ފުރަތަމަ ލިޔުން: 1847
ފުރަތަމަ ޝާއިޢުކުރުން: 1914
ދިވެހި ތަރުޖަމާ: 2021
ދިވެހި ބަހަށް ތަރުޖަމާ ކުރީ: رفيق المجهول
(Anonymous Comrade)
ޝުޔޫޢިއްޔަތަކީ ޕުރޮލެޓާރީން ތަޙްރީރުވުމުގެ ޙާލަތްތަކުގެ ޢިލްމެވެ.
ޕުރޮލެޓާރީންނަކީ މުޖުތަމަޢު ތެރޭގައި ހަމައެކަނި އޭގެ ޢަމަލު ވިއްކައިގެން ދިރިއުޅޭ، އެއްވެސް ބާވަތެއްގެ ރައުސުލްމާލަކުން ފައިދާ ނުދަމާ ފަންތިއެވެ. އޭގެ ފައިދާވުމާ ގެއްލުންވުން، އޭގެ ދިރިހުރުމާ ނެތިދިއުން، އޭގެ ސީދާ ދެމިއޮތުމަކީ ހަމަ ޢަމަލަށް ކުރާ އެދުމުގެ މައްޗަށް ބިނާވާ ކަމެކެވެ - މިހެންވުމުން އެކަން ބިނާވެގެންވަނީ، ވިޔަފާރީގެ ބަދަލުވަމުންދާ ޙާލަތްތަކާއި، ހުއްޓުމެއްނެތި ކުރާ ވާދަކުރުމުގެ ރާޅުތަކަށެވެ. ޕުރޮލެޓާރީން، ނުވަތަ ޕުރޮލެޓާރީންގެ ފަންތިއަކީ، ކުރު ގޮތަކަށް ބުނާނަމަ، 19 ވަނަ ޤަރުނުގެ މަސައްކަތު ފަންތިއެވެ.[1]
ނޫނެވެ. ފަޤީރު ފަންތިތަކާ މަސައްކަތު ފަންތިތައް އަބަދުވެސް އުޅުނެވެ؛ އަދި މަސައްކަތު ފަންތި މައިގަނޑު ގޮތުގައި ފަޤީރުވިއެވެ. ނަމަވެސް މިހާރު އޮތް ޙާލަތްތަކުގެ ދަށުގައި އުޅޭ މަސައްކަތްތެރީންނާ ފަޤީރު މީހުން ކޮންމެ ޒަމާނަކު ނުއުލެއެވެ؛ އެހެން ގޮތަކަށް ބުނާނަމަ، މިނިވަން ހުއްޓުމެއްނެތި ކުރާ ވާދަކުރުން ކޮންމެ ޒަމާނެއްގަ ނުހިންގި ގޮތަށް، ޕުރޮލެޓާރީން ކޮންމެ ޒަމާނެގެ ތެރޭގައި ނުފެނުނެވެ.
ޕުރޮލެޓާރީން އުފެދިގެން އައީ ސިނާޢީ އިންޤިލާބުގެ ތެރެއިންނެވެ. މިކަން ހިނގީ ކުރީގެ (18 ވަނަ) ޤަރުނުގެ ފަހު ބައިގެ ތެރޭގައި އިނގިރޭސިވިލާތުގައެވެ. އަދި އެއަށްފަހު ދުނިޔޭގެ ހުރިހާ ކުރިއަރާފައިވާ ޤައުމުތަކުގައި މިކަން ތަކުރާރުކޮށްފައިވެއެވެ.
ސިނާޢީ އިންޤިލާބު ކުރިއަށްދިއުމަށް ހިތްވަރު ދިނީ އާވި އިންޖީނާއި، އެކިއެކި އެނބުރޭ މެޝީނާއި، ކުނާ ވިޔާ މެޝީނާއެކު، އެހެނިހެން އެކިއެކި އާ ބާވަތްތަކުގެ މެޝީނު އާލާތްތައް އީޖާދުކުރުމުންނެވެ. ހަމައެކަނި ބޮޑެތި ރައުސުލްމާލީންނަށް ގަނެވޭ ފަދަ މި އަގުބޮޑު މެޝީނުތަކުން، އުފެއްދުންތެރިކަމުގެ ބާވަތްތައް އެއްކޮށް ބަދަލުކޮށްލުމާއެކު، ކުރީގެ މަސައްކަތްތެރިން ބޭރުކޮށްލިއެވެ. އެއީ މަސައްކަތްތެރިންގެ [މަށިން ތަކެތި އުފައްދަން ބޭނުންކުރާ] އެނބުރޭ ފުރޮޅުތަކުންނާ އަތުގެ ކުނާ ވިޔާ ހަރުތަކުން އުފެއްދޭ ވަރަށް ވުރެ ރަނގަޅު އަގުހެޔޮ ސިލްޢަތްތައް މެޝީނުތަކުން އުފެއްދޭތީއެވެ. މި މެޝީނުތަކުގެ ސަބަބުން ސިނާޢަތު އެއްކޮށް ބޮޑެތި ރައުސުލްމާލީންގެ އަތްދަށަށް ގެންގޮސް މަސައްކަތްތެރިންގެ ކުދި މިލްކިއްޔާތުގެ (މިސާލަކަށް އާލާތްތަކާ ކުނާ ހަރުތައް) އަގު އެއްކޮށް ނެތިކޮށްލިއެވެ. ނަތީޖާއަކީ ކުޑަ ހިނދުކޮޅެއްގައި ރައުސުލްމާލީންނަށް ހުރިހާ ތަކެތި އަތުޖެހިފަ، މަސައްކަތްތެރިންނަށް އެއްވެސް އެއްޗެއް ނުލިބުމެވެ. މިކަމުން ފާހަގަކުރީ، ފޭރާމުގެ ސިނާޢަތުގެ ތެރޭގައި ކާރުހާނާ ނިޒާމުގެ ފެށުމެވެ.
މެޝިނަރީއާއި، ކާރުހާނާގެ ނިޒާމު ފެއްޓުމަށް ހިތްވަރު ދިނުމުގެ ފަހުން، ހަލުވިކޮށް ސިނާޢަތުގެ އެހެން ހުރިހާ ގޮފިތަކަށް މި ނިޒާމު ފެތުރުނެވެ. ޚާއްޞަކޮށް ފޮތްތަކާ ފޭރާންތައް ޗާޕުކުރުމާއި، ގުޅި ހެދުމާއި، ދަގަނޑުގެ ސިނާޢަތްތަކަށެވެ.
އެކިއެކި މަސައްކަތްތެރިންގެ ދެމެދުގައި ޢަމަލު އިތުރަށް ވަކިވެގެން ގޮސް، ކުރިން ހަވާލުކުރި މަސައްކަތް އެއްކޮށް އަމިއްލެއަށް ނިންމި މަސައްކަތްތެރިޔާ އޭގެ ފަހުން އެ މަސައްކަތުގެ ވަކި ތަންކޮޅެއް އަދާކުރިއެވެ. ޢަމަލުގެ ވަކިކުރުމުގެ ސަބަބުން އަވަހަށް އަގުހެޔޮކޮށް ތަކެތި އުފެއްދެވޭނެ ގޮތް މެދުވެރިކުރިއެވެ. ވަކި މަސައްކަތްތެރިޔާގެ ޙަރަކާތްތައް ބަދަލުކުރީ ފަސޭހަ، އަބަދާއަބަދު ތަކުރާރުކުރެވޭ މެޝީނުގެ ސިފައިގެ ޙަރަކާތްތަކަށެވެ. މިކަންތައް އެފެންވަރަށް އަދި އެއަށްވުރެ ރަނގަޅު ފެންވަރަކަށް މެޝީނަކަށް ކުރެވިދާނެއެވެ. މިގޮތަށް، މިހުރިހާ ސިނާޢަތްތައް، އެކަތި ފަހަތުން އަނެކަތި ވެއްޓިގެން ދިއައެވެ. މިއީ، އާވިއާއި، މެޝިނަރީއާއި، ކާރުހާނާ ނިޒާމުގެ ބާރުގެ ދަށުގައި، އެނބުރުމާއި ވިޔުން އޭގެ ކުރިން ނެތިދިއަ ގޮތާ ހަމަ އެއްގޮތަށެވެ.
ނަމަވެސް ހަމަ އެވަގުތު އެބައިމީހުންވެސް ބޮޑެތި ރައުސުލްމާލީންގެ އަތަށް ވެއްޓުނެވެ. އަދި އެމީހުންގެ މަސައްކަތްތެރިންނަށް ދިން ކުޑަ މިނިވަންކަމުގެ ބާކީ ބައި ގެއްލުވާލިއެވެ. ވިދިވިދިގެން، ހަޤީޤީ މެނުފެކުޝަރުގެ އެކީގައި އަތްތެރި މަސައްކަތްވެސް ކާރުހާނާ ނިޒާމުގެ ދައުލަތުގެ ތެރެއަށް އައެވެ. އެއީ ބޮޑު ރައުސުލްމާލީން ބޮޑެތި މާލަމުގެތައް ބިނާކޮށް ކުދި އަތްތެރި މަސައްކަތުގެ ވެރިން ބޭރުކޮށްލުމުންނެވެ. މިކަމުން ގިނަ އަދަދެއްގެ ޚަރަދުތަކުން ސަލާމަތްވެ ތަފްސީލުހުރި ޢަމަލުގެ ވަކިކުރުމަކަށް ފުރުސަތު ދިނެވެ.
މިޒަމާނުގެ ތަރައްޤިވެފައިވާ ޤައުމުތަކުގައި ގާތްގަނޑަކަށް ހުރިހާ ބާވަތްތަކުގެ ޢަމަލު ކާރުހާނާތަކުގައި އަދާކުރާ ޙާލަތް އައީ މިގޮތަށެވެ - އަދި، ގާތްގަނޑަކަށް ހުރިހާ މަސައްކަތުގެ ގޮފިތަކުގައި، އަތްތެރި މަސައްކަތާއި، މެނުފެކުޝަރުކުރުން ވަނީ އެހެން ކަންތަކަށް ބަދަލުކޮށްލާފައެވެ. މި ކަންތައް ކުރިއަށްދިއުމުން ކުރީގެ މެދު ފަންތިއަށް އިތުރު މިންވަރަކަށް ހަލާކު ގެންނެވިއެވެ. ޚާއްޞަކޮށް ކުދި އަތްތެރި މަސައްކަތްތެރިންނެވެ؛ މަސައްކަތްތެރިންގެ ޙާލަތް އެއްކޮށް ބަދަލުކޮށްލާފައި ވެއެވެ؛ އަދި އަލަށް އުފައްދާފައިވާ ދެ ފަންތިތައް ވިދިވިދިގެން އެހެނިހެން ފަންތިތައް ބޯލަމުން ދެއެވެ. އެއީ:
1. ބޮޑެތި ރައުސުލްމާލީންގެ ފަންތިއެވެ. މިއީ، މިހާރު ހުރިހާ ތަރައްޤިވެފައިވާ ޤައުމުތަކުގައި ގާތްގަނޑަކަށް އެއްކޮށް ދިރިހުރުމުގެ ވަސީލަތްތަކާއި، އާލާތްތަކާއި (މެޝިނުތައް، ކާރުހާނާތައް)، ދިރިހުރުމުގެ ވަސީލަތްތައް އުފެއްދުމަށް ބޭނުންވާ މާއްދާތައް އަމިއްލަ މިލްކިއްޔާތެއްގެ ގޮތުގައި ގެންގުޅޭ ބައެކެވެ. މިއީ ބުރްޖުވާޒީ ފަންތި، ނުވަތަ ބުރްޖުވާޒީންނެވެ.
2. އެއްވެސް މިލްކިއްޔާތެއް ނުލިބޭ ފަރާތުގެ ފަންތިއެވެ. އެމީހުންގެ ދިރިހުރުމަށް ބޭނުންވާ ވަސީލަތްތައް ބަދަލެއްގެ ގޮތުގައި ލިބުމަށްޓަކައި، އެމީހުންގެ ޢަމަލު ބުރްޖުވާޒީންނަށް ވިއްކަން މަޖުބޫރުވެއެވެ. މިއީ ޕުރޮލެޓާރީ ފަންތި، ނުވަތަ ޕުރޮލެޓާރީންނެވެ.
ޢަމަލަކީ ސިލްޢަތެކެވެ. އެހެނިހެން ސިލްޢަތްތަކާ އެއްފަދައެވެ. މިހެންވުމުން އޭގެ އަގުކުރުން ކަނޑައަޅަނީ އެހެނިހެން ސިލްޢަތްތަކަށް ދިމާވާ ހަމަ އެއްގޮތް ޤާނޫނުތަކަކުންނެވެ. ބޮޑެތި ސިނާޢަތުގެ ނުވަތަ މިނިވަން ވާދަކުރުމުގެ ސަރުކާރެއްގެ ތެރޭގައި - އަހަރުމެންނަށް ފެންނާނެ ގޮތަށް - ދޭތި އެކައްޗަކަށް އާދެއެވެ - މައިގަނޑު ގޮތެއްގައި ސިލްޢަތުގެ އަގުކުރުމާއި، އޭތި އުފެއްދުމުގެ ޚަރަދު އަބަދުވެސް އެއްވަރުވެއެވެ. މިފަދައިން، ޢަމަލުގެ އަގުކުރުންވެސް ޢަމަލުގެ އުފެއްދުމުގެ ޚަރަދާ އެއްވަރު ވެއެވެ.
ނަމަވެސް، ޢަމަލު އުފެއްދުމުގެ ޚަރަދުތަކުގެ ތެރޭގައި އެކުލެވިގެން ވަނީ ހަމަ ސީދާކޮށް މަސައްކަތްތެރިޔާ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަރުގެ ދިރިހުރުމުގެ ވަސީލަތްތަކުގެ މިންވަރެވެ. އަދި މިއީ މަސައްކަތު ފަންތީގެ ނެތިދިއުމަށް ހުރަސް އެޅުމަށެވެ. މިހެންވުމުން، މި މަޤްސަދަށް ބޭނުންވާ މިންވަރުގެ އިތުރަށް މަސައްކަތްތެރިޔާގެ ޢަމަލަށް ބަދަލު ނުލިބޭނެއެވެ؛ އެހެން ގޮތަކަށް ބުނާނަމަ، ޢަމަލުގެ އަގުކުރުން، ނުވަތަ އުޖޫރަ ވާނީ، ދިރިހުރުން ދެމެހެއްޓުމަށް ބޭނުންވާ ވަރުގެ އެންމެ ދަށް މަދުމިނެވެ.
