް ފުއްދުމަށް އެ ފަންތީގެ މީހުންގެ ބޭނުންހިފަން އުޅުނެވެ.

[21] މިކަން މައިގަނޑު ގޮތެއްގައި ނިސްބަތްވަނީ ޖަރުމަނުވިލާތަށެވެ. އެއީ ބިންވެރި އަރިސްޓޮކުރޭޓުންނާ ޖަންކަރު * ބޭފުޅު ފަންތީގެ މީހުންގެ ދަނޑުބިންތަކު ތެރޭ، އެމީހުންގެ ނަމުގައި އެހެން މީހުން ލައްވާ ދަނޑުވެރިކަން ކުރާތީއެވެ. އަދި އެމީހިންނަކީ ރަތް މުޅާ ހަކުރާއި، އަލުވި ރާ ހެއްދެވުމަށް ވަރަށް ޝައުގުވެރިވާ ބައެކެވެ. އެމީހުންނަށް ވުރެ މުއްސަނދި އިނގިރޭސި އަރިސްޓޮކުރޭޓުން މިހާރު އެކަހަލަ ކަންކަމުން ދުރުވެ ތިބެއެވެ. ނަމަވެސް ކުލިން ލިބޭ ފައިދާ ކުޑަވާ ވަރަކަށް އެމީހުންގެ ނަންތައް އެހެން ކުންފުނިތަކަށް ކުއްޔަށް ދޭން ޖެހެއެވެ. [އެންގެލްސް، 1888 ވަނަ އަހަރުގެ އިނގިރޭސި އިސްދާރު]
*ޖަންކަރުން (Junkers) އަކީ ޖަރުމަނުވިލާތުގެ އިރުމަތީ ޕްރަޝިއާ ހިސާބުގެ ބިންވެރި ފަންތިއެކެވެ. ނުވަތަ އެހެން މާނައެއްގަ މައިގަނޑު ގޮތޮގައި ޖަރުމަނުވިލާތުގެ ހުރިހާ ހިސާބެއްގެ ބިންވެރިންނެވެ.

[22] ޖޯން ޗާލްސް ލިއޮނާޑް ސިސްމޮންޑީ (Jean Charles Léonard Sismondi) އަކީ ސްވިޒްވިލާތުގެ ‫އިޤްތިޞާދީ ޢިލްމުވެރިއެކެވެ. އަދި ތާރީޚީ ޢިލްމުވެރިއެކެވެ. އޭނާ ‫އިޤްތިޞާދީ ޢިލްމުގެ ކުލެސިކަލް މަޛްހަބަށް ފާޑުކިޔެވެ. އެއީ ‫އިޤްތިޞާދީ ރޮމާންޓިޒަމުގެ ނަޡަރުންނެވެ. މާކްސް ދެކުނު ގޮތުގައި، އޭނާއަށް އުފެއްދުންތެރިކަމުގެ ބާރުތަކުގެ މަޑުޖެހިފައިވާ ތަރައްޤީއާ، ފައިސާއަށް ބަދަލުކުރަން ޖެހޭ ސިލްޢަތުގެ ގޮތުގައި އުފެދޭ މުއްސަނދިކަމުގެ ދެމެދުގައިވާ ގޮންޖެހުންތައް ދެނެގަނެވުނެވެ. އަދި އަކަމުގެ ސަބަބުން އުފެއްދިންތެރި ޖަމާޢަތުގެ ހިިސާބުން، ދިރިހުރުމަށް ބޭނުންވާ ވަސީލަތްތައް ދުރުކުރާ ނިޒާމެއް ބިނާކުރާކަންވެސް އުނގެނުނެވެ. ހަމައިއާއެކު، އޭނާއާ ގުޅޭ ގޮތުން ލެނިން (Lenin | Ленин) ދެކުނު ގޮތުގައި، ކުލެސިކަލް މަޛްހަބުގެ ‫އިޤްތިޞާދީ ޢިލްމުވެރިންނަށް ބަލާއިރު އޭނާ ތަފާތުވީ، އޭނާ ރައުސުލްމާލިއްޔަތުގެ ގޮންޖެހުންތައް ހުށައެޅުމުންނެވެ. ނަމަވެސް އޭނާ ކުލެސިކުތަކުގެ ތަޙްޤީޤުގައި ކާމުޔާބު ނުވިއެވެ. އަދި އެކަން ކުރާކަށް ނޫޅެވުނެވެ. މިހެންވުމުން އޭނާގެ ފާޑުކިޔުމަކީ ކުދި ބުރްޖުވާޒީ ނަޡަރެއްގެ ފުރިހަމަ ނޫން ފާޑުކިޔުމެކެވެ.

