"ބޮޑު ތިން މީހުން"ގެ ތެރެއިން ނަންބަރު 3
"އެކަތާގެ" އިންސާނާ - މަރޝަލް ސްޓާލިން

މުޙައްމަދު އަމީން ދީދީ

ލިޔުން: 1945 މ.
ޝާއިޢުކުރުން: 1948 މ.

********************

އަޅުގަނޑުގެ ކުރިމަތީގައިވަނީ ފޮޓޯގްރާފެކެވެ....... މޫނަކީ ވަރަށް ތިލަ، ސާދާ މޫނެކެވެ. ދެލޮލަކީ ވަރަށް ފުން، ފަނޑު ދެލޮލެކެވެ. މަތިމަހަކީ، ބޮޑުސާދާ މަތިމަހެކެވެ. މީހާގެ އިސްކޮޅު މެދުމިނެވެ. ހަށިގަނޑުގެ ފުރިހަމަކަމާއި ރޫފަ އާދަޔާ ޚިލާފެއް ނޫނެވެ. ނިތްކުރި ތަނަވަހެވެ. ބޮލުގެ އިސްތަށިގަނޑުގައި ފުނާ އަޅާންކަމަށް ހޭކުވިފައިވަނީ "އޮކްސްފަރޑް" ގޮތަށެވެ. ހެދުމަކީ ކަރާއިހަމަޔަށް ގޮށް އަޅައިފައިވާ، ވަރަށް ސާދާ ސިފައިންގެ ހެދުމެކެވެ. އާދޭހެވެ! ވަރަށް ސާދާ މޫނެކެވެ. ވަރަށް ސާދާ ހަށިގަނޑެކެވެ. އެކަމަކު...... މުޅި މޫނުގައި އެގޮތް މިގޮތަށް "ބިންވަޅުނެގިފައި" ވަނީ، އަމިއްލަ ނަފްސުގެ މައްޗަށް ހުރި އިތުބާރެވެ. ހަރުދަނާ ކަމެވެ. މަތިވެރި އަޒުމެވެ........ އާދޭހެވެ! ފޮޓޯގްރާފްގެ އަޞްލަކީ، ޒަމާނުގެ ރުސްތުމެވެ. "އެކަތާގެ" އިންސާނާއެވެ. ޖޯސޮފް ސްޓާލިންއެވެ.

1879 މ. ވަނަ އަހަރުގެ ޑިސެމްބަރުން 21 ދުވަހުގެ ފިނި ހަވީރުގައި އުދަރެހާ ނިވާވަނީއެވެ. ރޫސީ ވިލާތުގެ ގޯރީ އެވެ ކިޔާ ކުޑަކުޑަ ރަށުގެ، ފައިވާން ހަދާ މީހާގެ އަންހެނުން، ކެތަރިން ޑުގާސްވިލީ، އޭނާގެ ގަޔާ އެލަފާލީ އެދުވަހު ދުނިޔޭގެ އަލިކަން ދުށް، އޭނާގެ ކުޑަކުޑަ ދަރިފުޅެވެ. އޭނާގެ ހަތަރުވަނަ ދަރިފުޅެވެ. ކުޑަވެސް ޝައްކެއް ނެތެވެ. އެލަފައިލުމާ އެކެވެފައިވާ ހޫނުކަމަކީ، ކުރީން ލިބުނު ތިންކުދީން ފަދައިން، މިދަރިފުޅުވެސް ދުނިޔެއިން ވަކިވެ ނުދިނުމަށް މަންމާ އެދޭ އެދުމުގެ ގަދަވެގެންވާ ހެއްކެކެވެ.