ނަމަވެސް، ވިޔަފާރި ބައެއްފަހަރު ރަނގަޅުވެ އަނެއްބައި ފަހަރު ދެރަވުމުން، މިކަމާ ގުޅިގެން މަސައްކަތްތެރިޔާއަށް އޭނާ ސިލްޢަތަތަކަށް ބައެއް ފަހަރު ގިނައިން ލިބި އަނެއްބައި ފަހަރު މަދުން ލިބެއެވެ. ނަމަވެސް، ސިނާޢީ ވެރިޔާއަށް، ރަނގަޅު ވަގުތުތަކާ ނުބައި ވަގުތުތައް އެއްކޮށްލާނަމަ ،އޭނާގެ ސިލްޢަތަތަކަށް އޭގެ ޚަރަދުތަކުގެ އިތުރު ނޫން މަދު ނޫން އެއްވަރު މިންވަރެއް ލިބޭ ގޮތަށް، މައިގަނޑު ގޮތެއްގައި މަސައްކަތްތެރިޔާއަށް އޭނާގެ މަދުމިނުގެ އިތުރަށް ނުވަތަ މަދަކަށް ނުލިބެއެވެ.
އުޖޫރައިގެ އިޤްތިޞާދީ ޤާނޫން ހަރުކަށިކޮށް އަސަރުކުރާނީ، ބޮޑެތި ސިނާޢަތުގެ ބާރުގެ ދަށަށް އުފެއްދުންތެރިކަމުގު ހުރިހާ ގޮފިތައް ދާ މިންވަރު އިތުރުވާ ވަރަކަށެވެ.
މަސައްކަތު ފަންތިތައް އަބަދުވެސް، މުޖުތަމަޢުގެ ތަރައްޤީގެ އެކި ފިޔަވަޅުތަކާ ގުޅޭގޮތަށް، ތަފާތު ޙާލަތްތަކުގައި އުޅެފަ، ވެރިކަންކުރާ މިލްކުވެރި ފަންތިތަކާ ތަފާތު ގުޅުންތަކެއް އޮތެވެ.
ޤަދީމީ ޒަމާނުގައި، މަސައްކަތްތެރިންނަކީ މިލްކުވެރިންގެ އަޅުންނެވެ. އެއީ އެކިއެކި ފަހަތުގައި އޮތް ޤައުމުތަކާ، އެމެރިކާ އިއްތިޙާދުގެ ދެކުނު ހިސާބުގައި އެމީހުން އަދިވެސް ތިބޭ ގޮތެވެ.
މެދު ޒަމާނުގައި، އެމީހުންނަކީ ބިންވެރި ބޭފުޅުންގެ ބިމުގެ އަޅުންނެވެ. އެއީ ހަންގެރީއާއި، ޕޮލޭންޑުއާއި، ރޫސީވިލާތުގައި އެމީހުން އަދިވެސް ތިބޭ ގޮތެވެ. މެދު ޒަމާނާއެކު، ސިނާޢީ އިންޤިލާބުގެ ހަމައަށް، ސިޓީތަކުގައި ކުދި ބުރްޖުވާޒީ ވެރިމީހުންގެ ދަށުގައި މަސައްކަތްކުރި ދުވަހީ މަސައްކަތުމީހުން އުޅުނެވެ. ވިދިވިދިގެން، މެނުފެކުޝަރު ތަރައްޤީވެގެން ދިއަ ވަރަކަށް، މި ދުވަހީ މަސައްކަތުމީހުން ބަދަލުވީ، އެއިރުވެސް ބޮޑު ރައުސުލްމާލީންގެ ދަށުގައި އުޅުނު މެނުފެކުޝަރު ކުރާ މަސައްކަތްތެރިންނަށެވެ.
އަޅު ވިއްކާލަނީ އެއްފަހަރާ އެއްކޮށެވެ؛ ޕުރޮލެޓާރީ ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު އޭނާގެ އަމިއްލަ ނަފްސު ވިއްކަން ޖެހެއެވެ.
ވަކި އަޅަކަށް، އޭނާއަކީ އޭނާގެ ވެރިމީހާގެ މިލްކަކަށް ވުމުން، އެވެރިމީހާގެ އެދުމުގެ ސަބަބުން، އޭނާއަށް ކޮންމެވެސް ވައްތަރެއްގެ ދެރަ ދިރިހުރުމެއް ފޯރުކޮށްދެއެވެ. ވަކި ޕުރޮލެޓާރީއަކަށް، އޭނާއަކީ، އޭނާގެ ޢަމަލު ހަމައެކަނި ބޭނުން ޖެހުމުން ގަންނަ ބުރްޖުވާޒީ ފަންތީގެ މިލްކަކަށް ވުމުން، އޭނާއަށް އެއްވެސް ރައްކާތެރި ދިރިހުރުމެއް ނުލިބެއެވެ. މި ދިރިހުރުން ލިބިދީފައިވަނީ ހަމައެކަނި މުޅި ފަންތިއަށް އެއްކޮށެވެ.
އަޅު ވާދަކުރުމުގެ ބޭރުގައި އުޅެއެވެ؛ ޕުރޮލެޓާރީ އުޅެނީ އޭތީގެ އެތެރޭގައެވެ. އަދި އޭގެ ހުރިހާ ނޭދެވޭ އަސަރުތައް އިޙްސާސްވެއެވެ.
އަޅު ބަލައިގަންނަނީ އެއްޗެއްގެ ގޮތުގައެވެ. މުޖުތަމަޢުގެ ބައިވެރިއެއްގެ ގޮތުގައެއް ނޫނެވެ. މިހެންވުމުން، ޕުރޮލެޓާރީއަށް ވުރެ ރަނގަޅު ދިރިއުޅުމެއް އަޅަށް ލިބިދާނެއެވެ. އެއީ ޕުރޮލެޓާރީ އިޖްތިމާޢީ ތަރައްޤީގެ މަތީ ދަރަޖައަކަށް ނިސްބަތްވާ އިރުގައެވެ. އަދި އޭނާ އަޅަށް ވުރެ މަތީ އިޖްތިމާޢީ ފިޔަވަޅެއްގައި ހުންނަވާ އިރުގައެވެ.
އަޅު އަމިއްލެއަށް މިނިވަންވަނީ، ވަކިފަރާތުގެ މިލްކިއްޔާތުގެ ގުޅުންތަކުގެ ތެރެއިން، ހަމައެކަނި އަޅުވެރިކަމުގެ ގުޅުން އުވާލާފަ، އެހެންވުމުން އޭނާ ޕުރޮލެޓާރީއަކަށް ބަދަލުވުމުންނެވެ؛ ޕުރޮލެޓާރީ އަމިއްލެއަށް މިނިވަންވެވޭނީ ހަމައެކަނި ވަކިފަރާތުގެ މިލްކިއްޔާތު މައިގަނޑު ގޮތެއްގައި އުވާލުމުންނެވެ.
ބިމުގެ އަޅު އުފެއްދުންތެރިކަމުގެ ވަސީލަތެއް ގެންގުޅެފައި ބޭނުންކުރެއެވެ. އޭނާގެ އުފެއްދުމުގެ ނުވަތަ އޭނާގެ ޢަމަލުގެ ޚިދުމަތުގެ ބައެއް ދޫކޮށްލާފަ، އޭގެ ބަދަލުގައި ލިބޭ ބިމުގެ ތަންކޮޅެކެވެ.
ޕުރޮލެޓާރީ މަސައްކަތްކުރަނީ އެހެން ފަރާތެއްގެ އުފެއްދުންތެރިކަމުގެ އާލާތްތަކާއެކު، އެފަރާތުގެ ހިސާބަށްޓަކައި، ބަދަލެއްގެ ގޮތުގައި އެ އުފެއްދުމުގެ ތަންކޮޅެއް ލިބުމަށެވެ.
ބިމުގެ އަޅު ދެއެވެ. ޕުރޮލެޓާރީއަށް ލިބެއެވެ. ބިމުގެ އަޅަށް ޔަޤީން ދިރިހުރުމެއް ލިބެއެވެ. ޕުރޮލެޓާރީއަކަށް ނުލިބެއެވެ. ބިމުގެ އަޅު ވާދަކުރުމުގެ ބޭރުގައި ވެއެވެ. ޕުރޮލެޓާރީ އޭގެ ތެރޭގައި ވެއެވެ.
ބިމުގެ އަޅުން އަމިއްލެއަށް ތަޙްރީރުވަނީ ތިންގޮތަކުން އެއްގޮތަކަށެވެ: ސިޓީއަށް ދުވެ ފިލާފައި އެތަނުގައި އަތްތެރި މަސައްކަތްތެރިއަކަށް ވުމުންނެވެ؛ ނުވަތަ އޭނާގެ ވެރިމީހާއަށް، އުފެއްދުންތަކާ ޚިދުމަތުގެ ބަދަލުގައި، ފައިސާ ދިނުމުން މިނިވަން ކުލި އަދާކުރާ ފަރާތަކަށް ވުމުންނެވެ؛ ނުވަތަ އޭނާގެ އިޤްޠާޢީ ވެރިމީހާ ވައްޓާލާފަ އޭނާ އަމިއްލެއަށް މިލްކުވެރިއަކަށް ވުމުންނެވެ. ކުރުކޮށް ބުނާނަމަ، އެއްމަގަކުން ނުވަތަ އެހެން މަގަކުން، އޭނާ ވެރިކަންކުރާ ފަންތި ތެރެއަށް ވަދެފައި ވާދަކުރުމުގެ ތެރެއަށް ވަދެއެވެ. ޕުރޮލެޓާރީ އަމިއްލެއަށް ތަޙްރީރުވަނީ ވާދަކުރުމާއި، ވަކިފަރާތުގެ މިލްކިއްޔާތާއި، ފަންތީގެ ހުރިހާ ތަފާތުވުންތައް އުވާލުމުންނެވެ.
ޕުރޮލެޓާރީންގެ ޚިލާފަށް، އަތްތެރި މަސައްކަތްތެރިޔާގެ ނަމުން ކިޔާ ފަރާތް، އޭނާ ކުރީގެ (18 ވަނަ) ޤަރުނުގެ ތެރޭގައި ގާތްގަނޑަކަށް ހުރިހާ ހިސާބެއްގައި އުޅުނު ގޮތާއި، އަދިވެސް މިޒަމާނުގައި އެކިތަންތަނުގައި އުޅޭ ގޮތަށް، އޭނާ ޕުރޮލެޓާރީއަކަށް ވަނީ އެންމެ ގިނަމިނުން ވަގުތީ ގޮތަކަށެވެ. އޭނާގެ މަޤްސަދަކީ އެހެން މަސައްކަތްތެރިން އިސްތިޣުލާލު ކުރެވޭ ފަދަ ރައުސުލްމާލު އަމިއްލެއަށް ލިބިގަތުމެވެ. ގިލްޑުތައް އަދިވެސް އުޅޭ ހިސާބުތަކުގައި، ނުވަތަ ގިލްޑުގެ ހުރަސްތަކުން މިނިވަންވުމުގެ ސަބަބުން، އެވަގުތުގައި އަތްތެރި މަސައްކަތަށް ކާރުހާނާގެ ގޮތްތަކާ ވާދަކުރުންވެސް އެތެރެ ނުވެ އޮތް ހިސާބުތަކުގައި، އޭނާއަށް އެ މަޤްޞަދު ގިނަފަހަރު ޙާސިލްކުރެވޭނެއެވެ. ނަމަވެސް ކާރުހާނާ ނިޒާމު އަތްތެރި މަސައްކަތުގެ ތެރެއަށް ވެއްދުމާއި، ވާދަކުރުން ތަނަވަސްވެ ފުރިހަމަވުމުން، މި ނަޡަރު ނެތިގޮސް އަތްތެރި މަސައްކަތްތެރިޔާ އިތުރަށް ޕުރޮލެޓާރީއަކަށް ބަދަލުވެގެންދެއެވެ. މިހެންވުމުން އަތްތެރި މަސައްކަތްތެރިޔާ މިނިވަންވަނީ ބުރްޖުވާޒީއަކަށް ވުމުން، ނުވަތަ މައިގަނޑު ގޮތެއްގައި މެދު ފަންތިއަށް ވަނުމުން، ނުވަތަ ވާދަކުރުމުގެ ސަބަބުން ޕުރޮލެޓާރީއަކަށް ވުމުންނެވެ (މިހާރު ގިނަފަހަރު ވާ ގޮތަށެވެ). މި ޙާލަތުގައި އޭނާ ޕުރޮލެޓާރީ ޙަރަކާތްކަމަށްވާ ޝުޔޫޢީ ޙަރަކާތަށް ވަދެގެން އޭނާގެ މިނިވަންކަން ޙާސިލްކުރެވޭނެއެވެ.[2]
16 ވަނަ ޤަރުނުން 18 ވަނަ ޤަރުނާ ހަމައަށް އުޅުނު މެނުފެކުޝަރުކުރާ މަސައްކަތްތެރިޔާ، އެއިރުވެސް މަދު އިސްތިސްނާތަކާއެކު، އަމިއްލަ އަތުގައި އުފެއްދުންތެރިކަމުގެ އާލާތެއް ގެންގުޅުނެވެ. އޭނާގެ ކުނާ ވިޔާ ހަރު، ޢާއިލާގެ އެނބުރޭ ފުރޮޅު، ނުވަތަ އޭނާގެ ހުސްވަގުތުގައި ބަލަހައްޓާ ކުޑަ ދަނޑުބިމެކެވެ. ޕުރޮލެޓާރީއަށް މިތަކެތި ލިބިފައެއް ނެތެވެ.
މެނުފެކުޝަރުކުރާ މަސައްކަތްތެރިޔާ އަބަދުހެން ހީވާ ވަރަށް ދިރިއުޅެނީ ރަށްފުށުގައެވެ. އަދި އޭނާގެ ބިންވެރިޔާ ނުވަތަ ވެރިމީހާގެ މެދުގައި އޮންނަނީ އަބަވީ ގުޅުމެކެވެ. ޕުރޮލެޓާރީ ގިނަފަހަރު ދިރިއުޅެނީ ސިޓީގައެވެ. އަދި އޭނާގެ ވެރިމީހާގެ މެދުގައި އޮންނަނީ ހަމަ ފައިސާގެ ގުޅުމެކެވެ.
ބުޑެތި ސިނާޢަތުގެ ސަބަބުން މެނުފެކުޝަރުކުރާ މަސައްކަތްތެރިޔާ މި އަބަވީ ގުޅުމުގެ ތެރެއިން ދަމާ ނެރުމާއެކު، އޭނާގެ އަތުގައި އޮތް މިލްކިއްޔާތު ގެއްލި އޭނާ ޕުރޮލެޓާރީއަކަށް ބަދަލުވެއެވެ.
އެންމެ ފުރަތަމަ، މެޝިނުގެ ޢަމަލާ ގުޅިގެން އައި ސިނާޢީ އުފެއްދުންތަކުގެ އަގު އިތުރަށް ހެޔޮވެ ހެޔޮވުމުން، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި، ކުރީގެ މެނުފެކުޝަރު ނިޒާމު ނުވަތަ އަތުގެ ޢަމަލަށް ބިނާވި ސިނާޢަތް އެއްކޮށް ހަލާކުކޮށްލިއެވެ.