[23] 1848 ވަނަ އެހަރުގެ އިންޤިލާބީ ތޫފާނުން މި ބޯދާ ވިސްނުންތައް ފޮހެލާފަ އެކަމަށް ތާޢީދުކުރި ފަރާތްތަކުގެ ހިތްތަކުން އިޝްތިރާކިއްޔަތާ ކުޅުމުގެ ހިތްވަރު ނައްތާލިއެވެ. މި ފިކުރުގެ އެންމެ ބޮޑު މިސާލާއި، ތަމްސީލްވެރިއަކީ ކާލް ގްރޫން * އެވެ. [އެންގެލްސް، 1890 ވަނަ އަހަރުގެ ޖަރުމަނު އިސްދާރު]
*ކާލް ތިއޮޑޯ ފެރޑިނަންޑް ގްރޫން (Karl Theodor Ferdinand Grün) އަކީ ޖަރުމަނުވިލާތުގެ ނޫސްވެރިކަމާ ފަލްސަފާގެ ދާއިރާގައި އުޅުނު ޑިމޮކުރެޓިކު ސިޔާސީވެރިއެކެވެ. އޭނާގެ އިންޤިލާބީ އުޞޫލުތަކާ ފިކުރުތަކުގެ ސަބަބުން ޕްރަޝިއާގެ ސަރުކާރު އޭނާއަށް އަނިޔާވެރިވިއެވެ. 1844 ވަނަ އަހަރުގެ ފަހުން އޭނާ އުޅުނީ ބޭރު ޤައުމުތަކުގައެވެ. ޕެރިސް ގައި އޭނާ ޕްރޫދޮން (Proudhon) އެކީގައި ވަރަށް ގާތް ގުޅުމެއް ބޭއްވިއެވެ. އޭގެ ފަހުން އޭނާ ވިއެނާ (Vienna) ގައި ދިރިއުޅެމުން ލަޑްވިގް ފިޔުރްބަކްގެ (Ludwig Feuerbach) ފޮތްތައް ޝާއިއުކުރިއެވެ.

[24] ފްރަންޝޮއި ނޮއެލް ބަބިއުފް (François Noël Babeuf) އަކީ ފަރަންސޭސް އިންޤިލާބީއެކެވެ. އޭނާ ބޭނުންކުރި އެހެން އެއް ނަމަކީ "ގްރެކަސް" (Gracchus) އެވެ. މިއީ ޤަދީމީ ރޫމްގައި އުޅުނު އިޖްތިމާޢީ އިޞްލާޙުވެރިއެއްގެ ނަމެވެ. އޭނާ ފަރަންސޭސް އިންޤިލާބު ކުރިއަށް ގެންދިއުމުގެ ގޮތުން "ޑިރެކުޓަރުންގެ މަޖްލީސް" (le Directoire) ގެ ދެކޮޅަށް އަރައިގަތުމާ ގުޅިގެން އޭނާ ހައްޔަރުކޮށް ގަތުލުކުރިއެވެ. ތާރީޚީ ޢިލްމުވެރިން ދެކޭ ގޮތުގައި އޭނާއަކީ އެންމެ ފުރަތަމަ ޙަރަކާތްތެރި އިންޤިލާބީ އިޝްތިރާކީއެކެވެ.

[25] ކްލޯޑް ހަންރީ، ޑުކް ޑީ ސޭންޓް-ސިމޮން (Claude Henri, Duc de Saint-Simon) އަކީ ފަރަންސޭސްވިލާތުގެ އުޓޯޕިއަން އިޝްތިރާކީއެކެވެ. އޭނާ ޕުރޮލެޓާރީންގެ އެދުންތައް ޙާސިލްކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރިއެވެ.

[26] ފްރަންޝޮއި ޗާލްސް ފޫރިއެރ (François Charles Fourier) އަކީ ފަރަންސޭސްވިލާތުގެ އުޓޯޕިއަން ފިކުރުގެ އިޝްތިރާކީއެކެވެ. އޭނާ އުޅުނު ދުވަސްވަރުގެ އިޖްތިމާއީ ޙާލަތަތަކަށް ފާޑުކިޔެވެ. އަދި އޭނާގެ ލިޔުންތަކުން ބުރްޖުވާޒީ ދުނިޔޭގެ މާއްދީ އަދި އަޚުލާގީ ފެންވަރުގެ ދެރަކަން ފާޅުކުރިއެވެ.