ފައިވާން ހެދުމަކީ އެޢާއިލާގެ މެންބަރުންގެ މެދުގައި ވާރުތަވަމުން އައިސްފައިވާ މަސައްކަތެކެވެ. އެކަމަކު..... ކެތަރިންގެ ތޫނުފިލި ދެލޯ ގޮސް އޭނާގެ ކުޑަކުޑަ ދަރިފުޅުގެ މައްޗަށް ހުއްޓުނު ހިނދު ޚިޔާލީ ހުވަފެނުން ފެންނަން އެފެށީ މުސްތަޤްބަލުގެ ފައިވާންހަދާ މީހެއް ނޫނެވެ. ނަމަވެސް، މަންމައެއްގެ އުންމީދުން ފުރިގެންވާ ޚިޔާލުގައިވެސް ސިފަކުރެވޭން އެފެށީ މުސްތަޤްބަލުގައި ދުނިޔޭގެ މީހުން އުޅޭ ބިމުގެ ހަބައިކޮޅު އެއްބައިގެ އަމުރު ވެރިއެއް ނޫންކަން ކަށަވަރެވެ.

ސްޓާލިންއަށް ލިބިފައިވާ ކާމިޔާބުގެ އަޞްލުހޯދުމަށްޓަކައި، އޭނާގެ ޅަފުރާގެ ދުވަސްތަކުގެ މައްޗަށް، އަލިއަޅުވައިލެވޭތޯ މަސައްކަތް ކުރުމަކީ ބޭކާރު ކަމެކެވެ. އޭނާގެ ޅަފުރާ އަކީ، ގެއްލުނު ޅަފުރާއެކެވެ. އެދުވަސްވަރުގެ ހަނދާންކޮށްލުމުން، ސްޓާލިންގެ ހިތަށް މިހާރު ވަދެގަންނަނީ، ހިތާމައާއި ހިތިކަން ކަން ކަށަވަރެވެ....... އެކަމަކު، އެ ހިތިކަމާއިއެކުވެގެން ވަރަށްވެސް މަތިވެރި، ވަރަށްވެސް އުހައިވެރި ހަނދާނެއް އޭނާގެ ހިތަށް ކެނޑިނުއެޅި ވަންނާނެކަމީ، ކުޑަވެސް ޝައްކެއް ހުރިކަމެއް ނޫނެވެ. އެހަނދާނަކީ، އޭނާގެ ނުހަނު ރީތި، ނުހަނު އޯގާވެރި މަންމައަށް، އޭނާ ދަރާފައިވާ ދަރަނީގެ ހަނދާނެވެ. އާދޭހެވެ! އަދު، މާރޝަލް ސްޓާލިން އަށް ލިބެމުންދާ ކާމިޔާބުގެ ބިންގާ، ސާބިތުކަމާއި ހަރުދަނާކަމާއެކު އަޅާން ފެއްޓީ އޭނާގެ ލޯބިވެރި މަންމައެވެ.

ދިރިއުޅުމުގެ ހަނގުރާމައަށް ސްޓާލިން ކުރިމަތިލީ، ވަރަށް އެކަނިވެރި ގޮތެއްގައެވެ. ކާމިޔާބުގެ ސިޑީން އެރުމުގައި، ފަހަތުން ކޮއްޕާނެ "ދަބުލް" އެއް، ނުވަތަ ފައިސާގެ ތަނަވަސް ކަމެއް، އޭނާއަކަށް ލިބިފައެއް ނުވެއެވެ. ސިކުނޑިޔަށް ތާޒާކަމާއި އަލިކަން ޙާސިލްކޮށްދޭނެ، ތަނަވަސް، މިނިވަން ތަޢުލީމެއް ލިބުމުގެ ނަސީބުން މަޙްވެފައިވެއެވެ. އާދޭހެވެ! ސްޓާލިން، ދުނިޔޭގެ ދަތިކަމާއި، ދުއްތުރާތަކާ ކުރިމަތިލީ ހަމައެކަނި މަތިވެރި ޢަޒުމަކާއި ނުގުޑާފަދަ ސާބިތުކަމަކާއި ފުރިހަމަ ހިތްވަތަރަކާ އެކުގައެވެ. އޭނާ ބޮޑުވަމުން އައި ދުވަސްވަރަކީ، ރޫސީ ވިލާތުގައި ހެދެމުން އައި ޤައުމީ ޙަރަކާތްތެރިކަމުގެ ޖޯޝާއި ހޫނުކަން ވަރަށް މަތީ ދަރަޖައަކަށް ގޮސްފައިވާ ދުވަސްވަރެކެވެ. ޒުވާނުންގެ ހިތްތަކުގައި އިންޤިލާބުގެ އަލިފާންގަނޑު އަނދަ އަނދާއިހުރީ، ވަރަށް ވަރުގަދަ ހަލުއިކަމަކާ އެކުގައެވެ..... ކަންމިހެންހުރިއިރު ޒުވާން ސްޓާލިންގެ މައްޗަށް، ރޫސީންގެ ރައްޔިތުންގެ ޒަޢީމު ލެނިންގެ ނުފޫޒު ދުވަހަކަށްފަހު ދުވަހެއް ގަދަވަމުން އައިކަމީ، އަޖައިބުވާފަދަ ކަމެއް ނޫންތޯއެވެ. އާދޭހެވެ! ސްޓާލިން އަކީ، ލެނިންގެ ވަފާތެރި ދަރިވަރެކެވެ. ލެނިންގެ މައްޗަށް ސްޓާލިންގެ ހިތުގައި އެކުލެވިގެންވާ ކިޔަމަންތެރިކަން ބިނާވެފައިވަނީ، އިޙްތިރާމާއި އިސްތިޙްސާނާއި، ލޯބީގެ މައްޗަށެވެ.