މިގޮތުން، ކުރިން ތާރީޚީ ކުރިއެރުމާ ބީރައްޓިހި، މެނުފެކުޝަރަށް ސިނާޢަތް އެއްކޮށް ބިނާވި، ބައި ބަރްބަރީ ޤައުމުތައް އެބައިމީހުންގެ އެކަހެރިކަމުގެ ކިބއިން ގަދަކަމުން ބޭރުކޮށްލެވުނެވެ. އިނގިރޭސިންގެ އަގުހެޔޮ ސިލްޢަތްތައް ގަތުމާއެކު، އެމީހުންގެ އަމިއްލަ މެނުފެކުޝަރުކުރާ މަސައްކަތްތެރިން ހަލާކުގެ ތެރެއަށް ދޫކޮށްލިއެވެ. އެތައް ހާސް އަހަރަކަށް އެއްވެސް ފުދޭވަރެއްގެ ތަރައްޤީއެއް ނުފެނުނު ޤައުމުތައް - މިސާލަކަށް އިންޑިއާ - ވަރަށް ފުރިހަމައަށް އިންޤިލާބުކުރެވުނެވެ. އަދި މިހާރު ސީނުކަރަވެސް ދަތުރުކުރަނީ އަންޤިލާބަކަށެވެ.
އިނގިރޭސިވިލާތުގައި އަލަށް އީޖާދުކުރާ މެޝީނެއް އަހަރެއްގެ މުއްދަތުގެ ތެރެއިން ސީނުކަރައިގައި އެތައް މިލިއަން މަސައްކަތްތެރިން ވަޒީފާއިން ބޭރުކޮށްލާ ހިސާބަށް އަހަރުމެން އައިސްފައި ވެއެވެ.
މިގޮތުން، ބޮޑެތި ސިނާޢަތުން ދުނިޔޭގެ ހުރިހާ އެންމެން ކައިރިއަށް ގެނެސްފައިވެއެވެ. އަދި ދުނިޔޭގެ ހުރިހާ ސަރަހައްދީ ބާޒާރުތައް އެއް ދުނިޔެވީ ބާޒާރަކަށް ޖަމާކޮށްލިއެވެ. ހަޟާރަތާ ކުރިއެރުން ހުރިހާ ހިސާބުތަކަށް ފަތުރާފަ، ކުރިއަރާފައިވާ ޤައުމުތަކުގައި ހިނގާ ކޮންމެ ކަމެއްގެ އަސަރުތައް އެހެން ހުރިހާ ޤައުމުތަކުގައި ފެންނާނެހެން ހައްދަވާފައިވެއެވެ.
މިކަމުން ދޭހަވާ ގޮތުގައި، ފަރަންސޭސްވިލާތުގެ ނުވަތަ އިނގިރޭސިވިލާތުގެ މަސައްކަތްތެރިން މިހާރު އަމިއްލެއަށް ތަޙްރީރުވާނަމަ، މިކަމުން އެހެނިހެން ހުރިހާ ޤައުމުތަކުގައި އިންޤިލާބުތައް ފައްޓާނެއެވެ - އެއީ، އަވަހަށް ނުވަތަ ލަސްލަހުން، އެއަށް ނިސްބަތްވާ މަސައްކަތު ފަންތީގެ ތަޙްރީރު ޙާސިލްކުރަންޖެހޭ އިންޤިލާބުތަކެވެ.
ދެވަނައަށް، ބޮޑެތި ސިނާޢަތުން މެނުފެކުޝަރު ބޭރުކޮށްލި ކޮންމެ ހިސާބެއްގައި، ބުރްޖުވާޒީން އެމީހުންގެ މުއްސަނދިކަމާ ބާރުވެރިކަމުގައި އެންމެ މަތީ ދަރަޖައަށް ކުރިއަރައި، އެމީހުން އަމިއްލެއަށް ޤައުމުގެ އެންމެ މަތީ ފަންތިއަށް ވިއެވެ. ނަތީޖާއަކީ މިހެން ކަންތައް ހިނގި ކޮންމެ ހިސާބެއްގައި، ބުރްޖުވާޒީން އަމިއްލަ އަތަށް ސިޔާސީ ބާރު އަތުލާފަ ކުރިން އުޅުނު ވެރިކަންކުރި ފަންތިތައް ބޭރުކޮށްލުމެވެ. އަރިސްޓޮކުރޭޓުންނާއި، ގިލްޑު ވެރިންނާއި، އެބައިމީހުންގެ ތަމްސީލްވެރި، މުތުލަޤު ރަސްކަމެވެ.
ބުރްޖުވާޒީން، އަރިސްޓޮކުރޭޓުންނާ ބޭފުޅުންގެ ބާރު ހަލާކުކޮށްލިއެވެ. އެއީ އެސްޓޭޓުތަކުގެ ވާރުތަވުން އުވާލުމުންނެވެ - އެހެން ގޮތަކަށް ބުނާނަމަ، ބިންވެރި މިލްކިއްޔާތުގެ ގަނެވިއެކުން ހުއްދަކުރުމުންނެވެ. އަދި ބޭފުޅުންގެ ޚާއްޞަ ޝަރަފުތައް އުވާލުމުންނެވެ. ގިލްޑު ވެރިންގެ ބާރު ހަލާކުކޮށްލީ ގިލްޑުތަކާ އަތްތެރި މަސައްކަތުގެ ޝަރަފުތައް އުވާލުމުންނެވެ. އޭގެ ތަނުގައި ވާދަކުރުން ބެހެއްޓިއެވެ - އެއީ، ހުރިހާ އެންމެން ސިނާޢަތުގެ ކޮންމެ ދާއިރާއަކަށް ވަނުމުގެ ޙައްޤު ލިބިފައިވާ މުޖުތަމަޢުގެ ޙާލަތެކެވެ. ހަމައެކަނި ހުރަހަކީ ބޭނުންވާ ވަރުގެ ރައުސުލްމާލު އަތުގައި ނެތުމެވެ.
މިހެންވުމުން މިނިވަން ވާދަކުރުމުގެ ފެށުމަކީ، މިހާރުން ފެށިގެން މުޖުތަމަޢުގެ މީހުން ހަމަހަމަ ނުވަނީ އެމީހުންގެ ރައުސުލްމާލު ހަމަހަމަ ނުވާ މިންވަރަށް ކަމަށާއި، ރައުސުލްމާލަކީ ކަނޑައަޅާ ބާރުކަމަށާއި، އެހެންވުމުން ރައުސުލްމާލީ ބުރްޖުވާޒީން މުޖުތަމަޢުގެ އެންމެ މަތީ ފަންތިއަށް ވިކުމަށް ކުރާ އާންމު އިޢުލާނެކެވެ.
މިނިވަން ވާދަކުރުމަކީ ބޮޑެތި ސިނާޢަތް ބިނާވުމަށް ލާޒިމު ކަމެކެވެ. ސަބަބަކީ ބޮޑެތި ސިނާޢަތުގެ ކުރިމަގު ކަނޑައެޅުމުގެ ހަމައެކަނި އިޖްތިމާޢީ ޝަރުޠު ކަމުގައި އެކަން ވާތީއެވެ.
ގިލްޑު ވެރިންނާ ބޭފުޅުންގެ އިޖްތިމާޢީ ބާރު ހަލާކުކޮށްލުމާއެކު، ބުރްޖުވާޒީން އެމީހުންގެ އަމިއްލަ ސިޔާސީ ބާރުވެސް ހަލާކުކޮށްލިއެވެ. މުޖުތަމަޢުގެ ފުރަތަމަ މަތީ ފަންތީގެ ހިސާބަށް އަރާފައި، އޭގެ އިތުރުން އެއީ އެންމެ ބާރުވެރި ސިޔާސީ ފަންތިކަމަށްވެސް އަޑުގޮވައެވެ. މިކަން ކުރަނީ، ޤާނޫނުގެ ކުރިމަތީގައި އޮތް ބުރްޖުވާޒީ ހަމަހަމަކަމަށާ މިނިވަން ވާދަކުރުމާ މެދު އެއްބަސްވުމަށް ބިނާވެފައިވާ ތަމްސީލީ ނިޒާމު ގެނެއުމުންނެވެ. އަދި ވިލާތުގެ ޤައުމުތަކުގައި މިކަން ޤާނޫނީ ރަސްކަމުގެ ސިފަ ނަގައެވެ. މި ޤާނޫނީ ރަސްކަންތަކުގެ ތެރޭގައި، ވޯޓު ލެވޭނީ ހަމައެކަނި ވަކި މިންވަރެއްގެ ރައުސުލްމާލު ލިބިފައިވާ މީހުންނެވެ - އެއީ ހަމައެކަނި ބުރްޖުވާޒީންގެ މީހުންނެވެ. މި ބުރްޖުވާޒީ ވޯޓުލާ މީހުން މަޖްލީހުގެ ބައިވެރިން ކަނޑައަޅައެވެ. އަދި މި ބުރްޖުވާޒީ ބައިވެރިން، އެމީހުންނަށް ލިބިފައިވާ ވޯޓުލުމާއި ނުލުމުގެ ބާރު ބޭނުންކޮށްގެން ބުރްޖުވާޒީ ސަރުކާރެއް ކަނޑައަޅައެވެ.
ތިންވަނައަށް، ހުރިހާ ހިސާބެއްގައި ޕުރޮލެޓާރީން ތަރައްޤީވަނީ ބުރްޖުވާޒީންގެ އެކީގައި ފިޔަވަޅުތަކެއް އަޅަމުންނެވެ. ބުރްޖުވާޒީންގެ މުއްސަންދިކަން އިތުރުވާ މިންވަރަކަށް، ޕުރޮލެޓާރީން އަދަދުން އިތުރުވެއެވެ. އެއީ، ޕުރޮލެޓާރީން ހަމައެކަނި ރައުސުލްމާލުން ވަޒީފާ ލިބޭތީއެވެ. އަދި ރައުސުލްމާލު ފުޅާކުރެވެނީ ހަމައެކަނި ޢަމަލަށް ވަޒީފާ ދިނުމުން ކަމަށް ވާތީއެވެ. އެކަމުން ދޭހަވާ ކަމަކީ ޕުރޮލެޓާރީންގެ އިތުރުވުމުގެ ބާރުމިން ކުރިއަށް ދާނީ ރައުސުލްމާލު އިތުރުވުމުގެ އެއް މިންވަރަކަށެވެ.
އެއްފަހަރާ، މިޙަރަކާތުން ބޮޑެތި ސިނާޢަތް އެންމެ ފައިދާ ލިބޭގޮތަށް ހިންގެވޭ ބޮޑެތި ސިޓީތަކަށް ބުރްޖުވާޒީންގެ މީހުންނާ ޕުރޮލެޓާރީން އެއްކޮށްލައެވެ. އަދި މިގޮތަށް ބޮޑު ޖަމާޢަތްތައް އެއް ހިސާބަކަށް އެއްލާލުމުން، ޕުރޮލެޓާރީންނަށް އެމީހުންގެ އަމިއްލަ ބާރުގެ ހޭވެރިކަމެއް ލިއްބައިދެއެވެ.
ހަމަމިއާއެކު، މި ޙަރަކާތް ކުރިއަށްދާ ވަރަކަށް، އިތުރު މިންވަރަށް ޢަމަލު ސަލާމަތްކުރާ ފަދަ މެޝީނުތައް އީޖާދުކުރެއެވެ. އަދި ބޮޑެތި ސިނާޢަތުން އުޖޫރައަށް ކުރާ އަސަރު އިތުރުވެއެވެ. އަހަރުމެންނަށް ފެނިފައިވާ ގޮތުގައި، އެއީ އެކަމުގެ އެންމެ މަދުމިނަށާއި، އެންމެ އަޑިއަށް ދުއްވާލުމާއެކު، ޕުރޮލެޓާރީންގެ ޙާލަތް އިތުރަށް ދެރަކޮށްލުމެވެ. މިހެންވުމުން ޕުރޮލެޓާރީންގެ އިތުރުވަމުންދާ ހިތްހަމްނުޖެހުން އެމީހުންގެ އަރަމުންދާ ބާރާ އެކުވެ ޕުރޮލެޓާރީ އިޖްތިމާޢީ އިންޤިލާބެއް ތައްޔާރުކުރެއެވެ.
ބޮޑެތި ސިނާޢަތުން އާވި އިންޖީނާއި، އެހެނިހެން މެޝީނުތަކުގެ ތެރޭގައި އުފެއްދީ، ސިނާޢީ އުފެއްދުންތެރިކަން ހުއްޓުމެއް ނުލާ ފުޅާކުރުމާއި، ހަލުވިކުރުމާއި، ޚަރަދު ކުޑަކުރުމުގެ ވަސީލަތްތަކެވެ. އުފެއްދުންތެރިކަން މަގުފަހިކުރުމުން، ބޮޑެތި ސިނާޢަތާ ގުޅިފައިވާ މިނިވަން ވާދަކުރުމުގެ އެންމެ ހަރުކަށި ސިފަ ފާޅުވިއެވެ. ގިނަ އަދަދެއްގެ ރައުސުލްމާލީން ސިނާޢަތް ފަތަހަކުރިއެވެ. އަދި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ބޭނުނަވާ ވަރަށް ވުރެ އިތުރަށް އުފެއްދިއެވެ.
މިހެންވުމުން، ނިމިފައިވާ ސިލްޢަތްތައް ނުވިއްކުނެވެ. އަދި ތިޖާރަތީ ކާރިސާއެއްގެ ނަމުން ކިޔާ ޙާލަތެއް ފެށުނެވެ. ކާރުހާނާތައް ބަންދުކުރަން ޖެހުނެވެ. އޭގެ ވެރިން ބަނގުރޫޓުވިއެވެ. އަދި މަސައްކަތްތެރިންނަށް ކާބޯތަކެތި ނުލިބުނެވެ. ހުރިހާ ހިސާބަކަށް އެންމެ ފުން ހިތްދަތިކަން ވެރިވެގަތެވެ.
ވަގުތުކޮޅެއް ފަހުން، ގިނަވި އުފެއްދުންތައް ވިއްކުނެވެ. ކާރުހާނާތަކުގައި މަސައްކަތްކުރަން ފެށިއެވެ. މުސާރަ އިތުރުވެ، ވިދިވިދިގެން ކުރިން ނުވާ ވަރަށް ވިޔަފާރި ރަނގަޅުވިއެވެ.
ނަމަވެސް ގިނައިރެއް ނުވަނީސް އަނެއް ފަހަރަށް މާ ގިނަ ސިލްޢަތްތައް އުފެއްދުމުގެ ސަބަބުން އެހެން ކާރިސާއެއް ފެށިގެން އައެވެ. އޭގެ ކުރިން އައި ކާރިސާއާ އެއްފަދަ ރޮނގަކުން ދަތުރުކުރިއެވެ.