[27] ރޮބާޓް އޮވެން (Robert Owen) އަކީ އިނގިރޭސިވިލާތުގެ އުޓޯޕިއަން ފިކުރުގެ އިޝްތިރާކީއެކެވެ. އަދި މެނުފެކްޝަރަރެކެވެ. އޭނާގެ ކާރުހާނާތައް ހިންގަމުން ލިބުނު ތަޖުރިބާތަކުގެ ސަބަބުން، އޭނާ ޝުޔޫޢީ ނަޡަރިއްޔާގެ ދުނިޔެއަށް ވަދެވުނެވެ. އޭނާ ހުރިހާ ތަޅާފޮޅުމާ އަނިޔާވެރިކަމަށް އިދިކޮޅުވިއެވެ. އުތުރު އެމެރިކާގައި ޝުޔޫޢީ ކޮލޮނީތައް އުފެއްދުމަށް އޭނާ ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. މިކަން ފެނުމުން، ސީދާ މަސައްކަތު ފަންތީގެ ބޭނުން ފުއްދުމުގައި އޭނާގެ ދިރިއުޅުން ހޭދަކުރިއެވެ. މިކަމުގެއި އޭނާ ތިރީސް އަހަރުދުވަހަށް އުޅުނެވެ. އެއިރު އިނގިރޭސިވިލާތުގެ މަސައްކަތްތެރިންގެ ޙައްޤު ހޯދުމުގައި ހިންގި ހުރިހާ އިޖްތިމާޢީ ޙަރަކާތްތައް ހިންގީ އޮވެންގެ އެއްބައުވުމާ އެކުގައެވެ.

[28] ފަލަންސްޓެރެސް (Phalanstéres) ތަކަކީ ޗާލްސް ފޫރިއަރްގެ ރޭވުމުގެ ދަށުން ބިނާކުރެއްވި އިޝްތިރާކީ ކޮލޮނީތަކެވެ. "އިކާރިއާ" (Icaria) އަކީ ކެބެޓް އޭނާގެ އުޓޯޕިއާއަށާ ފަހުން އޭނާ އެމެރިކާގައި ބިނާކުރި ޝުޔޫޢީ ކޮލޮނީއަށް ބޭނުންކުރި ނަމެވެ. [އެންގެލްސް، 1888 ވަނަ އަހަރުގެ އިނގިރޭސި އިސްދާރު] "ހޯމް ކޮލޮނީ އަކީ އޮވެން އޭނާގެ ވިސްނުމުގައި އެންމެ ރަނގަޅު ޝުޔޫޢީ މުޖުތަމަޢު ތަކަށް ބޭނުންކުރި ނަމެވެ. [އެންގެލްސް، 1890 ވަނަ އަހަރުގެ ޖަރުމަނު އިސްދާރު]

[29] އާ ޤުދުސް ނުވަތަ "ނިއު ޖެރޫސަލެމް" (New Jerusalem) އަކީ ނަޞާރާ ދީނުގެ ފޮތްތަކުގައި އޮންނަ ވާހަކައަކުން އަންނަ ލަފްޒެކެވެ. މި ވާހަކައިގެ ތެރޭގައި ދުނިޔެ ނިމުމުގެ ފަހުން ސުވަރުގެއިން އާ ރަށެއް އަންނާނެއެވެ. އެއީ "ނިއު ޖެރޫސަލެމް"އެވެ. މި ލިޔުމުގެ ތެރެއިން މި ލަފްޒު ބޭނުންކުރެވިފައި ވަ މާނައަކީ: އެކަމުގެ އެއްވެސް ހަރުދަނާ ބިންގަލެއް ނެތި އަބަދުވެސް ހުވަފެނުގައި އޮންނަ ފަހުގެ މުޖުތަމަޢެކެވެ.

[30] ޗާޓީސްޓުން (Chartists) އަކީ އިނގިރޭސިވިލާތުގެ ޢުއްމާލީ ޕާޓީއެކެވެ. 1830 ވަނަ އަހަރާ 1850 ވަނަ އަހަރުގެ ދެމެދުގައި އިނގިރޭސީ ޤާނޫން އަސާސީ ބަދަލުކުރަން މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ތެރެއިން އެއްބަޔަކީ އިންޤިލާބީ މަގަކުން ކުރި ކަމެކެވެ. އެއީ ޖަމާޢަތުގެ ޢިލްތިމާސްތަކާއި، މުޒާހާރާތަކާއި، އާއްމު ހަޅުތާޅު ފަދަ އަމަލުތަކުންނެވެ.