އުމުރުން 21 އަހަރުވީއިރު އިންޤިލާބުގެ އިސްކޯޅުގައި، ސްޓާލިން އޭނާގެނަން ބިންވަޅު ނަގައިފިއެވެ. އެދުވަހަށް ފަހު ސިޔާސަތުގެދަތިމަގުގައި އޭނާ ކުރިޔަށް ހިނގަމުން އެދިޔައީ، ފިސާރި ފިރިހެނެއްގެ ގޮތުގައެވެ. އެމަގުވީ ދަތިތަކާއި އުނދަގޫތަކުން، ހުރަސްތަކާއި އަނދަވަޅުތަކުން ފުރިގެންވާ ރާސްތާއެއް ކަމުގައެވެ، ނަމަވެސް، އޭނާގެ ހިތްވަރެއް ދެރައެއް ނުވެއެވެ. އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ހުރި އިތުބާރަކަށް ބަދަލެއްނާދެއެވެ. އޭނާގެ ހަރުދަނާ މަޤްޞަދަކަށް ގުޑުމެއް ނުމެއަރާ މެއެވެ.

ލެނިން މަރުވުމަށް ފަހު ސްޓާލިން އާއި އޭނާގެ މަޝްހޫރު ޢަދާވާތްތެރިޔާ ޓްރޮޓްސްކީއާ ދެމީހުންގެ ދެމެދުގައި ހިނގަމުން އައި "ހަނގުރާމަ" އަށް ލިބުނު ހޫނުކަމާއި، އެންމެ ފަހުން އޭނާގެ އަދާވާތްތެރިޔާ މައްޗަށް ސްޓާލިންއަށް ލިބުނު ނަޞްރަކީ، މި މަޒުމޫނުގައި ލިޔުމަށް ކަނޑައަޅާފައިވާ ތަރަހައްދުން ބޭރުވާހަކައެކެވެ..... ކޮންމެއަކަސް އިހަށްދުވަހު، މިހުއްޓުނު ހަނގުރާމަ ފެށުނު އިރު ސްޓާލިން ހުރީ ފުރިހަމަ މާނައިގައި ރޫސީ ވިލާތުގެ ވެރިޔާ ކަމުގައެވެ. އޭނާގެ ހިތްވަރާއި ފަންވަރުން، މަސައްކަތާއި ހިންމަތުން އެއްކުޅަ، ތަރައްޤީކުޅަ، "އުފެއްދި" ރޫސީވިލާތުގެ ވެރިޔާ ކަމުގައެވެ. ބައިނަލްއަޤްވާމީ ހަމަތަކާއި އިންސާނިއްޔަތުގެ ވާޖިބުތައް ވަޔަށް ބުރުވާލާފައި، ހިޓްލަރުގެ ލަޝްކަރު ރޫސީއަށް އެރިއިރު، ސްޓާލިން ހުރީ ތައްޔާރަށެވެ. މުޅިރޫސީގައި އުފެދިފައިވަނީ، އަދި ދުވަހަކުވެސް ނުދެކޭފަދަ ޙުއްބަލްވަޠަނުގެ އަގުމާތް ރޫޙެވެ. އަދި ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ ހިތްވަރަކާއި ފަންވަރެކެވެ.