މި (19 ވަނަ) ޤަރުނު ފުށުނު ހިސާބުން، ތަނަވަސްކަމުގެ ވަގުތުތަކާ ކާރިސާގެ ވަގުތުތަކުގެ ދެމެދުގައި ސިނާޢަތުގެ ޙާލަތް އަބަދުވެސް ހޫރިގެން ދިއައެވެ؛ ގާތްގަނޑަކަށް ކޮންމެ ފަސް އަހަރުން ހަތް އަހަރަށް، އާ ކާރިސާއެއް އަތުވެއެވެ. ކޮންމެ ފަހަރަކު މަސައްކަތްތެރިންނަށް އެންމެ ބޮޑު ތަކުލީފުތަކާ އެކުގައެވެ. އަދި މިކަން އަބަދުވެސް ގުޅިފައިވަނީ މައިގަނޑު އިންޤިލާބީ ހޭލެވުންތަކާ، އެއިރު ކަންތައް އޮންނަ ތަރުތީބަށް ސީދާ ނުރައްކަލެއްގެ އެކުގައެވެ.
ފުރަތަމަ: ބޮޑެތި ސިނާޢަތުގެ އެންމެ ކުރީ ފިޔަވަޅުގައި މިނިވަން ވާދަކުރުން އުފެއްދި ނަމަވެސް، އެކަންތައް މިހާރު މިނިވަން ވާދަކުރުމަށް ވުރެ ބޮޑުވެފައިވާކަމެވެ.
ބޮޑެތި ސިނާޢަތަށް، ވާދަކުރުމާއި، މައިގަނޑު ގޮތެއްގައި އުފެއްދުންތެރިކަމުގެ އަމިއްލަ އެދުން ފުއްދާ ރޭވުންތަކަކީ ހަލާކުކުރަންޖެހޭ ބިޑިތަކަކަށް ވެފަވާކަމެވެ.
ބޮޑެތި ސިނާޢަތް މިހާރުގެ ޙާލަތުގައި އޮންނަ ހިނދު، އެކަން ދެމެހެއްޓޭނީ މައިގަނޑު ގޮތެއްގަ ކޮންމެ ހަތް އަހަރު ކާރިސާއެއް އައުމުގެ ގެއްލުމުން ކަމެވެ. ކޮންމެ ފަހަރަކު ހަޟާރަތަށް އެއްކޮށް ނުރައްކާ ކުރިމަތިކޮށް، ޕުރޮލެޓާރީން ބޭޒާރުކަމުގެ ޙާލަތަށް ވައްޓާލުމާއެކު، ބުރްޖުވާޒީންގެ ތެރެއިންވެސް ބޮޑެތި ބައިތައް ހަލާކުގެ ތެރެއަށް ގެންދިއުމުންނެވެ.
މިހެންވުމުން، އެއްގޮތަކީ ބޮޑެތި ސިނާޢަތް ސީދާ އުވާލުމެވެ. މިއީ އެއްވެސް ޙާލަތެއްގައި ފުރުސަތެއް އޮތް ކަމެއް ނޫނެވެ. އަނެއް ގޮތަކީ، ދެމެދުގައި ވާދަކުރާ ވަކި ކާރުހާނާ ވެރިންގެ ދަށުން އުފެއްދުންތެރިކަން ނުހިންގާ ފަދަ، މުޅި މުޖުތަމަޢު އެއްކޮށް ވަކި ރޭވުމެއްގެ ދަށުން ހުރިހާ އެންމެންގެ ބޭނުންތައް ހިސާބުކޮށް ބަލަމުން ހިންގާ އާ އިޖްތިމާޢީ ތަރުތީބުކުރުމެއް މަޖުބޫރުކުރުމެވެ.
ދެވަނަ: ބޮޑެތި ސިނާޢަތާއި، އެކަމުން ފުރުސަތުދޭ އުފެއްދުންތެރިކަމުގެ މިންނެތް ފުޅާކުރުމުގެ ސަބަބުން އިތުރަށް ތަކެތި އުފެއްދޭ އިޖްތިމާޢީ ރޭވުމެއް އަމަލުކުރެވޭ ހިސާބަށް ގެންނަކަމެވެ. މިހެންވުމުން މުޖުތަމަޢުގެ ހުރިހާ ބައިވެރިންގެ ބާރުތަކާ ވިސްނުންތައް ފުރިހަމަ މިނިވަންކަމުގެ އެކީގައި ތަރައްޤީކުރުމުގެ ފުރުސަތު ލިބޭ ހިސާބެއްގައި އޮންނާނެއެވެ.
މިހެންވުމުން ފެންނަ ގޮތުގައި، މިޒަމާނުގެ މުޖުތަމަޢުގައި ތަކުލީފުތަކާ ކާރިސާތައް އުފައްދާ ބޮޑެތި ސިނާޢަތުގެ ސިފަތަކަކީ، ތަފާތު ބާވަތެއްގެ މުޖުތަމަޢެއްގައި އެ ތަކުލީފިތަކާ ހަލާކުހުރި ކާރިސާތައް އުވާލަނެ ސިފަތަކެވެ.
އަހަރުމެންނަށް ފުރިހަމައަށް، އެންމެ ސާފުކޮށް ފެނެއެވެ.
1. މިހާރުން ފެށިގެން މި ހުރިހާ ނުބައި ކަންތައް، އަޞްލު ޙާލަތުގެ ޝަރުޠުތަކަށް ނުފެތޭ އިޖްތިމާޢީ ތަރުތީބަކަށް ސީދާ ނިސްބަތްކުރަން ޖެހޭ ކަމެވެ؛ އަދި
2. އާ އިޖްތިމާޢީ ތަރުތީބެއްގެ ތެރެއިން، މި ނުބައި ކަންތައް އެއްކޮށް އުވާލުމުގެ ފުރުސަތު އޮންނަ ކަމެވެ.
އެންމެ ފުރަތަމަ، ދެމެދުގައި ވާދަކުރާ ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރު އޮތް ސިނާޢަތާ އުފެއްދުންތެރިކަމުގެ ހުރިހާ ގޮފިތައް ދަމާ އަތުލާފަ، އޭގެ ބަދަލުގައި މިހުރިހާ އުފެއްދުންތެރިކަމުގެ ގޮފިތައް މުޅި މުޖުތަމަޢު އެއްކޮށް ހިންގާ ނިޒާމެއް ތަންފީޛުކުރަން ޖެހެއެވެ - އެއީ، އާނމު ހިސާބުކުރުމަކަށް، އާނމު ރޭވުމެއްގެ ދަށުން، މުޖުތަމަޢުގެ ހުރިހާ އެންމެންގެ ބައިވެރިވުމާ އެކުގައެވެ.
އެހެން ގޮތަކަށް ބުނާނަމަ، އޭތީގެ ސަބަބުން ވާދަކުރުން އުވާލާފަ އޭގެ ތަނުގައި ޖަމްޢިއްޔާއެއް ބިނާކުރާނެއެވެ.
މީގެ އިތުރުން، ވަކި މީހުންގެ ދަށުގައި ސިނާޢަތު ބަލަހައްޓާ ޙާލަތުން ކޮންމެހެން ވަކިފަރާތުގެ މިލްކިއްޔާތު ރަމްޒުކުރެއެވެ. އަދި ވާދަކުރުމަކީ ހަޤީޤަތުގައި ހަމަ އަމިއްލަ ވެރިންގެ ދަށުގައި ސިނާޢަތުގެ ހިންގުން ސިފަވާ ގޮތެވެ. މިކަންތަކުން ދޭހަވަނީ، ވާދަކުރުމާއި، ވަކިފަރާތުން ސިނާޢަތު ހިންގުމަކީ، ވަކިފަރާތުގެ މިލްކިއްޔާތުން ދުރުނުކުރެވޭނެ ކަންތަކެއްކަމެވެ. މިހެންވުމުން، ވަކިފަރާތުގެ މިލްކިއްޔާތު އުވާލާފަ، އޭގެ ތަނުގައި ހުރިހާ އުފެއްދުންތެރިކަމުގެ އާލާތެއް އާންމު ގޮތުގައި ބޭނުންކުރުމާއި، ހުރިހާ އުފެއްދުމެއް އާންމު އެއްބަސްވުމެއްގެ ދަށުން ބަހާލާ ޙާލަތެއް އަންނަން ޖެހެއެވެ - ކުރުގޮތަކަށް ބުނާނަމަ، ތަކެތީގެ ޖަމާޢީ ވެރިވެގަތުން ކިޔާ ކަމެކެވެ.
ހަޤީޤަތުގައި، ވަކިފަރާތުގެ މިލްކިއްޔާތު އުވާލުމަކީ، ޝައްކުކަމެއްނެތި، މުޅި އިޖްތިމާޢީ ތަރުތީބުގައި ހިނގާ އިންޤިލާބު ސިފަކުރެވޭނެ އެންމެ ކުރު އެންމެ ޚާއްޞަ ގޮތެވެ. މިކަން މަޖުބޫރުކުރަނީ ސިނާޢަތު ތަރައްޤީވުމުންނެވެ - އަދި މީގެ ސަބަބުން، ޝުޔޫޢީން އެމީހުންގެ މައިގަނޑު އެދުމުގެ ގޮތުގައި މިކަން ރަނގަޅަށް ކުރިއަރުވައެވެ.
ނޫނެވެ. އިޖްތިމާޢީ ތަރުތީބުގެ ކޮންމެ ބަދަލަކާއި، މިލްކިއްޔާތުގެ ގުޅުމުގެ ކޮންމެ އިންޤިލާބަކީ ކުރީގެ މިލްކިއްޔާތުގެ ގުޅުންތަކަށް ނުފެތޭ އާ އުފެއްދުންތެރިކަމުގެ ބާރުތައް ބިނާވުމުގެ ލާޒިމު ނަތީޖާއެވެ.
ވަކިފަރާތުގެ މިލްކިއްޔާތު ހުރިހާ ކޮންމެ ޒަމާނެއްގައި ނޯވެއެވެ.
މެދު ޒަމާނުގެ ފަހުކޮޅުގައި އެއިރު އޮތް އިޤްޠާޢީ ނުވަތަ ގިލްޑު ބާވަތުގެ މިލްކިއްޔާތުގެ ދަށުގައި ނުހިންގެވޭނެ ފަދަ އާ އުފެއްދުންތެރިކަމުގެ ބާވަތެއް އަރައިގަތެވެ. ކުރީގެ މިލްކިއްޔާތުގެ ގުޅުންތަކަށް ވުރެ ބޮޑުވެގެން ދިއަ މި މެނުފަކުޝަރުގެ ތެރެއިން، މިލްކިއްޔާތުގެ އާ ބާވަތެއް އުފެދުނެވެ. ވަކިފަރާތުގެ މިލްކިއްޔާތެވެ. އަދި މެނުފެކުޝަރުގެ އެކުގައި ބޮޑެތި ސިނާޢަތް ތަރައްޤީވުމުގެ އެންމެ ކުރީ ފިޔަވަޅުގެ ތެރޭގައި، ވަކިފަރާތުގެ މިލްކިއްޔާތަކީ އަމަލުކުރެވޭ ހަމައެކަނި މިލްކިއްޔާތުގެ ބާވަތެވެ. އެކަމަށް ބިނާވި އިޖްތިމާޢީ ތަރުތީބަކީ އެއިރު އަމަލުކުރެވޭ ހަމައެކަނި އިޖްތިމާޢީ ތަރުތީބެވެ.
ހުރިހާ އެންމެންނަށް ފުދޭވަރަށް އުފެއްދުމަކީ ނުކުރެވޭ ކަމަކަށް ވާ ހިނދާއި، އިޖްތިމާޢީ ރައުސުލްމާލު ފުޅާކޮށް އުފެއްދުންތެރިކަމުގެ ބާރުތައް އިތުރުކުރަން އުފެއްދުމުގެ ބާކީ ބައި ބޭނުން ނުކުރެވޭ ވަގުތުގައި - މިކަންތައް އަމަލު ނުކުރެވޭ ޙާލަތް އޮންނަ އިރު، މުޖުތަމަޢުގެ އުފެއްދުންތެރިކަމުގެ ބާރުތައް ހިންގާ ވެރިކަންކުރާ ފަންތިއެއްގެ އެކީގައި، ފަޤީރު މަޒްލޫމީ ފަންތިއެއް ކޮންމެހެން އޮންނާނެއެވެ. މި ފަންތިތައް އެކުލެވިފައިވާ ގޮތް ބަރޯސާވަނީ ތަރައްޤީވުމުގެ ފިޔަވަޅަށެވެ.
ޒިރާޢީ މެދު ޒަމާނުން އަހަރުމެންނަށް ބޭފުޅާއި، ބިމުގެ އަޅު ދިނެވެ. ފަހު މެދު ޒަމާނުގެ ސިޓީތަކުން އަހަރުމެންނަށް ގިލްޑު ވެރިޔާއާއި، ޖަރުނީމޭނާއި، ދުވަހީ ޢާމިލު ދައްކައެވެ؛ 17 ވަނަ ޤަރުނުގައި މެނުފެކުޝަރު ކުރާ މަސައްކަތްތެރިން އުޅުނެވެ؛ 19 ވަނަ ޤަރުނުގައި ބޮޑު ކާރުހާނާގެ ވެރިންނާއި، ޕުރޮލެޓާރީންނެވެ.
މިހާތަނަށް ސާފުވެފައިވާ ގޮތުގައި، ހުރިހާ އެންމެންނަށް އުފެއްދޭވަރަށް މިހާތަނަށް އުފެއްދުންތެރިކަމިގެ ބާރުތައް ތަރައްޤީ ކުރެވިފައި ނުވެއެވެ. އަދި އުފެއްދުންތެރިކަމުގެ ބާރުތަކުގެ އިތުރު ތަރައްޤީއާ ގުޅޭގޮތުން އެކަމަށް ހުރަސްއަޅާ ބިޑިތަކަކަށް ވަކިފަރާތުގެ މިލްކިއްޔާތު ވެފައި ވާކަން ސާފުވެއެވެ.
ނަމަވެސް މިހާރު، ބޮޑެތި ސިނާޢަތުގެ ތަރައްޤީވުމުން އާ ޒަމާނެއް ގެނެސްދީފިއެވެ. ރައުސުލްމާލާއެކު، އުފެއްދުންތެރިކަމުގެ ބާރުތައް ކުރިން ނުފެންނަ މިންވަރަކަށް ފުޅާވެއްޖެއެވެ. އަދި ކައިރި މުސްތަޤްބަލުގައި އެއްވެސް މިނެއް ނެތި އޭތި ގުނަކުރުމުގެ ވަސީލަތްތައް އޮތުމުގެ ޙާލަތް ކައިރިވެއެވެ. ހަމަމިއާއެކު، މަދު ބުރްޖުވާޒީއެއްގެ އަތުގައި އުފެއްދުންތެރިކަމުގެ ބާރުތައް އެކުލެވިފައިވެއެވެ. އެއީ، ބުރްޖުވާޒީންގެ މުއްސަނދިކަން އިތުރުވާ މިންވަރަށް، މީސްތަކުންގެ ބޮޑު ޖަމާޢަތް އިތުރުން އިތުރަށް ޕުރޮލެޓާރީންގެ ދަރަޖައަށް ވެއްޓި، އެމީހުންގެ ޙާލަތް އިތުރަށް ގޯސްވެ ކެތްނުކުރެވޭ ވަރު އިތުރުވާ ހިނދުގައެވެ. އަދި އެންމެ ފަހުން، ފަސޭހައިން ފުޅާކުރެވޭ އުފެއްދުންތެރިކަމުގެ ބޮޑެތި ބާރުތައް، ބުރްޖުވާޒީންނާ ވަކިފަރާތުގެ މިލްކިއްޔާތުގެ ބާރަށްވުރެ ބޮޑުވުމާއެކު، އެކަމުގެ ސަބަބުން އިޖްތިމާޢީ ތަރުތީބުގެ އެންމެ އަނިޔާވެރި ހަމަނުޖެހުންތައް ދިމާވުމަށް ދޫކޮށްލާނެ ފުރުސަތު ބޮޑުވެއެވެ. މިހާރު، މި ޙާލަތްތަކުގެ ދަށުން، ވަކިފަރާތުގެ މިލްކިއްޔާތު އުވާލުމުގެ ފުރުސަތު ލިބިފައި، އެހެން ހެދުމަށް ކޮންމެހެން މަޖުބޫރުވެއެވެ.
މިހެން ވެދާނެނަމަ މިކަމަކީ އެދެވޭފަދަ ކަމެކެވެ. އަދި ޔަޤީންކަމާއެކު، ޝުޔޫޢީންނަކީ މިކަމަށް އިދިކޮޅުވާނެ އެންމެ ފަހު ފަރާތެވެ. ހުރިހާ މުއާމަރާތްތަކަކީ ބޭނުމެއް ނެތް ނުވަތަ ގެއްލުންހުރި ކަންތަކެއްކަން ޝުޔޫޢީންނަށް ރަނގަޅަށް އިނގެއެވެ. އިންޤިލާބުތައް ހަދަނީ ގަސްތުގައި ބޭނުން ގޮތަކަށް ނޫންކަން އެމީހުންނަށް ރަނގަޅަށް އިނގެއެވެ. އޭގެ ބަދަލުގައި އެއީ، އަބަދުވެސް ހުރިހާ ހިސާބެއްގައި، ވަކި ފަންތިތައް ނުވަތަ ވަކި މީސްމީހުން އެދޭ މަގުތަކުން ފުރިހަމަ މިނިވަންކަން އޮންނަ ޙާލަތްތަކުގެ ލާޒިމު ނަތީޖާއެވެ.
ނަމަވެސް ހުރިހާ ކުރިއަރާފައިވާ ޤައުމުތަކުގައި ޕުރޮލެޓާރީންގެ ތަރައްޤީވުން އަނިޔާވެރި ގޮތަކަށް މެދުކަނޑާލާފައިވާކަން އެމީހުންނަށް ފެނެއެވެ. އަދި މިގޮތުން ޝުޔޫޢިއްޔަތުގެ އަދުއްވުން އެމީހުންގެ އޮތްހާ ބާރެއްގެ ބޭނުންހިފާފަ ފަހުން އަންނާނެ އިންޤިލާބަކަށް ދެކޮޅުވެރިވާން ތައްޔާރުވެއެވެ. މަޒްލޫމުކުރެވިފައިވާ ޕުރޮލެޓާރީން އެންމެ ފަހުން އިންޤިލާބަކަށް އަރައިގަންނަނަމަ، އެހިނދު އަހަރުމެން ޝުޔޫޢީން ޕުރޮލެޓާރީންގެ އެދުންތައް މިވަގުތު ބަހުން ދިފާޢުކުރާ ގޮތަށް އަމަލީ ގޮތުން ދިފާޢުކުރާނަމެވެ.
ނޫނެވެ. ޝުޔޫޢީ މުޖުތަމަޢެއް ބިނާކުރެވޭނެ މިންވަރާ ހަމައަށް މިހާރު އޮތް އުފެއްދުންތެރިކަމުގެ ބާރުތައް އެއްފަހަރާ ގުނަ ނުކުރެވޭނެ ގޮތާ އެއްގޮތަށެވެ.
ހުރިހާ އިޙްތިމާލެއްގައި، ޕުރޮލެޓާރީ އިންޤިލާބުން މިހާރު އޮތް މުޖުތަމަޢު ބަދަލުކުރާނީ ލަސްލަހުން ވިދިވިދިގެންނެވެ. އަދި ވަކިފަރާތުގެ މިލްކިއްޔާތު އުވާލެވޭނީ ހަމައެކަނި އުފެއްދުންތެރިކަމުގެ ވަސީލަތްތައް ފުދޭވަރެއްގެ މިންވަރަކުން ލިބެން އޮންނަ ހިންދުގައެވެ.
އެންމެ ފުރަތަމަ، ޑިމޮކުރެޓިކު ޤާނޫން އަސާސީއެއް ބިނާކޮށް، އެކަމުގެ ތެރެއިން، ސީދާކޮށް ނުވަތަ ނުސީދާ ގޮތަކަށް ޕުރޮލެޓާރީންގެ ބާރުވެރިކަން ބިނާކުރާނެއެވެ. މިހާރުވެސް އާބާދީގެ ބޮޑުބައި ތެރޭގައި ޕުރޮލެޓާރީން އެކުލެވާ އިނގިރޭސިވިލާތުގައި ސީދާކޮށެވެ. ފަރަންސޭސްވިލާތާއި، ޖަރުމަނުވިލާތުގައި ނުސީދާކޮށެވެ. އެޤައުމުތަކުގައި އާބާދީގެ ބޮޑުބައި އެކުލެވިފައި ވަނީ ޕުރޮލެޓާރީން ފިޔަވާ، ޕުރޮލެޓާރީންގެ ދަރަޖައަށް ވެއްޓެމުންދާ ކުދި ފައްލާޙުންނާއި، ކުދި ބުރްޖުވާޒީންނެވެ. އިތުރު މިންވަރަކަށް އެމީހުންގެ ސިޔާސީ އެދުންތަކުގައި ޕުރޮލެޓާރީންނަށް ބަރޯސާވެއެވެ. މިހެންވުމުން، ޕުރޮލެޓާރީންގެ އެދުންތަކަށް އެމީހުންވެސް ލަސްނުކޮށް އިޖާބަދޭން ޖެހޭނެއެވެ. ފަހަރެއްގާ މިކަމުގެ ސަބަބުން ދެވަނަ ނިޟާލެއް ހިނގާފާނެއެވެ. ނަމަވެސް ހަމައެކަނި ނިންމުމަކީ ޕުރޮލެޓާރީންގެ ކާމިޔާބެވެ.
ޕުރޮލެޓާރީންގެ ދިރިހުރުން ދެމެހެއްޓުމާއެކު، ވަކިފަރާތުގެ މިލްކިއްޔާތަށް ރައްދުކޮށް އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ވަސީލަތެއްގެ ގޮތުގައި ޑިމޮކުރެސީ އަވަހަށް ބޭނުން ނުކުރާނަމަ އެއީ ޕުރޮލެޓާރީންނަށް އެއްވެސް އަގު ނެތް އެއްޗެކެވެ. މިހާރު އޮތް ގުޅުންތަކުން އަންނަ، ލާޒިމު ނަތީޖާގެ ގޮތުގައި އަންނަ، މައިގަނޑު ފިޔަވަޅުތަކަކީ މިއެވެ:
1. ތަސާޢުދީ ވާރާއި، ގަދަފަދަ ވާރުތަވުމުގެ ވާރާއި، ޢާއިލާގެ އެހެން ރޮނގުތަކަށް (ބޭބެމެން، ބޭބެމެންގެ ދަރިން) ވާރުތަވުން މާނާކުރުމާއި، މަޖުބޫރު ދަރަނި ފަދަ މިންތަކަށް ވަކިފަރާތުގެ މިލްކިއްޔާތަށް ހުރަސްތަކެއް އެޅުން.
2. ބިންވެރިންނާއި، ސިނާޢީވެރިންނާއި، ރޭލުމަގުތަކުގެ ވެރިންނާއި، ކަނޑު އުޅަނދުފަހަރުގެ ވެރިންގެ މިލްކިއްޔާތު ވިދިވިދިގެން އަތުލައިގަތުން. އެއްބައި ދައުލަތުގެ ސިނާޢަތުގެ ވާދަކުރުމުން. އަނެއްބައި ސީދާކޮށް ބޮންޑުގެ ގޮތުގައި އެމީހުންނަށް އޭގެ އަގު އަނބުރާ ދިނުމުން.
3. ޤައުމު ދޫކޮށް ފިލާ ހުރުހާ ފަރާތްތަކާއެކު، ގިނަ މީހުންގެ ދެކޮޅަށް އުޅޭ އިދިކޮޅު ހަނގުރާމަވެރިންގެ މިލްކިއްޔާތު އަތުލައިގަތުން.
4. އާންމު މިލްކިއްޔާތުގައިވާ ބިންތަކުގައި ޕުރޮލެޓާރީންގެ ޢަމަލު ނުވަތަ ވަޒީފާ ޖަމާކޮށް ނިޒާމަކަށް ރޭވުން، އެއީ ކާރުހާނާތަކާ މާލަމުގެތަކުގައި، މަސައްކަތްތެރިންގެ ދެމެދުގައިވާ ވާދަކުރުން އުވާލާފަ، އަދި އޭގެ ފަހުން ހިމެނޭ ކާރުހާނާ ވެރިންނަށް ދައުލަތުގެ މަސައްކަތްތެރިންނަށް ދޭ އުޖޫރައިގެ އެއްވަރަށް އުޖޫރަ ދޭން މަޖުބޫރުކުރުން.
5. ވަކިފަރާތުގެ މިލްކިއްޔާތު އެއްކޮށް އުވާލަންދެން މުޖުތަމަޢުގެ ހުރިހާ އެންމެންނަށް މަސައްކަތްކުރުމުގެ ވާޖުބުތައް ހަމަހަމަވުން. ސިނާޢީ ލަޝްކަރުތައް، ޚާއްޞަ ގޮތެއްގައި ދަނޑުވެރިކަމަށް އެކުލެވުން.
6. ސަރުކާރުގެ އަތުގައި ކުރެޑިޓު، އޭގެ އިޙްތިކާރަކާ ދައުލަތީ ރައުސުލްމާލު ލިބިފައިވާ ޤައުމީ ބެންކެއްގެ ވަސީލަތުން ދައުލަތުގެ އަތަށް މަރުކަޒީކުރުމާއި، ހުރިހާ ވަކިފަރާތުގެ ބެންކުތަކާ ބެންކަރުންގެ ދެކޮޅަށް ފިޔަވަޅު އެޅުން.
7. ޤައުމީ ކާރުހާނާތަކާއި، މާލަމުގެތަކާއި، ރޭލުމަގުތަކާއި، ކަނޑު އުޅަނދުފަހަރުގެ މިންވަރު އިތުރުކުރުން؛ އާ ބިންތަކުގައި ދަންޑުވެރިކަން ކުރަން ފެއްޓުމާއި، މިހާރު ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކުގެ ފެންވަރު ރަނގަޅުކުރުން - މި ހުރިހާ ކަމެއް ދައިލަތުގެ ބޭނުމުގައި އޮތް ރައުސުލްމާލާ ޢަމަލީ ބާރު އިތުރުވާ މިންވަރުގެ އެކީގައި.
8. މައިންގެ ބެލުމުން ދޫކޮށްލެވޭ ހިނދުން ފެށިގެން ،ހުރިހާ ކުޑަކުދިން ޤައުމީ އިދާރާތަކުގައި ޤައުމީ ޚަރަދުގައި ތަރުބިއްޔަތުކުރުން. ތަރުބިއްޔަތާ އުފެއްދުންތެރިކަން އެއްކުރުން.
9. އާންމު ބިންތަކުގައި ޖަމާޢީ ގެތަކެއްގެ ގޮތުގައި ބޮޑެތި ގަނޑުވަރުތައް އިމާރާތްކުރުން، އެއީ ސިނާޢަތާ ދަނޑުވެރިކަމުގައި އުޅޭ ރައްޔިތުންގެ ޖަމާޢަތްތަކަށް، އެމީހުންގެ ދިރިއުޅުމުގައި ސިޓީގެ ޙާލަތްތަކާ ރަށްފުށުގެ ޙާލަތްތަކުގެ ފައިދާތައް އެކުލަވާފަ، އެ ދޭތީގެ ގެއްލުންތަކުން ސަލާމަތްވެވޭނެ ގޮތަށް.
10. ސިޓީގެ ދާއިރާތަކުގައި އޮތް ހުރިހާ ޞިއްޙަތަށް ގެއްލުންހުރި، ދެރަ ފެންވަރަކަށް އިމާރާތްކުރި ގެތައް ވައްޓާލުން.
11. ކައިވެނީގެ ގުޅުމުގެ ބޭރުގައި އަދި އެތެރޭގައި އުފަންވާ ހުރުހާ ދަރިންނަށް ވާރުތަވުމުގެ ހަމަހަމަ ޙައްޤުތައް.
12. ދަތުރުފަތުރުކުރުމުގެ ހުރިހާ ވަސީލަތްތައް ޤައުމުގެ އަތުގައި އެކުލެވުން.
މި ހުރިހާ މިންތައް އެއްފަހަރާ ތަންފީޛުކުރުމުގެ ފުރުސަތެއް ނެތްކަން ކަށަވަރެވެ. ނަމަވެސް އެއް ކަމެއްގެ ފަހަތުން އެހެން ކަންތަކެއް އަބަދުވެސް އަންނާނެއެވެ. ވަކިފަރާތުގެ މިލްކިއްޔާތުގެ ދެކޮޅަށް އެންމެ ފުރަތަމަ ހަރުކަށި ހަމަލާ ފެށޭ ހިނދު، އެއަށްވުރެ ކުރިއަށް ދާން މަޖުބޫރުވުމުގެ ޙާލަތެއް ޕުރޮލެޓާރިންނަށް ފެންނާނެއެވެ. އެއީ ހުރިހާ ރައުސުލްމާލާއި، ދަނޑުވެރިކަމާއި، ދަތުރުފަތުރުކުރުމާއި، ވިޔަފާރިކުރުން ދައުލަތުގެ އަތުގައި އިތުރަށް އެކުލެއްވުމެވެ. ހުރިހާ މިންތަކުން އަމާޒުކުރަނީ މި ނިންމުމަށެވެ؛ އަދި އެކަންތައް އަމަލުކުރަން ފަސޭހަވެ، އެކަމުގެ ފުރުސަތު ބޮޑުވެ، ޕުރޮލެޓާރީންގެ ޢަމަލުން ޤައުމުގެ އުފެއްދުންތެރިކަމުގެ ބާރުތައް ގުނަކުރެވޭ ދަރަޖައަށް، އެމިންތަކުގެ މަރުކަޒީކުރާ އަސަރުތައް އުފެއްދެވެއެވެ.