[31] ރެފޯމިސްޓުންނަކީ (Réformistes) ކުދި ބުރްޖުވާޒީ ޖުމްހޫރީ ޑިމޮކުރެޓުންނާއި، އުޓޯޕިއަން ފިކުރުގެ އިޝްތިރާކީން ހިމެނުނު ބެއެކެވެ. އެއީ ޕެރިސްގެ "ލަ ރެފޯމް" (La Réforme) ނޫސް މަޖައްލާ ކިޔައި އުޅުނު ބައެކެވެ. އަދި ފަރަންސޭސްވިލާތުގައި ޖުމްހޫރީ ނިޒާމެއް ބިނާކުރުމަށާ، ޑިމޮކުރެޓިކު އިޞްލާޙުތަކާ އިޖްތިމާޢީ އިޞްލާޙުތައް ގެނެއުމަށް ޙަރަކާތްކުރިއެވެ.

[32] އެ ޕާޓީ އެއިރު މަޖުލީހުގައި ތަމްސީލްކުރީ ލެޑްރޫ-ރޮލްއަން (Ledru-Rollin) އެވެ. އަދި އަދަބިއްޔާތުގައި ތަމްސީލްކުރީ ލުއިސ ބްލަންކް (Louis Blanc) އެވެ. މީގެ އިތުރުން ނޫސްވެރިމަކުގައި ތަމްސީލްކުރީ ރެފޯމޭ (Réforme) އެވެ. އިޖްތިމާޢީ ޑިމޮކުރޭޓުންގެ ނަމުން ފާހަގަކޮށްލެވެނީ މިކަން އީޖާދުކުރި ފަރާތްތަކާއި، ޑިމޮކުރެޓިކު އަދި ޖުމްހޫރީ ޕާޓީތަކުގެ ތެރެއިން އިޝްތިރާކިއްޔަތުގެ ބައެއް ސިފަ އެކުލެވުނު ބައިތަކެވެ. [އެންގެލްސް، 1888 ވަނަ އަހަރުގެ އިނގިރޭސި އިސްދާރު] މިހެންވުމުން އެއީ ޖަރުމަނު އިޖްތިމާޢީ ޑިމޮކުރޭޓުންނާ ވަރަށް ތަފާތު ބައެކެވެ. [އެންގެލްސް، 1890 ވަނަ އަހަރުގެ ޖަރުމަނު އިސްދާރު]
* އެލެކްސާންޑްރެ-އޮގަސްތ ލެޑްރޫ-ރޮލްއަން (Alexandre-Auguste Ledru-Rollin) އަކީ ފަރަންސޭސްވިލާތުގެ ތާރީޚީ ޢިލްމުވެރިއެކެވެ. އަދި ޤާނޫނީ ޢިލްމުވެރިއެކެވެ. އޭނާ ލަ ރެފޯމް (La Réforme) ގެ ނަމުން ނޫސް މަޖައްލާއެއް ނެރުނެވެ.
** ޖޯން-ޖޯސެފް-ޗާލްސް-ލުއިސ ބްލަންކް (Jean-Joseph-Charles-Louis Blanc) އަކީ ފަރަންސޭސްވިލާތުގެ އުޓޯޕިއަން އިޝްތިރާކީއެކެވެ. އަދި އިޖްތިމާޢީ ޑިމޮކުރެސީގެ ފަލްސަފާ އުފެއްދި ފަރާތެވެ. ވަޒީފާ ނުލިބުން ފަދަ ރައުސުލްމާލިއްޔަތުގެ ނޭދެވޭ އަސަރުތައް މަޑުޖައްސަވަން އޭނާ އުޅުނެވެ. އެއީ މަސައްކަތު ފަންތީގެ ނަމުގައި އިޤްޠިޞާދީ އިޞްލާޙުތައް ގެންނަވައިގެންނެވެ. އޭނާ ޝާއިޢުކުރި އެންމެ މުހިންމު ލިޔުންކަމަށްވާ، 1839 ވަނަ އަހަރުގެ "ލ'އޯގަނިޒާޝޮން ޑޫ ޓްރަވައިލް" (L'organisation du travail) ތެރޭގައި އެންމެ ފުރަތަމަ ފަހަރަށް މަސައްކަތްކުރުމުގެ ޙައްޤު އިންސާނީ އަދި އަސާސީ ޙައްޤެއްގެ ގޮތުގައި ކަނޑައަޅަން އެދި ތާޢީދުކުރިއެވެ.