ރޫސީ ވިލާތަށް އަރައިގަތުމާއެކު، ޖަރުމަނުންނަށް ލިބެމުން ދިޔަ ވަގުތީ ފަތަޙައަށް ހުއްޓުން އަރުވައިލީ، ސްޓާލިންގެ ރޫޙާއި ރޫސީންގެ "ދަގަނޑު" ގަސްދެވެ. އެހައިތަނާ ޖެހެންދެން ހުއްޓުން އަރުވައި ނުލެވުނު، މަތަކޮށް ނުލެވުނު، ޖަރުމަނު ބާރަށް، ރޫސީން ހުއްޓުން އަރުވައިލުމުން، ދުނިޔެ ބަލާންފެށީ ޢަޖައިބުވުމުން ފުރިގެންވާ ލޯތަކަކުންނެވެ. ހައަށްދުވަހުގެ ތެރޭގައި، ދުނިޔޭގެ ޢަޖާއިބުވުމުގެ ހެކިތައް ތަޢުރީފުގެނިޝާން ތަކެއްކަމުގައި ބަދަލުވެއްޖެއެވެ. އާދޭހެވެ! އިއްތިޙާދީންގެ ބަހުންނާއި ޢަމަލުން ދައްކާންފެށީ "އެކަތަ"އިގެ އިންސާނާގެމައްޗަށް އިއްތިޙާދީ ހިތްތަކުގައި އުދުހުނު މަތިވެރި އިސްތިޙްސާނެވެ. ދަލުގެ ހަރަކާތްތެރިކަމުން ފައުޅުނުކުރި ކަމުގައި ވިޔަސް، ދުޝްމަނުންގެ ހިތްތަކަށްވެސް ވަންނާންފެށީ އެސާދާ، އެކަމަކު ކުޅަދާނަ، އެބަސްމަދު، އެކަމަކު ޢަމަލީ ސްޓާލިންގެ ހިތްވަރުގަދަ ކަމުގެ މައްޗަށް ބިރުވެރިކަމެވެ.

ޖަރުމަނު ބާރަށް، ރޫސީން ހުއްޓުން އަރުވައިލުމަށްފަހު، މަޑުމަޑުން އެކަމަކު، ހަމަކަށަވަރުން، ރޫސީންނަށް ލިބެމުންދިޔައީ، ފުރިހަމަ ކާމިޔާބެވެ. ރޫސީ ވިލާތުގެ އެކިއެކި ހަނގުރާމައިގެ ވަކިން ޚާއްޞަވެ ސްޓާލިން ގްރާޑްގައި، ރޫސީން އެސާބިތުކުޅަ ހިތްވަރާއި ފަންވަރުގެ މައްޗަށް، ދުނިޔޭގެ އެންމެންގެ ދޫތަކުން އެއޮހުނީ ސާބަހުގެ ބަސްތަކެވެ. އާދޭހެވެ! ސްޓާލިން ގްރާޑްގައި އޭނާގެ ވަފާތެރި ލަޝްކަރު އެދެއްކި މަތިވެރި ހިތްވަރާއި ފަންވަރު، އަބަދަށް ދެމިހުންނަނިވި ގޮތުގައި، ޒަމާނުގެ ބިންގަނޑު ގައި، ބިންވަޅުނެގިއްޖެއެވެ. މަރޝަލް ސްޓާލިންގެ ނަމުން މުޅިދުނިޔެ ގުގުމާލައިފިއެވެ.

ޔޫރަޕުގެ ހަނގުރާމައިގައި، އެފަދަ ފުރިހަމަ ކާމިޔާބެއް، ރޫސީންނަށް ލިބުނީ، އެބައިމީނުގެ ލަޝްކަރުގެ ކުޅަދާނަކަމާއި ހިތްވަރުންނެވެ. އެބައި މީހުންގެ މަސައްކަތާއި މިންނަތުންނެވެ. އެކަމަކު، އެލަޝްކަރުގެ ރޫޙަކީ އެބައިމީހުންގެ ހިތްވަރުގެ އަޞްލަކީ، އެބައިމީހުންގެ ހަނގުރާމައިގެ ބިމަށް އަލިއަޅުވާލި ބައްތިއަކީ "ދަގަނޑު" ގަސްދަކާއި ޢަޖައިބުވާފަދަ ހިތްވަރެއް ލިބިފައިވާ ސްޓާލިން އެވެ.

އަދު ސްޓާލިން އެހުރީ، ކާމިޔާބުގެ ސިޑީގެ ވަރަށް ފަޙުރުވެރި ހަރުފަތެއް ގައެވެ. މުޅި ދުނިޔެ، އޭނާއަށް ތަޢުރީފު ކުރަނީއެވެ. މުޅިދުނިޔެ އޭނާގެ ހިތްވަރުގެމައްޗަށް ހެކިވަނީއެވެ. އޭނާގެ ކުރިމަތީގައި ވަނީ ތަނަވަސް ދުވަސްތަކެވެ. ބޮޑުވެގެންވާ ވާޖިބުތަކެކެވެ. އަދި ނުހަނު މުހިންމު މަސްއޫލިއްޔަތުތަކެއް މެއެވެ. މިއިންސާނިއްޔަތުކަމުގެ ވާޖިބުތައް އަދާކުޅައުމަށް، އޭނާ އެކަށީގެން ވެއެވެ. ދުނިޔޭގެ އެހެން ޒަޢީމުންނާއި އަޅާބަލާއިރު އޭނާޅައެވެ. (އޭނާއަށްވީ ފަސްދޮޅަސް ހައަހަރެވެ.) އޭނާގެ ޞިއްޙަތު ރަނގަޅެވެ. ކުޑަވެސް ޝައްކެއް ނެތެވެ. މުޅިންމެ ޔަޤީނެވެ. އޭނާއަށާއި ރޫސީންނަށް ލިބިފައިވާ ބާރު، ހެއުގޮތުގަައި ބޭނުންކުޅައުމަކީ، މުޅި ދުނިޔެއަށް ސްޓާލިން އަދާ ކުރާން ޖެހިފައިވާ ނުހަނު މަތިވެރި، ނުހަނު މުހިންމު ވާޖިބެކެވެ. އެވާޖިބު އޭނާއަދާކުރާގޮތް ސާބިތުވާނީ، ހަމައެކަނި ކުރިއަށް އޮތް އަހަރުތަކުގައެވެ.....

އޭނާގެ ވާޖިބު އޭނާ އަދާކުރިކަމުގައިވިޔަސް، އިންސާނިއްޔަތު ކަމަށް އޭނާ ޚިޔާނާތްތެރިވިކަމުގައިވިޔަސް، ޒަމާނުގެ ރުސްތުމް، "އެކަތައިގެ" އިންސާނާ، މަރޝަލް ސްޓާލިންގެ ގަދަފަދަ އަޑުން، މުސްތަޤްބަލުގެ ދުނިޔެ ގުގުމާނެކަން ކަށަވަރެވެ! ކޮންމެއަކަސް "ޤަބޫލުކުޅައުމަކީ، ފެނުމެވެ." އެހައިތަނާ ޖެހެންދެން..... ސާބަސް! މަރޝަލް ސްޓާލިން!

(މިމަޒުމޫނު ޝާއިޢުވެފައިވަނީ "ސަރުކާރުގެ ޚަބަރު"ގެ 1-7-64ހ. މިދުވަހުގެ ނޫހުގައެވެ.)

********************

English

ކުރީ ޞަފްޙާއަށް

ފުރަތަމަ ޞަފްޙާއަށް