އެންމެ ފަހުން، ހުރިހާ ރައުސުލްމާލަކާއި، ހުރިހާ އުފެއްދުންތެރިކަމާއި، ހުރިހާ ބަދަލުކުރުން ޤައުމުގެ އަތް ތެރެއަށް އެކުލަވާ ވަގުތު، ވަކިފަރާތުގެ މިލްކިއްޔާތު އޭގެ އަމިއްލަ ޒާތުން ނެތިގޮސް، ފައިސާގެ ބޭނުންތެރިކަން ގެއްލި، އުފެއްދުންތެރިކަން އިތުރަށް ފުޅާވެ، އިންސާނާ ބޮޑަށް ބަދަލުވުމާއެކު، އޭގެ ފަހުން ހިމެނޭ ކުރީގެ އިޤްތިޞާދީ އާދަތައް މުޖުތަމަޢުގެ ކިބައިން ކަހާލެވޭނެއެވެ.
ނޫނެވެ. ދުނިޔެވީ ބާޒާރު އުފެއްދުމުންނާއި، ބޮޑެތި ސިނާޢަތުގެ ސަބަބުންމ މިހާރުވެސް ދުނިޔޭގެ ހުރިހާ މީސްމީހުން، އަދި ޚާއްޞަކޮށް ކުރިއަރާފައިވާ މީސްމީހުން، އެމީހުންގެ ދެމެދުގައި ގާތް ގުޅުންތައް އޮންނަ ޙާލަތަކަށް ގެނެސްފައިވެއެވެ. މިހެންވުމުން އެއްވެސް ފަރާތަކަށް ދިމާވާ ކަމަކުން އެހެން ފަރާތެއް މިނިވަން ނުވެއެވެ.
ހަމަމިއާއެކު، އޭތިން ކުރިއަރާފައިވާ ޤައުމުތަކުގެ އިޖްތިމާޢީ ތަރައްޤީވުން ޤާއިމްކުރި މިންވަރުގެ ސަބަބުން، އޭގެ ތެރެއިން ހުރިހާ ޤައުމެއްގައި ބުރްޖުވާޒީންނާ ޕުރޮލެޓާރީން އެންމެ އިސް މަޤާމު އަދާކުރާ ފަންތިތަކަށް ވެފައިވެއެވެ. އަދި އެމީހުންގެ ދެމެދުގައިވާ ނިޟާލު ދުވަހުގެ ބޮޑު ނިޟާލަށް ވެފައި ވެއެވެ. މިކަމުން ދޭހަވަނީ ޝުޔޫޢީ އިންޤިލާބު ހަމައެކަނި ޤައުމީ ކަމަކަށް ނުވާނެކަމާއެކު، އެކަންތައް އެއްފަހަރާ ހުރިހާ ކުރިއަރާފައިވާ ޤައުމްގައި ހިނގަންވާނެކަމެވެ - އެއީ އެންމެ މަދުމިނުން އިނގިރޭސިވިލާތާއި، އެމެރިކާއާއި، ފަރަންސޭސްވިލާތާއި، ޖަރުމަނުވިލާތުގައެވެ.
މީގެ ތެރެއިން ކޮންމެ ޤައުމެއްގައި ހަލުވިކޮށް މިކަންތައް ތަރައްޤީވާނެއެވެ. އެއްޤައުމެއް ނުވަތަ އެހެން ޤައުމެއް އިތުރު މިންވަރެއްގެ މުއްސަނދިކަމެއް، ނުވަތަ ތަރައްޤީކުރެވިފައިވާ ސިނާޢަތެއް، ނުވަތަ އުފެއްދުންތެރިކަމުގެ ބާރުތަކުގެ ބޮޑުޖަމާވުމެއް އޮންނަ ވަރަކަށެވެ. މިހެންވުމުން، އެކަންތައް އެންމެ ލަސްލަހުން ގޮސް އެކަމަށް އެންމެ ގިނަ ހުރަސްތައް ފެންނާނީ ޖަރުމަނުވިލާތުގައެވެ. އެންމެ ހަލުވިކޮށް އެންމެ މަދު ހުރަހެއް އަންނާނީ އިނގިރޭސިވިލާތުގައެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ވަރުގަދަ އަސަރެއް ކުރާނެއެވެ. އަދި މިހާތަނަށް ފެނިފައިވާ ތަރައްޤީގެ ރޮނގު ވަރަށް ބޮޑަށް ބަދަލުކޮށްލާފަ އޭތީގެ ފިޔަވަޅުގެ ހަލުވިކަން ބޮޑު މިންވަރަކަށް އިތުރުކުރާނެއެވެ.
އެއީ ޢާލަމީ އިންޤިލާބެކެވެ. އަދި އެގޮތަށް ޢާލަމީ ދުރުމިނެއް އޮންނާނެއެވެ.
އުފެއްދުންތެރިކަމުގެ ހުރިހާ ބާރުތަކާއި، ތިޖާރަތުގެ ހުރިހާ ވަސީލަތްތަކާއި، އަދި މީގެ އެކީގައި އުފެއްދުންތަކުގެ ބަދަލުކުރުމާ ބެހުމުގެ ކަންތައް، ވަކި ރައުސުލްމާލީންގެ އަތުން ބޭރަށް، މުޖުތަމަޢަށް އެއްކޮށް ދަމައިގަންނާނެއެވެ. އަދި މުޅި މުޖުތަމަޢުގެ ބޭނުންތަކަށާއި، މާއްދާތައް ލިބެން އޮތް މިންވަރަށް ބަލާފަ، ވަކި ރޭވުމެއްގެ ދަށުން ތަރުތީބުކޮށް ހިންގާނެއެވެ. މިގޮތުން، އެންމެ މުހިންމު އަސަރަކީ، މިހާރުގެ ބޮޑެތި ސިނާޢަތުގެ ހިންގުމާ ގުޅިފައިވާ ނުބައި ކަންތައް އުވާލުމެވެ.
އިތުރު ކާރިސާތަކެއް ނޯންނާނެއެވެ؛ މިހާރުގެ އިޖްތިމާޢީ ތަރުތީބަށް، އެކަމުގެ ފަހުން، އިތުރުއުފެއްދުމަށް މަގުފަހިކޮށް ދެރަ ޙާލަތްތަކަށް މެދުވެރިކުރާ ފުޅާކުރެވޭ އުފެއްދުންތެރިކަމުންވެސް ނުފުދި، އެމިންވަރަށް ވުރެ ބޮޑަށް ފުޅާކުރަން ބޭނުންޖެހޭނެއެވެ. ދެރަ ޙާލަތެއް އުފެއްދުމުގެ ބަދަލުގައި، މުޖުތަމަޢުގެ ފުރަތަމަ ޝަރުޠުތަކަށް ވުރެ ފުޅާކޮށް އިތުރުއުފެއްދުމުން އަތްފޯރިފައި ހުރިހާ އެންމެންގެ ބޭނުންތައް ފުދި ހިތްހަމަޖެހޭނެއެވެ؛ އާ ބޭނުންތައް އުފެއްދުމާއެކު، ހަމަ އެވަގުތު އެ އެދުންތައް ފުއްދުމުގެ ވަސީލަތްތައްވެސް އުފައްދާނެއެވެ. އާ ތަރައްޤީގެ ޝަރުތާއެކު، އެކަމަށް ހިތްވަރުދޭ ކަމަކަށްވެސް ވާނެއެވެ. ކުރީޒަމާނުގައި އަބަދު ވިހެން، އެ ތަރައްޤީއާ ކުރިއެރުމުން އިޖްތިމާޢީ ތަރުތީބު އެއްކޮށް މާޔޫސްކަމަށް ވައްޓާލި ގޮތަށް ނުވައްޓާލާނެއެވެ. ވަކިފަރާތުގެ މިލްކިއްޔާތުގެ ބާރުބޮޑުކަމުން މިނިވަންވެފަ، ބޮޑެތި ސިނާޢަތަށް، ބޮޑު ފުޅާކުރުމެއް އަންނާނެއެވެ. އެވަރުން އަހަރުމެންނަށް މިހާރު ފެންނަ ސިނާޢީ ފުޅާކުރުން މެނުފެކުޝަރާ އަޅާ ކިޔާއިރު، މެނުފެކުޝަރަކީ ކުޑަ ކަމެއްހެން އަހަރުމެންނަށް ހީވާ މިންވަރަށް، މިހާރުގެ ސިނާޢީ ފުޅާކުރުމަކީވެސް އެވަރުގެ ކުޑަ ކަމެއްހެން ހީވާނެއެވެ. ސިނާޢަތުގެ މި ކުރިއެރުމުން ހުރިހާ އެންމެންގެ ބޭނުންތައް ފުއްދޭނެ ވަރުގެ އުފެއްދުންތައް ޖަމާވެ މި މުޅި މުޖުތަމަޢަށް ލިބެން އޮންނާނެއެވެ.
ދަނޑުވެރިކަމަށްވެސް މިކަން ތެދަކަށް ވާނެއެވެ. އެކަމަށްވެސް ވަކިފަރާތުގެ މިލްކިއްޔާތުގެ ބާރުބޮޑުކަމުން ނޭދެވޭ އަސަރު ލިބުމާއެކު، ކުދި ބައިތަކަކަށް ވަކިން މިލްކުކުރި ބިންތައް ބެހުމުގެ ސަބަބުން އެކަން ފަހަތަށް ހިފަހައްޓާލައެވެ. މިހިސާބުގައި، ސައިންސުވެރި ޙަރަކާތްތަކާ މިހާރު ރަންގަޅުކުރެވޭ ކަންތައް އަމަލީ ގޮތަށް ތަންފީޛުކުރާނެއެވެ. އެކީގައި އަންނާނީ މުޖުތަމަޢަށް ބޭނުންވާ ހުރިހާ ތަކެތި ލިބޭނެ ގޮތް ޔަޤީންކޮށްދޭ ކުރިއަށް ފުންމުމެކެވެ.
މިގޮތުން، ތަކެތީގެ ތަނަވަސްކަމުން ހުރިހާ އެންމެންގެ ބޭނުންތައް ފުއްދޭނެއެވެ.
އެހެންވުމުން މިޖުތަމަޢު ވަކި، ދެކޮޅުވެރި ފަންތިތަކަކަށް ބައިބައިވުމުގެ ބޭނުމެއް ނޯންނާނެއެވެ. އާ އިޖްތިމާޢީ ތަރުތީބުގައި އެކަންތަކުގެ ބޭނުން ނެތުމުގެ އިތުރުން އެކަމާ ކެތްނުކުރެވޭނެއެވެ. ފަންތިތަކުގެ ދިރިހުރުން އުފެދިގެން އައީ ޢަމަލުގެ ވަކިކުރުމުގެ ތެރެއިންނެވެ. އަދި މިޒަމާނަށް އެނގިފައިވާގޮތުގެ ޢަމަލުގެ ވަކިކުރުން، އެއްކޮށް ނެތިގެން ދާނެއެވެ. ހަމައެކަނި މެކޭނިކަލް އަދި ކެމިކަލް ޙަރަކާތްތަކުން ސިނާޢީ އުފެއްދުންތެރިކަމާ ދަނޑުވެރި އުފެއްދުންތެރިކަން އަހަރުމެން ކުރިން ބަޔާންކުރި ވަރަކަށް މަތިކޮށް އިތުރު ނުކުރެވޭނެއެވެ؛ މި ޙަރަކާތްތަކުގެ ބޭނުންހިފާ އިންސާނުންގެ ކުޅަދާނަކަމުގެ މިންވަރުވެސް އެއާ އެއްވަރަށް އެކީގައި ތަރައްޤީވާން ޖެހެއެވެ.
ކުރީގެ ޤަރުނުގެ ފައްލާޙުންނާ މެނުފެކުޝަރުގެ މަސައްކަތްތެރިން ބޮޑެތި ސިނާޢަތުގެ ތެރެއަށް ދަމައިގަނެވުނު އިރު، އެމީހުންގެ މުޅި ދިރިއުޅުން ބަދަލުކޮށް އެމީހުން ތަފާތު މީހުންތަކަކަށް ބަދަލުވި ގޮތަށް، ހަމަ މިގޮތަށް، މުޖުތަމަޢިން އުފެއްދުންތެރިކަމުގެ ޖަމާޢީ ހިންގުމާއެކު، އެކަމާ ގުޅިގެން އަންނަ އާ ތަރައްޤީތަކުގެ ސަބަބުން، މުޅިން ތަފާތު އިންސާނީ މާއްދާތަކެއް ބޭނުންވާނެއެވެ.
އޭގެ ފަހުން، މިހާރު ވާ ގޮތަށް، އުފެއްދުންތެރިކަމުގެ ވަކި ގޮފިއަކަށް މީހުން އަޅުވެތިވެ، އެއަށް ބަނދެވިފައި، އެކަމުން އިސްތިޣުލާލުވާ ގޮތް ނުވާނެއެވެ؛ އެހެން ހުރިހާ ގޮފިތައް ނުލާ އެންމެ ގޮފިއަކުން އެމީހުންގެ ވިސްނުން ތަރަޤީ ނުކުރާނެއެވެ؛ އުފެއްދުންތެރިކަމުގެ ހުރިހާ ބައިތަކުގެ ތެރެއިން، ހަމައެކަނި އެއް ގޮފިއެއް، ނުވަތަ ގޮފިއެއްގެ ކުޑަ ގޮފިއެއް އެނގޭ ގޮތް ނުވާނެއެވެ. މިހާރު އޮތް ގޮތުގެ ސިނާޢަތަށްވެސް އެކަހަލަ މީހުންގެ ބޭނުންތެރިކަން ކުޑަވެ ކުޑަވަމުން ދެއެވެ.
މުޅި މުޖުތަމަޢިން، ވަކި ރޭވުމުއްގެ ދަށުން ހިންގާ ސިނާޢަތަށްޓަކައި، އުފެއްދުންތެރިކަމުގެ ނިޒާމު އެއްކޮށް ފެންނަ، ހަމަހަމަ ގޮތަކަށް ވިސްނުން ތަރައްޤީވެފައިވާ، ކަންކަމަށް ކުޅަދާނަ އިންސާނުން ބޭނުންވެއެވެ.
އެއްމީހަކު ފައްލާޙަކަށް، އެހެން މީހެއް އިމާރާތްކުރާ މަސައްކަތްތެރިއަކަށް، ތިންވަނަ މީހާ ކާރުހާނާގެ މަސައްކަތްތެރިއަކަށް، ހަތަރުވަނަ މީހާ ޙިއްޞާ ބާޒާރުގެ މުވައްޒިފަކަށް ހައްދަވާ ޢަމަލުގެ ވަކިކުރުމުގެ ބާވަތަށް، މިހާރުވެސް މެޝިނަރީގެ ސަބަބުން ހުރަސްތަކެއް ކުރިމަތިކޮށް، ފަހުން އެކަންތައް އެއްކޮށް ނެތިގެން ދާނެއެވެ. ތަޢުލީމާ ތަރުބިއްޔަތުގެ ސަބަބުން ޒުވާނުންނަށް އަވަހަށް އުފެއްދުންތެރިކަމުގެ ފުރިހަމަ ނިޒާމު ދަސްކޮށް ތަޙައްމަލު ކުރުމުގެ ފުރުސަތު ލިބި، މުޖުތަމަޢުގެ ބޭނުންތަކަށް ނުވަތަ އެމީހުންގެ އަމިއްލަ އަމާޒުތަކަށް ބަލައިގެން އުފެއްދުންތެރިކަމުގެ އެއް ދާއިރާއިން އަނެއް ދާއިރާއަށް ބަދަލުވާން ފަސޭހަވާނެއެވެ. މިހެންވުމުން، ކޮންމެ ފަރާތަކަށް މިހާރުގެ ޢަމަލުގެ ވަކިކުރުމުން ކުރިމަތިކުރާ އެއްފަޅި ޝަޙްޞިއްޔަތުން އެމީހުން މިނިވަންކުރެއެވެ. މިގޮތަށް، ޝުޔޫޢީ މުޖުތަމަޢު، އޭތީގެ ހުރިހާ ބައިވެރިންނަށް އެމީހުންގެ ތަރައްޤީވެފައިވާ ވިސްނުމުގެ ބާރުތައް ފުރިހަމަކޮށް ބޭނުންކުރުމުގެ ފުރުސަތު ދޭނެއެވެ. ނަމަވެސް، މިހެން ވާއިރު، ފަންތިތައް ކޮންމެހެން ނެތިދެއެވެ. މިކަމުން ދޭހަވާ ގޮތުގައި، އެއްފަރާތުން، ޝުޔޫޢީ ބިންގަލަކަށް ތަރުތީބުވެފައިވާ މުޖުތަމަޢެއް ފަންތިތަކުގެ ދެމިތިބުމާ އިދިކޮޅުވާކަމެވެ. އަދި އަނެއްފަރާތުން، އެފަދަ މުޖުތަމަޢެއް އިމާރާތްކުރުމުން ފަންތީގެ ތަފާތުތައް އުވާލުމުގެ ވަސީލަތްތައް ލިބޭ ކަމެވެ.
މިކަމުގެ އެއް ލާޒިމު ނަތީޖާއަކީ ސިޓީއާ ރަށްފުށުގެ ދެމެދުގައިވާ ތަފާތުތައް ކޮންމެހެން ނެތިގެން ދާނެކަމެވެ. ތަފާތު ދެ ފަންތީގެ މީހުންގެ ބަދަލުގައި، އެއްބައިވެފައިވާ މީހުން ސިނާޢަތާ ދަނޑުވެރިކަން ހިންގުމަކީ، ހަމައެކަނި މާއްދީ ސަބަބުތަކަށްޓަކައި ވިއަސް، ޝުޔޫޢީ ޖަމްޢިއްޔާގެ ލާޒިމު ޝަރުޠެކެވެ. ދަނޑުވެރި އާބާދީ ބިމުގައި ފެތުރި، ސިނާޢީ އާބާދީ ބޮޑު ސިޓީތަކަށް އެއްވެ ފިތުމަކީ، ސިނާޢަތާ ދަނޑުވެރިކަން ތަރައްޤީ ނުވެފައިވާ ޙާލަތެއްގައި އޮތުމަށް ނިސްބަތްވާ ކަމެކެވެ. އަދި އެކަމުން މިހާރުވެސް އިތުރު ތަރައްޤީއަށް ހުރަސްއަޅާކަން އިޙްސާސް ކުރެވެއެވެ.
މުޖުތަމަޢުގެ ހުރިހާ ބައިވެރިން އުފެއްދުންތެރިކަމުގެ ބާރުތައް ތަރުތީބު ރޭވުމެއްގެ ދަށުން އިސްތިޣުލާލުކުރުމަށް މައިގަނޑު ގޮތުގައި އެއްބައިވުން، ހުރިހާ އެންމެންގެ އެދުންތައް ފުދޭ މިންވަރަށް އުފެއްދުންތެރިކަން ފުޅާކުރުން، އެއްބައެއްގެ ބޭނުންތައް ފުދޭ އިރު އޭގެ ސަބަބުން އަނެއްބައި މީހުންގެ އެދުން ނުފުދޭ ޙާލަތު އުވާލުން، ފަންތިތަކާ އޭގެ ހަމަނުޖެހުންތައް އެއްކޮށް އުވާލުން، މިހާރުގެ ޢަމަލުގެ ވަކިކުރުން އުވާލުމުގެ ތެރެއިން މުޖުތަމަޢުގެ ހުރިހާ ބައިވެރިންގެ ހުނަރުތައް ވަށާޖެހޭ ގޮތަށް ތަރައްޤީކުރުން، އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވުމުން، ހުރިހާ އެންމެން އުފައްދާ އުފަލާ މުނިފޫހިފިލުވުމުގައި ހުރިހާ އެންމެން އެކީގައި ބައިވެރިވުމުން، ސިޓީތަކާ ރަށްފުށު އެއްކޮށްގެން - މިއީ ވަކިފަރާތުގެ މިލްކިއްޔާތު އުވާލުމުގެ މައިގަނޑު އަސަރުތަކެވެ.
އޭތިން ޖިންސުތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަލުކުރާނީ، އެކަމުގެ ތެރޭގައި އުޅޭ މީހުންގެ އަމިއްލަ ކަމަކަށެވެ. އަދި މުޖުތަމަޢު އޭގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުލިބޭ ކަމަކަށެވެ. އޭތިން މިކަން ކުރެވޭނީ ވަކިފަރާތުގެ މިލްކިއްޔާތު އުވާލާފަ، ކުދިން އާންމު އިޖްތިމާޢީ ބިންގަލެއްގައި ތަރުބިއްޔަތު ކުރާތީއެވެ. އަދި މިގޮތުން ކުރީގެ އާދަކާދައިގެ ކައިވެނީގެ ބިންގާތައް ފޮހެލުމުންނެވެ - މިއީ ވަކިފަރާތުގެ މިލްކިއްޔާތާއެކު، އަންހެނުން ފިރިހެނުންނަށާ ކުދިން މައިންބަފައިންނަށް ދިމާވާ އިޢްތިމާދުގެ މޫތަކެވެ.
އަދި ވަރަށް ޢަޚްލާޤީ ކަމަށް ހެދިގެން އުޅޭ ފިލިސްތާރުން "އަންހުން އާންމުކުރުމާ" ދެކޮޅަށް ގޮވާ އަޑުތަކުގެ ރައްދު ޖަވާބަކީ މިއެވެ. އަންހެނުން އާންމުކުރުމަކީ ހަމައެކަނި ބުރްޖުވާޒީ މުޖުތަމަޢަށް ނިސްބަތްވާ ކަމެކެވެ. އަދި މިއަދު އޭގެ ފުރިހަމަ ސިފަކުރުން ފެންނަނީ ހަށިވިއްކުމުގެ ތެރެއިންނެވެ. ނަމަވެސް، ހަށިވިއްކުން ބިނާވެގެންވަނީ ވަކިފަރާތުގެ މިލްކިއްޔާތަށެވެ. އަދި އެއާ އެއްކޮށް ވެއްޓެއެވެ. މިހެންވުމުން ޝުޔޫޢީ މުޖުތަމަޢު، އަންހެނުން އާންމުކުރުމުގެ ޙާލަތް ފެއްޓެވުމުގެ ބަދަލުގައި ހަޤީޤަތުގައި އެކަން އުވާލައެވެ.
މުޖުތަމަޢުގެ އުޞޫލުގެ މަތިން އަމިއްލެއަށް ޖަމާޢަވާ މީހުންގެ ޤައުމީ ނަސްލުތަކުގެ ދެމެދުގައި މުޢާމަލާތްކުރަން މަޖުބޫރުވާނެއެވެ. އެއީ މި ޖަމާޢަވުމުގެ ސަބަބުންނެވެ. އަދި މިހެންވުމުން އެމީހުންގެ ނަސްލީ ތަފާތުތައް އަމިއްލަ ޒާތުގައި އުވާލެވުން މަޖުބޫރުވެއެވެ. އެއީ، އެސްޓޭޓުތަކާ ފަންތީގެ އެކި ތަފާތުވުންތަކުގެ ބިނަގާ ކަމަށްވާ ވަކިފަރާތުގެ މިލްކިއްޔާތު އުވާލުމުން އެ ތަފާތުވުންތައްވެސް ނެތި ދިއުމަށް މަޖުބޫރުކުރާ ގޮތާ އެއްގޮތަށެވެ.[3]
މިހާތަނަށް އައި ހުރިހާ ދީންތަކަކީ ވަކި މީހުންގެ ނުވަތަ ޖަމާޢަތްތަކުގެ ތާރީޚީ ތަރައްޤީވުމުގެ ފިޔަވަޅުތަކުގެ ސިފަކުރުމެކެވެ. ނަމަވެސް ޝުޔޫޢިއްޔަތަކީ ތާރީޚީ ތަރައްޤީވުމުގެ ތެރޭގައި މިހާރު އޮތް ހުރިހާ ދީންތަކުގެ ބޭނުން ކަނޑާލާފަ އޭތީގެ ނެތިދިއުމަށް މަގުފަހިކުރާ ފިޔަވަޅެވެ.[4]
އިޝްތިރާކީ ކަމަށް ބުނާ ފަރާތްތައް ތިން ބަޔަކަށް ބެހިގެން ވެއެވެ.
ފުރަތަމަ ބައި އެކުލެވިފައިވަނީ މިހާރު ހަލާކުވެގެންގޮސް މިހާރުވެސް ހަލާކުވަމުންދާ އިޤްޠާޢީ އަބަވީ މުޖުތަމަޢަކަށް ތާޢީދުކުރާ ފަރާތްތަކެވެ. ހަލާކު ކުރީ ބޮޑެތި ސިނާޢަތާއި، ދުނިޔެވީ ވިޔަފާރިއާއި، އޭތީގެ ތެރެއިން އައި ބުރްޖުވާޒީ މުޖުތަމަޢެވެ. މިޒަމާނުގެ ނުބައި ކަންތަކަށް ބަލާފަ މި މަޛްހަބް ނިންމާފައިވާ ގޮތުގައި، ކުރީގެ މުޖުތަމަޢު އެކަންތަކުން މިނިވަންވީތީ އެ މުޖުތަމަޢު އަނބުރާ ގެންނަން ޖެހޭނެއެވެ. އެއް ގޮތަކުން ނުވަތަ އެހެން ގޮތަކުން އެމީހުންގެ ހުރިހާ އިޤްތިރާޙެއް ދިމާކުރަނީ މި ނިންމުމަށެވެ.
ޕުރޮލެޓާރީންގެ ދެރަ ޙާލަތާ ދިމާލަށް އެމީހުން ބާލާލާފަ، ބާލާ ކަރުނަތަކުން އެމީހުންގެ ފަޚުރުވެރިކަން ދެއްކި ނަމަވެސް، މި މަޛްހަބުގެ ރަޖްޢީ އިޝްތިރާކީންނާ ޝުޔޫޢީން ބޮޑު މިންވަރަކަށް ދެކޮޅުވެރިވަނީ މި ސަބަބުތަކަށްޓަކައެވެ:
1. އަމަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަކަށް އަމާޒުކުރާތީ
2. އަރިސްޓޮކުރޭޓުންނާއި، ގިލްޑު ވެރިންނާއި، ކުދި އުފެއްދުންތެރިންގެ ވެރިކަމާއެކު، އެމީހުންނަށް ތަބާވާ އިޤްޠާޢީ ނުވަތަ މުޠުލަޤު ރަސްކަމާއި، މައްސޫލުވެރިންނާއި، ސިފައިންނާއި، ފާދިރީންގެ މުޖުތަމަޢު އަލުން ގެނެއުމަށް އެދޭތީއެވެ - މި މުޖުތަމަޢަކީ މިޒަމާނުގެ މުޖުތަމަޢުގެ ނުބައި ކަންތައްތަކުން މިނިވަން މުޖުތަމަޢަކަށް ވިނަމަވެސް، އޭގެން އެވަރަށް އެހެނިހެން ނުބައި ސިފަތައް ފެނުނެވެ. އަދި އެއީ މަޒްލޫމުވެފައިވާ މަސައްކަތްތެރިންނަށް ޝުޔޫޢީ އިންޤިލާބެއްގެ ޒަރިއްޔާއިން ތަޙްރީރު ހޯދުމުގެ ފުރުސަތު ނުދީފައެވެ.
3. ޕުރޮލެޓާރީން އިންޤިލާބީވެ ޝުޔޫޢީވުމާއެކު، ހަމަ އެވަގުތުގައި މި ރަޖްޢީ އިޝްތިރާކީން އެމީހުންގެ އަޞްލު ކުލަތައް ފާޅުކޮށް ފުރޮލެޓާރީންގެ ދެކޮޅަށް ބުރްޖުވާޒީންގެ އެކީގައި އާންމު އެއްބަސްވުމަކަށް އާދެއެވެ.
ދެވަނަ ބައި އެކުލެވިފައި ވަނީ މިޒަމާނުގެ މުޖުތަމަޢަށް ތާޢީދުކުރާ ފަރާތްތަކެކެވެ. މިޒަމާނުގެ މުޖުތަމަޢުގެ ތެރެއިން ކޮންމެހެން އަންނަ ނުބައި ކަންތައްތަކުގެ ސަބަބުން އެ މުޖުތަމަޢުގެ މުސްތަޤްބަލާ މެދު ބިރުވެތިވާ ބައެކެވެ. މިހެންވުމުން، އެމީހުން ބޭނުންވާ ކަމަކީ، މި މުޖުތަމަޢު ދެމެހެއްޓުމެވެ. އަދި އެއަށް ނިސްބަތްވާ ނުބައި ސިފަތައް ނެތިކޮށްލުމެވެ.
މި އަމާޒު ޙާސިލްކުރުމަށް، އެއްބައި މީހުން ހުށައަޅަނީ ކުދި އިޤްތިޞާދީ މިންތަކެކެވެ - އެވަގުތުގައި އެހެން ބައެއް ކުރިއަށް ގެންދަން އުޅެނީ ބޮޑެތި އިޞްލާޙުތައް އެކުލެވިފައިވާ ނިޒާމުތަކެކެވެ. މުޖުތަމަޢު އަލުން ތަރުތީބުކުރުމުގެ ނަމުގައި ކުރާ ކަމުގެ، އަޞްލު މަޤްސަދަކީ މިހާރު އޮތް މުޖުތަމަޢުގެ ބިންގާތަކާއެކު، އޭގެ ސަބަބުން މިހާރު އޮތް މުޖުތަމަޢުގެ ދިރިހުރުން ޙިމާޔަތް ކުރުމެވެ.
މި ބުރްޖުވާޒީ އިޝްތިރާކީންގެ ދެކޮޅަށް ޝުޔޫޢީން އެއްވެސް މެދުކެނޑުމެއް ނެތި ނިޟާލުކުރަން ޖެހޭނެއެވެ. ސަބަބަކީ އެމީހުން ޝުޔޫޢީންގެ ދުޝްމަނުންނަށް މަސަތްކަތް ކުރުމާއެކު، އޭތި ވައްޓާލަން ޝުޔޫޢިން އަމާޒުކުރާ މުޖުތަމަޢު ދިފާޢުކުރާތީއެވެ.
އެންމެ ފަހުން، ތިންވަނަ ބައިގައި އެކުލެވިފައިވަނީ ޑިމޮކުރެޓިކު އިޝްތިރާކީންނެވެ. 18 ވަނަ ސުވާލުގައި ބަޔާންކުރައްވިފައިވާ ގޮތަށް ޝުޔޫޢީން ތާޢީދުކުރާ ބައެއް މިންތަކަށް އެމީހުންވެސް އެއްބަސްވެއެވެ. ނަމަވެސް އެއީ ޝުޔޫޢީ މުޖުތަމަޢަށް ކުރިއަށް ދިއުމުގެ ގޮތުން ނޫނެވެ. އޭގެ ބަދަލުގައި، މިޒަމާނުގެ މުޖުތަމަޢުގެ ތަކުލީފުތަކާ ވޭނުތައް ނެތިކޮށްލަން ފުދޭކަމަށް އެމީހުން ހީކުރާ މިންތަކެއްގެ ގޮތުގައެވެ.
މި ޑިމޮކުރެޓިކު އިޝްތިރާކީންގެ އެއްބަޔަކީ އެމީހުންގެ ފަންތީގެ އިސްތިޤްލާލުގެ ޝަރުޠުތައް އަމިއްލެއަށް އަދި ސާފު ނުވާ ޕުރޮލެޓާރީންނެވެ. އަދި އަނެއް ބަޔަކީ ކުދި ބުރްޖުވާޒީންގެ ތަމްސީލްވެރިންނެވެ. އެއީ އޭގެން އަންނަ ޑިމޮކުރެސީގެ އެކީގައި، އިޝްތިރާކީ މިންތައް ޙާސިލްވުމުގެ ކުރިން، ޕުރޮލެޓާރީންގެ އެކީގައި ގިނަގުނަ އާންމު އެދުންތަކެއް އޮތް ފަންތިއެކެވެ.
މިކަމުން ދޭހަވާ ގޮތުގައި، އަމަލީ ޙަރަކާތުގެ ވަގުތުތަކުގައި، މި ޑިމޮކުރެޓިކު އިޝްތިރާކީންގެ އެކީގައި ޝުޔޫޢީން އެއްބަސްވުމަކަށް އަންނަން ޖެހޭނެއެވެ. އަދި މައިގަނޑު ގޮތެއްގައި ވީވަރަކަށް އެމީހުންގެ އެކީގައި އެއް ސިޔާސަތެއް ކުރިއަރުވަން ޖެހެއެވެ - ނަމަވެސް އެއީ އެ އިޝްތިރާކީން ވެރިކަން ކުރާ ބުރްޖުވާޒީންގެ އެހީތެރިންނަށް ވެފައި، ޝުޔޫޢީންނަށް ހަމަލާކުރާ ޙާލަތެއް ނާންނަ ނަމައެވެ.
މިފަދަ ގޮތަކަށް އެކީގައި މަސައްކަތްކޮށް އަމަލުކުރާއިރު، ތަފާތުތަކާ މެދު ބަހުސްކުރުން ކޮންމެހެން ދޫކޮށް ނުލާކަން ސާފުވެއެވެ.
މި އުޞޫލު ތަފާތު ޤައުމުތަކުގައި ތަފާތުވެއެވެ.
ބުރްޖުވާޒީން ވެރިކަންކުރާ އިނގިރޭސިވިލާތާއި، ފަރަންސޭސްވިލާތާއި، ބެލްޖިއަމުގައި، އެކިއެކި ޑިމޮކުރެޓިކު ޕާޓީތަކުގެ އެކީގައި ޝުޔޫޢީން އަދިވެސް އާންމު އެއްގޮތް ބައެއް އެދުންތަކެއް އޮވެއެވެ. އެބައިމީހުން ތާޢީދުކުރާ އިޝްތިރާކީ ސިފައިގެ މިންތައް، ޝުޔޫޢީންގެ އަމާޒުތަކާ ކައިރިވާ ވަރަށް އެކަމުގެ މުހިންމުކަން އިތުރުވެއެވެ - އެއީ، ޕުރޮލެޓާރީންގެ އެދުންތައް ތަމްސީލްކުރާ މިންވަރު ސާފުވެ، ސީދާވެ، ޕުރޮލެޓާރީންގެ ތާޢީދަށް ބަރޯސާވާވަރު އިތުރުވުމުންނެވެ. މިސާލަކަށް، އިނގިރޭސިވިލާތުގައި، ޑިމޮކުރެޓިކު ކުދި ބުރްޖުވާޒީން ނުވަތަ ރެޑިކަލު ކަމަށް ބުނާ ފަރާތްތަކަށް ވުރެ، މަސައްކަތު ފަންތީގެ ޗާޓިސްޓުން [5] ޝުޔޫއީންނާ މާ ކައިރިވެއެވެ.
މިހާރުވެސް ޑިމޮކުރެޓިކު ޤާނޫނު އަސާސީއެއް ބިނާކުރެވިފައިވާ އެމެރިކާގައި، ޝުޔޫޢީން އާންމު އެއްބަސްވުމަކަށް އަންނަން ޖެހޭނީ، މި ޤާނޫނު އަސާސީ ބުރްޖުވާޒީންގެ އިދިކޮޅަށް އަނބުރާލާފަ، އޭތި ޕުރޮލެޓާރީންގެ އެދުމުގެ ދަށުން ބޭނުންކުރާނެ ޕާޓީއަކާ އެކުގައެވެ - އެއީ، ޒިރާޢީ ޤައުމީ އިޞްލާޙުވެރިންނާ އެކުގައެވެ.[6]
ސުވިޓްޒަލޭންޑުގައި، ރެޑިކަލުންނަކީ، ވަރަށް މަސްހުނިވެފައިވާ ޕާޓީއަކަށް ވިއަސް، އެއީ ޝުޔޫޢީން އެކީގައި މަސައްކަތް ކުރެވޭނެ ހަމައެކަނި ޕާޓީއެވެ. އަދި، މި ރެޑިކަލުންގެ ތެރެއިން، އެންމެ ކުރިއަރާފައި ވަނީ ވައުޑޮއިސްގެ މީހުން އަދި ޖެނީވާގެ މީހުންނެވެ.
އެންމެ ފަހުން، ޖަރުމަނުވިލާތުގައި މިދުވަސްކޮޅުގަ ނަތީޖާ ކަނޑައަޅާ ނިޟާލަކީ މުޠުލަޤު ރަސްކަމުގެ ދެކޮޅަށް ބުރްޖުވާޒީން ކުރާ ނިޟާލެވެ. ބުރްޖުވާޒީން ވެރިކަމަށް ނާންނަ އިރު ބުރްޖުވާޒީންގެ ދެކޮޅަށް ނަތީޖާ ކަނޑައަޅާ ނިޟާލެއްގެ ތެރެއަށް ޝުޔޫޢީން ނުވަދެވޭނެއެވެ. މިހެންވުމުން ބުރްޖުވާޒީން އަވަހަށް ވައްޓާލުމަށް އޭގެ ކުރިން ބުރްޖުވާޒީން ވެރިކަމަށް އައުމުގެ ތެރޭގައި އެހީތެރިވުމަކީ ޝުޔޫޢީންނަށް އެދެވިގެންވާ ކަމެކެވެ. މިހެންވުމުން ސަރުކާރުގެ ދެކުޅަށް ޝުޔޫޢީން ހުއްޓުމެއް ނެތި ރެޑިކަލު ލިބަރަލު ޕާޓީއަށް ތާޢީދު ކުރަން ޖެހެއެވެ. ނަމަވެސް އެކަން ކުރަންވާނީ، ބުރްޖުވާޒީންގެ އަމިއްލަ ހުވަފެންތަކުން ރައްކާތެރިވެ، ބުރްޖުވާޒީންގެ ކާމިޔާބަކުން ޕުރޮލެޓާރީންނަށް އަންނާނެ ކަމަށް ބުނާ ފައިދާތަކުގެ ވާހަކަތަކަށް ހެއްލިގެން ނުދާ ގޮތަކަށެވެ. ބުރްޖުވާޒީންގެ ކާމިޔާބަކުން ޕުރޮލެޓާރީންނަށް ލިބޭނެ ހަމައެކަނި ފައިދާތައް އެކުލެވެނީ:
1. ޕުރޮލެޓާރީން ގުޅިމޮހެފައިވާ، ހަނގުރާމައަށް ތައްޔާރު، ތަރުތީބުކޮށް ޖަމާވެފައިވާ ފަންތިއަކަށް އެއްބައިވުމަށް މަގުފަހިކުރާނެ ފަދަ އިޞްލާޙުތަކުގެ ތެރޭގައެވެ؛ އަދި
2. މުޠުލަޤު ރަސްކަންތައް ވެއްޓޭ ދުވަހު، ބުރްޖުވާޒީންނާ ޕުރޮލެޓާރީންގެ ނިޟާލު ފަށާނެކަމުގެ ޔަޤީންކަމުގެ ތެރޭގައެވެ. އެދުވަހުން ފެށިގެން، ޝުޔޫޢީންގެ ސިޔާސަތު ގެންޅޭނީ، ބުރްޖުވާޒީން މިހާރު ވެރިކަންކުރާ ޤައުމުތަކާ ގުޅޭ ޝުޔޫޢީ ސިޔާސަތާ އެއްގޮތަށެވެ.
[1] މިލިޔުމުގައި ބޭނުންކުރެވިފައިވާ "ޢަމަލުގެ ވިއްކުން"، "ޢަމަލުގެ ޤީމަތު"، "ޢަމަލުގެ އަގުކިޔުން"، ގެ ބަދަލުގައި "ޢަމަލީ ބާރު ވިއްކުން"، "ޢަމަލީ ބާރުގެ ޤީމަތު"، "ޢަމަލީ ބާރުގެ އަގުކުރުން" (މި ލފްޒުތައް އެންމެ ފުރަތަމަ ގެންނެވީ މާކްސް) ފަދަ ކުރީގެ ގޮތަށްވުރެ ޞައްޙަ މަފްޙޫމުތައް މާކްސް އާއި އެންގެލްސްގެ ފަހުގެ ލިޔުންތަކުގައި ބޭނުންކުރިއެވެ.
[2] އެންމެ ފުރަތަމަ އަޞްލު ލިޔުމުގެ މިހިސާބުގައި އެންގެލްސް ބައި ޞަފުޙާއެއްގައި ނުލިޔެ ދޫކޮށްލިއެވެ. މި ލިޔުމުގެ ކުރިން ތައްޔާރުކުރި"ޝުޔޫޢީ އީމާންކަމުގެ އިޢްތިރާފް" (Communist Confession of Faith) މަޝްރޫޢަ ތެރޭގައި މިސުވާލުގެ ޖަވާބު ފެނެއެވެ. އެދި މިހިސާބުގައި ދައްކާފައިވަނީ އެ ޖަވާބެވެ. (12 ވަނަ)
[3] އެންގެލްސް މިހިސާބުގައި ލިޔުނީ "ބަދަލު ނުކުރޭ" އެވެ. ނިސްބަތްކުރި ޖޫން މަހުގެ މަޝްރޫޢަ ތެރޭގައި ލިޔުނު ޖަވާބެވެ. (21 ވަނަ)
[4] ކުރިން އައިހެން، މިކްނަ ނިސްބަތްވަނީ ޖޫން މަޝްރޫޢަ ތެރޭގައި ހިމެނުނު 23 ވަނަ ސުވާލުގެ ޖަވާބަށެވެ.
[5] ޗާޓިސްޓުންނަކީ މީލާދީން 1830ގެ އަހަރުތަކުން 1850ގެ އަހަރުތަކުގެ މެދުތެރެއާ ހަމައަށް އިނގިރޭސި މަސައްކަތްތެރިންގެ ސިޔާސީ ޙަރަކާތުގައި ބައިވެރިވި ބައެކެވެ. އަދި މިމީހުންގެ އަމާޒަކަށް ނެގީ ރައްޔިތުންގެ މުޢާހަދާއެއް ނުވަތަ ޗާޓަރެއް ތަންފީޛުކުރުމެވެ. މީގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމުގެ ހަމަހަމަ ޙައްޤުތަކުގެ މަތިން ހުރިހާ މަސައްކަތްރެރިންނަށް ވޯޓު ލުމުގެ ޙައްޤު ޔަޤީންކުރާ ޝަރުޠުތަކެއް ހިމެނުނެވެ. ލެނިން ބަޔާންކުރި ގޮތުގައި ޗާޓިސްޓު ޙަރަކާތަކީ ދުނިޔޭގެ "އެންމެ ފުރަތަމަ ފުޅާކޮށް އެކުލެވުނު، ހަޤީޤީ ގޮތުގައި ޖަމާޢީ، ސިޔާސީ ގޮތުން ތަރުތީބު ޕުރޮލެޓާރީ އިންޤިލާބީ ޙަރަކާތެވެ" (އެކުލެވުނު ލިޔުންތައް، ފޮތް 29، ޞަފްޙާ 309) [Collected Works Vol. 29, p. 309] ޗާޓިސްޓު ޙަރަކާތް ނެތިދިއުމުގެ ސަބަބަކީ އިނގިރޭސިވިލާތުގެ ސިނާޢީ އަދި ތިޖާރަތީ އިޙްތިކާރު ވަރުގަދަވެ، އޭގެން އިނގިރޭސި ބުރްޖުވާޒީންނަށް ލިބުނު ގަދަ ފައިދާތައް ބޭނުންކޮށްގެން، މަސައްކަތު ފަންތީގެ ތެރެއިން ތަނަވަސް ފަށަލަތަކަށް (ޢުއްމާލީ އަރިސްޓޮކުރޭޓުން) ރިޝްވަތް ދިނުމުގެ ސަބަބުންނެވެ. މި ދެކަންތަކުގެ ސަބަބުން މިފަށަލަތަކުގެ ތެރެއިން އިންތިހާޒީ ރޮނގުތައް ގަދަވުމަށް މަގުފަހިވިއެވެ. މިކަން ޚާއްޞަކޮށް ފާޅުވީ، ތިޖާރަތީ އިއްތިޙާދުތަކުގެ ޒަޢީމުން ޗާޓިސްޓު ޙަރަކާތަށް ތާޢީދު ނުކުރުމުންނެވެ.
[6] އެކަށީގެންވާ ގޮތެއްގައި މިއީ "ޤައުމީ އިޞްލާޙުވެރި ޖަމްޢިއްޔާ" (National Reform Association) އަށް ނިސްބަތްކުރާ ޖުމްލައެކެވެ. އެއީ މީލާދީން 1840ގެ އަހަރުތަކުގައި ނިއު ޔޯކު (New York) ގައި ޖޯޖް އެތް އެވަންސް (George H. Evans) އުފެއްދި ޖަމްޢިއްޔާއެކެވެ. އެމީހުންގެ ޝިޢާރަކީ "އަމިއްލަ ދަނޑުބިމެއް ލިބުމަށް ވޯޓުލާށެވެ".