[33] 1846 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި، އެއިރު އެހެން ދައުލަތްތަކުގެ އަޅުވެތިކަމުގެ ދަށުގައި އޮތް ޕޮލޭންޑު ތެރޭގައި ހިނގަމުންދިއަ އިންތިފާދާއިން ތައްޔާރުވެ ރާވައިގެން ހުރީ، ޕޮލޭންޑު ފަތަޙަކޮށް ޤައުމީ މިނިވަންކަން ގެނެއުމަށެވެ. މި އިންތިފާދާއަށް އެންމެ ބޮޑަށް ހިތްވަރުދީ ތާޢީދުކުރި ފަރާތަކީ ޕޮލޭންޑުގެ އިންޤިލާބީ ޑިމޮކުރޭޓުންނެވެ. އެމީހުންގެ ތެރޭގައި ޑެމްބޮވްސްކީ (Edward Dembowski) ހިމެނުނެވެ. ނަމަވެސް ބޭފުޅު ފަންތީގެ އެކި ބައިތަކުން ފެނުނު ޚިޔާނާތާއި، ޕްރަޝިއާގެ ފުލުހުން އެ އިންތިފާދާގެ ޒަޢީމުން ހައްޔަރުކުރުމުގެ ސަބަބުން، މައިގަނޑު އިންތިފާދާ ހަރުދަނާ ރޭވުމެއްގެ ދަށުން ކުރިއަށް ނުގެންދެވުނެވެ. އެއީ މަދު ހިސާބެއްގައި ހިނގި އިންޤިލާބީ ހަމަނުޖެހުންތަކެއް ފިޔަވައެވެ. އިންޤިލާބީންނަށް ފަތަޙަކުރެވުނު ހަމައެކަނި ހިސާބަކީ، އޮސްޓުރިއާ އާއި، ޕްރަޝިއާ އާއި، ރޫސީވިލާތު އެއްކޮށް ވެރިކަންކުރި ކްރާކުވ (Kraków) ސިޓީއެވެ. މިހިސާބުގައި ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު ޤައުމީ ސަރުކާރެއް ބިނާކޮށް، އިޤްޠާޢީ މަޒްލޫމުކަމުގެ ނިމުން އިޢުލާނުކޮށް ބަޔާނެއް ނެރުނެވެ. ނަމަވެސް 1846 ވަނަ އަހަރުގެ މާޗް މަހުގެ ކުރީކޮޅުގައި އޮސްޓުރިއާ އަނިޔާވެރިކޮށް އަސްކަރީ ގަދަބާރުން ކްރާކުވގެ އިންތިފާދާ ނެތިކޮށްލިއެވެ. އެ އެހަރުގެ ނުވެމްބަރު މަހުގެ ތެރޭގައި އޮސްޓުރިއާ އާއި، ޕްރަޝިއާ އާއި، ރޫސީވިލާތު އެއްބަސްވުމަކަށް އައިސް، ކްރާކުވ ރަސްމީކޮށް ސީދާ އޮސްޓުރިއާގެ ވެރިކަމުގެ ދަށަށް ގެންނެވިއެވެ.

********************

(ހ) شيوعية - communism
(ށ) تقدمي - progressive
(ނ) رجعي - reactionary
(ރ) نضال - struggle
(ބ) ظالم - oppressor
مظلوم - oppressed
(ޅ) فرسان - ‎knight
(ކ) إقطاعي - feudal
(އ) سلعة - commodity
(ވ) تجارة - commerce
(މ) رأسمال - capital
(ފ) مطلق - absolute
(ދ) أبوي - patriarchial
(ތ) قيمة - value
(ލ) استغلال - exploitation
(ގ) فلاح - peasant
(ޏ) محافظي - conservative
(ސ) عقلاني - rationalist
(ޑ) تصاعدي - [tax] progressive
(ޒ) اشتراكية - socialism
(ޓ) اغتراب - alienation
(ޔ) نقدي - critical
(ޕ) زراعي - agrarian

********************

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް